ދުވަސް ފަށްޓާ ދެ ރަކްޢަތާއި ދުވަސް ނިންމާ އެއް ރަކްޢަތް

ބަޔަކުމީހުން ޖަމާޢަތުގައި ނަމާދު ކުރަނީ

ޒިކުރާ މީޑިއާ ޓީމް

އިތުރަށް ވިދާޅުވުމަށް

ﷲގެ ރަޙްމަތާ ރުހިވޮޑިގަތުމުގައި، އަދި ދުނިޔެއާ އާޚުރަތުގެ ހެޔޮ ނަސީބު ޙާޞިލްކުރުމުގައި ކޮންމެ ދުވަހެއްވެސް ހޭދަކުރަން އެދޭ މީހާ، ދުވަސް ފަށްޓާ ސުންނަތް ދެ ރަކްޢަތާ ދުވަސް ނިންމާ ސުންނަތް އެއް ރަކްޢަތް އަދާކުރުން މަތީ ދެމިހުރުން މުހިންމުކަން ބޮޑުވެގެން ވެއެވެ.

ދުވަސް ފަށްޓާ ދެ ރަކްޢަތަކީ، ފަޖުރުގެ ސުންނަތް ދެ ރަކްޢަތެވެ. މިއީ ފަތިސް ނަމާދު ބަންގިއަށް ފަހު، ފަތިސް ނަމާދުގެ ޤަމަތާ ދެމެދު ކުރެވޭ ލުއިލުއި ދެ ރަކްޢަތެވެ. ކީރިތި ރަސޫލާގެ ޙަޔާތްޕުޅަށް ބަލާއިރު، އެކަލޭގެފާނު މި ސުންނަތް ދެ ރަކްޢަތް އެކަލޭގެފާނުގެ ގަނޑުވަރުކޮޅުގައި ކުރައްވާ އުޅުއްވިކަން ޢާއިޝަތުގެފާނުގެ ބަސްފުޅުތަކުން ސާބިތުވެއެވެ. އެކަމަނާ ވިދާޅުވާ ގޮތުގައި، ފަތިސް ނަމާދަށް ބަންގި ގޮވުމުން އިތުރު އެކަލޭގެފާނު ފަޖުރުގެ ސުންނަތް ދެ ރަކްޢަތް ކުރައްވާ، އެއަށްފަހު ކަނާތްޕުޅު ފަރާތަށް އޮށޯވެވަޑައިގެން ހިނދުކޮޅެއް ހޭދަކުރެއްވުމަށްފަހު ނުކުންނަވާ ފަތިސް ނަމާދަށް މިސްކިތަށް ވަޑައިގަންނަވައެވެ.

ފަތިހުގެ ސުންނަތް ދެ ރަކްޢަތާ މެދު ކީރިތި ރަސޫލާ ޙަދީސްފުޅު ކުރައްވަނީ، ދުނިޔެއާ ދުނިޔޭގައިވާ ހުރިހާ ކަމަކަށް ވުރެ އެ ދެ ރަކްޢަތުގެ ހެޔޮކަން ބޮޑު ކަމަށެވެ. ދުނިޔޭގެ މައްޗަށް މިހިސާބުން ފިކުރުކޮށްލައްވާށެވެ. ވަށައިގެން މި އޮތްހައި ތަންތަނާ، ޤައުމުތަކާ، އެކި ބާވަތުގެ އަގުހުރި ތަކެއްޗާ، މުއްސަނދިކަމާ، ގިނަގުނަ މުދާތަކަށް ވުރެ ފަތިސް ނަމާދުގެ ކުރީން ކޮށްލާ ލުއިލުއި ސުންނަތް ދެ ރަކްޢަތުގެ އަގު ﷲގެ ޙަޟްރަތުގައި މަތިވެރިވެ އިތުރުވެގެން ވަނީއެވެ.

ފަތިހުގެ ސުންނަތް ދެ ރަކްޢަތަކީ ދޫކޮށްލައިގެން ވާނެ ދެ ރަކްޢަތެއް ނޫނެވެ. އެ ދެރަކްޢަތް ކުރާނެހައި ވަގުތު ފަތިހު ނުލިބުނު މީހާއާ، އިރު އަރަންދެން ނިދަން އޮވެވިއްޖެ މީހާވެސް އެ ދެ ރަކްޢަތް ޤަޟާއަށް ކުރަން ޖެހޭނޭކަމަށް ކީރިތި ރަސޫލާގެ ސުންނަތުން ހެކި ލިބޭކަމަށް ޢިލްމުވެރީން އިރުޝާދު ދެއްވައެވެ. އެއީ ބަރަކާތްތެރި އަދި އުފާވެރި ދުވަހެއް ފެށްޓުމުގައި އެ ދެރަކްޢަތުގެ މުހިންމުކަން ބޮޑުކަމުންނެވެ.

ކޮންމެ ދުވަހެއްވެސް ނިންމާލުން ސުންނަތްވެގެން ވަނީ ވިތުރީގެ އެއް ރަކްޢަތުންނެވެ. ވިތުރީގެ ވަގުތަކީ، ޢިޝާ ނަމާދުން ފޭބީއްސުރެ ފަތިސް ނަމާދު ބަންގި ދޭން ފެށުމާ ހަމަޔަށެވެ.

ޢިޝާ ނަމާދަށް ފަހު ނިދާ މީހާ، ފަތިސް ނަމާދު ބަންގީގެ ކުރީން ހޭނުލެވިދާނެ ކަމުގެ ބިރު އޮތް ނަމަ، ނިދުމުގެ ކުރީން ވިތުރި ކުރުމަށް ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައި ވެއެވެ. އަދި ރޭގަނޑުގެ ނިދުމަށްފަހު ދަމު ނަމާދަށް ހޭލާ މީހާ، ފަތިސް ނަމާދު ބަންގީގެ ކުރީން އެންމެ ފަހަށް ވިތުރީގެ އެއް ރަކްޢަތުން ނަމާދު ނިންމައިލުމަކީ ސުންނަތުން ސާބިތު ކަމެކެވެ.

ވިތުރީގެ މާނައަކީ އެކެކެވެ. ނުވަތަ އޮނަހިރި އެވެ. ވިތުރި ރަމްޒުކޮށްދޭ އެއް ރަކްޢަތަކީ ﷲގެ އެއްކައުވަންތަކަމަށް މުޅި ހަށިގަނޑުން ދެވޭ ހެއްކެކެވެ. މި ރަކްޢަތުގެ ރުކޫޢިން ތެދުވެ އިޢުތިދާލުގައި ހުރެ، ޤުނޫތަށް އަތްއުފުލައި، ތިމާއާ، ތިމާގެ މުސްލިމް އަޚުންނާ އުޚްތުންނާ މުޅި އިސްލާމީ އުންމަތަށްޓަކައި ހެޔޮ ދުޢާ ކުރުމީ މޮޅު އިތުރުވެގެންވާ ކަމެކެވެ. ވިތުރީގައި ރުކޫޢާ ސަޖިދަ ދިގުކޮށް ﷲއަށް ޙަމްދު ޘަނާ ދަންނަވައި، ދުޢާކުރުން ގިނަކުރަން ވާނެއެވެ.

ރޭގަނޑު ވިތުރި ނުކުރެވި ނިދި ގަދަވެ، އިރު އެރިފަހުން ހޭލެވިއްޖެ މީހާ، ވިތުރި ޤަޟާ ކުރުމަށް ޢިލްމުވެރީން ފަތުވާ ދެއްވާފައިވެއެވެ. އެއީ ﷲގެ ހަޟްރަތުގައި އެ ރަކްޢަތުގެ ބަރުދަން ބޮޑުކަމަށް ޓަކައެވެ.

އަޅުގަނޑުމެން ކޮންމެ މީހަކީވެސް ފަޖުރުގެ ސުއްނަތް ދެ ރަކްޢަތުން ދުވަސް ފަށާ، އަދި ވިތުރީން ދުވަސް ނިންމާ ހެޔޮ ނަސީބުވެރީން ކަމުގައި މާތްﷲ ލައްވާށިއެވެ. އާމީން.

ޚިޔާލުތައް