ނަބިއްޔާ صلى الله عليه وسلم އަށް ޞަލަވާތް ކިޔެވުން

އައްޝައިޚް މުހައްމަދު ސިނާން

އިތުރަށް ވިދާޅުވުމަށް

އިންސާނުންކުރެ އެންމެ މާތް އިންސާނަކީ މި އުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު صَلَّى اللهُ عَلَيْهِ وَسَلَّمَ އެވެ. އެކަލޭގެފާނުގެ ޝަރަފާއި މަތިވެރިކަމަށްޓަކައި މާތް ﷲ ވަނީ އެކަލޭގެފާނުގެ ނަންފުޅު މަތިވެރި ކުރައްވާފައެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ((وَرَفَعْنَا لَكَ ذِكْرَكَ)) الشرح: 4 މާނައީ: "އަދި ކަލޭގެފާނަށްޓަކައި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ނަންފުޅު މަތިވެރިކުރެއްވީމެވެ." އެކަލޭގެފާނުގެ ނަންފުޅު މަތިވެރިކުރެއްވުމުގެ ތެރޭގައި ހިމެނޭ އެއްކަމަކީ އެކަލޭގެފާނަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރުން އަޅުކަމެއްކަމުގައި ލެއްވުމެވެ.

ޞަލަވާތާއި ސަލާމް ލެއްވުމަށް އެދުމަކީ ކޮބާ؟

ނަބިއްޔާއަށް ޞަލަވާތް ކިޔެވުމޭ ބުނެވޭ ބަހުގެ މާނައަކީ އެކަލޭގެފާނުދެކެ ވާ ލޯބީގެ ސަބަބުން އެކަލޭގެފާނަށް ދުޢާކުރުމެވެ. އަދި ސަލާމް ލެއްވުމަށް އެދުމުގެ މާނައަކީ އެކަލޭގެފާނަށް ދެ ދުނިޔޭގެ ސަލާމާތްތެރިކަން ދެއްވުމަށާއި، އެކަލޭގެފާނަށް ގެއްލުމާއި ފުރައްސާރައާއި މަލާމާތް ރައްދުކުރާމީހުންގެ ކިބައިން އެކަލޭގެފާނު ސަލާމަތްތެރިކޮށް ރައްކާތެރިކޮށްދެއްވުމަށް އެދުމެވެ. އެހެންކަމުން، އެކަލޭގެފާނަށް ޞަލަވާތާއި ސަލާމްލެއްވުމަށް އެދުމުގެ މާނައަކީ: މުޙައްމަދު صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުމަށް އެދި ދުޢާކުރުމަށް ބޭނުންކުރާ ބަސްތަކުން ދުޢާކުރުމެވެ.

އެކަލޭގެފާނަށް ޞަލަވާތް ކިޔެވުމުގެ މާތްކަން

(1) މާތް ﷲ ވަނީ އެކަމަށް އަމުރުކުރައްވާފައެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ((إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا)) الأحزاب: 56 މާނައީ: "ހަމަކަށަވަރުން، ﷲ އާއި، އެކަލާނގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް ޞަލަވާތް ލައްވަތެވެ. އޭ އީމާންވެއްޖެ މީސްކަތުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުން އެދި ދުޢާކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް ސަލާމް ލެއްވުންއެދި ތިޔަބައިމީހުން ގިނަގިނައިން ދުޢާކުރާށެވެ!"

(2) މާތް ﷲ އެމީހަކަށް ޞަލަވާތް ލައްވައި، ފާފަ ފުއްސަވާނެ ކަމެކެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. ((مَنْ صَلَّى عَلَيَّ وَاحِدَةً صَلَّى اللَّهُ عَلَيْهِ عَشْرًا، وَحَطَّ عَنْهُ عَشْرَ خَطِيئَاتٍ)) رواه البخاري في الأدب المفرد (643) وصحّحه الألباني في "الصحيحه" (829) މާނައީ: "ތިމަންކަލޭގެފާނަށް އެއްފަހަރު ޞަލަވާތް ކިޔަވައިފިމީހަކަށް ﷲ ދިހަ ފަހަރު ޞަލަވާތް ލައްވަތެވެ. އަދި އެމީހެއްގެ ކިބައިން ދިހަ ނުބައިކަން ފިލުއްވައި ދެއްވައެވެ."

(3) ޤިޔާމަތްދުވަހު އެކަލޭގެފާނާ އެންމެ އަރިސްވާނެމީހަކީ އެކަލޭގެފާނަށް އެންމެ ގިނައިން ޞަލަވާތް ކިޔެވިމީހެކެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. ((أَوْلَى النَّاسِ بِي يَوْمَ القِيَامَةِ أَكْثَرُهُمْ عَلَيَّ صَلاَةً)) رواه الترمذي (484)، وله شاهد عند البيهقي عن أبي أمامة، وقال الحافظ في "الفتح" 11/167: لا بأس بسنده) މާނައީ: "ޤިޔާމަތްދުވަހު ތިމަންކަލޭގެފާނާ އެންމެ އަރިސްވާނެ މީހަކީ އެބައިމީހުންކުރެ ތިމަންކަލޭގެފާނަށް އެންމެ ގިނައިން ޞަލަވާތް ކިޔެވިމީހަކެވެ."

(4) އެކަލޭގެފާނުގެ އުއްމަތުގެމީހުންގެ ޞަލަވާތް އެކަލޭގެފާނަށް ފޯރުކޮށްދެއްވުމަށް މަލާއިކަތް ބޭކަލުންތަކެއް ޚާއްޞަކުރައްވާފައިވެއެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. ((إِنَّ لِلَّهِ مَلَائِكَةً سَيَّاحِينَ فِي الْأَرْضِ يُبَلِّغُونِي عَنْ أُمَّتِي السَّلَامَ)) رواه أحمد (3666)، وإسناده صحيح) މާނައީ: "ހަމަކަށަވަރުން ބިންމަތީގައި ދަތުރުކުރައްވާ މަލާއިކަތުންތަކެއް ﷲއަށް ލިބިވޮޑިގެންވެއެވެ. އެބޭކަލުން ތިމަންކަލޭގެފާނުގެ އުއްމަތުގެމީހުންގެ ސަލާމް ތިމަންކަލޭގެފާނަށް ފޯރުކޮށްދެއްވައެވެ."

އެކަލޭގެފާނަށް ޞަލަވާތް ކިޔެވުމަށް ޚާއްޞަ ވަޤުތުތައް

މާތް ނަބިއްޔާ މުޙައްމަދު صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތް ކިޔެވުމަކީ ރޭގަނޑާއި ދުވާލުގެ ކޮންމެ ވަގުތަކުވެސް ކުރެވިދާނެ، އަދި އެކަމަށް ބާރު އެޅިފައިވާ ކަމެކެވެ. މިއާއެކުވެސް، އެކަލޭގެފާނަށް ޞަލަވާތްކިޔުން ޚާއްޞަވަގެންވާ އަދި މޮޅުއިތުރުވެގެންވާ ވަޤުތުތަކެއްވެއެވެ. މިގޮތުން:

(1) ނަމާދުގެ ފަހު އައްތަޙިއްޔާތުގައި ޞަލަވާތްކިޔެވުން: ޙަދީޘްތަކާއި ފިޤުހުވެރިންގެ ބަސްތަކަށް ބުރަވެލައްވާއިރު ބުރަވެވެނީ ނަމާދުގެ ފަހު އައްތަޙިއްޔާތުގައި އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ ވާޖިބުކަމެއް ކަމަށެވެ.

(2) ކަށުނަމާދުގައި ދެވަނަ ތަކްބީރަށްފަހު ޞަލަވާތްކިޔެވުން: ބޮޑަށް ބުރަވެވެނީ މި ވަޤުތުގައި ޞަލަވާތް ކިޔެވުމަކީވެސް ވާޖިބެއް ކަމަށެވެ.

(3) ހުކުރުދުވަހު ޞަލަވާތްކިޔެވުން ގިނަކުރުން: ހުކުރު ވިލޭރެއާއި ހުކުރުދުވަހު އެކަލޭގެފާނުގެ މައްޗަށް ގިނަގިނައިން ޞަލަވާތްކިޔެވުމަށް ބާރުއަޅުއްވާފައިވެއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ((فَأَكْثِرُوا عَلَيَّ مِنَ الصَّلَاةِ فِيهِ)) رواه ابن ماجه (1636) މާނައީ: "ފަހެ، އެދުވަހުގައި ތިމަންކަލޭގެފާނުންގެ މައްޗަށް ތިޔަބައިމީހުން ޞަލަވާތް ކިޔުން އިތުރުކުރާށެވެ."

(4) ވާހަކަ ދެއްކުމަށް އެއްވެ އުޅޭ އިރު އެމަޖިލިސްތަކުގައި: ﷲއަށް ޙަމްދުނުކުރެވޭ އަދި ނަބިއްޔާ އަށް ޞަލަވާތް ނުކިޔެވޭ މަޖިލިސްތަކުގައިވާ މީހުންނަށް އެކަން ވެގެންދާނީ އެބައިމީހުންނަށް ކުރެވޭ ކުށަކަށެވެ. ﷲ އިރާދަކުރައްވައިފިނަމަ ޤިޔާމަތްދުވަހު ޢަޛާބުދެއްވަފާނެކަމަށް، އަދި އެކަލާނގެ އިރާދަކުރައްވައިފިނަމަ ފާފަ ފުއްސަވާފާނެކަމަށް ޙަދީޘްގައި އައިސްފައިވެއެވެ.

(5) އެކަލޭގެފާނުގެ ނަންފުޅު އިވޭހިނދު ޞަލަވާތް ކިޔެވުން: އެކަލޭގެފާނުގެ ނަންފުޅު އިވޭހިނދު ޞަލަވާތް ނުކިޔަވާމީހުންނަކީ އެންމެ ދަހިމީހުންކަމުގައި ޞިފަކުރައްވައި އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ. ((البَخِيلُ الَّذِي مَنْ ذُكِرْتُ عِنْدَهُ فَلَمْ يُصَلِّ عَلَيَّ)) رواه أحمد (1736)، والترمذي (3546) މާނައީ: "ދަހިމީހަކީ އެމީހެއްގެ ގާތުގައި ތިމަންކަލޭގެފާނުގެ ނަންފުޅު ގަނެވި ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ނުކިޔަވައިފި މީހެކެވެ." އަދި އެމީހެއްގެ ގާތުގައި އެކަލޭގެފާނުގެ ނަންފުޅު ގަނެވި އެކަލޭގެފާނަށް ޞަލަވާތް ނުކިޔަވައިފިމީހެއް ނިކަމެތިކުރެއްވުމަށް އެދި ޖިބްރީލް عَلَيهِ السَّلامُ ވަނީ ދުޢާފުޅުކުރައްވާފައެވެ.

ބަޔާންވެ މިދިޔަ ވަގުތުތަކުގެ އިތުރަށް ބަންގިއަށްފަހުގައްޔާއި، މިސްކިތަށް ވަންނައިރުގައްޔާއި މިސްކިތުން ނުކުންނައިރުގައްޔާއި، ޞަފާ ފަރުބަދައާއި މަރުވާ ފަރުބަދައަށް އެރުމަށްފަހުގައްޔާއި، ޢިލްމު އުގަންނައިދިނުމަށް ފަށައިގަންނައިރުގައްޔާއި، ޚާއްޞަކަންކަމުގައި އެދި ދުޢާކުރަން ފަށައިގަންނައިރުގައި ޞަލަވާތް ކިޔެވުމަށް އައިސްފައިވެއެވެ.

އެކަލޭގެފާނަށް ޞަލަވާތް ކިޔެވުމުން ލިބޭނެ ފައިދާތައް

އަހަރެމެންގެ މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތް ކިޔެވުމަކީ ގިނަގުނަ ފައިދާތަކެއް ލިބޭނެކަމެކެވެ. މިގޮތުން؛ އެކަމަކީ ފާފަ ފުއްސެވުން ލިބި، އެކަލޭގެފާނުގެ ޝަފާޢަތް ޙާޞިލުވެ، ޤިޔާމަތްދުވަހު އެކަލޭގެފާނާ އަރިސްވާނެކަމެކެވެ. އަދި ޖިބްރީލް عَلَيهِ السَّلامُ ގެ ބަދު ދުޢާއިން ސަލާމަތްވެ، އަހަރެމެން އެއްވާ އެއްވުންތަކާއި، ޢިލްމު އުނގަންނައިދޭ ކުލާސްތަކާއި މަޖްލިސްތަކުގައި ބަރަކާތް ލައްވާނެކަމެކެވެ. އަދި މާތް ﷲގެ ރަޙްމަތް ލިބި، އެކަލޭގެފާނު ދެކެ ވާ ލޯބި އިތުރުވާނެކަމެކެވެ. އަދި މިކަމަކީ އިސްލާމްދީން ފޯރުކޮށްދެއްވުމަށް އެކަލޭގެފާނު ވެވަޑައިގެންނެވި ޤުރުބާނީއަށް އަދާކުރެވޭ ޝުކުރެކެވެ.

އެކަލޭގެފާނަށް ޞަލަވާތް ކިޔަވާނީ ކިހިނެއް؟

މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުމަށް އެދި ކުރާ ކޮންމެ ދުޢާގެ ލަފްޒަކުންވެސް އެކަން ޙާޞިލުވެދާނެއެވެ. މިގޮތުން صَلَّى اللهُ عَلَيْهِ وَسَلَّمَ ، اللَّهُمَّ صَلِّ وَسَلِّمْ عَلَى نَبِيِّنَا مُحَمَّدٍ މިފަދަ ކޮންމެ ޢިބާރާތެއްވެސް ބޭނުން ކުރެވިދާނެއެވެ. މިފަދަ ޢިބާރާތްތަކުގެ ތެރެއިން އެންމެ މާތްވެ މޮޅު އިތުރުވެގެންވާ ޢިބާރާތަކީ އައްތަޙިއްޔާތުގައި ކިޔުމަށް އައިސްފައިވާ އިބްރާހީމީ ޞަލަވާތުގެ ޢިބާރާތްތަކެވެ. އެކަލޭގެފާނަށް ޞަލަވާތް ކިޔެވުމަށް ވަކި މިންވަރެއް ނެތެވެ. ގިނައިން ކިޔެވި ވަރަކަށް މާތްކަމާއި މަތިވެރިކަން ލިބޭނެއެވެ.

މީގެ އިތުރުން، ފޮތްތަކުގައްޔާއި އެނޫންވެސް ތަންތަނުގައި އެކަލޭގެފާނުގެ ނަންފުޅާއެކު ޞަލަވާތުގެ ޢިބާރާތްތައް ލިޔުމަކީ އައިސްފައިވާކަމެކެވެ.

އެކަލޭގެފާނަށް ޞަލަވާތް ކިޔެވުމުގައި ދުރުހެލިވާންޖެހޭ ކަންކަން

މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތް ކިޔެވުމުގެ ގޮތުން ވަކި މީހަކު ގެއަށް ގެނެސްގެން، ނުވަތަ ޤަބުރުސްތާނުގައި މައްޔިތާގެ ކައިރީގައި ޞަލަވާތް ކިޔެވުމަކީ އައިސްފައިވާކަމެއް ނޫނެވެ. މިކަންކަމަކީ މާތް ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ދައްކަވާ ދެއްވާފައިވާ ގޮތެއް ނޫނެވެ. އަދި މާތް ޞަޙާބީ ބޭކަލުންވެސް ޢަމަލުކުރައްވާފައިވާ ގޮތެއްވެސް ނުމެ ނޫންމެއެވެ. އަދި އެކަލޭގެފާނަށް ޞަލަވާތް ކިޔެވުމާއި ތަޢުރީފުކުރުމުގެ ގޮތުން މައުލޫދުކިޔުންފަދަ ކަންކަމަކީވެސް އައިސްފައިވާ ކަންކަމެއް ނޫނެވެ.

ލިޔާއިރު ޞަލަވާތް އެކުގައި ލިޔުމުގެ ބަދަލުގައި (ޞ)، (ޞޢވ) މިފަދަ ރަމްޒުތައް ބޭނުންކުރުމަކީ ޢިލްމުވެރިންގެ އަރިހުގައި އެދެވޭކަމެއް ނޫނެވެ. އެހެންކަމުން، މިފަދަ ރަމްޒުތައް ބޭނުންކުރުމުން ދުރުހެލިވެ، ޞަލަވާތް ފުރިހަމައަށް ލިޔުމަށް ސަމާލުކަން ދިނުން ހުއްޓެވެ.

މާތް ﷲ އަހަރެމެންގެ މާތް ނަބިއްޔާއަށާއި، އެކަލޭގެފާނުންގެ އާލުންނާއި އަޞްޙާބުންނަށް ޞަލަވާތާއި ސަލާމް ލައްވާނދޭވެ!

ޚިޔާލުތައް