އައްޝައިޚް މުހައްމަދު ސިނާން
ފުރުޤާން ސޫރަތުގެ 63 ވަނަ އާޔަތުން ފެށިގެން 74 ވަނަ އާޔަތަށް ވަނީ ޚާއްޞަ ޞިފަތަކެއް ބަޔާންކޮށް ދެއްވާފައެވެ. އެ ޞިފަތަކީ އެންމެ އޯގާވަންތަ ރަސްކަލާނގެ އެބައެއް ދެކެ ލޯބިވެ ވޮޑިގެންވާ، އަދި އެކަލާނގެއާ އެންމެ ކުއްތަންވެގެންވާނެ އަޅުތަކުންގެ ޞިފަތަކެވެ. މި ޞިފަތައް އެކަލާނގެ ފައްޓަވާފައި ވަނީ ރަޙްމާންވަންތަ އިލާހުގެ އަޅުތަކުންގެ ކިބައިގައި ހުންނާނެ ޞިފަތައް ކަމުގައި ބަޔާންކޮށްދެއްވަމުންނެވެ. މި ޞިފަތަކުން ޞިފަ ލިބިގަތުމަށްޓަކައި މަސައްކަތްކުރުމަކީ އެކަލާނގެ ރުއްސެވުމާއި ފުއްސެވުން ލިބުމަށް އެދޭ ކޮންމެ އަޅަކު ލިބިގަތުން މުހިއްމު ޞިފަތަކެކެވެ. މިގޮތުން؛
ފުރަތަމަ ޞިފައަކީ: މަޑުމައިތިރިކަމާއެކު ބިމުގައި ހިނގާބިނގާވެ އުޅުމެވެ. އެކަލާނގެ ވަޙީކުރައްވާފައި ވަނީ ((وَعِبَادُ الرَّحْمَٰنِ الَّذِينَ يَمْشُونَ عَلَى الْأَرْضِ هَوْنًا)) (الفرقان: 63) މާނައީ: "ރަޙްމާންވަންތަ އިލާހުގެ އަޅުންނީ، މަޑުމައިތިރިކަމާއެކު ބިމުގައި ހިނގާ އުޅޭމީހުންނެވެ." އެބަހީ؛ ބޮޑާކަމާއި އަނިޔާވެރިކަމާއެކު އުޅޭ ބައެއް ނޫނެވެ. މީހުންނަށް އުނދަގޫވާގޮތަށް އަދި ދުއްތުރާވާގޮތަށް ބިމުގައި ހިނގާބިނގާވެ، ދަތުރުކޮށް އެބައިމީހުން ނޫޅޭނެއެވެ.
ދެވަނަ ޞިފައަކީ: ޖާހިލުން ޖަދަލުކުރަން އުޅެފިނަމަ ސަލާމްއޭ ބުނެ އެކަމުން ދުރުވެގަތުމެވެ. އެކަލާނގެ ވަޙީކުރައްވާފައި ވަނީ ((وَإِذَا خَاطَبَهُمُ الْجَاهِلُونَ قَالُوا سَلَامًا)) (الفرقان: 63) މާނައީ: "އަދި އެބައިމީހުންނާ ޖާހިލުން މުޚާޠަބުކޮށް ވާހަކަދައްކައިފިނަމަ ސަލާމްއޭ ބުނެތެވެ." އެބަހީ؛ އެބައިމީހުންގެ ޖަދަލުގައި ބައިވެރިނުވެ ސަލާމްއޭ ބުނެ އެކަމުން ދުރުވެ ގަންނާނެއެވެ. ޖާހިލުންނާ ޖަދަލުކުރުމަކީ ވަގުތު ބޭކާރުވެ، އެކަމުން ލިބޭނެ ފައިދާއަށްވުރެ ގެއްލުން ބޮޑުވާނެ ކަމެއްކަން އެބައިމީހުން ދަނެއެވެ.
ތިންވަނަ ޞިފައަކީ: ރޭއަޅުކަން ކުރުމެވެ. އެކަލާނގެ ވަޙީކުރައްވާފައި ވަނީ ((وَالَّذِينَ يَبِيتُونَ لِرَبِّهِمْ سُجَّدًا وَقِيَامًا)) (الفرقان: 64) މާނައީ: "އަދި އެބައިމީހުންނީ، އެބައިމީހުންގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުޅައުމަށް، ސަޖިދަކުރުމުގައްޔާއި، ޤިޔާމަށްތިބުމުގައި، ރޭގަނޑުގެ ވަގުތު ހޭދަކުރާ މީހުންނެވެ."
ހަތަރުވަނަ ޞިފައަކީ: ނަރަކައިގެ ޢަޛާބުން ސަލާމަތްކޮށްދެއްވުމަށް ދުޢާކުރުމެވެ. އެކަލާނގެ ވަޙީކުރައްވާފައި ވަނީ ((وَالَّذِينَ يَقُولُونَ رَبَّنَا اصْرِفْ عَنَّا عَذَابَ جَهَنَّمَ ۖ إِنَّ عَذَابَهَا كَانَ غَرَامًا * إِنَّهَا سَاءَتْ مُسْتَقَرًّا وَمُقَامًا)) (الفرقان: 65-66) މާނައީ: "އަދި އެބައިމީހުންނީ ދަންނަވާ މީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ނަރަކައިގެ ޢަޛާބު، އަޅަމެންގެ ކިބައިން ދުރުކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އެތާނގެ ޢަޛާބަކީ، ވަކިނުވެ ދެމިހުންނަ ކަމެކެވެ. ހަމަކަށަވަރުން، ހަމަޖެހިތިބޭ ތަނެއްގެ ގޮތުންނާއި، ޤާއިމުވެތިބޭ ވަޒަނެއްގެ ގޮތުން އެ ނަރަކަ ހާދަހާ ނުބައިވެގެންވެއެވެ."
ފަސްވަނަ ޞިފައަކީ: ހޭދަކުރާއިރު މެދުމިންވުމެވެ. އެކަލާނގެ ވަޙީކުރައްވާފައި ވަނީ ((وَالَّذِينَ إِذَا أَنفَقُوا لَمْ يُسْرِفُوا وَلَمْ يَقْتُرُوا وَكَانَ بَيْنَ ذَٰلِكَ قَوَامًا) (الفرقان: 67) މާނައީ: "އަދި އެބައިމީހުންނީ، އެބައިމީހުން ހޭދައެއް ކޮށްފިނަމަ އިސްރާފު ނުކުރާ، އަދި މުށްބާރުވެސް ނުކުރާ، އަދި އެދެމެދުގައި މެދުމިންވެ ތިބޭމީހުންނެވެ." މީގެ ތެރޭގައި؛ އަމިއްލަ ނަފްސަށާއި، އަނބިދަރިންނަށާއި، ގާތްތިމާގެ މީހުންނަށާއި އެހެންމީހުންނަށް ކުރާ ހޭދަތައްވެސް ހިމެނޭނެއެވެ.
ހަވަނަ ޞިފައަކީ: ﷲ ނޫން ފަރާތަކަށް ދުޢާކޮށް ނުހެދުމެވެ. އެކަލާނގެ ވަޙީކުރައްވާފައި ވަނީ ((وَالَّذِينَ لَا يَدْعُونَ مَعَ اللَّهِ إِلَٰهًا آخَرَ) (الفرقان: 68) މާނައީ: "އަދި އެބައިމީހުންނީ، ﷲ އާއެކު އެހެން އިލާހަކަށް ގޮވައި ނަހަދާމީހުންނެވެ." އެބަހީ؛ އެބައިމީހުންގެ ކަންކަމުގައި އެބައިމީހުން ހަމައެކަނި ދުޢާކުރާނީ މާތް ﷲއަށެވެ. އެކަލާނގެ ދުޢާ އިޖާބަކުރައްވާނެކަމަށް އެބައިމީހުން ޔަޤީންކުރެއެވެ. އަދި އެކަލާނގެއަށް ދުޢާކުރުމާއެކު އެހެން އިލާހުންތަކަށް ގޮވައެއް ނުހަދާނެއެވެ.
ހަތްވަނަ ޞިފައަކީ: ޙައްޤުގޮތުގައި ނޫނީ ޤަތުލުކޮށެއް ނުހަދާނެއެވެ. އެކަލާނގެ ވަޙީކުރައްވާފައި ވަނީ ((وَلَا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ) (الفرقان: 68) މާނައީ: "އަދި ﷲ، ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް، ޙައްޤު ގޮތުންނޫނީ، ނުމަރާ މީހުންނެވެ." އެބަހީ؛ މާތް ﷲ ޝަރުޢުކުރައްވާފައިވާ ގޮތުގެ މަތިން މަރުގެ އަދަބެއް ކަނޑައެޅިފައިވާ ކަމެއްގެ ސަބަބުން، އެއައިސްފައިވާ ގޮތުގެ މަތިން ނޫން ގޮތަކަށް މީހުން މަރާ ނަހަދާނެއެވެ.
އަށްވަނަ ޞިފައަކީ: ޒިނޭ ނުކުރާނެއެވެ. އެކަލާނގެ ވަޙީކުރައްވާފައި ވަނީ ((وَلَا يَزْنُونَ) (الفرقان: 68) މާނައީ: "އަދި ޒިނޭނުކުރާ މީހުންނެވެ." އެބަހީ؛ ކައިވެނި ކުރަން އުޅޭ މީހަކާކަމުގައި ވީނަމަވެސް އަދި އެނޫންމީހަކާއެކުގައި ކަމުގައިވީނަމަވެސް، ކައިވެންޏެއްގެ ކުރިންވިޔަސް އަދި ކައިވެންޏެއްގެ ފަހުންވިޔަސް އެބައިމީހުންނަކީ ޒިނޭކުރާނެ މީހުންނެއް ނޫނެވެ.
ދެން މީގެ ފަހުގައި އެކަލާނގެ ބަޔާންކުރައްވާފައި ވަނީ ބަޔާންވެ ދިޔަ 3 ކަންތައް ކަމުގައިވާ ﷲއާއެކު އެހެން ފަރާތަކަށް ދުޢާކުރުމާއި، ޙައްޤުގޮތުގައި މެނުވީ ޙުރުމަތްތެރިކުރައްވާފައިވާ ނަފްސެއް ޤަތުލުކުރުމާއި، ޒިނޭކުރުމުގެ ޢުޤޫބާތުގެ ވާހަކައެވެ. އަދި އެފަދަ ކަމެއް ކުރެވިފައިވާ މީހަކު ކަންތައް ކުރާނެ ގޮތުގެ ވާހަކައާއި ތައުބާވެ ރުޖޫޢަވާމީހުންނަށް ހުރި އުފާވެރި ޚަބަރެވެ. އެކަލާނގެ ވަޙީކުރައްވާފައި ވަނީ " އެއިން ކަމެއްކޮށްފިމީހާ (އެކަމުގެ) ޢުޤޫބާތާ ބައްދަލުކުރާނެތެވެ. އެމީހަކަށް ޤިޔާމަތް ދުވަހުން ޢަޛާބު ގިނަގުނަކުރައްވާހުށްޓެވެ. އަދި އިހާނެތިކަން ލިބިގެންވާ ޙާލު އެ ޢަޛާބުގެ ތެރޭގައި، އެމީހަކު ދެމިހުންނާނެތެވެ. ތައުބާވެ، އީމާންވެ، ގިނަގިނައިން ޞާލިޙުޢަމަލު ކުޅަމީހަކު މެނުވީއެވެ. ފަހެ، އެބައިމީހުންނާމެދު (ދަންނާށެވެ!) ﷲ، އެބައިމީހުންގެ ނުބައިކަންތައް، ހެޔޮކަންތަކަށް ބަދަލުކުރައްވާނެތެވެ. ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ. އަދި ތައުބާވެ ޞާލިޙުޢަމަލު ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހާއީ ގިނަގިނައިން ﷲ އަށް ތައުބާވާ މީހެކެވެ."
ނުވަވަނަ ޞިފައަކީ: ދޮގުހެކި ނުދޭނެއެވެ. އެކަލާނގެ ވަޙީކުރައްވާފައި ވަނީ ((وَالَّذِينَ لَا يَشْهَدُونَ الزُّورَ) (الفرقان: 72) މާނައީ: "އަދި އެއުރެންނީ ދޮގުހެކިނުދޭ މީހުންނެވެ." އެބަހީ؛ އެމީހާގެ އަމިއްލަ ނަފްސުގެ މައްޗަށް ކަމުގައިވީނަމަވެސް، އަދި އެހެން މީހެއްގެ މައްޗަށް ހެކިދޭކަމުގައިވީނަމަވެސް ޢަދުލުވެރިކަމާއި އިންޞާފާއެކު ހެކިދޭމީހުންނެވެ.
ދިހަވަނަ ޞިފައަކީ: ބޭކާރު ކަންކަމުން ދުރުވާނެއެވެ. އެކަލާނގެ ވަޙީކުރައްވާފައި ވަނީ ((وَإِذَا مَرُّوا بِاللَّغْوِ مَرُّوا كِرَامًا) (الفرقان: 72) މާނައީ: "އަދި ބޭކާރު ބަސްތަކާއި ކަންތައް ދިމާވާހިނދު، މާތްމީހުންގެ ގޮތުގައި ފަހަނަޅައިދާ މީހުންނެވެ." އެބަހީ؛ ބޭކާރު ވާހަކަތައް ދެއްކުމުގައްޔާއި ބޭކާރުކަންކަން ކުރުމުގައި އެބައިމީހުން ނުތިބޭނެއެވެ. މާތް ﷲ ހުއްދަކުރައްވާފައިވާ އިމުގެ ތެރެއިން ދުނިޔަވީގޮތުން ނުވަތަ އުޚްރަވީ ފައިދާހުރި ބަސްތަކާއި ކަންކަމުގައި ނޫނީ އެބައިމީހުން ނޫޅޭނެއެވެ. އެފަދަ މަޖިލީހަކަށް ނުވަތަ ކަމަކަށް ހުށަހެޅިއްޖެނަމަ މާތް ހެޔޮ މީހުންގެ ގޮތުގައި ދުރުވެގަންނާނެއެވެ.
އެގާރަވަނަ ޞިފައަކީ: މާތް ﷲގެ އާޔަތްތައް އަޑުއަހައި ޢަމަލުކުރާނެއެވެ. އެކަލާނގެ ވަޙީކުރައްވާފައި ވަނީ ((وَالَّذِينَ إِذَا ذُكِّرُوا بِآيَاتِ رَبِّهِمْ لَمْ يَخِرُّوا عَلَيْهَا صُمًّا وَعُمْيَانًا)) (الفرقان: 73) މާނައީ: "އަދި އެބައިމީހުންނީ، އެބައިމީހުންގެ ވެރިރަސްކަލާނގެ އާޔަތްތައް ހަނދާންކޮށްދޭހިނދު ބީރު ކަނު ބައެއްގެ ގޮތުގައި، އެ އާޔަތްތައް އަޑުއަހާ ހަދާމީހުންނެއް ނޫނެވެ." އެބަހީ؛ އެކަލާނގެ އާޔަތްތައް އެބައިމީހުން ހަމައެކަނި އަޑުއަހާލައި، ކިޔާލައި ހަދާލާނީއެއް ނޫނެވެ. އެއިގެ ބަދަލުގައި އާޔަތްތައް އަޑުއަހައި ކިޔެވުމާއެކު، ތެދުހިތުން އެ އާޔަތްތަކުގައިވާ ކަންކަން ޤަބޫލުކޮށް، ކިޔަމަންތެރިވެ، އެ އާޔަތްތަކަށް ޢަމަލުކުރާނެއެވެ.
ބާރަވަނަ ޞިފައަކީ: އަންނަނިވި ކަންކަމަށް އެދި ދުޢާކުރުމެވެ. އެކަލާނގެ ވަޙީކުރައްވާފައި ވަނީ ((وَالَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا)) (الفرقان: 74) މާނައީ: "އަދި އެއީ ބުނާމީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަނބިން (އަދި ފިރިން) ގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ތަޤްވާވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!" މި ދުޢާގައި މިވަނީ ދުނިޔަވީ ގޮތުންނާއި އުޚްރަވީގޮތުން ހިތްހަމަޖެހުމާއި އުފާވެރިކަން ލިބުމަށް އެދި ދުޢާކުރުމެވެ.
ރަޙްމާންވަންތަ އިލާހުގެ އަޅުންގެ ކިބައިގައި ހުންނާނެ 12 ޞިފައެއް ބަޔާންކޮށްދެއްވުމަށްފަހު ދެން އެކަލާނގެ ބަޔާންކޮށްދެއްވާފައި ވަނީ މި ޞިފަތައް ލިބިގެންވާ މީހުންނަށް ހުރި މަތިވެރި ނިޢުމަތެވެ. އެކަލާނގެ ބަޔާންކޮށްދެއްވާފައި ވަނީ "އެބައިމީހުން ކެތްތެރިވީކަމަށްޓަކައި، ސުވަރުގޭގެ މަތިވެރި ދަރަޖަ އެބައިމީހުންނަށް ޖަޒާއެއްގެގޮތުން ދެއްވާހުށްޓެވެ. އަދި އެތާނގައި، އެބައިމީހުންނާ ބައްދަލުވާނީ، ތަޙިއްޔަތާއި، ސަލާމުންނެވެ. އެ ސުވަރުގޭގައި ދެމިތިބެނިވި ގޮތުގައެވެ. ހަމަޖެހިތިބޭ ތަނެއްގެ ގޮތުންނާއި، ޤާއިމުވެ ތިބޭ ވަޒަނެއްގެގޮތުން އެތަން ރަނގަޅުކަމާއެވެ!"
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އަހަރެމެންގެ ވެރި ރަޙްމާންވަންތަ އިލާހުގެ ހެޔޮ ރަނގަޅު އަޅުންނަށްވުމަށްޓަކައި މި 12 ޞިފަ ލިބިގަތުމަށް މަސައްކަތްކުރަމާ ހިނގާށެވެ! މިއީ އެ ޞިފަތަކެއްގެ ސަބަބުން ދުނިޔެއާއި އާޚިރަތުގެ އުފާވެރިކަމާއި ބާއްޖަވެރިކަން ލިބޭނެ ޞިފަތަކެކެވެ. އެކަލާނގެ ލޯބިވެވޮޑިގެންވާ އަޅުންގެ ތެރޭގައި ވާނީ އޭރުންނެވެ.