ލުޤްމާނުގެފާނުގެ ވަޞިއްޔަތްޕުޅު

އައްޝައިޚް ޝަފީޢު ޢަބްދުﷲ

އިތުރަށް ވިދާޅުވުމަށް

ނަބީބޭކަލުން އެ ބޭކަލުންގެ ދަރީންނަށް ދެއްވި ބައެއް ނަސޭހަތްޕުޅާއި ކުރެއްވި ވަޞިއްޔަތްޕުޅުތައް، ކީރިތި ޤުރުއާނުގައި މާތް ﷲ ޒިކުރުކުރައްވައިފައި ވެއެވެ. އޭގެ ތެރެއިން އެއް ބޭކަލަކީ ލުޤުމާނުގެފާނެވެ.

ލުޤުމާނުގެފާނު އެ ކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވި އަގުމާތްވި އިރުޝާދުފުޅުތަކަށް ބަލާއިރު، ޝިރުކުން އެއްކިބާވެ މާތް ﷲ އެއްކައުވަންތަކޮށް އަޅުކަން ކުރެއްވުމަށް އިރުޝާދު ދެއްވައިފައިވެއެވެ. ލުޤުމާނު ސޫރަތުގެ 13 ވަނަ އާޔަތުގެ މާނައިގައިވެއެވެ. [އަދި ލުޤުމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ނަސޭހަތް ދެއްވަމުން ވިދާޅުވި ހިނދު ހަނދުމަކުރާށެވެ! އޭ ދަރިފުޅާއެވެ! اللَّهއަށް ތިބާ ޝަރީކު ނުކުރާށެވެ! ހަމަކަށަވަރުން، ޝަރީކުކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ.] އެހެންކަމުން، މި އަސްލުގެ މައްޗަށް ކުދީން ތަރުބިއްޔަތު ކުރެވޭތޯ މަސައްކަތް ކުރުމަކީ ހުރިހާ މައިންބަފައިންގެ  މައްޗަށް ވެސް  ވާޖިބުވެގެންވާ ކަމެކެވެ. އެހެނީ، އިންސާނީ ހިތުގައި ތައުޙީދު އަށަގަންނުވައި، ޝިރުކުން އެއްކިބާ ކުރުމަކީ، މުޅި ކާއިނާތު އުފެއްދެވުމުގެ މަގުސަދެވެ.

މާތް ﷲ ހުރިހާ ކަމެއް ބައްލަވައިވޮޑިގެންވާ ކަމާއި، އެކަލާނގެއަށް ރެވިއޮށްޓަރެއްގެ މިންވަރު ވެސް ވަންހަނާވެފައި ނުވާކަން ދަރީންނަށް ބުނެދީ، އެ ޢަޤީދާ އެ ކުދީންގެ ހިތްތަކުގައި ބިންވަޅު ނެގުމަކީ ނުހަނު މުހިންމު ކަމެކެވެ. ލުޤުމާނުގެފާނު އެ ކަލޭގެފާނުގެ ދަރިކަލުންނަށް މި ކަމާ ބެހޭ ގޮތުން ދެއްވި ނަސޭހަތް ލުޤުމާނު ސޫރަތުގެ 16 ވަނަ އާޔަތުގައި މާތް ﷲ ބަޔާންކުރައްވައިފައިވާ އާޔަތުގެ މާނައިގައި ވަނީ މިފަދައިންނެވެ.  [ އޭ ދަރިފުޅާއެވެ! ހަމަކަށަވަރުން، އެ ޢަމަލަކީ ރެވިއޮށްޓަރެއްގެ ބަރުދަންހުރި ޢަމަލެއް ކަމުގައި ވިޔަސް، ހިލައެއްގެ ތެރޭގައި ވިޔަސް، ނުވަތަ އުޑުތަކުގައި ވިޔަސް، ނުވަތަ ބިމުގެ ތެރޭގައި ވިޔަސް (ޤިޔާމަތް ދުވަހުން) اللَّه އެ ޢަމަލެއް ގެންނަވާނެތެވެ. ހަމަކަށަވަރުން، اللَّهއީ،އޯގާވަންތަކަން ބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.]

ހަމަ އެފަދައިން ނަމާދު ޤާއިމުކުރުމަށް އަމުރުކުރައްވައި އެކަލޭގެފާނު ވިދާޅުވިއެވެ. يَا بُنَيَّ أَقِمِ الصَّلَاةَ وَأْمُرْ بِالْمَعْرُوفِ وَانْهَ عَنِ الْمُنكَرِ وَاصْبِرْ عَلَىٰ مَا أَصَابَكَ ۖ إِنَّ ذَٰلِكَ مِنْ عَزْمِ الْأُمُورِ ‎﴿١٧﴾‏  لقمان: 17 މާނައީ: [އޭ ދަރިފުޅާއެވެ! ތިބާ ނަމާދު ޤާއިމުކުރާށެވެ! އަދި ހެޔޮކަންތަކަށް އަމުރުކުރާށެވެ! އަދި ނުބައިކަންތައް ނަހީކުރާށެވެ! ތިބާޔަށް ޖެހޭ މުޞީބާތަށް ކެތްކުރާށެވެ! ހަމަކަށަވަރުން، އެކަން ވަނީ، ޢަޒުމް ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ.] މި އާޔަތުގައި މި ވަނީ ހަމައެކަނި ނަމާދަށް އަމުރުކުރެއްވި އަމުރުފުޅު އެކަންޏެއް ނޫނެވެ. ނަމާދު ޤާއިމުކުރުމާއި، ހެޔޮ ކަންކަމަށް އަމުރުކުރުމާއި، މުންކަރާތްތައް ނަހީކުރުމާއި، ދިމާވާ ކަންކަމަށް ކެތްތެރިވުމަށް ވެސް ވަނީ ނަސޭހަތް ދެއްވައިފައެވެ.

ދެން އެކަލޭގެފާނު ދެއްވައިފައިވާ ނަސޭހަތަކީ، ތަކައްބުރުވެ ބޮޑާވެނުގަތުމަށް ދެއްވައިފައިވާ ނަސޭހަތެކެވެ. وَلَا تُصَعِّرْ خَدَّكَ لِلنَّاسِ وَلَا تَمْشِ فِي الْأَرْضِ مَرَحًا ۖ إِنَّ اللَّهَ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ ‎﴿١٨﴾‏ ﭐމާނައީ: " އަދި މީސްތަކުންނަށް ކިބުރުވެރިވެ، ތިބާގެ ކޯތާފަތް އަނބުރައިނުލާށެވެ! (އެބަހީ: މޫނު އަނބުރައި ނުލާށެވެ!) އަދި ބޮޑާވެގެންވާ ޙާލު، ބިމުގައި ނުހިނގާށެވެ! ހަމަކަށަވަރުން، ކިބުރުވެރިވެ، ފަޚުރުވެރިވާ އެއްވެސް މީހަކުދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.]

ދަރީންނަށް ޝިރުކުން އެއްކިބާވެ، ތައުޙީދު މަތީގައި ތިބުމަށް އަމުރުކުރުމާއި، ނަމާދު ޤާއިމުކުރުމަށް އަމުރުކުރުމާއި، ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރުމަށް އަމުރުކުރުމާއި، ކެތްތެރިވުމާއި، ބޮޑާވެނުގަތުމަށް އަމުރުކޮށް، އެ ކަންކަމުގެ މައްޗަށް ދަރީން ތަރުބިއްޔަތު ކުރުމަކީ ނުހަނު ބޭނުންތެރި ކަމެއްކަން ލުޤުމާނުގެފާނުގެ ނަސޭހަތްޕުޅުތަކުން އެނގި ހާމަވެގެން ދެއެވެ.

ޚިޔާލުތައް