އައްޝައިޚް މުހައްމަދު ސިނާން
ދުވާލާއި ރޭގަނޑުގެ އެކި ވަގުތުތަކުގައި އިވެމުންދާ ޚަބަރުތަކަކީ ކަރުނައިން ލޯތައް ފުރިދާފަދަ ޚަބަރުތަކެކެވެ. އެފަދަ ޚަބަރުތަކުގެ ސަބަބުން ހިތުގައިވާ އޯގާތެރިކަމާއި ކުލުނުވެރިކަމުގެ އިޙްސާސްތައް ބަންޑުންވެދެއެވެ. ބިރުވެރިކަމުގެ ޝުޢޫރުތަކުން ހީބިހިނަގައިގެން ދެއެވެ. އެއީ އެއްގަމާއި ކަނޑުގައި ދިމާވާ ޙާދިސާތަކުގެ ޚަބަރުތަކެވެ. އިތުރުކަމަކާމެދު ވިސްނާލާނެ ކުޑަވަގުތުކޮޅެއްވެސް ނުލިބި އުފާވެރިކަން ހިތާމައަށް ބަދަލުވެދެއެވެ. ދުނިޔަވީ ޙަޔާތާއި އަލްވަދާޢު ކިޔައި، ބަރްޒަޚުގެ ޙަޔާތަށް ދާންޖެހެއެވެ. ލޯބިވާމީހުންނާ ވަކިވާންޖެހެއެވެ. އުއްމީދުތައް ބޭކާރުވެދެއެވެ. ޒަމާންތައް ފަހަތަށް ދަމުން މި ކާއިނާތުގެ ނިމުމާ ގާތްވަމުން އަންނަވަރަކަށް ނުރައްކާތެރި ޙާދިސާތައް ހިނގުމާއި، ކުއްލިމަރުތައް ގިނަވާނެކަމުގައި މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ވަނީ ޚަބަރުދެއްވާފައެވެ.
މިފަދަ ކުއްލިމަރުތަކުން ސަލާމަތްވުމަށްޓަކައި މާއްދީ ސަބަބުތަކުގައި ހިފުމާއެކު، މާތް ﷲގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދި ދަންނަވަންޖެހެއެވެ. މާތް ﷲގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދިދެންނެވުމަކީ މުއުމިނުންގެ އެންމެ ވަރުގަދަ އައްޑަނައެވެ. މިގޮތުން، މާތް ﷲގެ ރައްކާތެރިކަން ހޯދުމުގެ ގޮތުން އަންނަނިވި ކަންކަމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ.
(1) ހެނދުނާއި ހަވީރު ކިޔުމަށް އައިސްފައިވާ ޛިކުރުތަކަށް ރައްކާތެރިވުން: ހެނދުނާއި ހަވީރުގައި ކިޔުމަށް އައިސްފައިވާ ޛިކުރުތަކަކީ އަހަރެމެންގެ ރައްކާތެރިކަމަށް އެންމެ ފުރިހަމަ ޛިކުރުތަކެވެ. އެ ޛިކުރުތަކަށް ފަރުވާތެރިވެއްޖެނަމަ އެ ދުވަހެއްގައި ނުވަތަ އެރެއްގައިވާ ނުބައިކަންކަމުންނާއި ގެއްލުންދޭ ތަކެތީގެ ނުރައްކަލުން ރައްކާތެރިވެގެންދާނެއެވެ.
(2) ގެއިން ނުކުންނަމުން ކިޔުމަށް އައިސްފައިވާ ދުޢާކިޔުން: ގެއިން ނުކުންނަމުން "بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ، ولاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ" މިފަދައިން ކިޔުމަކީ މިފަދައިން ކިޔައިފިމީހަކާއި އޭނާގެ އަހުލުންނާއި ގެއާއި މުދާ ޝައިޠާނުންނާއި އެނޫންވެސް ފަރާތްތަކުގެ ނުބައިކަމުން ރައްކާތެރިކުރައްވާނެކަމެކެވެ.
(3) ދަތުރުގެ ދުޢާކިޔުން: ދަތުރެއް ކުރަން އުޅޭނަމަ، އެ ދަތުރެއް ފެށުމުގެ ކުރިން ދަތުރުގެ ދުޢާ ކިޔުމަކީ ދަތުރުމަތީގައި ދިމާވާ ނުރައްކާތަކުން ސަލާމަތްކޮށްދެއްވައި، ދަތުރު ފަސޭހަވެގެންދާނެކަމެކެވެ. އަދި އެމީހާގެ އަހުލުންނާއި މުދާ ރައްކާތެރިކޮށްދޭނެ ކަމެކެވެ.
(4) ދަތުރުގައި ތަނަކަށް ފައިބާނަމަ ކިޔުމަށް ވާރިދުވެފައިވާ ދުޢާ ކިޔުން: މިގޮތުން ދަތުރެއްކުރާއިރު ތަނަކަށް މަޑުކުރާނަމަ، ނުވަތަ ތަނަކަށް ފައިބާނަމަ "أَعُوذُ بكَلِمَاتِ اللهِ التَّامَّاتِ مِن شَرِّ ما خَلَقَ" މިފަދައިން ކިޔައިފިނަމަ، އެތަނަކުން ފުރަންދެން އެމީހަކަށް ގެއްލުމެއް ނުދެވޭނެކަމަށް އައިސްފައިވެއެވެ.
(5) ނިދުމުގެ ކުރިން ކިޔުމަށް ވާރިދުވެފައިވާ ޛިކުރުތައް ކިޔުން: ނިދުމުގެ ކުރިން ކުރުމަށް މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަންގަވާފައިވާ ކަންކަންކުރުމާއި، ކިޔުމަށް ބަޔާންކޮށްދެއްވި ޛިކުރުތައް ކިޔުމަކީ ނިދާފައި އޮންނައިރު ރައްކާތެރިކަން ލިބިގެންދާނެކަމެކެވެ. ފަތިސްވަންދެން ރައްކާތެރި ކުރައްވާނެ މަލާއިކަތަކު ހުންނަވާނެކަމެކެވެ.
ބަޔާންވެ މިދިޔަ ދުޢާތަކާއި ޛިކުރުތަކަށް ރައްކާތެރިވުމަކީ މުޞީބާތްތަކުންނާއި ހިތާމަތަކުން ދުރުކޮށްދޭނެ ސަބަބެކެވެ. އެހެންނަމަވެސް، މާތް ﷲގެ މިންވަރުފުޅުގައި ލިޔުއްވާފައިވާ ކަމެއް ކުރިމަތިވުމަށް ހުރަސްއެޅޭނެ ހަމައެއްވެސް ފަރާތެއް ނުވާނެއެވެ. އެއީ އެކަލާނގެ ފުރިހަމަ ޢިލްމުފުޅާއި ޙިކުމަތްފުޅުން ކުރިމަތިވާ ކަންކަމެވެ. މާއްދީގޮތުން ކިތަންމެ ފުރިހަމައަށް ސަބަބުތަކުގައި ހިފައިގެން ހުރިނަމަވެސް މުޞީބާތްތައް ކުރިމަތިވާފަދައިން، ދުޢާތަކާއި ޛިކުރުތައް ކިޔައިގެން ހުރިނަމަވެސް ކަމެއް ކުރިމަތިވެދާނެއެވެ. އެހެންމަވެސް، ރައްކާތެރިކަމުގެ ސަބަބުތަކުގައި ހިފުމަކީ އެފަދަ ކަންކަން ދުރުކޮށްދޭނެ ކަމެކެވެ. އަހަރެމެންގެ މައްޗަށް އޮތީ މާތް ﷲގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދި، އެކަލާނގެ މިންވަރުފުޅަށް ރުހުމެވެ. ރައްކާތެރިކަން ދެއްވާ ފަރާތަކީ އެކަލާނގެއެވެ.