އައްޝައިޚް މުހައްމަދު ސިނާން
ސުވަރުގެއަކީ އެތަނުގެ އަހުލުވެރިން ކެއުމަށްޓަކައި ތަފާތު އެތައް އެއްޗެއް ލައްވާފައިވާ ތަނެކެވެ. އެފަދަ ބައެއް ތަކެތީގެ ވާހަކަތައް މާތް ﷲ ވަނީ ކީރިތި ޤުރްއާނުގައި ބަޔާންކޮށްދެއްވާފައެވެ. އަދި ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم ވަނީ އެކަންކަމުގެ ބައެއް ޚަބަރުތައް ދެއްވާފައެވެ. ސުވަރުގެއަށް އެންމެ ފުރަތަމަ ވަންނަ ވަފުދުގެމީހުންނަށް، އެތަނަށް ވަނުމާއެކު، އެބައިމީހުންނަށް މެހެމާންދާރީގެ ގޮތުގައި އެންމެ ފުރަތަމަ ދެވޭނެ ކައުމަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟
ސުވަރުގޭގައިވާ އެއްޗެއްސާއި ތަކެއްޗަކީ އަހަރެމެން ދުނިޔެމަތީގައި ނަން ކިޔާގޮތަށް ނަންކިޔުނުކަމުގައި ވީނަމަވެސް، އަހަރެމެންގެ ހިތަށްވެސް ނުގެނެވޭނެފަދަ މަތިވެރި ބަރަކާތްތެރި ތަކެއްޗެކެވެ. ސުވަރުގޭގައިވާ މޭވާތަކާއި ކާތަކެތިވެސް ހަމަމިފަދައެވެ. ނަމާއި ބަލާބެލުމަށް އެއްގޮތްކަމެއް ހުރިކަމުގައިވީނަމަވެސް އޭގެ ރަހައާއި ލިބޭ ލައްޒަތު މުޅިން ތަފާތެވެ.
ސުވަރުގޭގެ އަހުލުވެރިން އެންމެ ފުރަތަމަވެސް ސުވަރުގެވަނުމާއެކު އެބައިމީހުންނަށް ކެއުމުގެ ގޮތުގައި ލިބޭނީ ބޮޑުމަހުގެ މޭގަނޑުގައި ވަކިން އިންނަ ބައެކެވެ. މިގޮތުން، ޞަޙީޙުލް ބުޚާރީގައި އައިސްފައިވާ ޢަބްދުﷲ ބުން ސަލާމް رَضِيَ اللهُ عَنْه އިސްލާމްވެވަޑައިގެންނެވި ޙާދިސާގައި އައިސްފައިވެއެވެ. އެކަލޭގެފާނަކީ ޔަހޫދީންގެ ތެރެއިންވާ ޢިލްމު ހުރި ބޭކަލެކެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވުމުގެ ކުރިން ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم އަކީ ޙައްޤު ނަބިއްޔެއްތޯ އިމްތިޙާނުކުރެއްވުމަށްޓަކައި 3 ސުވާލެއް ކުރެއްވިއެވެ. އެއިގެ ތެރެއިން އެއް ސުވާލަކީ "ސުވަރުގޭގެ އަހުލުވެރިން އެންމެ ފުރަތަމަ ކާނެ އެއްޗަކީ ކޮބައިތޯއެވެ؟" މި ސުވާލުގެ ޖަވާބުގައި ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. "ސުވަރުގޭގެ އަހުލުވެރިން އެންމެ ފުރަތަމަ ކާނެ އެއްޗަކީ ބޮޑުމަހުގެ މޭގަނޑުގެ ބައެކެވެ."
މީގެ އިތުރުން؛ ޞަޙީޙުލް ބުޚާރީއާއި ޞަޙީޙު މުސްލިމްގައި އަބޫ ސަޢީދުނިލް ޚުދުރީ رَضِيَ اللهُ عَنْه ގެ ކިބައިން އައިސްފައިވާ ރިވާޔަތެއްގައިވެއެވެ. ސުވަރުގޭގެ އަހުލުވެރިންނަށް އެންމެ ފުރަތަމަ ދެވޭ ކެއުމާބެހޭގޮތުން ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم އެބޭކަލުންނަށް ޚަބަރުދެއްވަމުން ޙަދީޘްކުރެއްވިއެވެ. "މީގޮނުގެރިއާއި ބޮޑުމަހެވެ. އެ ދޭތީގެ މޭގަނޑުގެ ވަކިން އިންނަ ބައިން ހަތްދިހަ ހާސް މީހުން ކާނެއެވެ."
އަދި ޞަޙީޙު މުސްލިމްގައި ޘައުބާން رَضِيَ اللهُ عَنْه ގެ ކިބައިން ރިވާވެފައިވެއެވެ. ޔަހޫދީއަކު އައިސް ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم އަށް ސުވާލުތަކެއް ދެންނެވިއެވެ. އެމީހާ ދެންނެވިއެވެ. "އެބައިމީހުންނަށް (އެބަހީ؛ އެންމެ ފުރަތަމަ ސުވަރުގެއަށް ވަންނަމީހުންނަށް) އެންމެ ފުރަތަމަ ދެވޭނެ އެއްޗަކީ ކޮބައިތޯއެވެ؟" ޖަވާބުގައި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ބޮޑުމަހުގެ މޭގަނޑުގެ ބައެކެވެ." އެ ޔަހޫދީމީހާ ދެންނެވިއެވެ. "ދެން އެއާއެކު އެބައިމީހުންނަށް ދެވޭނީ ކޮން އެއްޗެއްތޯއެވެ؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ސުވަރުގޭގެ އައްސޭރިފަށުގައި އުޅޭ މީގޮނުގެރިތަކުގެ ތެރެއިން ގެރި އެބައިމީހުންނަށްޓަކައި ކަތިލެވޭނެއެވެ." ޔަހޫދީމީހާ ދެންނެވިއެވެ. "އެއާއެކު އެބައިމީހުންނަށް ބުއިމަށް ދެވޭނީ ކޮން އެއްޗެއް ހެއްޔެވެ؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ސަލްސަބީލްއޭ ކިޔުނު ފެންއާރުގެ ފެނެވެ." ދެން ޔަހޫދީމީހާ ދެންނެވިއެވެ. "ކަލޭގެފާނު ތިޔަ ހެއްދެވީ ތެދުފުޅެވެ."
ސުވަރުގޭގެ އަހުލުވެރިންނަށް އެންމެ ފުރަތަމަ މި ކެއުންތައް ދެއްވުމުގެ ޙިކުމަތަކީ ކޮބައިތޯ ހިތަށް އަރާފާނެއެވެ. މާތް ﷲ މިގޮތަށް ލައްވާފައި ވާނީ މަތިވެރި ޙިކުމަތަކަށްޓަކައެވެ. އެކަން ދެނެވޮޑިގެން ވަނީ ހަމައެކަނި އެކަލާނގެއެވެ. އެކަމުގެ ޙިކުމަތް އަހަރެމެންނަށް އެނގިގެން ނުވެއެވެ. އަދި ދުނިޔެމަތީގައި އެތަކެއްޗަށް ޝައުޤުވެރިކަން ނުހުންމީހަކު ނަމަވެސް ސުވަރުގޭގައި އެކަން ތަފާތުވެގެންވާނެއެވެ.
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ސުވަރުގެއާބެހޭގޮތުން މިފަދަ އުފާވެރި ޚަބަރުތައް ކީރިތި ޤުރްއާނުގައާއި ޙަދީޘްތަކުގައި އައިސްފައި ވަނީ އަހަރެމެން އެތަނަށް ވަނުމަށް ޝައުޤުވެރިވެ، އެތަނުގެ މަތިވެރި ނިޢުމަތްތައް ހޯދުމަށްޓަކައި ދުނިޔެމަތީގައި ގަދައަޅައި މަސައްކަތް ކުރުމަށްޓަކައެވެ. އެހެންކަމުން، ތަނަވަސްވެގެންވާ މަތިވެރި ސުވަރުގެތައް ޙާޞިލުކުރުމަށްޓަކައި ލިބިިފައިމިވާ މަދު ދުވަސްކޮޅުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ! މާތް ﷲއަށް ކިޔަމަންތެރިވެ، ހެޔޮ ޢަމަލުތައް ކުރުން ގިނަކުރާށެވެ!