ހެޔޮބަސް
އީމާންކަމާއި އިސްލާމްކަން - 9
ތަރުޖަމާ: ޑރ. ޢަބްދުލް ޙަންނާނު ވަޙީދު
މިއީ، 18 ވަނަ ޤަރުނުގެ ފަހުކޮޅާއި، 19 ވަނަ ޤަރުނުގެ ކުރީކޮޅު އުޅުއްވި ފުންނާބު އުސް ޢިލްމުވެރިއެއް ކަމަށް ވާ مولانا ضياء الدّين خالد العثماني البغدادي ފާރިސީ ބަހުން އެންމެ ފުރަތަމަ ލިޔުއްވާފައިވާ إعتقاد نامه މި ނަން ކިޔޭ ފޮތުގެ ތަރުޖަމާ އެވެ. މި ފޮތް އެންމެ ފުރަތަމަ ޗާޕުކުރެވުނީ ހިޖުރައިން 1312 ގައި މިޞްރު ގައެވެ. މި ދިވެހި ތަރުޖަމާ އަކީ، މި ފޮތުގެ "އީމާން އަދި އިސްލާމް" މި ނަމުގައި ކޮށްފައިވާ ޢަރަބި އަދި އިނގިރޭސި ތަރުޖަމާގެ ތަރުޖަމާއެކެވެ.
(ކުރީގެ ޢަދަދާ ގުޅޭ)
އިސްލާމް ކަމުގެ ރުކުންތައް
އިސްލާމްކަމުގެ ހަތަރު ވަނަ ރުކުން
އިސްލާމްކަމުގެ ހަތަރު ވަނަ ރުކުނަކީ، "ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ރޯދަހިފުމެވެ". ރޯދަ އަށް ކިޔެނީ صوم އެވެ. صوم ގެ މާނަ އަކީ، އެއްޗެއް އެހެން އެއްޗެއްގެ ކިބައިން ރައްކާތެރިކުރުމެވެ. އިސްލާމް ދީނުގައި صوم ގެ މާނަ އަކީ، اللّه تعالى އަންގަވާފައިވާ ފަދައިން ރަމަޟާން މަހުގެ ދުވަސްތަކުގެ ތެރޭގައި މީހަކު ތިން ކަމަކުން އެ މީހެއްގެ ނަފްސު ރައްކާތެރިކުރުމެވެ. އެއީ: ކެއުމާއި، ބުއިމާއި، ޖިންސީ ގުޅުން ހިންގުމެވެ. ރަމަޟާން މަސް ފެށެނީ ހުޅަނގު ފަރާތު އުދަރެހުން އާ ހަނދު ފެނުމުންނެވެ. އެ ދުވަސް ކަލަންޑަރު ގައި ފާހަގަކޮށްފައިވާ ދުވަހުގައި ނުފެށި ހިނގައިދާނެ އެވެ.
އިސްލާމްކަމުގެ ފަސް ވަނަ ރުކުން
އިސްލާމްކަމުގެ ފަސް ވަނަ ރުކުނަކީ، ކެރިކުޅަދާނަވެގެންވާ މީހާ ޢުމުރުން އެއް ފަހަރު ޙައްޖުގެ އަޅުކަން އަދާކުރުމެވެ. އޭނާ އެނބުރި އަންނަންދެން އޭނާގެ ޢާއިލާ އަށް ފުދިގެން އުޅެވޭ ވަރަށް ބޭނުންވާ މުދަލުގެ އިތުރަށް މައްކާ އަށް ގޮސް އެނބުރި އާދެވޭ ވަރަށް ފައިސާ ހުންނަ ކެރިކުޅަދާނަވެގެންވާ ކޮންމެ މީހަކު ސަލާމަތާއި ޞިއްޙަތަށް ގެއްލުންނުވާނެ ގޮތަށް ޢުމުރުން އެއްފަހަރު ގެފުޅު ވަށައިގެން ޠަވާފުކުރުމާއި، ޢަރަފާތު ބިމުގައި ވަޤްފާ އަދާކުރުމަކީ ފަރްޟެކެވެ.
"ކީރިތި ރަސޫލާ (صلّى اللّه عليه وسلّم) ގެ އަރިހުން މި ޖަވާބުތައް އަޑުއިވުމަށް ފަހު، އެ މީހަކު ބުނީ، 'އޭ اللّه ގެ ރަސޫލާ އެވެ! ކަލޭގެފާނު ޙަދީޘްކުރެއްވީ ތެދުފުޅެކެވެ'. عمر (رضي اللّه عليه) ވިދާޅުވި އެވެ. ސުވާލެއް ކުރައްވައި، އޭގެ ޖަވާބު ރަނގަޅުކަމަށް ޔަޤީންކޮށްދެއްވި އެ ބޭފުޅެއްގެ ޢަމަލުތައް ހުރި ގޮތުން ޞަޙާބީ ބޭކަލުން ވަރަށް ޙައިރާންވި އެވެ. މީހަކު ސުވާލެއް ކުރަނީ ނޭނގޭ އެއްޗެއް ދަސްކުރަން ކަމުގައި ވިޔަސް؛ "ތި ވިދާޅުވީ ތެދެއް" މިހެން ބުނުމުން ދޭހަވަނީ އެ ޖަވާބު އޭރު ވެސް އެނގޭ ކަމެވެ.
މަތީގައި ބަޔާންކުރެވިފައިވާ ފަސް ރުކުނުގެ ތެރެއިން އެންމެ މަތިވެރި ރުކުނަކީ، ޝަހާދަތުގެ ދެ ކަލިމަ ކިޔައި އޭގެ މާނަ ޤަބޫލުކުރުމެވެ. ދެން އެންމެ މަތިވެރި ރުކުނަކީ، ނަމާދުކުރުމެވެ. އެއާ ޖެހިގެން ރޯދަ ހިފުމެވެ. އޭގެ ފަހުން ޙައްޖެވެ. އެންމެ ފަހު ރުކުނަކީ ޒަކާތް ދިނުމެވެ. އެންމެން އިއްތިފާޤުވެ ޔަޤީންވާ ގޮތުގައި، ޝަހާދަތުގެ ދެ ކަލިމަ އަކީ އެންމެ މަތިވެރި ރުކުނެވެ. އަނެއް ހަތަރު ރުކުނުގެ ތަރުތީބާ މެދު ގިނަ އިސްލާމީ ޢިލްމުވެރިން ވިދާޅުވަނީ މަތީގައި ބަޔާންކުރެވިފައިވާ ގޮތަށެވެ. އިސްލާމް ދީން ފެށިގެން އައި އިރު، އެންމެ ފުރަތަމަ ފަރްޟަކަށް ވީ ޝަހާދަތުގެ ދެ ކަލިމަ އެވެ. ކޮންމެ ދުވަހަކު ފަސް ފަހަރު ނަމާދުކުރުން ފަރްޟަކަށް ވީ، މިޢްރާޖު ރޭ ގައި بِعْثَة ގެ ބާރަ ވަނަ އަހަރު އަދި ހިޖްރައިގެ މަސްތަކެއް ކުރިންނެވެ. ޒަކާތްދިނުން ފަރްޟަކަށް ވީ ރަމަޟާން މަހެއްގައި ރޯދަ ވެސް ފަރްޟަކަށް ވީ އަހަރުގައެވެ. އަދި ޙައްޖު ފަރްޟަކަށް ވީ ހިޖްރައިން[1] ނުވަ ވަނަ އަހަރުގައެވެ.
މީހަކު މި ފަސް ރުކުނުން ކުރެ ރުކުނެއް ޤަބޫލުނުކޮށް، އީމާން ނުވެ، އަދާކުރަން އިދިކޮޅުހަދައި، ޖޯކުޖަހާ ހަދާ ކަމުގައި ވާ ނަމަ، އެ މީހަކު ވާނީ ދީން ޤަބޫލުނުކުރާ މީހަކަށެވެ. اللّه އަޅަމެން ރައްކާތެރިކޮށް ދެއްވާދޭވެ! ހަމަ އެއާއެކު، ދަންނަބޭކަލުންގެ އިޖްމާޢުން ޙަލާލް ކަމަށް ނުވަތަ ޙަރާމް ކަމަށް ސާފުކޮށް ކަންޑައެޅިފައިވާ އެއްވެސް ކަމެއް ޤަބޫލުނުކުރާ ނުވަތަ ޙަރާމަކީ ޙަލާލް ކަމަށް ނުވަތަ ޙަލާލަކީ ޙަރާމް ކަމަށް ބުނާ މީހަކު ވާނީ ދީން ޤަބޫލުނުކުރާ މީހަކަށެވެ. އިސްލާމް ދީނުގައި އަންގަވާފައިވާ ކަމަށް މުސްލިމު ޤައުމުތަކުގެ ދަންނަ މީހުންނާއި ނުދަންނަ މީހުންނަށް ވެސް އެނގޭ ފަދަ ކަންތައްތައް ޤަބޫލުނުކުރާ ނުވަތަ ނުރުހޭ މީހަކު ވާނީ ދީން ޤަބޫލުނުކުރާ މީހަކަށެވެ. އާދައިގެ މީހަކަށް އިސްލާމް ދީނުގައި އަންގަވާފައިވާ އެކަމަކު އެހާ ޢާއްމުކޮށް މީހުންނަށް ނޭނގޭ ފަދަ ކަމެއް ނޭނގޭ ކަމުގައި ވާ ނަމަ، އޭނާ ކާފިރަކަށް ނުވާނެ އެވެ. އަދި ފާފަވެރިއެއް ނުވާނެ އެވެ.
(ނުނިމޭ)
[1] ނަމާދާއި، ޒަކާތާއި، ޙައްޖާއި، މިޢްރާޖާ ބެހޭ ތަފްޞީލު މަޢުލޫމާތު، އިންޑްލެސް ބްލިސް މި ފޮތުގެ ހަތަރު ވަނަ ބަޔާއި، އެ ފޮތުގެ ފަސް ވަނަ ބައިގެ އެއްވަނަ، ދެވަނަ އަދި ހަތްވަނަ ބާބުންނާއި، އެ ފޮތުގެ ތިން ވަނަ ބައިގެ ހަވަނަ ބާބުން ލިބެން ހުންނާނެ އެވެ. بِعثة ގެ މާނަ އަކީ، اللّه تعالى ބަރަކާތްލައްވާފައިވާ جبريل (عليه السّلام) އެކަލާނގެ ލޮބުވެތި ރަސޫލާ ގެ އަރިހަށް، އެކަލޭގެފާނަކީ އެންމެ ފަހުގެ ރަސޫލާކަމަށް ވިދާޅުވެދެއްވުމަށް ފޮނުއްވުމެވެ. هجرة ގެ މާނަ އަކީ، رسول اللّه (صلّى اللّه عليه وسلّم) މައްކާ އިން މަދީނާ އަށް ހިޖްރަކުރެއްވުމެވެ.