ހެޔޮބަސް
އީމާންކަމާއި އިސްލާމްކަން 5
ތަރުޖަމާ: ޑރ. ޢަބްދުލް ޙަންނާނު ވަޙީދު
މިއީ، 18 ވަނަ ޤައުނުގެ ފަހުކޮޅާއި، 19 ވަނަ ޤަރުނުގެ ކުރީކޮޅު އުޅުއްވި ފުންނާބު އުސް ޢިލްމުވެރިއެއް ކަމަށް ވާ مولانا ضياء الدّين خالد العثماني البغدادي ފާރިސީ ބަހުން އެންމެ ފުރަތަމަ ލިޔުއްވާފައިވާ إعتقاد نامه މި ނަން ކިޔޭ ފޮތުގެ ތަރުޖަމާ އެވެ. މި ފޮތް އެންމެ ފުރަތަމަ ޗާޕުކުރެވުނީ ހިޖުރައިން 1312 ގައި މިޞްރު ގައެވެ. މި ދިވެހި ތަރުޖަމާ އަކީ، މި ފޮތުގެ "އީމާން އަދި އިސްލާމް" މި ނަމުގައި ކޮށްފައިވާ ޢަރަބި އަދި އިނގިރޭސި ތަރުޖަމާގެ ތަރުޖަމާއެކެވެ.
(ކުރީގެ ޢަދަދާ ގުޅޭ) އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި، ދިރިހުރި ތަކެތީގެ ދަރަޖަތައް ވަނީ، ޙައިރާންކުރުވަނިވި ހާ ތަރުތީބަކުންނެވެ. އަދި ކޮންމެ އަހަރަކު ވެސް ސައިންސް ގެ ހޯދުންތަކުން މި ތަރުތީބުގެ އާ ޤާނޫނުތައް ފެނެއެވެ. މި ތަރުތީބު އުފައްދަވާފައިވާ ޚާލިޤަކީ ޔަޤީނުން ވެސް حيّ (އަބަދަށް ދެމިވޮޑިގެންވާ)، عالِم (ހުރިހާ ކަމެއް ދެނެވޮޑިގެންވާ)، قادِر (ކުޅަދުންވަންތަ)، مُرِيد (ހުރިހާ ކަމެއްގެ އިރާދަކުރައްވާ)، سامِع (ހުރިހާ އެއްޗެއް އައްސަވާ ވޮޑިގެންވާ)، بصير (ހުރިހާ އެއްޗެއް ދެކެވޮޑިގެންވާ)، مُتَكلِّم (ހުރިހާ ބަހެއް ދެނެވޮޑިގެންވާ)، خالِق (އުފައްދަވާ)[1] މި ސިފަތަކުގެ ވެރި ރަސްކަލާނގެ އެވެ. އެހެނީ، މަރާއި، ޖާހިލުކަމާއި، ޤާބިލުނުވުން ނުވަތަ އެހެން ފަރާތެއްގެ މަޖްބޫރުގެ ދަށުގައި ހުރުމާއި، ބީރުކަމާއި، ކަނުކަމާއި، ގަމާރުކަމަކީ އުނިކަންތައްތަކެވެ. މިފަދަ އުނި ސިފަތައް، މި عالَم ނުވަތަ كائنات (ވާހާ އެއްޗެއް) މިފަދަ ފުރިހަމަ ތަރުތީބަކުން އުފައްދަވައި، އެ އެއްޗެތި ނެތިގެންދިއުމުން[2] ރައްކާތެރިކޮށްދެއްވާ އެ ފަރާތުގެ ކިބައިގައި ހުރުމަކީ މުސްތަޙީލު ކަމެކެވެ.
ހަމަ އެއާއެކު ދަންނަވަންޖެހެނީ، މި ހުރިހާ ޢާލަމްތަކެއް އުފެއްދެވި ފަރާތަކީ ހުރިހާ ފުރިހަމަކަމަކާއި، މަތިވެރި ކަމެއްގެ ވެރި ފަރާތްކަމާއި، އުނި ސިފަތަކުން ދުރުވެގެންވާ ފަރާތް ކަމަށާއި، އެހެނީ، އުނިސިފަތައް ހުންނަ ފަރާތެއް އުފައްދަވާ ފަރާތަކަށް ނުވާނެ ކަމަށެވެ.
މި ހެކިތަކުގެ އިތުރަށް ވެސް، ކީރިތި ޤުރްއާނުގެ އާޔަތްތަކާއި، ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުން ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް އޮޅުންފިލުވައިދެނީ، اللّه تعالى ގެ ކިބަފުޅުގައި ހުރި ފުރިހަމަ ސިފަފުޅުތަކެވެ. އެހެންކަމުން، އެ ސިފަފުޅުތަކާ މެދު ޝައްކުކުރުން ޖާއިޒެއް ނޫނެވެ. އެހެނީ، އެ ކަމާ މެދު ޝައްކުކުރުމަކީ، ކާފިރު ވާ ސަބަބެކެވެ. މަތީގައި ބަޔާންކުރެވިފައިވާ 8 ސިފަފުޅުތަކަށް ކިޔޭ ނަމަކީ، الصِّفات الثبُوتِيّة އެވެ. اللّه تعالى ގެ ކިބަފުޅުގައި ފުރިހަމަކަމުގެ ހުރިހާ އަށް ސިފައެއް ވެއެވެ. اللّه تعالى ސިފަކުރެވިފައިވަނީ ހުރިހާ ފުރިހަމަ ސިފަތަކުންނެވެ. އަދި އެކަލާނގެ ޒާތުފުޅާއި، ސިފަތަކާއި، ޢަމަލުފުޅުތަކުގައި އެއްވެސް އުނިކަމެއް، މަދުވުމެއް ނުވަތަ ބަދަލެއް ނެތެވެ. صفات الذاتية އާއި صفات الثبُوتِيّة އަށް ކިޔެނީ أُلُوهِيّة ގެ ސިފަތައް ކަމަށެވެ. މަޚްލޫޤެއްގެ ކިބައިގައި أُلُوهِيّة ގެ ޞިފަތައް ހުރި ކަމަށް ޤަބޫލުކުރާ މީހަކު ވާނީ މުޝްރިކަކަށެވެ. (ނުނިމޭ)
[1] اللّه تعالى ގެ صفات الثبُوتِيّة ގެ އަށް ސިފައެވެ.
[2] އެޓޮމް އާއި ތަރިތަކަށް ދާންދެން ހުރިހާ އެއްޗެއް ހައްދަވާފައިވަނީ ވަކި ހިސާބުތަކެއް ޖެހިގެން ވަކި ހަމަތަކެއްގެ މަތިންނެވެ. ފިޒިކްސް އާއި ކެމިސްޓްރީ އާއި، އެސްޓްރޮނޮމީ އާއި، ބަޔޮލޮޖީ ޢިލްމުތަކުގައި މިހާތަނަށް އެނގިފައިވާ ޤާނޫނުތަކުގެ ހަމަތައް، އިންސާނާގެ ސިކުނޑި ޙައިރާންކޮށްލައެވެ. އަދި ޑާވިން އަށް ވެސް ބުނަންޖެހުނީ، އޭނާ ލޮލުގެ ސްޓްރަކްޗަރގެ ތަރުތީބާއި، ނާޒުކުކަމާ ދޭތެރޭ އޭނާ ވިސްނުމުން، އޭނާ މޮޔަވެދާނެ ކަމަށް ހީކުރެވުނު ކަމަށެވެ. ވަޔަކީ، ނައިޓްރޯޖަން (%78) އާއި، އޮކްސިޖަން (%21) އާއި، މަތިވެރި (ޙަރަކާތްނުކުރާ) ގޭސްތަކެއް (%1) އެކުވެގެން އުފެދިފައިވާ އެއްޗެކެވެ. އެއީ، އެއްކުރެވިފައިވާ އެއްޗެކެވެ. އެކުލެވިފައިވާ އެއްޗެއް ނޫނެވެ. ވައިގެ ތެރޭގައި އޮކްސިޖަން 21 ޕަސެންޓަށް ވުރެ ގިނައިން ހުންނަ ނަމަ، އަހަރެމެންގެ ފުއްޕާމޭ އަނދައިގެންދާނެ އެވެ. އަދި 21 ޕަސެންޓަށް ވުރެ މަދުން ހުންނަ ނަމަ، ލޭގައި ހުންނަ ކާނާގެ މާއްދާތައް ވިރުވައެއް ނުލެވޭނެ އެވެ. އޭރުން، އިންސާނުންނާއި، ޖަނަވާރުންނަށް ދިރިތިބުމަކީ މުސްތަޙީލު ކަމަކަށް ވާނެ އެވެ. މި ޕަސެންޓޭޖް ކަމުގައިވާ 21 އެއްވެސް ގޮތަކަށް، އެއްވެސް އިރެއް ގައި، އަދި ކީއްތޯ ވާރޭ ވެހޭ އިރު ވެސް ބަދަލެއް ނުވެއެވެ. އެއީ، އޭގެ ޒާތުގައި ބޮޑުވެގެންވާ ނިޢުމަތެކެވެ. ލޯ އުފެދިފައިވާ ގޮތަކީ، މި މިޢަޖާޢިބާ އަޅާބަލާ އިރު، އެއްވެސް އެއްޗެއް ނޫނެވެ. ސައިންސް ގެ ޢިލްމުގެ ގޮތުގައި ކިޔަވައިދެވޭ ޤާނޫނުތަކާއި، ކަވި ކަލްކިއުލޭޝަންތަކާއި، ފޯމިއުލާތައް އުފެއްދެވި ފަރާތަކީ އުނިކަން ހުރި ފަރާތަކަށް ވެދާނެ ހެއްޔެވެ؟