ހެޔޮބަސް

ޙަސަދަވެރިކަން: ނުރައްކައުތެރި ބައްޔެއް

ޒިކުރާ މީޑިއާ ޓީމް
އިތުރަށް ވިދާޅުވުމަށް
ޙަސަދަވެރިކަން މީހާ ކުރާ ހެޔޮ ޢަމަލުތައް އަންދާ ހުސްކޮށްލައެވެ.
2 years ago

ޙަސަދަވެރިކަމަކީ އިންސާނާއަށް ޖެހޭ ބަލިތަކުގެތެރެއިން ނުބައި ބައްޔެކެވެ. އަނެކާއަށް ﷲ ނިޢުމަތެއް ދެއްވާފައި ވާތަން ފެނިއްޖެނަމަ ޙަސަދަ ވެރިޔާ އެކަމަށް ނުރުހި ހިތްނުތަނަވަސް ވެއެވެ. އެ ނިޢުމަތް ފިލައި ދިއުމަށް އެދެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޝައިޠާނާ އުރެދުނީ އާދަމްގެފާނުގެ މައްޗަށް އޮތް ޙަސަދަވެރި ކަމަކުންނެވެ. އާދަމުގެފާނަށް ސަޖިދަ ކުރުމަށް ﷲ ކުރެއްވި އަމުރުފުޅަށް ދެކޮޅުހަދައި އެކަން ނުކުރީއެވެ. އަހުލުކިތާބީންގެ ތެރެއިން ގިނަބަޔަކު އިސްލާމްދީނަށް ނުރުހުންވުމުގެ އެއްސަބަބަކީވެސް ޙަސަދަވެރިކަން ފިޔަވާ އެހެން ކަމެއްނޫނެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ((وَدَّ كَثِيرٌ مِّنْ أَهْلِ ٱلْكِتَـٰبِ لَوْ يَرُدُّونَكُم مِّن بَعْدِ إِيمَـٰنِكُمْ كُفَّارًا حَسَدًا مِّنْ عِندِ أَنفُسِهِم مِّن بَعْدِ مَا تَبَيَّنَ لَهُمُ ٱلْحَقُّ)) (البَقَرَة : ١٠٩) މާނައީ: "ފޮތުގެ އަހުލުވެރިންގެ ތެރެއިން ގިނަމީހުން، އެއުރެންނަށް ޙައްޤު ބަޔާންވެ އެނގުމަށްފަހުގައި، އެއުރެން އަމިއްލައަށް ޙަސަދަވެރިވެގެން، ތިޔަބައިމީހުން އީމާންވުމަށްފަހު އަލުން އަނބުރާ ކާފިރުކަމަށް ރުޖޫޢަ ކުރެވޭނެނަމައޭ ހިތައި އެކަމަށް އެދުނެވެ. ފަހެ، (އެއުރެންނާމެދުގައި ކަން ކުރަންވީގޮތް ބަޔާންކުރައްވައި) ﷲގެ އަމުރުފުޅު ފޮނުއްވައިފުމަށް ދާންދެން (އެއުރެންނަށް) ތިޔަބައިމީހުން މާފުކޮށް ދޫކޮށްލާށެވެ!"

އިސްލާމީ މުޖްތަމައެއް ބިނާވެފައިވަނީ އުޚުއްވަތްތެރި ކަމުގެ މައްޗަށެވެ. އެކުވެރިކަމާ އެއްބަނޑު އެއްބަފައިކަމުގެ މައްޗަށެވެ. ކޮންމެމީހަކުވެސް ތިމާގެ މަސްލަހަތު ރައްކައުތެރި ކުރާފަދައިން އެހެންމީހުންގެ މަސްލަޙަތުވެސް ރައްކައުތެރިކުރުމަށް އިސްލާމްދީނުގައި ވަނީ އަމުރު ކުރައްވާފައެވެ. ދެމީހުންގެ މެދުގައި އުފެދޭ ދެކޮޅުވެރިކަން ޞުލްޙަވެރިކަމާއި ޢަދުލުވެރިކަމާއެކު ހަމަޖެއްސުމަށްވަނީ އަންގަވާފައެވެ. އަދި އަނެކަކަށް ލިބިފައިވާ ނިޢުމަތެއްގެ މައްޗަށް، ޙަސަދަވެރިވުމަކީ ކަނޑައެޅިގެން ނަހީކުރައްވާފައިވާ ކަމެކެވެ.

ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގާ ވެއެވެ: "ﷲ ގަންދީ ވިދާޅުވަމެވެ. ތިޔަބައިމީހުންކުރެ އެކަކުވެސް ތިމާގެ އަމިއްލަ ނަފްސަށް ލޯބިކުރާކަމެއް ތިމާގެ އަޚާއަށް ލިބުމަށް ލޯބިކޮށްފުމަށް ދާންދެން އީމާންވީކަމުގައި ނުވާނެއެވެ." އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. "ތިޔަބައިމީހުންކުރެ އެކަކުއަނެކަކަށް ރަޙްމަތްތެރިކަން ކަނޑާނުލާށެވެ. އަދިއެކަކު އަނެކަކާ ރުޅިވެ އެކަކުއަނެކަކަށް ފުރަގަސްނުދޭށެވެ. އަދި އެކަކު އަނެކަކަށް ޙަސަދަވެރިނުވާށެވެ. އޭﷲގެ އަޅުތަކުންނޭ! ތިޔަބައިމީހުން އެއްބަނޑު އެއްބަފާ އަޚުންތަކެއް ކަމުގައި ވާށެވެ! އަދި އެއްވެސް މުސްލިމަކަށް އޭނާގެ އަޚާއާ ރުޅިވެ ތިންދުވަހަށްވުރެ ދިގުމުއްދަތަކަށް އަނގައިން ނުބުނެ ހުރުމަކީ ޙަލާލް ވެގެންވާ ކަމެއްނޫނެވެ."

ޙަސަދަވެރިވުމަކީ އަނެކާއަށް ލިބިފައިވާ ނިޢުމަތެއް ފިލައި ދިއުމަށް އެދުމެވެ. އެއީ ބޮޑުވެގެންވާ ފާފައެކެވެ. އެހެނީ އެކަމުގެސަބަބުން ﷲގެ ޙިކުމަތް ވަންތަކަމާއި ﷲގެ މިންވަރުފުޅާ މެދު ނުރުހުން ފާޅު ކުރެވޭ ކަމަށްޓަކައެވެ. ކޮންމެ އަޅަކަށްވެސް ނިޢުމަތް ދެއްވަނީ ﷲއެވެ. ﷲގެ ނިޢުމަތުގެ ޚަޒާނާއަކީ ހުސްވުމެއް ނުވާ އެއްޗެކެވެ. އެހެންކަމުން މީހަކަށް ލިބިފައިވާ ނިޢުމަތެއް އޭނާގެ ކިބައިން ފިލައި، ތިމާއަށް އެ ނިޢުމަތް ލިބުމަށް އެދުން ވެރިވާނެ ތަނެއްނެތެވެ. ތިމާއަށްވެސް އެފަދަ ނިޢުމަތެއް ދެއްވުމަށް އެދެވިދާނެއެވެ. އެކަމަކީ ދީނީގޮތުން ހުއްދަ ވެގެންވާ ކަމެކެވެ.

އިމާމް މުސްލިމް ރިވާކުރެއްވި ޤުދުސީ ހަދީޘްފުޅެއްގެ މާނާގައި ވެއެވެ. "އޭތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައި މީހުންކުރެ އިސްވެދިޔަ މީހުންނާއި ފަސްވެދިޔަ މީހުންނާއި އިންސީންނާއި ޖިންނީންނާއި އެއްބިމަކަށް އެއްވެ، ތިމަންރަސްކަލާނގެ ކިބައަށް އެދި ދެންނެވި ނަމަ، އަދި އެއިން ކޮންމެ މީހަކަށް އޭނާ އެދޭ ކަންތައް ދެއްވައިފިނަމަ ،ވެސް ތިނޯހެއް ކަނޑަށް ގަންބާލާފައި ނެގީމާ ކަނޑުން އެއުނިވާ ފަދައިން މެނުވީ ތިމަންރަސްކަލާނގެ ޚަޒާނާއަކުން އުންޏެއް ނުވާ ހުއްޓެވެ."

ވީމާ، އެހެންމީހަކަށް ﷲ ދެއްވައިފައިވާ ނިޢުމަތެއް ފުހެވިގެން ދިއުމަށް އެދޭނޭ ތަނެއް ނެތެވެ. އޭނާއަށް އޮތްކަމަކީ ﷲގެ ދީލަތިވަންތަކަމުން އޭނާއަށް ދެއްވުން އެދި ދެންނެވުމެވެ. އެކަލާނގެ ޚަޒާނާއަކީ ހުސްވާނޭ އެއްޗެއް ނޫނެވެ. އެހެންމީހުންނަށް ﷲ ދެއްވާފައިވާ ނިޢުމަތައް ޙަސަދަވެރިވުމަކުން އޭނާއަށް ލިބޭނޭ މަންފާއެއް ނެތެވެ. އެކަމުން އޭނާއަށް ލިބޭނީ ގެއްލުމެވެ. އޭގެސަބަބުން އޭނާ ކޮށްފައިވާ ހެޔޮކަންތައް ފުހެވިގެން ހިނގައިދާނެ އެވެ. ((إِيَّاكُمْ وَالْحَسَدَ فَإِنَّ الْحَسَدَ يَأْكُلُ الْحَسَنَاتِ كَمَا تَأْكُلُ النَّارُ الْحَطَبَ)) މާނައީ: "ތިޔަބައިމީހުން ޙަސަދައިން ދުރުވެ ރައްކައުތެރިވާށެވެ. އެހެނީ، ހަމަކަށަވަރުން ޙަސަދައީ އަލިފާން ދަރު ކާފަދައިން ހެޔޮކަންތައް ކާލާ އެއްޗެކެވެ."

މީހަކަށް ޙަސަދައިގެ ބަލި ޖެހިއްޖެނަމަ އެމީހެއްގެ ދިރިއުޅުން މުޅިން ހަލާކުވެގެން ދިއުން އެކަށީގެން ވެއެވެ. މިގޮތުން މީހެއްގެ ހިތުގައި އެހެން މީހުންގެ މައްޗަށް އޮންނަ ރުޅިވެރިކަމާއި ޙަސަދަވެރިކަން ބޮޑުވެއްޖެނަމަ އެމީހަކު ކުރާ ހެޔޮޢަމަލުތަކުގެ ނަތީޖާއެއް ނުފެންނާނެއެވެ. އޭނާއަކަށް ހިތްހަމަޖެހުމެއް އުފަލެއް އަރާމެއް ނުލިބޭނެއެވެ. މީހުންގެ ކުރިމަތީގައި އޭނާގެ ޤަދަރު ވެއްޓޭ ފަދަ ޢަމަލުތައް ކުރެވެން ފަށައިފާނެތެވެ. މީހުންނާމެދު ނުބައި ހީތައް ކުރެވި ޣީބަބުނުމާއި ފުރައްސާރަކުރުމާއި މަލާމާތްކުރުމާއި ދެބައޮޑުވުން ފަދަ ފާފަތަކަށް އަރައިގަނެވެން ފަށައިފާނެއެވެ. މި ނުބައި ނަތީޖާތަކުން އިސްލާމީ މުޖްތަމަޢު ސަލާމަތްކުރުމަށްޓަކައި އިސްލާމްދީނުގައި ވަރަށް މަތިވެރި އުސޫލުތަކެއް ކަނޑައަޅާފައި ވެއެވެ. އެއީ އެކަކުއަނެކަކަށް ހެޔޮއެދުމުގެ އުޞޫލެވެ. އެކަކަށް ކުރެވޭ ކުށަށް އަނެކަކު މާފު ކުރުމުގެ އުޞޫލެވެ. އެކުވެރިކަމާއި ޞުލްޙަމަސަލަސްކަމުގެ އުޞޫލެވެ. އެކަކު އަނެކަކަށް ހެޔޮކަންތަކުގައި އެހީވެ އުޅުމުގެ އުޞޫލެވެ.

ފުރިހަމަ މުސްލިމުންގެ ސިފަ ބަޔާންކުރައްވާ މާތް ﷲ ވަޙީ ކުރައްވައިފައި ވެއެވެ. ((وَالَّذِينَ جَاءُوا مِن بَعْدِهِمْ يَقُولُونَ رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ)) މާނައީ: "އެއުރެންގެ ފަހުން އައި މީހުން ބުނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށާއި، އަދި އަޅަމެންނަށްވުރެ ކުރިން އީމާންވި، އަޅަމެންގެ އަޚުންނަށް ފާފަފުއްސަވާނދޭވެ! އަދި އީމާންވި މީހުންނަށް އަޅަމެންގެ ހިތްތަކުގައި ޙަސަދަވެރިކަމެއް ނުލައްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ނުހަނު އޯގާވަންތަ، ރަޙީމްވަންތަ ރަސްކަލާނގެއެވެ."

ޚިޔާލުތައް

0 ޚިޔާލު
Hasadhaverikan: nurahkaatheri bahyeh