ހެޔޮބަސް
އީމާންކަމާއި އިސްލާމްކަން - 2
ތަރުޖަމާ: ޑރ. ޢަބްދުލް ޙަންނާނު ވަޙީދު
މިއީ، 18 ވަނަ ޤައުނުގެ ފަހުކޮޅާއި، 19 ވަނަ ޤަރުނުގެ ކުރީކޮޅު އުޅުއްވި ފުންނާބު އުސް ޢިލްމުވެރިއެއް ކަމަށް ވާ مولانا ضياء الدّين خالد العثماني البغدادي ފާރިސީ ބަހުން އެންމެ ފުރަތަމަ ލިޔުއްވާފައިވާ إعتقاد نامه މި ނަން ކިޔޭ ފޮތުގެ ތަރުޖަމާ އެވެ. މި ފޮތް އެންމެ ފުރަތަމަ ޗާޕުކުރެވުނީ ހިޖުރައިން 1312 ގައި މިޞްރު ގައެވެ. މި ދިވެހި ތަރުޖަމާ އަކީ، މި ފޮތުގެ "އީމާން އަދި އިސްލާމް" މި ނަމުގައި ކޮށްފައިވާ ޢަރަބި އަދި އިނގިރޭސި ތަރުޖަމާގެ ތަރުޖަމާއެކެވެ.
(ކުރީގެ ޢަދަދާ ގުޅޭ)
مُحمّد (صلّى الله عليه وسلّم) ޙަދީޘްކުރެއްވި ބަސްފުޅުތަކަށް ކިޔޭ ނަމަކީ، حديث الشّريف އެވެ. مُحمّد (صلّى الله عليه وسلّم) ޙަދީޘްކުރެއްވިޔަސް، اللّه تعالى ގެ ޙަޟްރަތުން އިލްހާމް ލިބިގެންވާ މާނަ އެކުލެވޭ حديث الشّريف އަށް ކިޔޭ ނަމަކީ، حديث القدسي އެވެ. حديث الشّريف ގެ ވަރަށް ގިނަ ފޮތްތައް ވެއެވެ. بخاري އާއި مسلم އަކީ އެންމެ މަޝްހޫރު ދެ ފޮތެވެ. اللّه ގެ އަމުރުފުޅުތަކުގެ ތެރެއިން ޢަޤީދާ ހުންނަންވީ ގޮތް އަންގަވާފައިވާ އެންގެވުންތަކަށް ކިޔެނީ އީމާން އެވެ. ކޮންމެހެން ކުރަންޖެހޭ ކަންތައްތަކަށް ކިޔޭ ނަމަކީ ފަރްޟް އެވެ. އަދި ކުރުން ހުއްދަ ނޫން ކަންތައްތަކަށް ކިޔޭ ނަމަކީ ޙަރާމް އެވެ. ފަރްޟްކަންތަކާއި ޙަރާމްކަންތަކަށް ޖުމްލަ ގޮތެއް ގައި ކިޔެނީ أحكام الإسلاميّة (އިސްލާމީ ޙުކްމްތައް) އެވެ. އިސްލާމް ދީނުގައި އަންގަވާފައިވާ އެންމެ ކަމެއް ނަމަވެސް ޤަބޫލުނުކުރާ މީހަކަށް ކިޔޭ ނަމަކީ، ކާފިރު (ދީން ޤަބޫލުނުކުރާ މީހާ) އެވެ.
މީހަކު ކުރަންޖެހޭ ދެވަނައަށް އެންމެ ޟަރޫރީ ކަމަކީ، އެ މީހެއްގެ ހިތް ސާފުކުރުމެވެ. "ހިތޭ" ބުނުމުން، ދެ ކަމެއް ދޭހަވެއެވެ. އަޅުގަނޑުމެންގެ މޭގައިވާ މަސްކޮޅަށް ގިނަ ބަޔަކު ކިޔާ ނަމަކީ "ހިތެވެ". މި މާނައިގައި، ހިތަކީ ޖަނަވާރުންގެ ކިބައިގައި ވެސް ވާ އެއްޗެކެވެ. ދެވަނަ ހިތަކީ، (މާއްދީ) ހިތުގައި އޮންނަ ނުފެންނަ ހިތެވެ. ދެވަނަ ހިތަށް ވެސް ކިޔެނީ "ހިތެވެ". ދީނީ ފޮތްތަކުގައި ބަޔާންކުރެވިފައިވާ ހިތަކީ މި ހިތެވެ. އިސްލާމްދީނުގެ އެންގެވުންތައް ބަލައިގަންނަނީ މި ހިތެވެ. ދީން ޤަބޫލުކުރަނީ އަދި ނުކުރަނީ ވެސް މި ހިތެވެ. ދީން ޤަބޫލުކުރާ ހިތަކީ ސާފު ހިތެކެވެ. ދީން ޤަބޫލުނުކުރާ ހިތަކީ މުޑުދާރު ހިތެކެވެ. އެއީ މަރުވެފައިވާ ހިތެކެވެ. ގަދައަޅައި މަސައްކަތްކޮށްގެން ހިތް ސާފުކުރުމަކީ، އަޅުގަނޑުމެންގެ ފުރަތަމަ ވާޖިބެވެ. އަޅުކަން ކުރުމުން، ޚާއްޞަކޮށް ނަމާދު އަދާކޮށް (ޚާއްޞަ ދުޢާ ކަމުގައިވާ) އިސްތިޣްފާރު ކުރުމުން، ހިތް ސާފުކޮށްދެއެވެ. ޙަރާމް ކަންތަކަށް އަރައިގަތުމުން ހިތް މުޑުދާރުކޮށްލައެވެ.
އަޅަމެންގެ ބަރަކާތްލެއްވިގެންވާ ރަސޫލާ ޙަދީޘްކުރެއްވި އެވެ: (من أكثر من الإستغفار جعل اللّه له من كل همّ فرجا و من كلّ ضيق مخرجا و رزقه من حيث لا يحتسب) މާނައީ، "އިސްތިޣްފާރު ކިޔުން ގިނަކޮށްފި މީހަކަށް اللّه تعالى ހުރިހާ ބަލިތަކާއި މުޞީބާތްތަކުން ރައްކާތެރިކޮށްދެއްވާނެތެވެ. އެކަލާނގެ އޭނާއަށް އެއްގޮތަކަށް ވެސް އުއްމީދުނުކުރާ ފަދަ ތަންތަނުން ރިޒްޤު (ކާނާ، ބަނޑުފުރާނަ މުއްތިކުރާ ތަކެތި) ފޮނުއްވައެވެ". އިސްތިޣްފާރަކީ (أستففراللّه الذي لا إله إلّا هو الحيّ القيّوم و أتوب إليه) ކިޔުމެވެ. ދުޢާ އިޖާބަކުރެއްވުމުގެ ޝަރުޠަކީ، ދުޢާކުރާ މީހާ މުސްލިމަކަށް ވުމާއި، އަރައިގެންފައިވާ ފާފަތަކަށް ތައުބާވުމާއި، މާނަ އެނގިގެން، ޤަބޫލުކުރުމާ އެކު ދުޢާކުރުމެވެ. ކަޅު ހިތަކާ އެކު ކުރެވޭ ދުޢާތައް (اللّه تعالى) ބައްލަވާވޮޑިއެއް ނުގަންނަވާނެތެވެ. ކޮންމެ ދުވަހަކު ތިން ފަހަރު ދުޢާކޮށް ސާބިތުކަމާ އެކު ފަސް ނަމާދު ކުރާ މީހަކު ކިޔަން ފަށާނެ އެވެ. ހިތުން ކިޔުމަކާ ނުލައި، ހަމައެކަނި އަނގައިން ކިޔޭ ދުޢާ އަކީ ބޭނުމެއް ހުރި އެއްޗެއް ނޫނެވެ.
އިސްލާމް ދީނުގައި އަންގަވާފައިވާ ދީނީ އެންގެވުންތަކަކީ، أهلُ السُّنّة ގެ ދަންނަބޭކަލުންގެ ފޮތްތަކުގައި ލިޔެވިފައިވާ އެންގެވުންތަކެވެ. ވަރަށް ސާފު އަދި ހުޅުވިފައިވާ މާނަތަކާ އެކުގައި ވާ أهلُ السُّنّة ގެ ޢިލްމުވެރިންގެ ފަރާތުން ވާރިދުވެފައިވާ ޢަޤީދާ އަދި އިސްލާމީ އުނގަންނައިދިނުންތަކުގެ ތެރެއިން نَصُّ ގެ ގޮތުގައި ބުނެވޭ ކީރިތި ޤުރްއާނުގެ އާޔަތްތަކާއި، ކީރިތި ރަސޫލާގެ ޙަދީޘްތައް ވެއެވެ. އޭގެ ތެރެއިން އެންމެ ކަމެއް ނަމަވެސް ޤަބޫލުނުކުރާ މީހާ ވެގެންދާނީ ކާފިރަކަށެވެ. އޭނާގެ ދީން ޤަބޫލުކުރުން ދޫކޮށްފި ނަމަ، އެފަދަ މީހަކަށް ކިޔޭނީ منافق އެވެ. އަދި އެ ފަދަ މީހަކު ދީން ޤަބޫލުކުރުން ދޫކޮށް، މުސްލިމެއް ކަމަށް ދައްކައިގެން މުސްލިމުންނަށް އޮޅުވާލަން އުޅޭނަމަ، ކިޔޭނީ زنديق އެވެ. އެކަމަކު، އެހާ މާނަ ސާފު ނޫން نص އެއް ނުބައި ގޮތަކަށް މާނަކޮށްގެން އުފެދޭ ޤަބޫލުނުކުރެވުމަކީ، މިހަކު ކާފިރަކަށް ވާނެ ސަބަބެއް ނޫނެވެ. އެކަމަކު، أهلُ السُّنّة ގެ ތެދު ގޮތުން ދުރުވުމަކީ، ނަރަކަ އަށް ވަންނާނެ ސަބަބެކެވެ.
އެކި ގޮތަށް މާނަކުރެވޭ ގޮތަށް ހުންނަ نصތައް ޤަބޫލުކުރުމުގެ ސަބަބުން އެ މީހަކު ދާއިމަށް ޢަޒާބު ލިބިލިބި ނުހުރެ؛ ނަރަކައިން ސަލާމަތްކުރެވި ސުވަރުގެ ވައްދަވާނެތެވެ. މި ވައްތަރުގެ މީހުންނަށް ކިޔޭ ނަމަކީ، ބިދުޢައިގެ މީހުން ނުވަތަ ދަލާލަތުގެ ގްރޫޕްތަކެވެ. ދަލާލަތުގެ ގްރޫޕްތަކުގެ ގޮތުގައި ބެލެވޭ ހަތްދިހަ ދެ ގްރޫޕް ވެއެވެ. މި މީހުން ނުވަތަ ދީން ޤަބޫލުނުކުރާ މީހުން ނުވަތަ ދީނުން ބޭރުވެފައިތިބޭ މީހުން ކުރާ އެއްވެސް އަޅުކަމެއް ނުވަތަ އިންސާނިއްޔަތަށް ދޭ ދަރުމައެއް ނުވަތަ ޚިދުމަތެއް (اللّه تعالى) ބައްލަވާވޮޑިއެއް ނުގަންނަވާނެ އެވެ. އެފަދަ މީހުންގެ ޚައިރާތު މަސައްކަތްތަކުން އެ މީހުންނަށް އާޚިރަތުގައި ވާނެ ފައިދާއެއް ނޯންނާނެ އެވެ.
ޞައްޙަ ޢަޤީދާގެ ވެރި މުސްލިމުންނަށް ކިޔެނީ أهل السُّنّة والجماعة ނުވަތަ ސުންނީ މުސްލިމުންނެވެ. ސުންނީ މުސްލިމުން އެ މީހުންގެ އަޅުކަންތައް އަދާކުރުމުގައި ބެހިގެންވަނީ (ތެދުމަގު ލިބިފައިވާ) ހަތަރު ސަބް ގްރޫޕަކަށެވެ. އެ މީހުން އެއްބަޔަކު އަނެއް ބަޔަކާ މެދު (ޢަޤީދާގެ މުހިއްމު ގްރޫޕް ކަމުގައިވާ) أهل السُّنّة ގެ މުސްލިމުން ކަމަށް ދެކި، އެއްބަޔަކު އަނެއް ބަޔަކު ދެކެ ލޯބިވާނެތެވެ.[1] މި ހަތަރު ގްރޫޕް (މަޒްހަބު) ގެ ތެރޭގައި ނުހިމެނޭ މީހަކީ ސުންނީ މުސްލިމެއް ނޫނެވެ. ސުންނީ މުސްލިމަކަށް ނުވާ މީހަކީ، ކާފިރެއް ނޫނީ ބިދުޢަ މަތީގައި ހުރި މީހެއް ކަމަށް الإمام الرَبّاني ލިޔުއްވާފައިވާ ސިޓީތަކުގައި ވަނީ ލިޔުއްވާފައެވެ. (ނުނިމޭ )
[1] މި ހަތަރު ގްރޫޕް (ނުވަތަ މަޒްހަބު) އަކީ: 1- حَنَفِي މަޒްހަބު؛ 2- شًافِعِي މަޒްހަބު؛ 3- مًالِكِي މަޒްހަބު؛ 4- حَنْبَلِي މަޒްހަބު