ހެޔޮބަސް
ފަސްއެނބުރި ނުބަލާށެވެ.
އަޅުގަނޑުމެންގެ ދިރިއުޅުމަކީ ނިންމުންތަކެއްގެ ސިލްސިލާއެކެވެ. ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެންނަށް އެތައް ކުދި އަދި ބޮޑެތި ނިންމުންތަކެއް ނިންމަންޖެހެއެވެ. އަޅުގަނޑުމެންގެ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބު ބިނާވެގެންދަނީ މި ނިންމުންތަކުގެ މައްޗަށެވެ. ނިންމުންތައް ނިންމުމުގައި އިސްލާމްދީނާއި ސައިންސް މަގުދައްކައި ބާރުއަޅަނީ ވިސްނުންތެރިކަމާއެކު، ފުރިހަމަ މައުލޫމާތުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމަށާއި، އެއަށްފަހު އެ ނިންމުމެއްގައި ސާބިތުވެ ހުރުމަށެވެ.
ވިސްނުމާއި މަޝްވަރާ
ސައިންސްވެރިން، ޚާއްޞަކޮށް ނަފްސާނީ ޢިލްމުވެރިން (ސައިކޮލޮޖިސްޓުން) ބުނާގޮތުގައި، އިންސާނުން ނިންމުންތަށް ނިންމުމުގައި ދެ ނިޒާމެއް ގެންގުޅެއެވެ. ފުރަތަމަ ނިޒާމީ (ސިސްޓަމް 1 ) ވިސްނުމުގެ ވައްޓަފާޅިއަކީ، އިޙްސާސްތަކުގެ މައްޗަށް ބިނާވެ، އަވަސް އަވަހަށް ނޫނީ ގަސްދަކައި ނުލައި، ނިމުންތައް ނިންމާ ގޮތެކެވެ. އާއްމުކޮށް ކުރުމަށް އާދަވެފައި ހުންނަ ކަންތައްތައް ކުރުމަށް ނިންމާނިންމުން މީގެތެރޭގައި ހިމެނެއެވެ. މިސާލަކަށް ގޯޅި އަޅާއިރު ސިގްނަލް ދޭން ނިންމުން ވާނީ ފުރަތަމަ ނިޒާމީ ވިސްނުމަކަށެވެ. ދެވަނަ ނިޒާމީ (ސިސްޓަމް 2 ) ވިނސްނުމުގެ ވައްޓަފާޅި އަކީ ވިސްނުންތެރިކަމާއެކު، ދިރާސާކުރުމަށްފަހު ގަސްދުގައި އަމުދުން ނިންމުންތައް ނިންމާ ގޮތެވެ. މުހިންމު ނިންމުންތައް ނިންމުމުގައި ދެވަނަ ނިޒާމް ބޭނުންކުރުމަށް ސައިންސް ބާރުއަޅައެވެ.
ދެވަނަ ނިޒާމީ ވިސްނުމާ އިސްލާމްދީނުގެ "ޝޫރާ" ގެ ކޮންސެޕްޓާ ވަނީ ވަރަށް ބޮޑަށް ގުޅިފައެވެ. ޝޫރާ ދެވަނަ ނިޒާމީ ވިސްނުމަށްވުރެ ފުޅާވެފަ ފުރިހަމައެވެ. ޝޫރާ ނުވަތަ މަޝްވަރާކުރުމުގެ ބޭނުމަކީ އެކި ވަޖްހާތުތައް ހޯދައި، އަޅުގަނޑުމެންގެ އަމިއްލަ ކޮގްނިޓިވް ބަޔަސް ތަކުން ދުރުހެލިވުމެވެ. ކޮގްނިޓިވް ބަޔަސް އަކީ ވިސްނުމުގައި ވަކި ކޮޅަކަށް ބުރަވުމެވެ. މިސާލަކަށް، ކޮންފަރމޭޝަން ބަޔަސް އަކީ ތިމާ ޤަބޫލުކުރާ ގޮތަށް ތާއީދުކުރާ މައުލޫމާތު އެކަނި ހޯދުމެވެ. އެހެން މީހުންގެ ޚިޔާލު ހޯދުމުން، މައްސަލައިގެ އެކި ފުށްތައް ފެނި، ފުރިހަމަ ނިންމުމެއް ނިންމުމަށް މަގުފަހިވެއެވެ. މާތް ﷲ ވަނީ ކީރިތި ޤުރުއާނުގެ އައްޝޫރާ ސޫރަތުގެ 38 ވަނަ އާޔަތުގައި ކާމިޔާބު ލިބިގެންވާ މީހުންގެ ސިފަތައް ބަޔާންކުރައްވަމުން ވަޙީ ކުރައްވާފައެވެ.
وَٱلَّذِينَ ٱسْتَجَابُوا۟ لِرَبِّهِمْ وَأَقَامُوا۟ ٱلصَّلَوٰةَ وَأَمْرُهُمْ شُورَىٰ بَيْنَهُمْ وَمِمَّا رَزَقْنَٰهُمْ يُنفِقُونَ
މާނައީ: "އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއަށް އިޖާބަދީ، އަދި ނަމާދު قائم ކުރިމީހުންނެވެ. އަދި އެއުރެންގެ ކަންތައްތައް، އެއުރެންގެ މެދުގައިވަނީ مشورة ގެ މަތިންނެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވިތަކެތިން، އެއުރެން ހޭދަކުރެތެވެ."
ނިންމުން ނިންމުމާއި ސާބިތުކަން
ވިސްނައި، މަޝްވަރާކޮށް، މައުލޫމާތު އެއްކުރުމަށްފަހު، ނިންމުމެއް ނިންމަންޖެހޭ ވަގުތު އާދެއެވެ. ނަމަވެސް، ބައެއް ފަހަރު މާ ބޮޑަށް ވިސްނުމުގެ ސަބަބުން ދާނެކޮޅެއް ނޭނގި، އެއްވެސް ނިންމުމެއް ނުނިންމި، އެނާލިސިސް ޕެރާލިސިސް އަށް ދާ ޙާލަތު އާދެއެވެ. އަދި ލޮސް އެވާރޝަން (ލިބޭނެ ފައިދާއަކަށްވުރެ ބޮޑަށް، ވާނެ ގެއްލުމަކަށް ބުރަވެ އެއްފަރާތްވުން) ގެ ސަބަބުންވެސް ނިންމުންތައް ނުނިންމި ލަސްވާތަން އާދެއެވެ.
މި ހިސާބުން ސައިންސް ބާރުއަޅަނީ، އިސްލާމްދީނުގައިވާގޮތަށް، އެއްކުރެވުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް، ހިތްވަރާއެކު ނިންމުމެއް ނިންމުމަށެވެ. އަދި މީގެ އިތުރުން އިސްލާމްދީނުގައި، މި ނިންމުމަށްފަހު އަންނަނީ ތަވައްކުލް ކުރުމެވެ. އެއީ، الله އަށް ވަކީލުކޮށް، ގަދައަޅާ މަސައްކަތް ކުރުމަށްފަހު، ނަތީޖާ އެއިލާހަށް ދޫކޮށްލުމެވެ. ކީރިތި ޤުރުއާނުގެ އާލު ޢިމްރާން ސޫރަތުގެ 159 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
فَبِمَا رَحْمَةٍ مِّنَ ٱللَّهِ لِنتَ لَهُمْ وَلَوْ كُنتَ فَظًّا غَلِيظَ ٱلْقَلْبِ لَٱنفَضُّوا۟ مِنْ حَوْلِكَ فَٱعْفُ عَنْهُمْ وَٱسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِى ٱلْأَمْرِ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى ٱللَّهِ إِنَّ ٱللَّهَ يُحِبُّ ٱلْمُتَوَكِّلِينَ
މާނައީ: "އެއުރެންނަށް ކަލޭގެފާނު އޯގާވެރިވެވަޑައިގަތީ، اللَّه ގެ حضرة ން ލެއްވި رحمة އެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި، خُلق ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނުވިނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވެގެން ހިނގައްޖައީހެވެ. ފަހެ، އެއުރެންނަށް ކަލޭގެފާނު عفو ކުރައްވާށެވެ! އަދި، އެއުރެންނަށް ފާފަފުއްސެވުން އެދި ދަންނަވާށެވެ! އަދި، ކަންތަކުގައި ކަލޭގެފާނު އެމީހުންނާ مشورة ކުރައްވާށެވެ! ފަހެ، (ކަމަކާމެދު) ކަލޭގެފާނު عزم ކަނޑައަޅުއްވައިފިނަމަ، ފަހެ، ކަލޭގެފާނު اللَّه އަށް وكيل ކުރައްވާށެވެ! ހަމަކަށަވަރުން، وكيل ކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ."
މި އާޔަތުން ދޭހަވަނީ، ވިސްނުމުގެ މަރުޙަލާ ނިމުމުން، ޢަޒުމް ކަނޑައަޅައި ގޮތްނިންމައި، الله އަށް ވަކީލުކޮށް ކުރިއަށް ދިއުމުގެ މުހިންމުކަމެވެ. ފަސްޖެހި، ދެފިކުރުވުމަކީ ނަފްސާނީ ގޮތުންވެސް ބަލިކަށިކަމެކެވެ.
އަދި މި މަޢުޟޫޢުގެ އެންމެ މުނާސަބު އެއް މިސާލު ކީރިތި ޤުރުއާނުން ފެންނަން އޮތީ ލޫޠުގެފާނުގެ ވާހަކައިގައެވެ. އެކަލޭގެފާނުގެ ޤައުމުގެ ކާފިރުވީ މީހުންގެ މައްޗަށް ޢަޛާބު ފޮނުއްވުމަށް މާތް ﷲ ނިންމަވައި ކަނޑައެޅުއްވިއެވެ. އަދި ލޫޠުގެފާނަށާއި އެކަލޭގެފާނަށް ތަބަޢަވި މީހުންނަށް އަމުރުކުރައްވައި ޙިޖްރް ސޫރަތުގެ 65 ވަނަ އާޔަތުގައި ވަހީކުރެއްވިއެވެ.
فَأَسْرِ بِأَهْلِكَ بِقِطْعٍ مِّنَ ٱلَّيْلِ وَٱتَّبِعْ أَدْبَٰرَهُمْ وَلَا يَلْتَفِتْ مِنكُمْ أَحَدٌ وَٱمْضُوا۟ حَيْثُ تُؤْمَرُونَ
މާނައީ: ފަހެ، ކަލޭގެފާނުގެ أهل ވެރިންނާއިގެން ރޭގަނޑުން ބައެއްގައި ކަލޭގެފާނު ދަތުރުކުރައްވައި، ހިންގަވާށެވެ! އަދި ކަލޭގެފާނު އެއުރެންގެ ފަހަތުން ވަޑައިގަންނަވާށެވެ! އަދި ތިޔަބައިމީހުންކުރެ އެކަކުވެސް ފަސްއެނބުރި ނުބަލާށެވެ! އަދި ތިޔަބައިމީހުންނަށް، އަމުރުކުރައްވާފައިވާ ތަނަށް، ތިޔަބައިމީހުންދާށެވެ!"
މިއީ ނިންމުމެއްގައި ސާބިތުވެ، ފަސްއެނބުރި ބެލުމެއްނެތި ކުރިއަށް ދިއުމަށް އޮތް ވަރުގަދަ، ސީދާ އަމުރެކެވެ.
ފަސްއެނބުރި ނުބެލުމަކީ އިސްލާމްދީނާއި ސައިންސްގެ ނަޒަރުގައި ވަރަށް މުހިއްމު ސިފައެކެވެ. އަދި ފުންކޮށް ވިސްނައި، މަޝްވަރާކޮށް، މައުލޫމާތު އެއްކޮށް، ޙިއްސީ ނިންމުންތަކުން ދުރުވެ، މައްސަލަ ރަނގަޅަށް ދިރާސާކުރުމަށްފަހު ނިންމުންތަށް ނިންމައި ﷲއަށް ވަކީލުކޮށް ހިތްވަރާއިއެކު ކުރިއަށް ދިޔުމަށް އިސްލާމްދީން ބާރުއަޅައެވެ.