ހެޔޮބަސް

ކަށްވަޅާއި ޞިރާޠުމަގުގައި ފަސޭހަކަން އެދޭމީހާއަށް.....

އައްޝައިޚު ޙުސެއިން ނަޝާޠު އިބްރާހީމް
އިތުރަށް ވިދާޅުވުމަށް
2 months ago

އިބްނު އަބީ ޝައިބާ އެކަލޭގެފާނުގެ މުޞައްނަފު (29256) ގައި، ﷲ ރުއްސުންލެއްވި ޢަބްދުﷲ ބްނު ޢުމަރް رضي الله عنهما ވިދާޅުވި ކަމުގައި ރިވާކުރައްވައިފައި ވެއެވެ:

مَنْ قَالَ دُبُرَ كُلِّ صَلَاةٍ، وَإِذَا أَخَذَ مَضْجَعَهُ: اللَّهُ أَكْبَرُ كَبِيرًا عَدَدَ الشَّفْعِ، وَالْوِتْرِ، وَكَلِمَاتِ اللَّهِ التَّامَّاتِ الطَّيِّبَاتِ الْمُبَارَكَاتِ، ثَلَاثًا، وَلَا إِلَهَ إِلَّا اللَّهُ مِثْلُ ذَلِكَ، كُنَّ لَهُ فِي قَبْرِهِ نُورًا، وَعَلَى الْجِسْرِ نُورًا، وَعَلَى الصِّرَاطِ نُورًا، حَتَّى يُدْخِلْنَهُ الْجَنَّةَ، أَوْ يَدْخُلَ الْجَنَّةَ . " ކޮންމެ ނަމާދެއްގެ ފަހުން (އެބަހީ ފަރުޟު ފަސް ނަމާދުގެ ފަހުން) 3 ފަހަރު އަދި ނިދަން އޮށޯވެ 3 ފަހަރު

"اللهُ أَكْبَرُ كَبِيرًا عَدَدَ الشَّفْعِ، وَالْوِتْرِ، وَكَلِمَاتِ اللهِ التَّامَّاتِ الطَّيِّبَاتِ الْمُبَارَكَاتِ"

ކިޔައި އަދި لَا إِلَهَ إِلَّا اللهُ ވެސް އެ ފަދައިން (އެބަހީ ހަމަ ކޮންމެ ފަރުޟު ނަމާދެއްގެ ފަހުން 3 ފަހަރު އަދި ނިދަން އޮށޯވެ 3 ފަހަރު)

لَا إِلَهَ إِلَّا اللهُ عَدَدَ الشَّفْعِ، وَالْوِتْرِ، وَكَلِمَاتِ اللهِ التَّامَّاتِ الطَّيِّبَاتِ الْمُبَارَكَاتِ މިކަލިމަ ކިޔައިފި މީހާޔަށްޓަކައި

މި ކަލިމަތަކަކީ އެ މީހެއްގެ ކަށްވަޅުގަޔާއި، ޖިސްރު (ނުވަތަ ނަރަކަޔާއި ސުވަރުގެއާ ދެމެދުގައި ވާ ފާލަން) މަތީގަޔާއި، ޞިރާތުމަގުގެ މަތީގައި ވެސް، ނޫރެއް ކަމުގައި ލައްވާނެއެވެ. އެއީ އެމީހާ ސުވަރުގެ ވައްދަވައިފުމަށް ދާންދެނެވެ. ނުވަތަ ސުވަރުގެ ވަދެއްޖެއުމަށް ދާންދެނެވެ.

މި ރިވާޔަތަށް ބާރު ލިބޭ ރިވާޔަތެއްގެ ގޮތުގައި، ސީދާ މާތް ނަބިއްޔާ ﷺ ގެ އަރިހުން މި ޒިކުރު ރިވާވެގެންވާ (މަރްފޫޢު) ރިވާޔަތަކާ އެކު، އިބްނު ރަޖަބް އެކަލޭގެފާނުގެ ފަތުޙުލް ބާރީ (398/7) ގައި މި ރިވާޔަތް ގެންނަވައި، މިއީ ޞައްޙަ ސަނަދަކުން ޘާބިތުވެގެންވާ ރިވާޔަތެއް ކަމުގައި އިޝާރާތްކުރައްވައިފައި ވެއެވެ. އަދި މިއީ ޙަސަން ދަރަޖައިގެ ރިވާޔަތެއް ކަމުގައި އަލްޖާމިޢުލް ކަބީރް (91/21) ގައި އައްސުޔޫޠީ އަދި ކަންޒުލް ޢުއްމާލް (641/2) ގައި އަލްމުއްތަޤިއްޔުލް ހިންދީ ވިދާޅުވެފައި ވެއެވެ. މުޞައްނަފް އިބްނު އަބީ ޝައިބާގެ ތަޙްޤީޤުގައި (141/6) މިއީ ޞައްޙަ ޙަދީޘެއްކަމަށް، ސަޢޫދީ ޢަރަބިއްޔާގެ އެންމެ އިސް ޢިލްމުވެރިންގެ މަޖިލިސް ކަމުގައިވާ ހައިއަތު ކިބާރިލް ޢުލަމާގެ ޢިލްމުވެރިއެއް ކަމުގައިވާ ސަޢްދު ބްނު ނާޞިރް އައްޝަޘްރީ ވެސް ވިދާޅުވެފައި ވެއެވެ.

އިބްނު ރަޖަބް އެކަލޭގެފާނުގެ ފަތުޙުލް ބާރީގައި މި ރިވާޔަތް ގެންނަވައިފައި ވަނީ ޞަޙީޙުލް ބުޚާރީ (842) ގައިވާ ޢިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ފަރާތްޕުޅުން ވާރިދުވެގެންވާ (كُنْتُ أَعْرِفُ انْقِضَاءَ صَلاَةِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ بِالتَّكْبِيرِ : މާނައީ " ނަބިއްޔާ ﷺ ނަމާދުފުޅުކުރައްވައި ނިމިވަޑައިގެންފިކަން، ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވަނީ ތަކްބީރުންނެވެ." މި ޙަދީޘްފުޅުގެ ޝަރަޙައިގައި، މި ޙަދީޘްފުޅަށް ބާރުދޭ ރިވާޔަތެއްގެ ގޮތުގައެވެ. އަދި ބާރުދޭ އިތުރު ރިވާޔަތްތަކުގެ ގޮތުގައި ތާބިޢީ ބޭކަލުންގެ ތެރެއިން ޚަލީފާ ޢުމަރު ބްނު ޢަބްދިލް ޢަޒީޒް ވެސް ކޮންމެ ނަމާދެއްގެ ފަހުން 3 ފަހަރު ތަކްބީރު ވިދާޅުވާކަމަށް އޮންނަ ރިވާޔަތަކާއި، ނަމާދުގެ ފަހުން ތިން ފަހަރު ތަކްބީރު (الله أكبر) ކިޔުމާ ބެހޭ ގޮތުން އިމާމް އަޙްމަދާ ސުވާލުކުރެވުމުން، އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ދަރިކަލުން ޢަލީ (މަޝްހޫރު ތާބިޢީ "އައްސައްޖާދު"ގެ ފަރާތްޕުޅުން ވެސް ކޮންމެ ނަމާދެއްގެ ފަހުން 3 ފަހަރު ތަކްބީރު ވިދާޅުވިކަމަށް ވާރިދުވެގެންވާ ކަމަށާއި، މި ކަމުގެ އަޞްލަކީ އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ޙަދީޘްފުޅުކަމަށް އިމާމް އަޙްމަދު ވިދާޅުވެފައި އޮންނަ ބަސްފުޅު ވެސް އިބްނު ރަޖަބް ގެންނަވައިފައި ވެއެވެ.

ޞަޙާބީ ބޭކަލުންގެ ފަރާތްޕުޅުން ރިވާވެގެންވާ ޣައިބުގެ ކަންކަމާ ގުޅިފައިވާ މި ފަދަ ބަސްފުޅުތަކަކީ އަމިއްލަފުޅު ރައުޔަށް ވިދާޅުވުން އެކަށީގެން ނުވާ ފަދަ ބަސްފުޅުތަކެއް ކަމުގައި ވާތީ، މި ފަދަ ބަސްފުޅުތަކުގެ ޙުކުމަކީ ސީދާ މާތް ނަބިއްޔާ ﷺ ގެ ފަރާތްޕުޅުން ރިވާވެގެންވާ (މަރްފޫޢު) ޙަދީޘް ބަސްފުޅުތަކުގެ ޙުކުމް ކަމަށާއި، މިއީ ޞައްޙަ ރިވާޔަތެއް ކަމުގައި ވާތީ ކޮންމެ ފަރުޟު ނަމާދެއްގެ ފަހުންނާއި ނިދުމުގެ ކުރިން މި ޒިކުރު ކިޔުން އެދެވިގެންވާ ކަމުގައި، ދެ ޙަރަމްފުޅުގައި ކިޔަވައިދެއްވާ ސަޢޫދީ ޢަރަބިއްޔާގެ އިސް ސަފުގެ ޢިލްމުވެރިއެއް ކަމުގައިވާ ޢަބްދުލް މުޙްސިނި ބްނު ޢަބްދިﷲ އައްޒާމިލް ފަދަ އިތުބާރުކުރެވޭ އުންމަތުގެ ވަރަށް ގިނަ ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. އަދި ވިދާޅުވަމުން ގެންދަވައެވެ. އެހެންކަމުން ކޮންމެ ނަމާދެއްގެ ފަހުން ކިޔޭ ޒިކުރުތަކުގެ ތެރޭގަޔާއި ނިދުމުގެ ކުރިން ކިޔޭ ޒިކުރުތަކުގެ ތެރޭގައި، ގިނަގުނަ އަޖުރު ލިބެނިވި މި މުހިއްމު ޒިކުރު ވެސް 3 ފަހަރު ކިޔަން އާދާކުރާ ބަޔަކު ކަމުގައި އަޅުގަނޑުމެން އެންމެން ވަމާތޯއެވެ؟

(اللهُ أَكْبَرُ كَبِيرًا عَدَدَ الشَّفْعِ، وَالْوِتْرِ، وَكَلِمَاتِ اللهِ التَّامَّاتِ الطَّيِّبَاتِ الْمُبَارَكَاتِ) × 3

މާނަ:" އެންމެ ބޮޑީ ﷲ އެވެ. ހިރި ތަކެއްޗާއި އޮނަހިރި ތަކެތީގެ ޢަދަދަށެވެ. އަދި ﷲ ގެ ފުރިހަމަ ވެގެންވާ، ރަނގަޅު އަދި ބަރަކާތްތެރި ކަލިމަފުޅުތަކުގެ ޢަދަދަށެވެ"

(لَا إِلَهَ إِلَّا اللهُ عَدَدَ الشَّفْعِ، وَالْوِتْرِ، وَكَلِمَاتِ اللهِ التَّامَّاتِ الطَّيِّبَاتِ الْمُبَارَكَاتِ) × 3

މާނަ:" ﷲ މެނުވީ ޙައްޤުވެގެން އަޅުކަންކުރެވޭ އިލާހަކު ނުވެއެވެ. ހިރި ތަކެއްޗާއި އޮނަހިރި ތަކެތީގެ ޢަދަދަށެވެ. އަދި ﷲ ގެ ފުރިހަމަ ވެގެންވާ، ރަނގަޅު އަދި ބަރަކާތްތެރި ކަލިމަފުޅުތަކުގެ ޢަދަދަށެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ މި ފަދަ މުހިއްމު ދުޢާތަކާއި ޒިކުރުތަކަށް ރައްކާތެރިވާ ބަޔަކު ކަމުގައި އަޅަމެން އެންމެން ލައްވައި، އަޅަމެންގެ ފާފަތައް ފުއްސަވައި، ބަރްޒަޚުގެ ޢާލަމާއި ޤިޔާމަތް ދުވަހުގެ ހުރިހާ ކަމެއް އަޅަމެންނަށް ފަސޭހަކޮށްދެއްވައި، އަޅަމެންނަށްޓަކައި ނޫރެއް ލައްވައި، އެއްގޮތަކަށް ވެސް ނަރަކަޔަށް ދާން ނުޖެހި ސުވަރުގެ ވައްދަވާ އަޅުންގެ ތެރޭގައި އަޅަމެން އެންމެން ލައްވާށިއެވެ. އާމީން!

ޚިޔާލުތައް

0 ޚިޔާލު
kahvalhaai siraathumagugai faseyhakan edheymeehaa ah