ހެޔޮބަސް

އީމާންކަމާއި އިސްލާމްކަން - 3

ޑރ. ޢަބްދުލްޙަންނާނު ވަޙީދު
އިތުރަށް ވިދާޅުވުމަށް
1 month ago

ތަރުޖަމާ: ޑރ. ޢަބްދުލް ޙަންނާނު ވަޙީދު

މިއީ، 18 ވަނަ ޤައުނުގެ ފަހުކޮޅާއި، 19 ވަނަ ޤަރުނުގެ ކުރީކޮޅު އުޅުއްވި ފުންނާބު އުސް ޢިލްމުވެރިއެއް ކަމަށް ވާ مولانا ضياء الدّين خالد العثماني البغدادي ފާރިސީ ބަހުން އެންމެ ފުރަތަމަ ލިޔުއްވާފައިވާ إعتقاد نامه މި ނަން ކިޔޭ ފޮތުގެ ތަރުޖަމާ އެވެ. މި ފޮތް އެންމެ ފުރަތަމަ ޗާޕުކުރެވުނީ ހިޖުރައިން 1312 ގައި މިޞްރު ގައެވެ. މި ދިވެހި ތަރުޖަމާ އަކީ، މި ފޮތުގެ "އީމާން އަދި އިސްލާމް" މި ނަމުގައި ކޮށްފައިވާ ޢަރަބި އަދި އިނގިރޭސި ތަރުޖަމާގެ ތަރުޖަމާއެކެވެ.

(ކުރީގެ ޢަދަދާ ގުޅޭ)

ހަތަރު މަޒްހަބުން ކުރެ މަޒްހަބެއް ގައި ވާ ގޮތަށް އަޅުކަން އަދާކުރާ މީހަކު ފާފަޔަށް އަރައިގަނެ، ނުވަތަ އޭނާ އަޅުކަން އަދާކުރުމުގައި އެއްވެސް ގޯހެއް ހަދައިފި ނަމަ، އޭގެ ފަހުން އޭނާ ތައުބާވެއްޖެ ނަމަ، اللّه تعالى އޭނާ އަށް ޢަފޫކުރައްވާނެތެވެ. އޭނާ ތައުބާ ނުވާ ނަމަ، އެކަލާނގެ އިރާދަކުރައްވައިފި ނަމަ، އެކަލާނގެ އޭނާ އަށް ޢަފޫކުރައްވައި އޭނާ ނަރަކަޔަށް ނުވައްދަވާނެތެވެ. އެކަމަކު، އެކަލާނގެ އިރާދަކުރައްވައިފި ނަމަ، އޭނާ އަށް ޢަޒާބުދެއްވާނެތެވެ. އެކަމަކު، ފަހުން އެ ޢަޒާބުން މިންޖުކޮށްދެއްވާނެތެވެ. އިސްލާމް ދީނުގައި ޤަބޫލުކުރަންޖެހޭ، ތަންދޮރުނުދަންނަ މީހުން ވެސް އަޑުއަހާ ފަދަ ކަންތައްތަކުގެ ތެރެއިން، އެންމެ ޙަޤީޤަތެއް ނަމަވެސް ޤަބޫލުނުކުރާ މީހުންނަށް ކިޔެނީ ކާފިރުން (ދީން ޤަބޫލުނުކުރާ މީހުން) ނެވެ. އެފަދަ މީހުން ނަރަކައިގައި ދާއިމީ ޢަޒާބަށް ހުރަހޮޅިގެންދާނެ އެވެ.

     ދެ ވައްތަރެއްގެ ކާފިރުން އުޅެތެވެ. އެއީ، ސަމާވީ ފޮތަކާ އެކު ވާ ކާފިރުންނާއި، މުޤައްދަސް ފޮތަކާ ނުލައި ތިބޭ ކާފިރުންނެވެ. މުސްލިމު މައިންބަފައިންގެ ދަރިޔަކު އިސްލާމް ދީން ދޫކޮށްފި ނަމަ، އެ މީހަކަށް ކިޔޭނީ މުރުތައްދު (ދީނުން ބޭރުވެފައިވާ މީހާ) އެވެ. الإمام إبن عابدين (رحمه اللّه تعالى) ޝިރުކުވުމުގެ (اللّه އަށް ޝިރުކުކުރުން، ދީން ޤަބޫލުނުކުރުން) ސަބަބުން އެ ބައެއްގެ نِكَاح (އިސްލާމީ ކައިވެނީގެ ކޮންޓްރެކްޓް) ޙަރާމްވެފައިވާ (ހުއްދަ ނޫން، ބާޠިލު) މީހުންނާ މުޢާމަލާތުކުރުމުގެ ތެރެއިން ވިދާޅުވެފައިވަނީ ތިރީގައިވާ ގޮތަށެވެ. މުސްލިމުންގެ ތެރޭގައި ވާ ދަލާލަތުގެ ހަތްދިހަ ދެ ގްރޫޕްގެ ތެރެއިން ގްރޫޕެއް ގައި ހިމެނޭ މީހުން އަދި އެމީހުންގެ މުރުތައްދުކަން ލާދީނީވެފައިވާ ވުން، "ދީނުން ބޭރުވެފައި މީހުންނާއި، މުލްޙިދުންނާއި، ޒިންދީޤުންނާއި، އަލިފާނަށް އަޅުކަންކުރާ މީހުންނާއި، [ބްރަހަމުންނާއި، ބުޑިސްޓުން ނޭ] ކިޔޭ މީހުންނާއި، ބާޠިނީންނާއި، އިބާޙީންނާއި، ދުރޫޒުންނާއި، ބުދަށް އަޅުކަންކުރާ މީހުންނާއި، ޤަދީމީ ގްރީކް ފައިލަސޫފުންނާއި، މުނާފިޤުންނާ އެންމެންނަކީ، ސަމާވީ ފޮތެއް ނެތް ދީން ޤަބޫލުނުކުރާ މީހުންނެވެ". ކޮމިއުނިސްޓުންނާއި، ފްރީމޭސަނުންނަކީ ވެސް ސަމާވީ ފޮތަކާ ނުލައި ތިބި ދީން ޤަބޫލުނުކުރާ މީހުންނެވެ. ފަހުން ބަދަލުކުރެވިފައިވާ ތައުރާތާއި، އިންޖީލް ފަދަ ބާވާލައްވާފައިވާ ސަމާވީ ފޮތްތަކަށް އީމާންވާ މަސީޙީންނާއި، ޔަހުދީންނަކީ، ސަމާވީ ފޮތްތަކާ އެކު ވާ ދީން ޤަބޫލުނުކުރާ މީހުންނެވެ. އެފަދަ މީހުން ވަކި މަޚްލޫޤެއް އިލާހަކަށް ހަދާ ނަމަ، އެ މީހުން ވެގެންދާނީ މުޝްރިކުންނަށެވެ. صفاتُ الثبوتية އަދި صفاتُ الذاتية ގެ ނަމުން ނަންދެވިފައިވާ اللّه تعالى ގެ ޞިފަފުޅުތަކަށް ކިޔެނީ އިލާހީ ޞިފަތައް (أُلُوهِيّة) އެވެ.

     ސަމާވީ ފޮތެއްގެ ވެރި ނުވަތަ ސަމާވީ ފޮތަކާ ނުލައި ހުރި ދީން ޤަބޫލުނުކުރާ މީހަކު އިސްލާމް ދީން ޤަބޫލުކޮށްފި ނަމަ، އޭނާ ނަރަކައިން މިންޖުވާނެ އެވެ. އޭނާ ވެގެންދާނީ ފާފައެއް ނެތް ސާފު މުސްލިމަކަށެވެ. އެކަމަކު، އޭނާ ސުންނީ މުސްލިމަކަށް ވާންޖެހޭނެ އެވެ. ސުންނީ މުސްލިމަކަށް ވުމުގެ މާނަ އަކީ، (ތެދު މަގު ކަމުގައި ބުނެވޭ) أهلُ السَنّة ގެ ޢިލްމުވެރިޔަކު ލިޔުއްވާފައިވާ ފޮތެއް ކިޔައި ދަސްކޮށް، އެ ފޮތުން އޭނާ ދަސްކުރި ގޮތަށް އޭނާގެ އީމާންތެރިކަމާއި، ޢަމަލުތަކާއި، ބަސްމަގު ބެހެއްޓުމެވެ. މުސްލިމަކަށް ވިޔަސް ނުވަތަ ނުވިޔަސް، ދުނިޔޭގައި މީހަކު ޟަރޫރަތަކާ (ވަރަށް މުހިއްމު ނުވަތަ ކުރަންޖެހޭ ކަމަކާ) ނުލައި ބުނާ ބަހާއި، ކުރާ ޢަމަލުން ކަންތައްތަކެއް ދޭހަވެއެވެ. މީހަކުގެ ފަހު ނޭވާ ގައި އަނެއް ދުނިޔެއަށް ދިޔައީ އީމާންތެރިކަމާ އެކު ގައި ކަމަށް ވާ ނަމަ، އެކަން ޔަޤީންވާނެ އެވެ. ބޮޑެތި ފާފަތަކަށް އަރައިގެންފައިވާ މުސްލިމަކު އެ ފާފަތަކަށް ތައުބާވެއްޖެ ނަމަ، އެ މީހަކަށް ޢަފޫކުރެވި، ފާފައެއް ނެތް މީހަކަށް ވެ، ސާފު މުސްލިމަކަށް ވާނެ އެވެ. علم الحال ގެ ފޮތްތަކުގައި މިސާލަކަށް، އީމާން އަދި އިސްލާމް ގެ ނަމުން ނަންދެވިފައިވާ (މި) ފޮތާއި، Endless Bliss ގެ ހަ ބައިގައި ތައުބާ އަކީ ކޮބައި ކަމާއި، ތައުބާ ވާންވީ ގޮތް ވަނީ ވަރަށް ތަފްޞީލުކޮށް ކިޔައިދީފައެވެ.

ޞައްޙަ ޢަޤީދާގެ ވެރި މުސްލިމުންނަށް ކިޔެނީ أهل السُّنّة والجماعة ނުވަތަ ސުންނީ މުސްލިމުންނެވެ. ސުންނީ މުސްލިމުން އެ މީހުންގެ އަޅުކަންތައް އަދާކުރުމުގައި ބެހިގެންވަނީ (ތެދުމަގު ލިބިފައިވާ) ހަތަރު ސަބް ގްރޫޕަކަށެވެ. އެ މީހުން އެއްބަޔަކު އަނެއް ބަޔަކާ މެދު (ޢަޤީދާގެ މުހިއްމު ގްރޫޕް ކަމުގައިވާ) أهلُ السَنّة ގެ މުސްލިމުން ކަމަށް ދެކި، އެއްބަޔަކު އަނެއް ބަޔަކު ދެކެ ލޯބިވާނެތެވެ.[1] މި ހަތަރު ގްރޫޕް (މަޒްހަބު) ގެ ތެރޭގައި ނުހިމެނޭ މީހަކީ ސުންނީ މުސްލިމެއް ނޫނެވެ. ސުންނީ މުސްލިމަކަށް ނުވާ މީހަކީ، ކާފިރެއް ނޫނީ ބިދުޢަ މަތީގައި ހުރި މީހެއް ކަމަށް الإمام الرَبّاني ލިޔުއްވާފައިވާ ސިޓީތަކުގައި ވަނީ ލިޔުއްވާފައެވެ. (ނުނިމޭ)

[1]  މި ހަތަރު ގްރޫޕް (ނުވަތަ މަޒްހަބު) އަކީ: 1- حَنَفِي މަޒްހަބު؛ 2- شًافِعِي މަޒްހަބު؛ 3- مًالِكِي މަޒްހަބު؛ 4- حَنْبَلِي މަޒްހަބު

ޚިޔާލުތައް

0 ޚިޔާލު
Eymaankamaai islaamkan