ހެޔޮބަސް
އީމާންކަމާއި އިސްލާމްކަން 7
ތަރުޖަމާ: ޑރ. ޢަބްދުލް ޙަންނާނު ވަޙީދު
މިއީ، 18 ވަނަ ޤަރުނުގެ ފަހުކޮޅާއި، 19 ވަނަ ޤަރުނުގެ ކުރީކޮޅު އުޅުއްވި ފުންނާބު އުސް ޢިލްމުވެރިއެއް ކަމަށް ވާ مولانا ضياء الدّين خالد العثماني البغدادي ފާރިސީ ބަހުން އެންމެ ފުރަތަމަ ލިޔުއްވާފައިވާ إعتقاد نامه މި ނަން ކިޔޭ ފޮތުގެ ތަރުޖަމާ އެވެ. މި ފޮތް އެންމެ ފުރަތަމަ ޗާޕުކުރެވުނީ ހިޖުރައިން 1312 ގައި މިޞްރު ގައެވެ. މި ދިވެހި ތަރުޖަމާ އަކީ، މި ފޮތުގެ "އީމާން އަދި އިސްލާމް" މި ނަމުގައި ކޮށްފައިވާ ޢަރަބި އަދި އިނގިރޭސި ތަރުޖަމާގެ ތަރުޖަމާއެކެވެ.
(ކުރީގެ ޢަދަދާ ގުޅޭ)
އިސްލާމް ކަމުގެ ރުކުންތައް
އިސްލާމްކަމުގެ ފުރަތަމަ ރުކުން
رسول اللّه (صلّى اللّه عليه و سلّم) ޙަދީޘްފުޅުކުރައްވާފައިވާ ގޮތުގައި އިސްލާމްކަމުގެ 5 ރުކުން ގެ ތެރެއިން ފުރަތަމަ ރުކުނަކީ، ޝަހާދަތުގެ ދެ ކަލިމަ ކިޔުމެވެ. އެއީ،أشهد أن لا إله إلاّ اللّه وأشهد أنَّ محمّداً رَسُولُ اللّه މިހެން ކިޔުމެވެ. އެހެން ގޮތަކަށް ދަންވާނަމަ، ބާލިޣު ޢުމުރު ހަމަވެފައިވާ އަމާނާތްތެރި މީހަކު އަނގައިން ބުނަންޖެހޭނީ، "ދުނިޔެ ނުވަތަ އުޑުގައި اللّه ފިޔަވައި އަޅުކަންކުރުން ޙައްޤު އެހެން ފަރާތެއް ނެތެވެ. އަޅުކަންކުރެވޭނެ ހަމައެކަނި ފަރާތަކީ ހަމައެކަނި اللّه تعالى އެވެ." އެކަލާނގެ އަކީ واجب الوُجُود އެވެ. ހުރިހާ ވައްތަރެއްގެ ބާރުވެރިކަމެއް އެކަލާނގެ އަށް ލިބިވޮޑިގެން ވެއެވެ. އެކަލާނގެ ކިބަފުޅުގައި އެއްވެސް އުނިކަމެއް ނެތެވެ. އެކަލާނގެ ނަންފުޅަކީ اللّه އެވެ. އެމީހެއްގެ ހިތުގެ އަޑިން މިކަން ޤަބޫލުކުރަންޖެހޭނެ އެވެ. އަދި މިއަންނަ ފަދައިން ބުނެ ޤަބޫލުކުރަންޖެހޭނެ އެވެ.: "ފިނިފެން ޖަންބު ކުލައެއްގެ ވެރި ހަމާއި، ރަތް-ދޮން އުޖާލާ އަދި ރީތި މޫނަކާއި، ކަޅު ކުލައިގެ ދެ ލޯކޮޅާއި ދެ ބުމަކޮޅާއި؛ ފުޅާ ތަނަވަސް ނިއްކުރިކޮޅެއްގެ ވެރި އެންމެ މާތް އިންސާނާ، ރިވެތި އަޚްލާގާއި ސުލޫކުގެ ވެރި؛ އެކަލޭގެފާނުގެ ހިޔަނި ބިންމައްޗަށް އެއްގޮތަކަށް ވެސް ނޭޅޭ، މަޑުމައިތިރިކަމާއެކު ވާހަކަފުޅުދެއްކެވި، މައްކާގެ ހާޝިމް ވަންހަ އަށް އުފަން ވެވަޑައިގަތުމުގެ ސަބަބުން ޢަރަތްބެކޭ ކިޔުނު محمد بن عبداللّه އަކީ اللّه تعالى ގެ އިންސާނީ އަޅެއް (عبد) އަދި ރަސޫލެކެވެ". ކީރިތި ރަސޫލާގެ މަންމާފުޅަކީ އާމިނާ ބިންތި ވައްހާބު އެވެ. އެކަލޭގެފާނު އުފަންވެވަޑައިގަތީ މައްކާ ގައި 20 އޭޕްރީލް 571 މ. ވީ ހޯމަ ދުވަހުގެ އިރުއެރި ވަގުތު އެވެ. އެކަލޭގެފާނު ގެ ޢުމުރުފުޅުން ސާޅީސް އަހަރު ވީ بِعثة ގެ އަހަރުގެ ގޮތުގައި ކިޔުނު އަހަރު ގައި އެކަލޭގެފާނަކީ ރަސޫލެއް ކަން އެންގެވުނެވެ. އޭގެ ފަހުން، ތޭރަ އަހަރު ވަންދެން މައްކާ ގައި މީސްތަކުންނަށް އިސްލާމް ދީނަށް ގޮވާލެއްވި އެވެ. އޭގެ ފަހުން اللّه تعالى ގެ އަމުރުފުޅަށް އެކަލޭގެފާނު މަދީނާ އަށް ހިޖްރަކުރެއްވި އެވެ. އެ ރަށުގައި އެކަލޭގެފާނު ހުރިހާ ތަނަކަށް އިސްލާމް ދީން ފެތުރުއްވެވި އެވެ. ހިޖްރައިގެ ދިހަ އަހަރު ފަހުން އެކަލޭގެފާނު ސުވަރުގެ ވަޑައިގެންނެވީ މަދީނާ ގައި 12 ރަބީޢޫލްއައްވަލް (ޖުލައި 632މ.) ވީ ހޯމަ ދުވަހެއްގައެވެ.[1]
(ނުނިމޭ)
[1] ތާރީޚު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ރަސޫލާ ثور ފަރުބަދައިގެ ހޮހަޅައަށް ވެދެވަޑައިގެންނެވީ 27 ޞަފަރު (622މ.) ވީ ބުރާސްފަތި ދުވަހެއްގެ ހަވީރު ވަގުތުގައި، އެކަލޭގެފާނު އަލްމައްކަތުލް މުކައްރަމާ އިން އަލްމަދީނަތުލް މުނައްވަރާ އަށް ހިޖްރަ އަށް ވަޑައިގަތުމުގެ ތެރޭގައެވެ. އެކަލޭގެފާނު ހޮހަޅަ ދޫކުރައްވައި ނުކުމެ ވަޑައިގަތީ ރަބީޢުލް އައްލް (ގްރެގޯރިއަން ކަލަންޑަރުން 20 ސެޕްޓެމްބަރ އަދި ޖޫލިއަން ކަލަންޑަރުން 7 ސެޕްޓެމްބަރ) ވީ ހޯމަ ދުވަހެއްގައެވެ. މި އުފާވެރި ދުވަސް ވެގެންދިޔައީ މުސްލިމުންގެ ހިޖްރީ ކަލަންޑަރު ފެށުމަށެވެ. ހިޖްރީ ޝަމްސީ ކަލަންޑަރު ޝީޢީން ބޭނުންކުރަން ފެށީ އޭގެ ހަ މަސް ކުރިންނެވެ. ދީން ޤަބޫލުނުކުރާ (އަލިފާނަށް އަޅުކަންކުރާ) މަޖޫސީންގެ ނަވްރޫޒު ފެސްޓިވަލް ފެށެނީ 20 މާޗް ގައެވެ. ބުރާސްފަތި ދުވަހު ދުނިޔޭގެ ހުރިހާ ތަނެއް ގައި ދުވާލާއި ރޭގަނޑުގެ ދިގުމިން އެއްވަރު ވީ އިރު، އެކަލޭގެފާނު މަޑުކުރެއްވީ ޤުބާގައި މަޑުކުރެއްވުމަށް ފަހު އެ ތަން ދޫކުރައްވައި ހުކުރު ދުވަހު ވަޑައިގަތުމަށް ފަހު މަދީނާ އަށް ވެންނެވީ ހަމަ އެ ދުވަހު އެވެ. ހަމަ އެ އަހަރުގެ މުޙައްރަމް މަހުގެ 1 ވަނަ ދުވަހަކީ (16 ޖޫން ވީ ހުކުރު) ހިޖްރީ ޤަމަރީ ކަލަންޑަރުގެ ފެށުން ކަމަށެވެ. އެ ޤަމަރީ (ހަނދު) އަހަރުގެ އާ އަހަރުގެ ދުވަހަކަށް ވީ ޖުލައި 16 ވީ ހުކުރު ދުވަހެވެ.