ހެޔޮބަސް
އީމާންކަމާއި އިސްލާމްކަން 6
ތަރުޖަމާ: ޑރ. ޢަބްދުލް ޙަންނާނު ވަޙީދު
މިއީ، 18 ވަނަ ޤަރުނުގެ ފަހުކޮޅާއި، 19 ވަނަ ޤަރުނުގެ ކުރީކޮޅު އުޅުއްވި ފުންނާބު އުސް ޢިލްމުވެރިއެއް ކަމަށް ވާ مولانا ضياء الدّين خالد العثماني البغدادي ފާރިސީ ބަހުން އެންމެ ފުރަތަމަ ލިޔުއްވާފައިވާ إعتقاد نامه މި ނަން ކިޔޭ ފޮތުގެ ތަރުޖަމާ އެވެ. މި ފޮތް އެންމެ ފުރަތަމަ ޗާޕުކުރެވުނީ ހިޖުރައިން 1312 ގައި މިޞްރު ގައެވެ. މި ދިވެހި ތަރުޖަމާ އަކީ، މި ފޮތުގެ "އީމާން އަދި އިސްލާމް" މި ނަމުގައި ކޮށްފައިވާ ޢަރަބި އަދި އިނގިރޭސި ތަރުޖަމާގެ ތަރުޖަމާއެކެވެ.
(ކުރީގެ ޢަދަދާ ގުޅޭ)
އިސްލާމް ކަމުގެ ރުކުންތައް
ހުރިހާ ދުނިޔެއެއް ހައްދަވައި، ހުރިހާ ހެވަކާއި، ރަނގަޅެއްގެ ނިޢުމަތް ދެއްވައި، ދުވަހަކު ވެސް ނިދި އަވަހާރަފުޅުލެއްޕެވުމެއް ނުވާ اللّه تعالى ދެއްވި ބާރާ އެކު، އަޅުގަނޑުމެން މި މަސައްކަތްކުރަނީ، ކީރިތި ރަސޫލާ (صلّى اللّه تعالى عليه و سلّم) ގެ ޙަދީޘްފުޅެއް ޝަރަޙަކުރެވޭ ތޯއެވެ.
ތެދުވެރިކަމާއި، ޢަދުލުވެރިކަމާއި، ހިތްވަރުގަދަ ކަމަށް މަޝްހޫރު އަދި ޞަޙާބީ ބޭކަލުން (رضون اللّه عليهم) ގެ ތެރެއިން އެންމެ މަތިވެރި އެއް ބޭކަލަކު ކަމުގައިވާ މުސްލިމުންގެ އިމާމު عمر بن الخطاب (رضي الله عليه) ވިދާޅުވެފައި ވެއެވެ.:
"އެއް ދުވަހެއް ގައި އަޅުގަނޑުމެން ޞަޙާބީންގެ ތެރެއިން މަދު ބޭކަލުންކޮޅެއް ކީރިތި ރަސޫލާ ﷺ ގެ އަރިހުގައި ތިބި ދުވަހެކެވެ. އެ ދުވަހު ގެ އެ ގަޑި އަކީ ވަރަށް މާތްވެގެންވީ ދުވަހަކާއި ގަޑިއަކަށް ވިއެވެ. އެހެނީ، އެ ދުވަހަކީ، އެ ދުވަހެއް ގައި ކީރިތި ރަސޫލާގެ އަރިހުގައި އެކަލޭގެފާނާ އެކު ވެ، ރޫޙުތަކުގެ ކާނާ ކަމުގައިވާ، ނަފްސުތަކުގެ ހިތްހަމަޖެހުން ކަމުގައިވާ، އަދި ހިތްތަކުގެ ޝިފާއެއް ކަމުގައިވާ އެ ކަލޭގެފާނުގެ ރިވެތި މޫނުކޮޅު ފެނިގެންދިޔަ ދުވަހެވެ. އެ ދުވަހު اللّه تعالى އަޅުގަނޑުމެންނަށް جبريل (عليه السّلام) އިންސާނެއްގެ ސިފައިގައި ފެނި، އެކަލޭގެފާނުގެ އަޑު އިވުމުގެ ނިޢުމަތް ލިބިގެންދިޔަ އެވެ. އަދި އަޅުތަކުންނަށް އެނގެންވީ ކަންތައްތައް ކިރިތި ރަސޫލާ އަނގަފުޅުން ވަރަށް ސާފު ޞަރީޙަކޮށް ކިޔައިދެއްވި އެވެ. އެ ދުވަސް ވެގެންދިޔައީ ވަރަށް ވެސް މަތިވެރި ދުވަހަކަށެވެ". إبن الخطاب (رضي اللّه عليه) ވިދާޅުވިއެވެ.
"އެ ވަގުތު އަޅުގަނޑުމެންގެ ކައިރިއަށް، އަރަމުން އަންނަ ހަނދެއް ފަދަ ބޭފުޅަކު ވަޑައިގަތެވެ. އެ ބޭފުޅާގެ ހެދުން ވަރަށް ހުދެވެ. ބޮލުގެ އިސްތަށިގަނޑު ވަރަށް ކަޅެވެ. ދަތުރުކުރުމުގެ އެއްވެސް އަސަރެއް އެ ކަލޭގެފާނުގެ ކިބަޔަކުން ނުފެނެއެވެ. އަޅުގަނޑުމެން ޞަޙާބީންގެ އެއްވެސް ބޭކަލަކަށް އެ ބޭކަލަކު ނޭނގެއެވެ. އަދި ކީރިތި ރަސޫލާގެ ކަކޫފުޅާ ކައިރިވާ ގޮތަށް އިށީނދެވަޑައިގަތެވެ. އިންސާނެއް ގޮތަށް ފެނުނު މި ބޭކަލަކީ جبريل (عليه السّلام) އެވެ. އެކަލޭގެފާނު އިށީނދެވަޑައިގަތް ގޮތަކީ، އިށީނުމުގެ އަދަބާ ޚިލާފު ގޮތަކަށް ވިޔަސް، އެއިން ވަރަށް މުހިއްމު ކަމެއް ދަސްކޮށްދިނެވެ. އެއީ، ދީނީ ޢިލްމު އުނގެނުމުގައި ލަދުވެތިކަމަށް ޖާގައެއް ނެތް ކަމާއި، ޢިލްމު އުނގަންނައިދޭ مُعَلِّمْ ގެ ކިބައިގައި ވެސް ކިބުރުވެރިކަމާއި ބޮޑާކަން ހުރުމަކީ ރަނގަޅު ކަމެއް ނޫން ކަމެވެ. جبريل ގެފާނު ޞަޙާބީ ބޭކަލުންނަށް ދައްކަވަން ބޭނުންފުޅުވި ކަމަކީ، ކޮންމެ މީހަކު ވެސް އިސްލާމް ދީނާ ބެހޭ ގޮތުން އޮޅުންފިލުވަން ބޭނުން ކޮންމެ ކަމަކާ ބެހޭ ގޮތުން މިނިވަން ކަމާއެކު ސުވާލުކޮށް އުނގެނުމަށެވެ. އެހެނީ، އިސްލާމް ދީން އުނގެނުމާއި، އުނގަންނައިދިނުމުގައި ލަދެއް ނެތެވެ. ހަމައެހެންމެ، الله تعالى އަށް އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމުގައި ވެސް އެއްވެސް ލަދުވެތި ކަމެއް އޮވެގެންނުވާނެ ކަމެވެ.
"އެ މާތް ކަލޭގެފާނު އެކަލޭގެފާނުގެ ދެ އަތްޕުޅު ރަސޫލާ ﷺ ގެ ބަރަކާތްތެރި ކަކޫފުޅު ގައި ބޭއްވެވުމަށް ފަހު ވިދާޅުވި އެވެ. "އޭ اللّه ގެ ރަސޫލާ އެވެ. إسلام އަކީ ކޮބައި ކަމާއި مُسلم އަކަށް ވެވޭނީ ކިހިނެއް ކަން ވިދާޅުދެއްވާށެވެ."
لُغَوِيْ ގޮތުން إسلام ގެ މާނަ އަކީ، "މީހަކުގެ ބޯ ކިޔަމަންގަތުމުގެ ގޮތުން ތިރިކުރުމެވެ". އަދި شريعة ގައި إسلام މި ކަލިމައަކީ، އިސްލާމް ކަމުގެ 5 ރުކުނަށް ޖުމްލަ ގޮތެއް ގައި ކިޔޭ ނަމެވެ. (ނުނިމޭ)