ހެޔޮބަސް
އީމާންކަމާއި އިސްލާމްކަން 1
اللّه تعالى ގެ ޙަޟްރަތަށް އަދާކުރަންޖެހޭ ޝުކުރާއި، ހިތާއި، ދުލާއި، ހަށިގަނޑުން ކުރަންޖެހޭ އިންސާނީ ވާޖިބު اللّه تعالى ވަނީ ކަނޑައަޅުއްވައި، އެކަލާނގެ ރަސޫލާ (صلى اللّه عليه وسلم) ގެ ފަރާތުން އަންގަވާފައެވެ. اللّه تعالى ދައްކަވާ، އަންގަވާފައިވާ އިންސާނީ ވާޖިބުތަކަށް ކިޔާ ނަމަކީ إسلام އެވެ. އެކަލާނގެއަށް މީހަކު ޝުކުރުއަދާކުރުމަކީ، އެކަލާނގެ ރަސޫލާ އުނގަންނަވައިދެއްވި ގޮތަށް ތަބާވުމެވެ. މިގޮތާ ޚިލާފު އެއްވެސް ޝުކުރެއް އަދި އަޅުކަމެއް اللّه تعالى ބައްލަވައިނުގަންނަވައެވެ. އެއީ، އިންސާނުން ރިވެތިކަމަށް ބަލާ އެތައް ކަމަކީ، އިސްލާމް ދީނުގައި ހުއްދަކުރެވިފައިނުވާ އަދި ހުތުރު ކަމަށް ބެލެވޭ ކަންކަމެވެ.
އެހެންކަމުން، اللّه تعالى އަށް ޝުކުރު ދެންނެވުމުގައި، ބުއްދީގެ ހަމަތައް ޤަބޫލުކުރާ މީހުން، ކީރިތި ރަސޫލާ محمد (صلّى الله عليه وسلّم) ގެ ސުންނަތާ އެއްގޮތަށް އުޅެންވާނެ އެވެ. އެކަލޭގެފާނުގެ މަގަށް ކިޔާ ނަމަކީ، އިސްލާމް އެވެ. محمد (صلّى الله عليه وسلّم) އަށް ތަބާވާ މީހާ އަށް ކިޔެނީ މުސްލިމް އެވެ. اللّه تعالى އަށް ޝުކުރު ދެންނެވުމުގެ ގޮތުން محمد (صلّى الله عليه وسلّم) އަށް ތަބާވުމަކީ، عبادة (އަޅުކަންކުރުން) އެވެ. އިސްލާމްދީނުގައި އަންގަވާފައިވާ ކަންތައްތައް ބެހެނީ ދެބަޔަކަށެވެ. އެއީ: ދީނީ އަދި ޢިލްމީ އެންގެވުންތަކެވެ.
1) أصول الدّين ނުވަތަ އީމާންގެ އެންގެވުންތައް ކަމަށް ބުނެވޭ ހިތުގެ އަޑިން ޤަބޫލުކުރަންޖެހޭ އެންގެވުންތައް: ކުރުގޮތަކަށް ދަންނަވާ ނަމަ، އީމާން ގެ މާނައަކީ، محمد (صلّى الله عليه وسلّم) އުނގަންނަވައިދެއްވި ހަ ރުކުނާއި، އިސްލާމް ދީން ޤަބޫލުކުރުމާއި، ދީން ޤަބޫލުނުކުރުމުގެ ވާހަކަތަކާއި، ޝިޢާރުތައް ބޭނުންކުރުމުން ދުރުވުމެވެ. ދީން ޤަބޫލުނުކުރުމުގެ (ކުފްރުގެ) ޝިޢާރުތަކަކީ ކޮބައިކަން ކޮންމެ މުސްލިމަކު ވެސް ދަސްކޮށް އެ ޝިޢަރުތައް ބޭނުންކުރުމުން ދުރުވާންޖެހޭނެ އެވެ. އީމާންވާ މީހަކަށް ކިޔޭ ނަމަކީ މުސްލިމް އެވެ.
2) ހަށިގަނޑާއި ހިތުން އަދާކުރަންޖެހޭ އަޅުކަމާ ބެހޭ އެންގެވުންތަކާއި، ހަށިގަނޑާއި ހިތުން ދުރުވެގަންނަންޖެހޭ ކަންތައްތަކާ ބެހޭ އުނގެނުންތައް: އަދާކުރަންޖެހޭ ކަންތައްތަކާ ބެހޭ އެންގެވުންތަކަށް ކިޔޭ ނަމަކީ ފަރްޟް އެވެ. އަދި ނުކުރަންޖެހޭ ކަންތައްތަކަށް ކިޔޭ ނަމަކީ ޙަރާމް ކަންތަކެވެ. މި އެންގެވުންތަކަށް ކިޔޭ ނަމަކީ، فروض الدّين ނުވަތަ أحكام الإسلاميّة ނުވަތަ އިސްލާމް ދީނުގެ އެންގެވުންތަކެވެ.
[كلمة التوحيد ކިޔުމާއި، އެ ކަލިމައިން ފޯރުކޮށްދޭ ޙަޤީޤަތް ޤަބޫލުކުރުމަކީ، ކޮންމެ މީހަކު ވެސް ފުރަތަމަ ކުރުން ޟަރޫރީ ކަމެކެވެ. كلمة التوحيد އަކީ لا إله إلاّ اللّه محمّدٌ رسول اللّه އެވެ. އަދި މާނައަކީ: "الله ފިޔަވައި އެހެން އިލާހަކު ނުވެއެވެ. مُحمّد (صلى الله عليه وسلم) އަކީ އެކަލާނގެ ރަސޫލާ އެވެ". މި ޙަޤީޤަތް ޤަބޫލުކުރުމުގެ މާނަ އަކީ، "އީމާން ވެ" "މުސްލިމަކަށް ވުމެވެ". އީމާންކަން ލިބިފައިވާ މީހާ އަށް ކިޔޭ ނަމަކީ، މުއުމިން (ދީން ޤަބޫލުކުރާ މީހާ) އަދި މުސްލިމް އެވެ. އީމާން ކަމަކީ، މެދުނުކެނޑި ވާންޖެހޭ އެއްޗެކެވެ. އެހެންކަމުން، ދީނުންބޭރުވާ ފަދަ ކަންތައްތަކާއި، ދީން ޤަބޫލުނުކުރުން (ކުފްރު) ރަމްޒުކޮށްދޭ ކަންތައްތަކުން ދުރުވުމަކީ، ކޮންމެހެން ޟަރޫރީ ކަމެކެވެ.
ކީރިތި ޤުރްއާނަކީ الله ގެ ވަޙީ ބަސްފުޅެވެ. الله تعالى އެކަލާނގެ ވަޙީ ބަސްފުޅު مُحمّد (صلّى الله عليه وسلّم) އަށް ވަޙީގެ ގޮތުގައި ފޮނުއްވީ جبريل (عليه السّلام) މި ނަން ކިޔޭ މަލާއިކަތް ބޭކަލެއްގެ ޒަރީޢާ އިންނެވެ. ކީރިތި ޤުރްއާން ގައި ބޭނުންކުރެވިފައިވާ ބަސްތައް ވަނީ ޢަރަބި ބަހުންނެވެ. އެކަމަކު، އެ ބަސްތައް އިންތިޒާމްކުރައްވާފައިވަނީ اللّه تعالى އެވެ. ކިރިތި ޤުރްއާން މި އަކުރުތަކާއި ކަލިމަތަކުން ދޭހަވާ މާނަ އިން ފޯރުކޮށްދެނީ كلام اللّه (اللّه تعالى ގެ ބަސްފުޅު) އެވެ. މި އަކުރުތަކާއި ކަލިމަތަކަށް (ޖުމްލަ ގޮތެއް ގައި) ކިޔޭ ނަމަކީ قرآن الكريم އެވެ. كلام اللّه އިން ދޭހަވާ މާނަ އަކީ ވެސް قرآن الكريم އެވެ. قرآن الكريم ގެ މި ޚާއްޞިއްޔަތު؛ މާނަ އަކީ، كلام اللّه އަކީ މަޚްލޫޤެއް ނޫނެވެ. އެއީ، اللّه تعالى ގެ އެހެން ސިފަތަކޭ އެއްގޮތަށް ދާއިމަށް އަބަދަށް ދެމިހުންނަ ކަމެކެވެ.
ކޮންމެ އަހަރަކު جبريل (عليه السّلام) اللّه ގެ ރަސޫލާ އަރިހަށް ވަޑައިގެން، އެހާތަނަށް ބާވައިލައްވާފައިވާ ކިރިތި ޤުރްއާން (ގެ އާޔަތްތައް) لوح المحفوظ[1] ގައި ލިޔެވިފައިވާ ތަރުތީބުން ކިޔައިދެއްވުމުން، ބަރަކާތްލެއްވިގެންވާ ރަސޫލާ މަލާއިކަތް ބޭކަލުންގެ ރައީސްގެ އަޑުފުޅު ދަށުން ކިޔުއްވައެވެ. އިންސާނިއްޔަތުގެ އެންމެ މަތިވެރި ބޭފުޅާ މި ދުނިޔެ ދޫކުރައްވައި ސުވަރުގެ ވަޑައިގަތުމަށް ކައިރިވެފައި ވަނިކޮށް އެންމެ މަތިވެރި މަލާއިކަތާ އެކަލޭގެފާނުގެ އަރިހަށް ދެ ފަހަރަކު ވަޑައިގެން ކީރިތި ޤުރްއާން އެއްކޮށް ދެ ފަހަރު ކިޔުއްވި އެވެ. ބަރަކާތްލެއްވިގެންވާ، އަޅުގަނޑުމެންގެ ރަސޫލާ އާއި، ޞަޙާބީންގެ ގިނަ ބޭކަލުން ވަނީ ކީރިތި ޤުރްއާން އެއްކޮށް ހިތުދަސް ކުރައްވާފަ އެވެ. اللّه تعالى ގެ ލޯބި ލިބިވަޑައިގެން ހުންނެވި ރަސޫލާ ފުރަތަމަ ޚަލީފާ (ابوبكرالصد يق) ރަސޫލާ(صلى الله عليه وسلم ) ސުވަރުގެ ވަޑައިގެންނެވި އަހަރު، ޤުރްއާން ހިތުދަސްކުރައްވައިގެން ތިއްބެވި ޞަޙާބީންނާއި، އެހާތަނަށް ލިޔެވިފައިވާ ޤުރްއާންގެ ބައިތައް އެއްކުރައްވައި، އެޑްހޮކް ކޮމިޓީއެއް އެކުލަވާލައްވައި، މުޅި ކީރިތި ޤުރްއާން އެއްކޮށް ލިޔުއްވިއެވެ. އެއާއެކު، مصحف ނަމަކަށް ކިޔުނު މުޤައްދަސް ފޮތެއް، މާނައަކީ، ލިޔެވިފައިވާ ( ނުވަތަ ޗާޕްކުރެވިފައިވާ ) ކީރިތި ޤުރްއާން ގެ ކޮޕީއެއް ނެރުއްވިއެވެ. ތެއްތިރީސް ޞަޙާބީން އެއްވެ ވަޑައިގެން އިއްތިފާޤުން އެއްބަސްވެ ވަޑައިގަތީ، އޭރު އޮތް مصحف ގެ ކޮންމެ އަކުރެއްވެސް އޮތީ، އެ އޮންނަންޖެހޭ ރަނގަޅު އަޞްލު ތަނުގައި ކަމަށެވެ. ( ނުނިމޭ )
[1]އިންޑްލެސް ބްލިސް ގެ ތިން ވަނަ ބައި ގެ ތިރީސް ހަވަނަ ބާބު ބައްލަވާ.