ހެޔޮބަސް

އީމާންކަމާއި އިސްލާމްކަން 8

ޑރ. ޢަބްދުލްޙަންނާނު ވަޙީދު
އިތުރަށް ވިދާޅުވުމަށް
2 weeks ago

ތަރުޖަމާ: ޑރ. ޢަބްދުލް ޙަންނާނު ވަޙީދު

މިއީ، 18 ވަނަ ޤަރުނުގެ ފަހުކޮޅާއި، 19 ވަނަ ޤަރުނުގެ ކުރީކޮޅު އުޅުއްވި ފުންނާބު އުސް ޢިލްމުވެރިއެއް ކަމަށް ވާ مولانا ضياء الدّين خالد العثماني البغدادي ފާރިސީ ބަހުން އެންމެ ފުރަތަމަ ލިޔުއްވާފައިވާ إعتقاد نامه މި ނަން ކިޔޭ ފޮތުގެ ތަރުޖަމާ އެވެ. މި ފޮތް އެންމެ ފުރަތަމަ ޗާޕުކުރެވުނީ ހިޖުރައިން 1312 ގައި މިޞްރު ގައެވެ. މި ދިވެހި ތަރުޖަމާ އަކީ، މި ފޮތުގެ "އީމާން އަދި އިސްލާމް" މި ނަމުގައި ކޮށްފައިވާ ޢަރަބި އަދި އިނގިރޭސި ތަރުޖަމާގެ ތަރުޖަމާއެކެވެ.

(ކުރީގެ ޢަދަދާ ގުޅޭ)

އިސްލާމް ކަމުގެ ރުކުންތައް

އިސްލާމްކަމުގެ ދެވަނަ ރުކުން

އިސްލާމްކަމުގެ 5 ރުކުން ގެ ތެރެއިން ދެވަނަ ރުކުނަކީ، ކޮންމެ ނަމާދެއްގެ ވަގުތު ޖެހުމުން ދުވާލަކު ފަސް ފަހަރު ނަމާދު (صلاة) ކުރުމެވެ. ކޮންމެ ދުވަހަކު އެ ނަމާދަކަށް ކަނޑައެޅިފައިވާ ވަގުތުގައި ފަސް ފަހަރު ނަމާދުކުރުމަކީ، ކޮންމެ މުސްލިމެއްގެ މައްޗަށް ފަރްޟެކެވެ.[1] ނަމާދެއްގެ ވަޤުތަށް ވުރެ ކުރިން އެ ނަމާދެއް ކުރުމަކީ ބޮޑުވެގެންވާ ފާފައަކަށް ވާއިރު، މި ބޮޑު ފާފަ އަށް އަރައިގަތުމަށް މެދުވެރިވަނީ، ޖާހިލު އަދި ލާމަޒްހަބީ މީހުން ތައްޔާރުކުރާ ގޯސް ކަލަންޑަރުތައް ބޭނުންކުރުން ކަމަށް ވާ އިރު، އެ ފަދަ ނަމާދު ޞައްޙައެއް ނުވާނެ އެވެ. (ލާމަޒްހަބީ މީހުންނަކީ، ހަތަރު މަޒްހަބުން ކުރެ އެއްވެސް މަޒްހަބަކަށް ތަބަޢަނުވާ މީހުންނެވެ.) މި ނުބައި އިރުޝާދުގެ ސަބަބުން ޢަޞްރު ނަމާދުގެ ރަވާތިބު ސުންނަތާއި، މަޣްރިބު ނަމާދު كَرَاهَة ގެ ވަގުތު ގައި ކުރުމަށް މެދުވެރި ވެއެވެ. (كَرَاهَة ގެ ވަގުތު ވަނީ އިންޑްލެސް ބްލިސް ގެ ހަތަރު ވަނަ ބަޔާއި، مفتاح الجَنًّة ގެ ބޭރުގަނޑުގެ އެތެރޭގައި އޮޅުންފިލުވައިދީފައެވެ.) ނަމާދު އަދާ ކުރަންޖެހޭނީ، ފަރްޟާއި، ވާޖިބާއި، ސުންނަތަށް ސަމާލުކަންދީ، اللّه تعالى އަށް ވަޟަޢަވެރި ކަމާ އެކު ހިތް ޚަލާޞްކޮށް، އެ ނަމާދެއްގެ ވަގުތު ފާއިތުވުމުގެ ކުރިންނެވެ. ކީރިތި ޤުރްއާނު ގައި ނަމާދަށް ކިޔެނީ صلاة އެވެ. صلاة ގެ މާނަ އަކީ، އިންސާނާގެ ނަމާދާއި، މަލާއިކަތް ބޭކަލުންގެ އިސްތިޣްފާރާއި، اللّه تعالى ގެ ރަޙްމަތާއި، އޯގާތެރިކަން ލިބުމެވެ. އިސްލާމް ދީނުގައި صلاة ގެ މާނަ އަކީ، ވަކި ޙަރަކާތްތަކެއް ކޮށް، ޢިލްމުވެރިންގެ ފޮތްތަކުގައި ވާ ގޮތަށް ވަކި އެއްޗެއް ކިޔުމެވެ. ނަމާދު ފެށެނީ تكبير الإستقغفار އޭ ކިޔުނު اللّه أكبر މި ކަލިމަތައް ދެ ކަންފަތާ ހަމަޔަށް އަތް އުފުލައި، (ފިރިހެނުން) ދެ އަތް އެއް އަތް އަނެއް އަތް މަތީގައި، (ފިރިހެނުން) ފޫޅުގެ ތިރީގައި ބާއްވާ އިރު ކިޔާ ނިންމާލުމުންނެވެ. ނަމާދު ނިމެނީ، އެންމެ ފަހު އައްތަޙިއްޔާތަށް ފަހު ކޮނޑުގެ ކަނާތްފަރާތަށާއި، ވާތްފަރާތަށް ބޯ އަނބުރަމުން ސަލާމް ދިނުމުންނެވެ.

އިސްލާމްކަމުގެ ތިން ވަނަ ރުކުން

އިސްލާމްކަމުގެ ތިން ވަނަ ރުކުނަކީ، އެ މީހެއްގެ މުދަލުން ޒަކާތް ދިނުމެވެ. زكاة ގެ لُغَوِي މާނަ އަކީ، ސާފުކަމާއި، ތަޢުރީފުކުރުމާއި، ރަނގަޅު އަދި ރިވެތި ވުމެވެ'. އިސްލާމް ދީނުގައި ޒަކާތުގެ މާނަ އަކީ، 'ޒަކާތް ދޭންޖެހޭ މުދާ އޭނާ ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ވަކި މިންވަރަކަށް ނިސާބަށް ހުންނަ މީހަކު އޭނާގެ މުދަލުން ވަކި މިންވަރެއް ވަކިކޮށް ޤުރްއާނު ގައި ބަޔާންކޮށްފައިވާ ފަދައިން މުސްލިމުންނަށް ދިނުމެވެ'. ޒަކާތް ދެވެނީ ހަތް ވައްތަރެއްގެ މީހުންނަށެވެ. ހަތަރު މަޒްހަބުގައި ވެސް ހަތަރު ވައްތަރެއްގެ ޒަކާތް ވެއެވެ. އެއީ: (1) ރަނާއި ރިހިން ދޭ ޒަކާތް، (2) ވިޔަފާރި މުދަލުން ދޭ ޒަކާތް، (3) ބައި އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ދަނޑުތަކުން ހުއިހައްޕާފައިވާ ޖަނަވާރުތަކުން (ކަންބަޅި ބަކަރި، ބަކަރި އަދި ގެރި) ދޭ ޒަކާތް، އަދި (4) ބިމުން ނަގާ ހުރިހާ ވައްތަރެއްގެ މަޢުދަނުން ދޭ ޒަކާތެވެ. عُشر ގެ ނަމުން ނަންދެވިފައިވާ މި ހަތަރު ވަނަ ވައްތަރުގެ ޒަކާތް ދެވެނީ ދަނޑުގޮވާން ކަނޑާހާ އަވަހަކަށެވެ. އަނެއް ތިން ވައްތަރުގެ ޒަކާތް ދައްކަންޖެހެނީ ނިޞާބު ހަމަވާތާ އެއް އަހަރު ފަހުންނެވެ.

(ނުނިމޭ)

[1]  ނަމާދާބެހޭ ތަފްޞީލީ މަޢުލޫމާތު ހޯދުމަށް އިންޑްލެސް ބްލިސް ގެ ހަތަރު ވަނަ ބައި ކިޔާށެވެ. ހަމައެހެންމެ، مفتاح الجَنًّة ގެ ނަމުން ނަންދެވިފައިވާ ފޮތް ވެސް ކިޔާށެވެ. އެ ފޮތުގެ އިނގިރޭސި ތަރުޖަމާ ތުރުކީގެ އިސްތަންބޫލުގެ ޙަޤީޤަތު ކިތާބެވީން ލިބިވަޑައިގަންނަވާނެ އެވެ.

ޚިޔާލުތައް

0 ޚިޔާލު
Eymaankamaai islaamkan