ނަމާދުގައި ޚުޝޫޢަތްތެރިވުން

އައްޝައިޚް މުހައްމަދު ސިނާން

އިތުރަށް ވިދާޅުވުމަށް

ﷲ سُبْحَانَهُ وَتَعَالَى މުސްލިމުންގެ މައްޗަށް ނަމާދު ޝަރުޢުކުރައްވާފައިވަނީ ހިތާއި، ދުލާއި، ގުނަންތައް ބައިވެރިކޮށްގެން ކުރާ މަތިވެރި އަޅުކަމެއްގެ ގޮތުގައެވެ. މުސްލިމެއްގެ ބޭރުފުށުގެ ޢަމަލުތަކާ އެއްގޮތަށް ހިތުގެ ޢަމަލުތައްވެސް ބައިވެރިކުރަންޖެހޭ ގޮތަށެވެ. ކުރާ ނަމާދެއްގައި ޚުޝޫޢަތްތެރިވުމަކީ ހިތުން ކުރެވޭ އެންމެ މަތިވެރި އެއް ޢަމަލެވެ. އެއީ ނަމާދުގެ ފުރާނައެވެ. ޚުޝޫޢަތްތެރިކަމެއްނެތި ކުރާ ނަމާދެއްގެ މިސާލަކީ ފުރާނައެއް ނެތް ހަށިގަނޑެއްގެ މިސާލެވެ. ހޮއެ ހެދިފައި ތޮށިގަނޑެއްގެ މިސާލެވެ.

ޚުޝޫޢަތްތެރިވުމަކީ: ވެރިރަސްކަލާނގެ ޙަޟްރަތުގައި އެމީހާގެ ހިތް މަޑުމޮޅިކޮށް، ބިރުވެތިވެ، ނިކަމެތިވުމެވެ. ޚުޝޫޢަތްތެރިވާ ތަނަކީ ހިތެވެ. ހިތް ޚުޝޫޢަތްތެރިވެއްޖެނަމަ ގުނަންތައް ޚުޝޫޢަތްތެރިވާނެއެވެ. ﷲ سُبْحَانَهُ وَتَعَالَى މުއުމިނުންގެ ޞިފައެއްގެ ގޮތުގައި ވަޙީކުރައްވާފައިވެއެވެ. ((قَدْ أَفْلَحَ الْمُؤْمِنُونَ * الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ)) (المؤمنون: 1-2) މާނައީ: "މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެބައިމީހުންނީ، އެބައިމީހުންގެ ނަމާދުގައި ޚުޝޫޢަތްތެރިވާ މީހުންނެވެ."

ނަމާދުކުރާމީހުންނަކީ މީސްތަކުންކުރެ މަދުބައެކެވެ. އަދި އެއިގެ ތެރެއިންވެސް އެބައިމީހުންގެ ނަމާދުތަކުގައި ޚުޝޫޢަތްތެރިވާ މީހުންނަކީ އަދި އެއަށްވުރެ މަދު ބައެކެވެ. ނަމާދުކުރިނަމަވެސް މުންކަރާތްތަކުންނާއި ފާފަތަކުން އެމީހާ ދުރުކޮށްނުދެނީ ޚުޝޫޢަތްތެރިކަން ގެއްލިފައިވާތީއެވެ. ދަންނާށެވެ! މާތް ﷲއަށް ޚުޝޫޢަތްތެރިވުމަކީ އެކަލާނގެ އަޅުތަކުންކުރެ އެކަލާނގެއަށް ތެދުވެރިކަމާއި، އިޚްލާޞްތެރިކަމާއެކު އަޅުކަންކުރާ އަޅުތަކުންނަށް ދެއްވަވާ ތައުފީޤެކެވެ. ކޮންމެކޮންމެ އަޅަކަށް މި ތައުފީޤެއް ނުދެއްވާނެތެވެ. އަބުއްދަރު رَضِيَ اللهُ عَنْهُ ގެ ކިބައިން އައްޠަބަރާނީ ގެންނަވާފައިވާ ޙަދީޘެއްގައިވެއެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ. "މި އުއްމަތުން އެންމެ ފުރަތަމަ އުފުއްލެވޭނެ އެއްޗަކީ ޚުޝޫޢަތްތެރިކަމެވެ. މި އުއްމަތުން ޚުޝޫޢަތްތެރިއަކު ނުފެނިއްޖެއުމަށް ދާންދެނެވެ." އަދި ޢުބާދާ ބުނުއް ޞާމިތު رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ. "ތިބާ އެދޭކަމުގައި ވާނަމަ މީސްތަކުންގެ ތެރެއިން އެންމެ ފުރަތަމަ އުފުއްލެވޭނެ ޢިލްމަކީ ކޮބައިކަން ބުނެދެއްވާހުށީމެވެ؟ އެއީ؛ ޚުޝޫޢަތްތެރިކަމެވެ. މިސްކިތެއްގެ ޖަމާޢަތަށް ތިބާ ވަދެއްޖެނަމަ، އެ ޖަމާޢަތުން ޚުޝޫޢަތްތެރިއަކު ނުފެންނާނެ ދުވަސް ކައިރިވެގެންވެއެވެ." (جامع الترمذي، وصححه الألباني (

ނަމާދުކުރަންޖެހޭ ގޮތަށް ކުރުމަށްޓަކައި އެންމެ މުހިއްމު އެއްކަމަކީ ޚުޝޫޢަތްތެރިކަމެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ((وَاسْتَعِينُوا بِالصَّبْرِ وَالصَّلَاةِ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى الْخَاشِعِينَ)) (البقرة: ٤٥) މާނައީ: "އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިހޯދާށެވެ! ޚުޝޫޢަތްތެރިވާމީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ.)" ޚުޝޫޢަތްތެރިކަމަކީ އެކަމުގެ ސަބަބުން ނަމާދުގެ ލައްޒަތު ލިބިގެންދާނެ އަސާސީ ސަބަބެވެ. ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ނަމާދު ޞިފަކުރައްވާފައި ވަނީ އެކަލޭގެފާނުގެ ލޯފުޅަށްވާ ފިނިކަމެއްގެ ގޮތުގައެވެ. އެތައް އަޅުވެރި ބޭކަލުންނެއް ދުވާލު ބުރަކޮށްއުޅުއްވުމާއެކުވެސް ރޭގަނޑުގެ ގިނަވަގުތުތަކެއްގައި، އެހާމެ ދިގުކޮށް ނަމާދުގައި ދެމިހުންނަވާ ސަބަބަކީ ޚުޝޫޢަތްތެރިވުމުގެ ސަބަބުން ލިބޭ ލައްޒަތާއި، ހިތްހަމަޖެހުމުގެ ބޮޑުކަމެވެ. ޚުޝޫޢަތްތެރިކަމާއެކު ކުރެވޭ ނަމާދަކުން ލިބޭ ލައްޒަތާއި ހިތްހަމަޖެހުމަކީ ބަޔާންކުރެވޭ ވަރަށްވުރެ ބޮޑު ހިތްހަމަޖެހުމަކާއި އުފާވެރިކަމެކެވެ. މީސްތަކުންކުރެ ގިނަ ބަޔަކު މިކަން ދަންނާނެ ނަމަ ކޮންފަދަތޯއެވެ؟

ތިބާގެ ނަމާދުގައި ޚުޝޫޢަތްތެރިކަމާއި ފުރިހަމަކަން ގެއްލިގެންދާ މިންވަރަކަށް ތިބާގެ ނަމާދުން ލިބޭ އަޖުރު އުނިވަމުންދާނެއެވެ. ޢައްމާރު ބުން ޔާސިރު رَضِيَ اللهُ عَنْهُما ވިދާޅުވިއެވެ. ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވަނިކޮށް އަޑުއެހީމެވެ. ((إِنَّ الرَّجُلَ لَيَنْصَرِفُ وَمَا كُتِبَ لَهُ إِلَّا عُشْرُ صَلَاتِهِ، تُسْعُهَا، ثُمْنُهَا، سُبْعُهَا، سُدْسُهَا، خُمْسُهَا، رُبْعُهَا، ثُلُثُهَا، نِصْفُهَا)) (الترمذي) މާނައީ: "ހަމަކަށަވަރުން މީހަކު (ނަމާދުން) ނިމިގެންދާއިރު، އެމީހާގެ ނަމާދުން ދިހަބައިކުޅަ އެއްބައި، ނުވަބައިކުޅަ އެއްބައި، އަށްބައިކުޅަ އެއްބައި، ހަތްބައިކުޅަ އެއްބައި، ހަބައިކުޅަ އެއްބައި، ފަސްބައިކުޅަ އެއްބައި، ހަތަރުބައިކުޅަ އެއްބައި، ތިންބައިކުޅަ އެއްބައި، ދެބައިކުޅަ އެއްބައި ނޫނީ ނުލިޔެވެއެވެ."

އެ ހިތެއްގައި ޚުޝޫޢަތްތެރިކަން ނުވާ ހިތަކީ ހަރުވެ، ޚަރާބުވެފައިވާ ހިތެކެވެ. އެފަދަ ހިތަކުން ރައްކާތެރިކޮށްދެއްވުމަށް އެދި ދުޢާކުރަންޖެހެއެވެ. ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ އެފަދަ ހިތްޕުޅަކުން ރައްކާތެރިކަމަށް އެދި ކުރައްވާފައިވާ ދުޢާފުޅެއްގައިވެއެވެ. ((اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ قَلْبٍ لَا يَخْشَعُ)) (أحمد وإسناده صحيح على شرط الشيخين) މާނައީ: "އޭ ﷲ! ހަމަކަށަވަރުން ބިރުވެތިނުވާ ހިތަކުން ރައްކާތެރިކޮށްދެއްވުމަށް އިބައިލާހުގެ ޙަޟްރަތަށް އެދެމެވެ."

އޭ ﷲގެ އަޅާއެވެ! ތިބާ ނަމާދަށް ހުއްޓޭއިރު ތިޔަ ހުއްޓެނީ ތިބާއަށް ކުރެވިފައިވާ ގުނާ ޢަދަދުނުކުރެވޭފަދަ ކުދިބޮޑު އެންމެހާ ފާފަތަކަކުން ތަތްތެޅިފައިވާ ޙާލު ﷲ سُبْحَانَهُ وَتَعَالَى އަށް މުނާޖާ ދަންނަވާށެވެ! އެކަލާނގެ ދެއްވި ގުނާ ޢަދަދު ނުކުރެވޭފަދަ ނިޢުމަތްތަކުގެ ބޭނުންކުރުމަށްފަހު، ޝުކުރުވެރިވާންޖެހޭ މިންވަރަށް ޝުކުރުވެރި ނުވެއެވެ. އެކަލާނގެ ޙައްޤުގައި ކުރަންޖެހޭ އެތައްކަމަކަށް ފަރުވާކުޑަކުރެވިފައިވާ ޙާލުގައެވެ. ތިބާ އެކަލާނގެ ޙަޟްރަތަށް މަޢާފަށް އެދެންޖެހޭ ކަންކަން ގިނަގުނަވެގެންވާ ޙާލުގައެވެ. އެކަލާނގެ ކިބައިން އެތައްކަމަކަށް ބޭނުންވެގެންވާ ޙާލުގައެވެ. އެކަލާނގެ އޯގާތެރިކަމަށާއި، ރައްކާތެރިކަމަށާއި، ދެއްވުންތަކަށް އާދޭސް ދަންނަވާ ޙާލުގައެވެ. ތިބާގެ ހިތް ޚުޝޫޢަތްތެރިވުމުން އެއްކިބާވެގެންގޮސް، ތަފާތު އެކި ޚިޔާލުތަކުގައި އަވަދިނެތިވެފައިވާ މިންވަރު އެކަލާނގެ މޮޅަށް ދެނެވޮޑިގެންވެއެވެ.

ތިބާގެ ނަމާދުތަކުގައި ޚުޝޫޢަތްތެރިވުމަށް ޢަޒުމު އާލާކުރަންޖެހޭ ވަގުތު ނުޖެހޭތޯ؟ މުއުމިނު އަޅުތަކުންނާ މުޚާޠަބުކުރައްވައި ﷲ سُبْحَانَهُ وَتَعَالَى ވަޙީކުރައްވާފައިވެއެވެ. ((أَلَمْ يَأْنِ لِلَّذِينَ آمَنُوا أَن تَخْشَعَ قُلُوبُهُمْ لِذِكْرِ اللَّـهِ وَمَا نَزَلَ مِنَ الْحَقِّ)) (الحديد: ١٦) މާނައީ: "ﷲ ހަނދުމަކުރުމަށާއި، ޙައްޤު ބަސްފުޅުގެ ތެރެއިން ބާވައިލެއްވި ފޮތަށް އެބައިމީހުންގެ ހިތްތައް ޚުޝޫޢަތްތެރިވުމަށް އީމާންވި މީހުންނަށް އަދިވެސް ވަގުތު ނާންނަނީހެއްޔެވެ؟"

ޚިޔާލުތައް