ހެޔޮބަސް
އީމާންކަމާއި އިސްލާމްކަން 4
ތަރުޖަމާ: ޑރ. ޢަބްދުލް ޙަންނާނު ވަޙީދު
މިއީ، 18 ވަނަ ޤައުނުގެ ފަހުކޮޅާއި، 19 ވަނަ ޤަރުނުގެ ކުރީކޮޅު އުޅުއްވި ފުންނާބު އުސް ޢިލްމުވެރިއެއް ކަމަށް ވާ مولانا ضياء الدّين خالد العثماني البغدادي ފާރިސީ ބަހުން އެންމެ ފުރަތަމަ ލިޔުއްވާފައިވާ إعتقاد نامه މި ނަން ކިޔޭ ފޮތުގެ ތަރުޖަމާ އެވެ. މި ފޮތް އެންމެ ފުރަތަމަ ޗާޕުކުރެވުނީ ހިޖުރައިން 1312 ގައި މިޞްރު ގައެވެ. މި ދިވެހި ތަރުޖަމާ އަކީ، މި ފޮތުގެ "އީމާން އަދި އިސްލާމް" މި ނަމުގައި ކޮށްފައިވާ ޢަރަބި އަދި އިނގިރޭސި ތަރުޖަމާގެ ތަރުޖަމާއެކެވެ.
(ކުރީގެ ޢަދަދާ ގުޅޭ) މި ފޮތް، إعتقادنامة، ގައި އީމާންކަމާއި އިސްލާމްކަމާ ބެހޭ ކީރިތި ރަސޫލާ (صلّى اللّه تعالى عليه وسلّم) ގެ ޙަދީޘް އޮޅުންފިލުވައިދެވޭނެ އެވެ. އަޅުގަނޑު އުއްމީދުކުރަނީ، މި ޙަދީޘުގެ ބަރަކާތްތެރިކަމުން، މުސްލިމުންގެ އީމާންތެރިކަން ފުރިހަމަވެ، އެބައިމީހުންނަށް ދިންނެވުމާއި، އުފާވެރިކަން ލިބިގެންދާނެ ކަމަށެވެ. އަދި ގިނަ ފާފަތަކަށް އަރައިގެނެވިފައިވާ އަޅުގަނޑު ޚާލިދު ދިންނަވާނެ ކަމަށް ވެސް އަޅުގަނޑު އުއްމީދުކުރަމެވެ. އަޅުގަނޑު އެ ފަރާތަކަށް އީމާންވާ، އެފަރާތަށް ބޭނުމެއް ނުވާ އަދި އެކަލާނގެ ދަރުމަޔާއި، ނިޢުމަތްތައް ގިނަވެފައި، އެކަލާނގެ އަޅުތަކުންނަށް ހަމްދަރުދީވެ ވޮޑިގަންނަވާ اللّه تعالى، ކުރެވިފައިވާ ހެޔޮކަންތައް މަދު އަދި ދައްކާފައިވާ ކަމުނުދާ ވާހަކަތަކުގެ ސަބަބުން ކަޅު ހިތަކާއެކު ވާ މި ނިކަމެތި ޚާލިދަށް ޢަފޫކުރައްވައި، މި އަޅާގެ ފުރިހަމަ ނޫން އަޅުކަންތައް ޤަބޫލުކޮށްދެއްވާނދޭވެ. މަގުއޮޅުވާލާ، ދޮގުވެރި ޝައިޠާނާގެ ނުބައިކަމުން [އަދި އިސްލާމް ދީނުގެ ޢަދުއްވުންގެ ދޮގުވެރި، ގޯސް ބަސްތަކާއި، ލިޔުންތަކުން މަގުއޮޅިގެން ދިއުމުން] އެކަލާނގެ އަޅަމެން ރައްކާތެރިކޮށްދެއްވައި، އަޅަމެން އުފަލުގައި ލަހައްޓަވާށި އެވެ! އެކަލާނގެ އަކީ، އޯގާތެރިންގެ ތެރެއިން އެންމެ އޯގާތެރި އަދި ދީލަތި ފަރާތްތަކުގެ ތެރެއިން އެންމެ ދީލަތި ފަރާތެވެ.
އިސްލާމީ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ބާލިޣު ޢުމުރު ހަމަވެފައިވާ ކޮންމެ މުކައްލަފު ފިރިހެން ނުވަތަ އަންހެން މުސްލިމަކު ވެސް اللّه تعالى ގެ صفات الذاتية[1] އާއި صفات الثبوتية[2] ރަނަގަޅަށް އެނގި ޤަބޫލުކުރަންޖެހޭނެ އެވެ. ކޮންމެ މީހެއްގެ މައްޗަށް ވެސް ކޮންމެހެން ކުރަންޖެހޭ (ފަރްޟް) ކަމަކީ އެއީ އެވެ. ނޭނގުމަކީ ޢުޒުރެއް ނޫނެވެ؛ އެއީ ފާފައެކެވެ. މި ފޮތް ޚާލިދު ބިން އަޙްމަދު އަލްބަޣްދާދީ ލިޔުއްވާފައިވަނީ، އެހެން މީހުންނަށް ގަދަކަމާއި، އެނގޭކަން ދެއްކުމަށް ނުވަތަ މަޝްހޫރުވުމަކަށް ނޫނެވެ. އެކަމަކު، ހަނދުމަކޮށްދީ، ޚިދުމަތެއް ދެއްވުމަށެވެ. اللّه تعالى ނިކަމެތި ޚާލިދަށް[3]، އެކަލާނގެ ބާރާއި، އެކަލާނގެ ރަސޫލާ ގެ ބަރަކާތްތެރި ރޫޙުން އެހީތެރިވެ ވޮޑިގަންނަވާށި އެވެ! އާމީން.
اللّه تعالى ފިޔަވައި އެހެން ހުރިހާ އެއްޗަކަށް ކިޔެނީ ما سِوَى ނުވަތަ މިހާރު ޠަބީޢަތޭ ކިޔޭ عَالَمْ (އުފެއްދެވުން، ޔުނިވަރސް) އެވެ. ހުރިހާ މަޚްލޫޤުން ކުރިން ނެތެވެ. އެ ހުރިހާ އެއްޗެއް ހެއްދެވީ اللّه تعالى އެވެ. އެއީ مُمْكِنْ (ނެތުމުގެ ތެރެއިން ވުޖޫދުވެދާނެ) އަދި حديث (ނެތުމުގެ ތެރެއިން ވުޖޫދަށް އައި)؛ މާނަ އަކީ، އެ ބައިމީހުން ވުޖޫދަށް އައީ އެ ބައި މީހުން ވުޖޫދުގައި ނެތް އިރު ކަމަށް ވެދާނެ ކަމާއި، އެ ބައިމީހުން ވުޖޫދަށް އައީ ވުޖޫދުގައި ނެތީސް ކަމެވެ. "اللّه تعالى ވޮޑިގެންވިއެވެ. އެއްވެސް އެހެން އެއްޗެއް ނެތެވެ"، މި ޙަދީޘުން އެއީ، ތެދެއްކަން އެނގިގެން ދެއެވެ.
މުޅި ކައުނާއި (ޔުނިވަރސް) އެންމެހާ މަޚްލޫޤުންތަކަކީ، ނެތުމުގެ ތެރެއިން ވުޖޫދަށް އައި އެއްޗެހި ކަން ކަން އަންގައިދޭ ޙަޤީޤަތަކީ، މަޚްލޫޤުން ދަނީ އަބަދު ވެސް އެކަތި އަނެކައްޗަށް ބަދަލުވަމުން ކަމަށް ވާ އިރު؛ قديم (ފެށުމެއް ނެތް) އެއްޗެއް އެއްވެސް ގޮތަކަށް ބަދަލެއް ނުވާނެ އެވެ. اللّه تعالى ގެ ذات(މީހާ، ޖައުހަރު) އަދި ޞިފަފުޅުތަކަކީ قديم އަދި އެއްގޮތަކަށް ވެސް ބަދަލުނުވާ[4] އެއްޗެކެވެ. މަޚްލުޤުންނަށް އަންނަ ބަދަލުތަކަކީ،
[1] اللّه تعالى ގެ ކިބަފުޅުގައި الصّفات الذّاتية ގެ ނަން ދެވިފައިވާ ހަ ޞިފައެއް ވެއެވެ. އެއީ: الوجود، ވޮޑިގެންވުން؛ القِدَم، ފެށުމެއް ނުވުން އަދި ފާއިތުވެދިޔަ ތަނުގައި ދެމިވޮޑިގެންވުން؛ البقاء، ނިމުމެއް ނުވުން އަދި ކުރިމަގުގައި ދާއިމަށް ދެމިވޮޑިގެންވުން؛ الوَحدانيّة، ބައިވެރިޔަކު ނުވަތަ އެއްފަދަ ފަރާތެއް ނެތުން؛ المخالفات للحوادث، ހުރިހާ ގޮތަކުން ވެސް ކޮންމެ މަޚްލޫޤަކާ އެއްގޮތްނުވުން؛ القيام بنفسه ޒާތީގޮތުން ވޮޑިގެންވުން ނުވަތަ އެކަލާނގެ ވޮޑިގެންވުމަށް އެއްވެސް އެއްޗެއް ބޭނުންވެވޮޑިގެންވުން. އެއްވެސް މަޚްލޫޤަގަށް މި ހަ ސިފައިން ކުރެ ސިފައެއް ނުވަތަ ގުޅުމެއް ލިބިގެން ނުވެއެވެ. މި ސިފަތައް ލިބިވޮޑިގެންވަނީ ހަމައެކަނި اللّه تعالى އަށެވެ. ބައެއް އިސްލާމީ ޢިލްމުވެރިން ވިދާޅުވެފައިވާ ގޮތުގައި، المخالفات للحوادث އަދި الوحدانية އަކީ އެކައްޗެކެވެ. އެއާއެކު، الصّفات الذّاتية ގެ ޢަދަދަކީ 5 އެވެ.
[2] ޞަފްޙާ 6، 19 އަދި 33 ބައްލަވާ
[3] ޚާލިދުލް ބަޣްދާދީ އަވަހާރަވީ ދިމިޝްޤު ގައި 1247ހ. (1826މ.) ގައެވެ.
[4] އެކަމަކު، ކައުނު ގައި މާއްދާތަކުގެ ޙާލަތު ހިނގާ ޙާދިސާތަކުގައި ބަދަލުވެއެވެ. ކެމިކަލް 'ރިއެކްޝަންތަކު'ގައި، މާއްދާތަކުގެ ޖައުހަރު ނުވަތަ ސްޓްރަކްޗަރ ބަދަލުވެއެވެ. ތަކެއްޗި ނުވަތަ މާއްދާތައް ނެތި ގޮސް އެހެން މާއްދާތަކަށް ބަދަލުވާ ތަން އަޅުގަނޑުމެންނަށް ފެނެއެވެ. މިއަދު، ފަހަކަށް އައިސް ހޯދައިގަނެވިފައިވާ އެޓޮމިކް ބަދަލުތަކާއި، ނިއުކްލިއަރ ރިއެކްޝަންތަކުގައި މާއްދާ ވެސް ނެތިގޮސް ހަކަތަ އަށް ބަދަލުވެގެން ދެއެވެ.
ނިމުމެއް ނެތް މާޒީއަކުން އަންނާނެ އެއްޗެއް ނޫނެވެ. އެ އެއްޗިހި އުފެދުމުގައި ފެށުމެއް ވެފައި، ވުޖޫދަށް އަންނާނީ ނެތުމުގެ ތެރެއިން އުފެއްދެވި މާއްދާ އިންނެވެ.
ކައުނަކީ مُمْكِنْ ކަމުގެ އަނެއް ހެއްކަކީ، މާނަ އަކީ، ވުޖޫދަށް އައީ ނެތުމުގެ ތެރެއިން ކަމުގެ ހެއްކަކީ، އަޅުގަނޑުމެންނަށް ފެންނަ ފަދައިން މަޚްލޫޤުންނަކީ ނެތުމުގެ ތެރެއިން ވުޖޫދަށް އައި އެއްޗެތި ކަމާއި، އެއެއްޗެތި ވުޖޫދުވެގެން އައީ ނެތުމުގެ ތެރެއިން ކަމެވެ.
ދެ ވައްތަރެއްގެ މަޚްލޫޤުން ވެއެވެ. އެއީ: مُمْكِنْ އާއި واجب[1] އެވެ. ހަމައެކަނި مُمْكِنْ ވުޖޫދުގައި ވީނަމަ، ނުވަތަ واجب الوجود ނެތް ނަމަ، އެއްވެސް އެއްޗެއް ނެތީހެވެ[2]. މި ސަބަބަށް ޓަކައި، مُمْكِنْ އަށް ވުޖޫދު ނުވެވުނީސްހެވެ. ނުވަތަ އަމިއްލައަށް ވުޖޫދުނުވެވުނީސްހެވެ. ކޮންމެވެސް ބާރަކުން އަސަރުފޯރާފައި ނުވާ ނަމަ، އެ އެއްޗެއް ވީހީ ނެތުމުގެ ތެރޭގައެވެ. އަދި ވުޖޫދު ނުވެވުނީހެވެ. مُمْكِنْ އަށް އަމިއްލަ އަށް ވުޖޫދުނުކުރެވޭ އިރު، އެހެން مُمْكِنْ އެއްޗެއް ވުޖުދުނުކުރެވޭނެ އެވެ. އުފެއްދަވާފައިވާނީ واجب الوجود އެވެ. عالَم ވުޖޫދުވުމުން އެއިން ދޭހަކޮށްދެނީ، ނެތުމުގެ ތެރެއިން އެ އެއްޗެއް އުފެއްދެވި ޚާލިޤު ވޮޑިގެންވާ ކަމެވެ. އެހެންކަމުން، އެ ހުރިހާ مُمْكِنْ އެއްޗެއް، މަޚްލޫޤުންތައް، އުފެއްދެވި ޚާއްޞަ މަޚްލޫޤަކީ، ނެތުމުގެ ތެރެއިން ވުޖޫދަށް އައުމެއް ނުވަތަ مُمْكِنْ ވުމެއް ނެތް އެކަމަކު ވުޖޫދުގައިވާ އަދި قديم (ފެށުމެއް ނެތް) ހަމައެކަނި واجب الوجود އެވެ. واجب الوجود ގެ މާނަ އަކީ، އެ އެއްޗެއްގެ ވުޖޫދަކީ އެހެން އެއްޗަކުން އައިސްފައިވާ އެއްޗެއް ނޫން ކަމާއި، އެކަމަކު އޭގެ ޒާތުގައި އުފެދިފައިވާ އެއްޗެއް ކަމެވެ. މިއީ ވެފައިވާ ގޮތް ނޫން ކަމުގައި ވާ ނަމަ، އެ ވެފައި އޮތް ގޮތަކީ، މަޚްލޫޤު (مُمْكِنْ އާއި حديث) އުފައްދަވާފައިވަނީ އެހެން ފަރާތަކުން ކަމެވެ. މިއީ، މަތީގައި ޚުލާޞާކުރެވިފައިވާ ގޮތާ އިދިކޮޅެވެ. ފާރިސީ ބަހުގެ (ކިރިތި اللّه ގެ ނަމެއްގެ ގޮތުގައި ބޭނުންކުރެވޭ) 'ޚުދާ' ގެ މާނަ އަކީ، 'އަބަދު ވެސް އަމިއްލަ ޒާތުގައި ވުޖޫދުވުން، ދާއިމީ' އެވެ. (ނުނިމޭ)
[1] وُجود ގެ މާނަ އަކީ، 'ދިރިހުރުމެވެ'. ތިން ވައްތަރެއްގެ ވުޖޫދު ވެއެވެ. ފުރަތަމަ ވައްތަރަކީ، واجب الوجود، ކޮންމެހެން ޟަރޫރީ ދިރިހުރުމެވެ. އެކަލާނގެ އަބަދުވެސް ވޮޑިގެން ވެއެވެ. ކުރިން އެއްވެސް އިރެއް ގައި އެކަލާނގެ ވުޖޫދުނުވެފައެއް ނެތެވެ. އަދި ކުރިޔަށް އޮތް ނިމުމެއް ނެތް މުސްތަޤްބަލު ގައި ވެސް އެކަލާނގެ ވުޖޫވުމެއް ނުހުއްޓޭނެ އެވެ. واجب الوجود އަކީ ހަމައެކަނި اللّه تعالى އެވެ. ދެވަނަ ވައްތަރަކީ، ممتنع الوجود، ވުޖޫދުނުވެވޭ އެއްޗިއްސެވެ. އެ އެއްޗިއްސަށް އެއްގޮތަކަށް ވެސް ވުޖޫދުނުވެވޭނެ އެވެ. އޭގެ މިސާލަކީ شريك الباري (اللّه تعالى އަށް ބައިވެރިޔަކު ލުން) އެވެ. اللّه تعالى އަށް އެހެން އިލާހީ ބައިވެރިޔަކު ނުވަތަ އެކަލާނގެއާ އެއްވަރުކުރުމަކީ، ވުޖޫދުނުވާނެ ކަމެކެވެ. ތިން ވަނަ ވައްތަރަކީ، ممكن الوجود، ވުޖޫދުވެދާނެ ނުވަތަ ނުވެދާނެ އެއްޗިއްސެވެ. އޭގެ މިސާލަކީ، ކައުނާއި، އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ މަޚްލޫޤުންތަކެވެ. ވުޖޫދުގެ އިދިކޮޅަކީ عدم (ވުޖޫދުގައި ނެތް) އެވެ. ހުރިހާ މަޚްލޫޤުންނަކީ، عدم އެވެ. އަދި އުފަންވުމުގެ ކުރިން ވުޖޫދުގައި ނެތެވެ.
[2] އެއީ، ނެތުމުގެ ތެރެއިން އައި ބަދަލެއް، ހިނގި ޙާދިސާއެކެވެ. އަދި ފިޒިކްސް ގެ ޢިލްމަށް ބަލާ އިރު، މާއްދާއަކަށް ބަދަލެއް އައުމަށް ޓަކައި، އެ މާއްދާ އަކަށް އެ މާއްދާއަކަށް ވުރެ ކުރިން އުފެދުނު މަޞްދަރަކުން އައިސްފައިވާ ބޭރުގެ ބާރަކުން އެއަށް ބާރުފޯރުވަންޖެހެއެވެ.