ސީރަތު
ސަލާމްލެއްވި ޔަޢްޤޫބުގެފާނާއި ޔޫސުފްގެފާނު 4
ޔޫސުފްގެފާނުގެ އަޚުން ދެވަނަ ފަހަރަށް މިޞްރަށް
ޔޫސުފްގެފާނުގެ އަޚުން ދެވަނަ ފަހަރަށް މިޞްރަށް ދިޔުމަށް ކަނޑައަޅާފައިވާ ދުވަސް ޖެހުނެވެ. ދަތުރުގެ ސަވާރީތަކާއި ދަތުރަށް ބޭނުންވާނެ ކޮއްތު ސަވާރީތަކަށް ބަރުކޮށް ނިންމިއެވެ. އެހިނދު، ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ދަރިދަރިކަލުންނަށް ނަޞޭޙަތްތެރިވެވަޑައިގަތެވެ. "އޭ އަހުރެންގެ ދަރިންނޭވެ! ތިޔަބައިމީހުން އެތަނަށްގޮސް ވަންނައިރުގައި އެއްދޮރޯއްޓަކުން ނުވަންނާށެވެ. ތަފާތު ދޮރޯށިތަކުން ވަންނާށެވެ. އަދި ﷲގެ ޙަޟްރަތުން ތިޔަބައިމީހުންނަށް އެއްވެސްކަމެއް ތިމަންނާއަކަށް ފުއްދައެއް ނުދެވޭނެތެވެ. ﷲއަށް މެނުވީ ޙުކުމް ކުރެއްވުމެއް ނެތެވެ. ތިމަންކަލޭގެފާނު ވަކީލުކުރައްވަނީ، އެކަލާނގެއަށެވެ. އަދި ވަކީލުކުރާމީހުން ހަމައެކަނި އެކަލާނގެއަށް ވަކީލުކުރާހުށިކަމެވެ!" އެކި ދޮރޯށިތަކުން ވަނުމަށް ޔަޢްޤޫބުގެފާނު ވިދާޅުވީ އެކަކުގެ އެހާގިނަދަރިންތަކެއް އަދި އެހާގިނަ މުދާތަކާއެކު އެއްތަނަކުންފެނި ބަޔަކު ހަސަދަވެރިވެދާނެ ކަމަށްޓަކައި ކަމުގައި ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ. އަދި ޔަޢުޤޫބުގެފާނުގެ މި ނަޞޭޙަތްޕުޅުން އެނގިގެންދަނީ ދަރިން ކިތަންމެ ބޮޑުވިނަމަވެސް މައިންބަފައިންގެ ފަރާތުން އަބަދުވެސް ހެޔޮ ރަނގަޅު އިރުޝާދުތައް ދަރިންނަށް ދިނުމުގައި ދެމިހުންނަންޖެހޭ ކަމެވެ.
ޔޫސުފްގެފާނުގެ އަޚުން މިޞްރަށް ދަތުރުކޮށް، ބައްޕާފުޅު އިރުޝާދުދެއްވިގޮތަށް މިޞްރުގެ ތެރެއަށް ވަނެވެ. އަދި ޔޫސުފްގެފާނާ ބައްދަލުކުރެއްވިއެވެ. ޔޫސުފްގެފާނު އެބައިމީހުންނަށް އިސްތިޤްބާލުކުރައްވައި، މަރުޙަބާ ވިދާޅުވިއެވެ. އެކަމުގެ ތެރެއިން ދަނޑިވަޅެއް ހޯއްދެވެވުމަށްފަހު ސިއްރުން އެކަލޭގެފާނުގެ އަޚު ބުންޔާމީނަށް ޙަޤީޤަތް ހާމަކޮށްދެއްވިއެވެ. ((وَلَمَّا دَخَلُوا عَلَىٰ يُوسُفَ آوَىٰ إِلَيْهِ أَخَاهُ ۖ قَالَ إِنِّي أَنَا أَخُوكَ فَلَا تَبْتَئِسْ بِمَا كَانُوا يَعْمَلُونَ)) "އަދި ޔޫސުފްގެފާނުގެ އަރިހަށް އެބައިމީހުން ވަނުމުން، އެކަލޭގެފާނުގެ އަޚު އެކަލޭގެފާނުގެ އަރިހަށް ގެންދަވައި ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންނާއީ، ތިބާގެ އަޚާއެވެ. ފަހެ، އެބައިމީހުން ކުރާ ކަންތަކާމެދު ތިބާ ހިތާމަނުކުރާށެވެ!" ޔޫސުފްގެފާނާއި އެކަލޭގެފާނުގެ އަޚާއަކީ އެހެން ބަނޑެއްގެ އަޚުންކަމުގައި ވާތީ، އެ ދެ އަޚުންނާމެދު އަނެއް ބަނޑުގެ އަޚުންގެ މެދުގައި އޮތް ރުޅިވެރިކަމާއި ޙަސަދަވެރިކަން އެ އަޚުންގެ ހިތްތަކުން ފިލައި ނުދެއެވެ. ޔޫސުފްގެފާނު ވަޅަށް ވައްޓާލެވުނުތާ އެތައް އަހަރެއް ފާއިތުވެފައިވާއިރުވެސް، އެބައިމީހުންގެ ހިތްތަކުގައި އެ ނުބައި ބަލިމަޑުކަމަކަށް ފަރުވާއެއް ލިބިފައެއް ނުވެއެވެ. ޔޫސުފްގެފާނަށްފަހު، އެބައިމީހުންގެ ނުރުހުމުގެ ބަސްތަކާ ކުރިމަތިލާންޖެހިފައިވީ ޔޫސުފްގެފާނުގެ އަޚު ބުންޔާމީނަށެވެ. އެކަން ޔޫސުފްގެފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާތީވެ، އެބައިމީހުންގެ ޢަމަލުތަކާމެދު ކެތްތެރިވުމަށް އެކަލޭގެފާނު ނަޞޭޙަތް ދެއްވީއެވެ.
ޔޫސުފްގެފާނު އެކަލޭގެފާނުގެ އަޚާއާއެކު ރާއްވަވައިގެން ކަންތައް ކުރެއްވި ގޮތަކީ ((فَلَمَّا جَهَّزَهُم بِجَهَازِهِمْ جَعَلَ السِّقَايَةَ فِي رَحْلِ أَخِيهِ)) "ފަހެ، އެކަލޭގެފާނު އެބައިމީހުންގެ ސާމާނު ތައްޔާރުކޮށްދެއްވިހިނދު (މިނެހެދުމަށް ގެންގުޅޭ ރަނުގެ) سقاية، އޭނާގެ އަޚުގެ ތަކެތީގެ ތެރެއަށް ލެއްވިއެވެ." سقاية އަކީ ރަސްރަސްކަލުން ފެން ހިއްޕެވުމަށް ގެންގުޅުއްވާ ނާޅިއަކަށް ކިޔާނަމެކެވެ. ޔޫސުފުގެފާނާއި އެކަލޭގެފާނުގެ އަޚު ބުންޔާމީނާ ދެބޭފުޅުންގެ ރޭއްވެވުމެއްގެދަށުން ސިއްރުން އޭތި މިލެއްވީ ބުންޔާމީންގެ ސާމާނުގެ ތެރެއަށެވެ. އޭގެފަހުގައި އެކަންވާރު ގެއްލިގެން ގޮވަންފެށިއެވެ. ((ثُمَّ أَذَّنَ مُؤَذِّنٌ أَيَّتُهَا الْعِيرُ إِنَّكُمْ لَسَارِقُونَ)) "ދެން ގޮވައި އަންގާ މީހަކު ގޮވިއެވެ. އޭ ޤާފިލާގެ މީހުންނޭވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނީ، ވައްކަންކުރާ ބަޔެކެވެ." މިއީ ޔޫސުފްގެފާނު އެކަލޭގެފާނުގެ އަޚު ބުންޔާމީން އެމީހުންނާއެކު ފުރައިގެން ދިޔަނުދީ އެކަލޭގެފާނުގެ އަރިހުގައި ބެހެއްޓެވުމަށް ރޭއްވެވިރޭވުމެކެވެ.
އެ ނާޅި ހޯދުމަށްޓަކައި ޔޫސުފްގެފާނު، ރަސްގެފާނުގެ އަޢުވާނުން އެކި ދިމަދިމާލަށް ފޮނުއްވިއެވެ. އެ ހޯދުމަށްޓަކައި އައި ބަޔަކު ޔޫސުފްގެފާނުގެ އަޚުންގެ ގާތަށް އައެވެ. އަދި އެބައިމީހުން މި ހޯދަނީ ރަސްގެފާނުގެ ނާޅިކަމުގައްޔާއި، އެއީ ރަނުންވާ އަގުބޮޑު ނާޅިއެއްކަމުގައި އެބައިމީހުންނަށް ބަޔާންކޮށްދިނެމެވެ. އަދި އެ ހޯދައިދިން ބަޔަކަށް ޖަމަލަކަށް އެރުވޭހައި ވިޔަފާރި މުދާ ލިބޭނެކަން އިޢުލާނު ކުރެވުނެވެ. އެހިނދު، ޔޫސުފްގެފާނުގެ އަޚުން ވައްކަން ނުކުރާކަމުގައި ދެންނެވިއެވެ. ((قَالُوا تَاللَّهِ لَقَدْ عَلِمْتُم مَّا جِئْنَا لِنُفْسِدَ فِي الْأَرْضِ وَمَا كُنَّا سَارِقِينَ)) "އެބައިމީހުން ދެންނެވިއެވެ. ﷲ ގަންދީ ބުނަމުއެވެ. ތިމަންމެންއައީ ބިމުގައި ފަސާދަކުރުމަށް ނޫންކަން ތިޔަބައިމީހުންނަށް އެނގިފައިވާނެކަން ކަށަވަރެވެ. އަދި ވައްކަންކުރާ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ." ރަސްގެފާނުގެ ފަރާތުން އައި މީހުން ސުވާލުކުރިއެވެ. "ވައްކަންނުކުރާކަމަށް ބުނެ ދޮގުހަދާ މީހެއްގެ ޖަޒާއަކީ ކޮބައިތޯއެވެ؟" އެހިނދު، ޔޫސުފްގެފާނުގެ އަޚުން ޖަވާބުދިނެވެ. "ޔަޢްޤޫބުގެފާނުގެ ޝަރީޢަތުގައި އޮންނަގޮތަކީ، ވައްކަންކޮށްފިމީހަކު އެ އެއްޗެއްގެ ސާހިބުމީހާއަށް ޚިދުމަތްކުރަންޖެހުން ނުވަތަ އެމީހަކު ދުވަސްކޮޅެއް ވަންދެން ހިފަހަށްޓާފައިވާ މީހެއްގެ ގޮތުގައި ވެގެންދިއުމެވެ. އަނިޔާވެރިންގެ ޖަޒާއަކީ އެއީއެވެ." ޔޫސުފްގެފާނުގެ އަޚުން އަމިއްލައަށް މި ޙުކުމް ބަޔާކޮށް އެ ޙުކުމުގެ މައްޗަށް އިޢުތިރާފުވިއެވެ.
މި އިޢުތިރާފަށް ފަހުގައި، ސަވާރީތައް ބަލައި ފާސްކުރަން ފެށުނެވެ. ބުންޔާމީނުގެ ސަވާރީ އެންމެ ފަހަށް ބެހެއްޓުމަށްފަހު، ޔޫސުފްގެފާނުގެ އެހެން އަޚުންގެ ސަވާރީތައް، ސަވާރީއަކަށްފަހު ސަވާރީއެއް ބަލައި ފާސްކުރަމުން ދިޔައެވެ. އެންމެފަހުން، ބުންޔާމީންގެ ސަވާރީ ފާސްކުރިއިރު، އެ ސަވާރީގެ ތެރެއިން ގެއްލިގެން އުޅުނު ނާޅި ފެނުނެވެ. އަދި ބުންޔާމީނުގެ މައްޗަށް ވައްކަމުގެ ޙުކުމް އައެވެ. އެހިނދު، ޔޫސުފްގެފާނުގެ އަޚުންގެ ކިބައިގައިވާ ނުބައި ބަލިމަޑުކަން ފާޅުވެގެންގޮސް ބުންޏެވެ. ((قَالُوا إِن يَسْرِقْ فَقَدْ سَرَقَ أَخٌ لَّهُ مِن قَبْلُ)) "އެބައިމީހުން ބުނެފިއެވެ. އޭނާ ވައްކަންކުރިކަމަށްވާނަމަ، މީގެކުރިން އޭނާގެ އަޚަކުވެސްވަނީ ވައްކަންކޮށްފައެވެ." މިއީ ޔޫސުފްގެފާނުގެ ވާހަކައެވެ. ޔޫސުފުގެފާނުގެ އަރިހުގައި އެބައިމީހުނަށް ނޭނގި މިބުނަނީ އޭނަ ވައްކަންކޮށްފައިވަނީނަމަ އޭނަގެ އަޚާވެސް ވަނީ ކުރިން ވައްކަން ކޮށްފައެވެ. މި މީހުންގެ މި ވާހަކަތަކަށް ޔޫސުފުގެފާނު ވަރަށް ކޯފާ އިސްކުރެއްވިއެވެ. ނަމަވެސް ޔޫސުފްގެފާނު ޙިކުމަތްތެރިކަން އިސްކުރައްވައި ކެތްތެރިވެވަޑައިގެން އެބައިމީހުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ((قَالَ أَنتُمْ شَرٌّ مَّكَانًا ۖ وَاللَّهُ أَعْلَمُ بِمَا تَصِفُونَ)) "އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ދަރަޖަ އެއަށްވުރެ މާނުބައެވެ. އަދި ތިޔަބައިމީހުން ސިފަކޮށް ބުނާއެއްޗެއް ﷲ ދެނެވޮޑިގަތުން ބޮޑެވެ." ޔޫސުފްގެފާނު މިގޮތަށް ކަންތައްތައް ކުރެއްވުމުގެ އެއް ބޭނުންފުޅަކީ އެކަލޭގެފާނުގެ އެ އަޚުންނަށް އަމިއްލަ ކުށް ޤަބޫލުކުރުމަށް ޢިބްރަތެއް ޙާޞިލުކޮށްދީ، އެބައިމީހުން އިޞްލާޙުވޭތޯއެވެ. ޙިކުމަތްތެރިކަމުގެ ތެރޭގައި؛ އަވަހަށް ނެރެވޭ ކުޑަ ނަތީޖާއަކަށްވުރެ، ފަހުން ނެރެވޭނެ މާ ހެޔޮކަން ބޮޑު ނަތީޖާއަކަށް ރޭވުންތެރިކަމާއި ކެތްތެރިކަމާއެކު މަސައްކަތްކުރުން ވެއެވެ. ޔޫސުފްގެފާނު މިކަންކަން ރާއްވަވާފައި މި ވަނީ މިގޮތަށެވެ. އެކަލޭގެފާނުގެ ބައްޕާފުޅާއި ޢާއިލާއާ އަވަހަށް ބައްދަލުކުރެއްވުމަށް އިންތިހާއަށް ބޭނުންފުޅުވުމާއެކުވެސް އެންމެ ހެޔޮ ގޮތުގައި ބައްދަލުކުރެއްވުމަށް ރާއްވަވައި ކެތްތެރިވެ ވަޑައިގެންނެވީއެވެ. އެކަލޭގެފާނުގެ އަޚުން އެކަލޭގެފާނާމެދު ކަންތައް ކޮށްފައިވާ އިހާނެތި ގޮތާއި، އެބައިމީހުންގެ ބަސްމަގު ހުރިގޮތާމެދު ބަދަލުނުހިއްޕަވާ ދޫކޮށްލައްވަނީއެވެ.
ޔޫސުފްގެފާނުގެ އަޚުންނަށް ހަދާނެގޮތެއް ނޭނގުނެވެ. ބުންޔާމީން ގޮވައިގެން ރަށަށް ދެވޭކަން ނެތެވެ. ބައްޕާފުޅަށް ވެފައިވާ ވަޢުދު ނުފުއްދުނީތީ ސުވާލުކުރައްވާނެއެވެ. ވައްކަންކޮށްފިމީހެއްގެ ޙުކުމާމެދު ވަނީ އިޢުތިރާފުވެވިފައެވެ. އެންމެފަހުން، އެބައިމީހުން ދެންނެވިއެވެ. "ހަމަކަށަވަރުން ތިމަންމެންގެ މުސްކުޅި ބައްޕައެއް ވެއެވެ. އެއަޚްގެ ބަދަލުގައި ތިމަންމެންގެ ތެރެއިން ކޮންމެސް އެހެން މީހަކު ބަހައްޓަވާށެވެ. އެހެން މީހަކު ބަހައްޓަވާފައި އެއަޚް ދޫކޮށްލައްވާށެވެ. ތިމަންމެންދެކެނީ ކަލޭގެފާނަކީ އިޙްސާންތެރިންގެ ތެރޭގައިވާ މާތް ބޭކަލެއްކަމުގައެވެ." އެހިނދު ޔޫސުފްގެފާނު ވިދާޅުވިއެވެ. ((قَالَ مَعَاذَ اللَّهِ أَن نَّأْخُذَ إِلَّا مَن وَجَدْنَا مَتَاعَنَا عِندَهُ إِنَّا إِذًا لَّظَالِمُونَ)) "އެކަލޭގެފާނު ވިދާޅުވިއެވެ. معاذ اللَّه އެވެ. (އެބަހީ: ﷲ ގެ ރައްކާތެރިކަމަށް އެދެމެވެ.) އެމީހެއްގެ އަތުގައި ތިމަންމެންގެ ތަކެތި ހުއްޓައި ފެނުނު މީހަކު މެނުވީ، ތިމަންމެން ހިފެހެއްޓުމުން ދުރުވެ، ރައްކާތެރިވުން އެދެމެވެ. އެހެންވެއްޖެނަމަ، ހަމަކަށަވަރުން، ތިމަންމެންވާހުށީ އަނިޔާވެރިން ކަމުގައެވެ." އެބައިމީހުން އާދޭސް ދަންނަވައިގެންވެސް އެ އަޚު ދޫކޮށްލުމަށް އެއްބަސްނުވުމުން ދެން އެބައިމީހުން ވަކިން ހެދޭނެގޮތަކާމެދު ސައްލާކުރިއެވެ. އެބައިމީހުންގެ ތެރޭގައި އެންމެ ބޮޑަށްހުރި މީހާ ބުންޏެވެ. "ތިޔަބައިމީހުންގެ މައްޗަށް ތިޔަބައިމީހުންގެ ބައްޕާ، ﷲގެ ޙަޟްރަތުން އަޙްދު ކަށަވަރު ހިއްޕަވާފައިވާކަމާއި، އޭގެކުރިން ޔޫސުފްގެފާނާމެދު ތިޔަބައިމީހުން ފަރުވާކުޑަކޮށްފައިވާކަން، ތިޔަބައިމީހުންނަކަށް ނޭނގޭހެއްޔެވެ؟ ފަހެ، ތިމަންގެ ބައްޕާ ތިމަންނައަށް އިޒުނަދެއްވައިފުމަށްދާނދެން، ނުވަތަ ﷲ ތިމަންގެ މައްޗަށް ނިޔާކުރައްވައިފުމަށްދާނދެން ތިމަން (މިޞްރުގެ) ބިން ދޫކޮށެއް ނުލާހުށީމެވެ. އަދި އެކަލާނގެއީ ޙުކުމްކުރައްވާ އެންމެ ހެޔޮ ރަސްކަލާނގެއެވެ. ތިޔަބައިމީހުން އެނބުރި ތިޔަބައިމީހުންގެ ބައްޕާ އަރިހަށްގޮސް ދަންނަވާށެވެ! އޭ އަހުރެމެންގެ ބައްޕާއެވެ! ހަމަކަށަވަރުން، ކަލޭގެފާނުގެ ދަރިކަލުން ވައްކަންކޮށްފިއެވެ. އަދި ތިމަންމެންނަށް އެނގިފައިވާކަމަކަށް މެނުވީ، ތިމަންމެން ހެތްކެއް ނުވަމުއެވެ. އަދި ޣައިބުގައިވާ ކަންތައް ދަންނަބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ." އަދި މި ވާހަކަތަކަކީ ދޮގެއް ނޫންކަމާއި ތެދެއްކަމުގެ ހެއްކެއްގެ ގޮތުގައި ބައްޕައަށް ހުށައަޅާނެ ކަމަކާބެހޭގޮތުން މަޝްވަރާކުރެވުމުން ބުންޏެވެ. "އަދި ތިމަންމެންގޮސް ތިބި ރަށުގެ މީހުންނާ، އަދި ތިމަންމެން އޭގައި ދަތުރުކޮށްފައި އައި ޤާފިލާގެ މީހުންނާ ސުވާލުކުރައްވާށެވެ! އަދި ހަމަކަށަވަރުން، ތިމަންމެންނީ ތެދުބުނާ ބަޔަކީމުއެވެ."
ޔޫސުފްގެފާނުގެ އަޚުން ރަށަށް އެނބުރިދިޔުން
ޔޫސުފްގެފާނުގެ އަޚުން ރަށަށް އެނބުރި އައިސް، ބައްޕާފުޅުގެ އަރިހަށް ގޮސް ކަން ހިނގާދިޔަ ގޮތުގެ ޚަބަރު ދެއްވިއެވެ. އެހިނދު، އެކަލޭގެފާނު އެންމެ ރިވެތި ގޮތުގައި ކެތްތެރިވެވަޑައިގެންނެވިއެވެ. މާތް ﷲއާމެދު މާޔޫސްވެވަޑައެއް ނުގަންނަވައެވެ. އެކަލާނގެ މިންވަރުފުޅާމެދު ރުހިވަޑައިގެން އެކަލާނގެއާމެދު ކުރައްވާ ހެޔޮ އުއްމީދު ދޫކޮށްނުލައްވައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ((بَلْ سَوَّلَتْ لَكُمْ أَنفُسُكُمْ أَمْرًا ۖ فَصَبْرٌ جَمِيلٌ ۖ عَسَى اللَّهُ أَن يَأْتِيَنِي بِهِمْ جَمِيعًا ۚ إِنَّهُ هُوَ الْعَلِيمُ الْحَكِيمُ)) "އަދި ކިއެއްތަ! ތިޔަބައިމީހުންގެ ނަފްސުތައް ތިޔަބައިމީހުންނަށް (ނުބައި) ކަމެއް ޒީނަތްތެރިކޮށްދިނީއެވެ. ފަހެ، ދެން އޮތީ ރިވެތިވެގެންވާ ކެތްކުރުމެކެވެ. ﷲ އެ އެންމެން ތިމަންކަލޭގެފާނުގެ އަރިހަށް ގެނެސްދެއްވައިފާށިއެވެ! ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ ރަސްކަލާނގެއެވެ." މާނައަކީ ތިމަންކަލޭގެފާނުގެ އަރިހަށް ތިމަންކަލޭގެފާނުގެ ހުރިހާ ދަރިންތައް އެކީގައި ގެންނަވާނެކަމަށް ﷲ ސުބަޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން ތިމަންކަލޭގެފާނު އުއްމީދުކުރައްވަމެވެ.
ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ދަރިދަރިކަލުންނާ އެކަހެރިވެވަޑައިގެން އެކަލޭގެފާނުގެ ޝަކުވާފުޅުތައް މާތް ﷲއަށް ހުށަހެޅުއްވިއެވެ. ((وَتَوَلَّىٰ عَنْهُمْ وَقَالَ يَا أَسَفَىٰ عَلَىٰ يُوسُفَ وَابْيَضَّتْ عَيْنَاهُ مِنَ الْحُزْنِ فَهُوَ كَظِيمٌ)) "އަދި އެކަލޭގެފާނު އެބައިމީހުންނާ އެއްކިބާވެ ވަޑައިގަތެވެ. އަދި ވިދާޅުވިއެވެ. ޔޫސުފްގެފާނުގެ މައްޗަށް އަހުރެން ކުރާ ހިތާމައެއްގެ ބޮޑުކަމާއެވެ! އަދި ހިތާމައިގެ ސަބަބުން، އެކަލޭގެފާނުގެ ލޯފުޅު ހުދުވެގެންދިޔައެވެ. ފަހެ، އެކަލޭގެފާނީ، ހިތާމަފާޅު ނުކުރައްވައި، ހިފަހައްޓަވާ ބޭކަލެކެވެ." ފަހެ، އެކަލޭގެފާނަކީ، އެކަލޭގެފާނުގެ ހިތާމަތައް ވަރަށް ބޮޑަށް ފޮރުއްވަވާ ބޭކަލެކެވެ. އެއާއެކުވެސް ހިތާމައިގެ އަސަރުތައް ލޯފުޅުން ފާޅުވަމުން ދާތީ އެކަލޭގެފާނަށް ދެންނެވުނެވެ. "ކަލޭގެފާނު ބަލިޙާލު ބޮޑުވެއްޖެއުމަށްދާނދެން، ނުވަތަ މަރުވެފައިވާ މީހުންގެ ތެރެއިން ހިމެނިއްޖައުމަށްދާނދެން، ޔޫސުފްގެފާނުމަތިން ހަނދުމަކުރެއްވުމުގައި ކަލޭގެފާނު ފިލާވަޑައިނުގަންނަވަމުއެވެ." ޖަވާބުގައި އެކަލޭގެފާނު ވިދާޅުވިއެވެ. ((إِنَّمَا أَشْكُو بَثِّي وَحُزْنِي إِلَى اللَّهِ وَأَعْلَمُ مِنَ اللَّهِ مَا لَا تَعْلَمُونَ)) "ތިމަންކަލޭގެފާނުގެ މޮޅިޔާއި، ހިތާމައިގެ ޝަކުވާ ދަންނަވާކަން ކަށަވަރީ، ހަމައެކަނި ﷲ އަށެވެ. އަދި ތިޔަބައިމީހުންނަށް ނޭނގޭ ކަންތައްތަކެއް، ﷲ ގެ ޙަޟްރަތުން ތިމަންކަލޭގެފާނަށް އެނގިވަޑައިގަނެއެވެ."
ޔޫސުފްގެފާނުގެ އަޚުން ތިންވަނަ ފަހަރަށް މިޞްރަށް
ދެން އައީ ޔޫސުފްގެފާނަށް ދެއްވެވި ހެޔޮކަންކަމުގެ ތެރޭގައިވި 3 ވަނަ ކަންތަކެވެ. އެއީ ﷲ ސުބްޙަނަހޫ ވަތަޢާލާ، އެކަލޭގެފާނާއި އެކަލޭގެފާނުގެ އަޚުންނާއި، އެކަލޭގެފާނުގެ މައިންބަފައިންނާ އެއްތަން ކުރެއްވުމެވެ. ޔޫސުފްގެފާނުގެ އަޚުންނަށް އަނެއްކާވެސް ވަރަށްބޮޑަށް ތަދުމަޑުކަން ޖެހިއްޖެއެވެ. ވިޔަފާރިކުރަން ބޭނުންވިއަސް ވިޔަފާރިކުރާނެ އެއްވެސް މުދަލެއް އަތުގައި ނެތެވެ. އެހެންކަމުން މިދަތިޙާލުގައި އަނެއްކާ އެބައިމީހުން މިޞްރަށް ދަތުރުކުރުމަށް ނިންމިއެވެ. އެހިނދު، ޔަޢުޤޫބުގެފާނު މާޔޫސްވެވަޑައިނުގެން، ހިތްވަރާއި ޢަޒުމު އާލާކުރައްވައި ވިދާޅުވިއެވެ. "އޭ އަހުރެންގެ ދަރިންނޭވެ! ޔޫސުފްގެފާނާއި، އޭނާގެ އަޚާގެ ޚަބަރެއްވޭތޯ ތިޔަބައިމީހުން ދާށެވެ! އަދި ﷲ ގެ ރަޙްމަތުން ތިޔަބައިމީހުން އުއްމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ކާފިރުވިމީހުން މެނުވީ، ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑައެއް ނުލާނެތެވެ."
ޔޫސުފްގެފާނުގެ އަޚުން ތިންވަނަ ފަހަރަށް މިޞްރަށް ދަތުރުކޮށް، އެބައިމީހުންގެ ދަތިޙާލުގެ ވާހަކަ ޔޫސުފްގެފާނަށް ދެންނެވިއެވެ. ((فَلَمَّا دَخَلُوا عَلَيْهِ قَالُوا يَا أَيُّهَا الْعَزِيزُ مَسَّنَا وَأَهْلَنَا الضُّرُّ وَجِئْنَا بِبِضَاعَةٍ مُّزْجَاةٍ فَأَوْفِ لَنَا الْكَيْلَ وَتَصَدَّقْ عَلَيْنَا ۖ إِنَّ اللَّهَ يَجْزِي الْمُتَصَدِّقِينَ)) "ފަހެ، އެބައިމީހުން އެކަލޭގެފާނުގެ އަރިހަށް ވަންހިނދު، އެބައިމީހުން ދެންނެވިއެވެ. އޭ العزيز އެވެ! ތިމަންމެންނަށާއި، ތިމަންމެންގެ އަހުލުވެރިންނަށް ތަދުމަޑުކަން ޖެހިއްޖެއެވެ. ތިމަންމެންއައީ، ދެރަ މުދަލަކާއިގެންނެވެ. ފަހެ، ތިމަންމެންނަށް ފުރިހަމަގޮތުގައި މިނެދެއްވައި، ތިމަންމެންނަށް ޞަދަޤާތް ކުރައްވާށެވެ! ހަމަކަށަވަރުން، ޞަދަޤާތް ކުރާ މީހުންނަށް ﷲ (ހެޔޮ) ޖަޒާދެއްވާނެތެވެ." ޔޫސުފްގެފާނަށް އެކަލޭގެފާނުގެ އަޚުންގެ ޙާލަތު ފެނިވަޑައިގެން، ހަމްދަރުދީވެވަޑައިގެންނެވިއެވެ. ޙާލުގެގޮތުން ވަނީ ހިތްތަކަށް ހިތާމަ ކުރިމަތިވެފައެވެ. މާއްދީގޮތުން ބަލާއިރު ތަދުމަޑުކަމާއި ދަތިކަން ކުރިމަތިވެފައެވެ. އެބައިމީހުންނަށް އިތުރު ހިތާމައާއި ދަތިކަން ލިބުމަކަށް އެކަލޭގެފާނު ބޭނުންވެވަޑައެއް ނުގެންނެވިއެވެ. އެހެންނަމަވެސް، އެ އަޚުންގެ ޢަމަލުތަކާމެދު ޖަވާބުދާރީ ކުރެއްވިއެވެ. ((قَالَ هَلْ عَلِمْتُم مَّا فَعَلْتُم بِيُوسُفَ وَأَخِيهِ إِذْ أَنتُمْ جَاهِلُونَ)) "އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނަށް ނޭނގިތިބި ޙާލު، ޔޫސުފުގެފާނަށާއި، އެކަލޭގެފާނުގެ އަޚާއަށް ތިޔަބައިމީހުން ކުރިކަންތައް ތިޔަބައިމީހުން ދެނެތިބީމުހެއްޔެވެ؟" ޔޫސުފްގެފާނުގެ މުޚާޠަބުކުރެއްވުމާއި ހެޔޮފުޅުކަން އެކަލޭގެފާނުގެ މި ސުވާލުކުރެއްވުމުންވެސް ހާމަވެއެވެ. އެކަލޭގެފާނުގެ އަޚުންނަށް ހިތާމަކުރިމަތި ނުކުރެއްވުމަށްޓަކައި އެވަނީ "ތިޔަބައިމީހުންނަށް ނޭނގިތިބި ޙާލު" ގައި ކަންތައް ކުރި ގޮތަކީ ކޮބާތޯ ސުވާލުކުރައްވާފައެވެ. އެއީ؛ ރަނގަޅުގޮތް ނުވިސްނުނުއިރު ކުރެވިފައިވާ ކަމެއްގެ ގޮތުގައި އެވަނީ ޞިފަކުރައްވާފައެވެ. އެއީ؛ އެބައިމީހުން ފަޟީޙަތްނުކުރެއްވުމުގެ ގޮތުންނެވެ. އެ ސުވާލާއެކު އެކަލޭގެފާނުގެ އަޚުންނަށް އެއީ ޔޫސުފުގެފާނުކަން އެނގުނެވެ. އެއީ؛ ސިއްރިއްޔާތުގައި ކުރެވުނުކަމެއް އެނގޭނެ މާގިނަ ބަޔަކު ނުތިބޭނެތީއެވެ. އެބައިމީހުން ޙައިރާންކަމާއެކު ސުވާލުކުރެއްވިއެވެ. ((قَالُوا أَإِنَّكَ لَأَنتَ يُوسُفُ)) "އެބައިމީހުން ދެންނެވިއެވެ. ހަމަކަށަވަރުން ތިޔައީ ޔޫސުފުގެފާނުތޯއެވެ؟" އެކަލޭގެފާނު ވިދާޅުވިއެވެ. ((قَالَ أَنَا يُوسُفُ وَهَٰذَا أَخِي ۖ قَدْ مَنَّ اللَّهُ عَلَيْنَا ۖ إِنَّهُ مَن يَتَّقِ وَيَصْبِرْ فَإِنَّ اللَّهَ لَا يُضِيعُ أَجْرَ الْمُحْسِنِينَ)) "އަހުރެންނަކީ، ޔޫސުފުގެފާނީމެވެ. އަދި މިއީ ތިމަންކަލޭގެފާނުގެ އަޚާއެވެ. ހަމަކަށަވަރުން، ﷲ ތިމަންމެންގެ މައްޗަށް ދަރުމަވަންތަވެވޮޑިގެންފިއެވެ. ހަމަކަށަވަރުން، ތަޤްވާވެރިވެ ކެތްތެރިވާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އިޙްސާންތެރިންގެ ދަރުމަ، ﷲ ގެއްލެނި ނުކުރައްވާނެތެވެ."
ޔޫސުފްގެފާނުގެ އަޚުން ލަދުވެތިވެ، ދެރަކަމާއި ނިކަމެތިކަމާއެކު ދެންނެވިއެވެ. ((قَالُوا تَاللَّهِ لَقَدْ آثَرَكَ اللَّهُ عَلَيْنَا وَإِن كُنَّا لَخَاطِئِينَ)) "އެބައިމީހުން ދެންނެވިއެވެ. ﷲ ގަންދީ ބުނަމުއެވެ . ހަމަކަށަވަރުން، ﷲ ތިމަންމެންގެ މައްޗަށް ކަލޭގެފާނު މަތިވެރިކުރައްވައި، މާތްކުރެއްވިއެވެ. އަދި ހަމަކަށަވަރުން، ތިމަންމެންވަނީ، ކުށްވެރިން ކަމުގައެވެ." ޔޫސުފްގެފާނަށް އެކަލޭގެފާނުގެ އަޚުންގެ ކިބައިން ބަދަލުހިއްޕެވެން އޮއްވާ އެމީހުންނަށް އެކަލޭގެފާނު އެންމެ ރިވެތި ގޮތުގައި މާފުދެއްވިއެވެ. އެބައިމީހުން ދެރަކޮށް ނުލައްވައި، ހެޔޮމަގަށް ރުޖޫޢަވުމަށް ހިތްވަރުދެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ((قَالَ لَا تَثْرِيبَ عَلَيْكُمُ الْيَوْمَ ۖ يَغْفِرُ اللَّهُ لَكُمْ ۖ وَهُوَ أَرْحَمُ الرَّاحِمِينَ)) "އެކަލޭގެފާނު ވިދާޅުވިއެވެ. މިއަދު ތިޔަބައިމީހުންގެ މައްޗަކަށް މަލާމާތެއް ދެރަބަހެއް ނެތެވެ. ތިޔަބައިމީހުންނަށް ﷲ ފާފަފުއްސަވާށިއެވެ! އަދި އެކަލާނގެއީ، ރަޙްމަތް ލައްވާ އެންމެ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ."
ޔޫސުފްގެފާނުގެ ޢާއިލާ މިޞްރަށް ގެންނެވުން
ޔޫސުފްގެފާނުގެ އަޚުން ފުރަން ކައިރިވިހިނދު ވިދާޅުވިއެވެ. "ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މި ގަމީސްކޮޅާއިގެން ދާށެވެ! އަދި ތިމަންކަލޭގެފާނުގެ ބައްޕާގެ މޫނުފުޅުމައްޗަށް އެ ގަމީސްކޮޅު އެއްލާށެވެ! އޭރުން ލޮލަށް ފެންނަމީހަކު ކަމުގައި އެކަލޭގެފާނު އަލުން ވެވަޑައިގެންފާނެތެވެ. އަދި ތިޔަބައިމީހުންގެ އަހުލުވެރިންގެ އެންމެން ގޮވައިގެން ތިމަންކަލޭގެފާނުގެ އަރިހަށް އަންނާށެވެ!"
އެބައިމީހުން ރަށަށް އެނބުރި އައުމަށް ދަތުރުފެށިއެވެ. އެ ވަގުތު މާތް ﷲ ޔަޢުޤޫބުގެފާނަށް އުފާވެރި ޚަބަރެއް ދެއްވިއެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ((وَلَمَّا فَصَلَتِ الْعِيرُ قَالَ أَبُوهُمْ إِنِّي لَأَجِدُ رِيحَ يُوسُفَ ۖ لَوْلَا أَن تُفَنِّدُونِ)) "އެ ޤާފިލާ (ރަށުން) ވަކިވިހިނދު، އެބައިމީހުންގެ ބައްޕާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް ޔޫސުފްގެފާނުގެ ވަސް އެބަދުވައެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނު މޮޔައަކަށް ނަހަދާނެނަމައެވެ."
ޔަޢްޤޫބު ޢަލައިޙިއްސަލާމްގެ ބޯމައްޗަށް އެހެދުން އެއްލަވާލެއްވުމުން، ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލޭގެފާނަށް ފެނުން ދެއްވެވިއެވެ. އަދި އެކަލޭގެފާނުގެ ދަރިދަރިކަލުންގެ ކުށްތަކަށް އިޢުރާފުވެ ދެންނެވިއެވެ. ((قَالُوا يَا أَبَانَا اسْتَغْفِرْ لَنَا ذُنُوبَنَا إِنَّا كُنَّا خَاطِئِينَ)) "އޭ ތިމަންމެންގެ ބައްޕާފުޅާއެވެ! ތިމަންމެންގެ ކުށްފާފަތައް ފުއްސަވާދެއްވުމަށް އެދި ދުޢާކޮށް ދެއްވަވާށެވެ. ހަމަކަށަވަރުންވެސް ތިމަންމެންނަކީ މީ ކުށްވެރިންނެވެ." އެހިނދު، އެބައިމީހުންގެ ހިތްތައް ހަމަޖައްސަވައިދެއްވައި ވިދާޅުވިއެވެ. ((قَالَ سَوْفَ أَسْتَغْفِرُ لَكُمْ رَبِّي ۖ إِنَّهُ هُوَ الْغَفُورُ الرَّحِيمُ)) "އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނަށް ފާފަފުއްސެވުމަށްއެދި ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ދުޢާ ކުރައްވާހުށީމެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ."
އޭގެފަހުގައި، ޔޫސުފްގެފާނުގެ އަޚުންނާއި އެކަލޭގެފާނުގެ މައިންބަފައިންނާ އެކީގައި މިޞްރަށް ދަތުރުކުރެއްވިއެވެ. ދަތުރުކުރައްވައި މިޞްރަށް ވަޑައިގެން ޔޫސުފްގެފާނުގެ އަރިހަށް ވަޑައިގަތުމުން، ޔޫސުފްގެފާނު އެކަލޭގެފާނުގެ މަންމާފުޅާއި ބައްޕާފުޅަށް މަރުޙަބާ ދަންނަވައި، ތަޚުތައް އެރުއްވެވިއެވެ. ޔޫސުފުގެފާނުގެ މަންމާފުޅާއި ބައްޕާފުޅު ތަޚުތުގައި ބޭންދެވިއެވެ. މި ކަންބަޔާންކުރައްވައި މާތްﷲ ވަޙީކުރެއްވިއެވެ. ((وَرَفَعَ أَبَوَيْهِ عَلَى الْعَرْشِ وَخَرُّوا لَهُ سُجَّدًا)) "އަދި ޔޫސުފުގެފާނު އެކަލޭގެފާނުގެ މައިބަފައިކަލުން ތަޚުތަށް އުފުއްލެވިއެވެ." އަދި ޔޫސުފްގެފާނުގެ 11 އަޚުންނާއި އެކަލޭގެފާނުގެ ބައްޕާފުޅާއި މަންމާފުޅު ޔޫސުފްގެފާނަށް ކުރުނީސްކޮށް ސަޖިދަޔަށް ތިރިވެވަޑައިގެންނެވިއެވެ. މިފަދަ ސަޖިދައަކީ އެ ދުވަސްވަރު އާދަކާދައިގެ ގޮތުން އަދަބު އިޙްތިރާމް އަދާކުރުމުގެގޮތުން ކުރުން ހުއްދަ ސަޖިދައެކެވެ. ނަމަވެސް މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޝަރީޢަތުގައި މާތް ﷲ ފިޔަވައި އެހެން ފަރާތަކަށް ސަޖިދަކުރުން ހުއްދަވެގެން ނުވެއެވެ.
ޔޫސުފްގެފާނުގެ މައިބަފައިކަލުންނާއި އަޚުންތައް ސަޖިދައަށް ތިރިވިތަން ފެނިވަޑައިގެން ޔޫސުފްގެފާނު، އެކަލޭގެފާނުގެ ބައްޕާފުޅަށް ވިދާޅުވިއެވެ. ((وَقَالَ يَا أَبَتِ هَٰذَا تَأْوِيلُ رُؤْيَايَ مِن قَبْلُ قَدْ جَعَلَهَا رَبِّي حَقًّا)) "އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ބައްޕާއެވެ! ކުރިން ތިމަންނާއަށް ފެނިވަޑައިގަތް ހުވަފެނުގެ މާނައަކީ، މިއީއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ، އެ ހުވަފެން ޙައްޤުތެދެއް ކަމުގައި ލެއްވިއެވެ." މާނައަކީ، ކުރިން އެކަލޭގެފާނު ތުއްޕުޅުއިރު ފެނިވަޑައިގެންނެވި ހުވަފެންފުޅުގެ ތެދުކަމެވެ. އެކަލޭގެފާނަށް ފެނިވަޑައިގަތީ، 11 ތަރިޔާއި އިރާއި ހަނދު އެކަލޭގެފާނަށް ސަޖިދަ ކުރަނިކޮށެވެ. 11 ތަރި ނިސްބަތްވަނީ އެކަލޭގެފާނުގެ 11 އަޚުންނަށެވެ. އަދި އިރު ނިސްބަތް ކުރެވެނީ ބައްޕާފުޅު ޔަޢްޤޫބުގެފާނަށެވެ. އަދި ހަނދު ނިޞްބަތްކުރެވެނީ އެކަލޭގެފާނު މަންމާފުޅަށެވެ.
ދެން، ޔޫސުފްގެފާނު، ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލޭގެފާނަށް ދެއްވެވި މަތިވެރިކަމާއި، އެކަލޭގެފާނު ޖަލަށްލެވި އަދި ޖަލުން މިނިވަންކުރެވި، އަދި ޝައިޠާނާ އެކަލޭގެފާނާއި އެކަލޭގެފާނުގެ އަޚުންނާ ދޭތެރޭގައި ފިތުނަ ފަސާދަ އުފެއްދުމަށްފަހު އެކަންތަކާ ގުޅިގެން މިހާހިސަބަށް ކަންތައް ހިނގައި ދިޔަގޮތް ބަޔާންކޮށް ދެއްވިއެވެ. އަދި އެކަލޭގެފާނު ދުޢާ ކުރެއްވެވިއެވެ. ((رَبِّ قَدْ آتَيْتَنِي مِنَ الْمُلْكِ وَعَلَّمْتَنِي مِن تَأْوِيلِ الْأَحَادِيثِ فَاطِرَ السَّمَاوَاتِ وَالْأَرْضِ أَنتَ وَلِيِّي فِي الدُّنْيَا وَالْآخِرَةِ ۖ تَوَفَّنِي مُسْلِمًا وَأَلْحِقْنِي بِالصَّالِحِينَ)) "އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެ ތިމަންއަޅާއަށް ވެރިކަން ދެއްވީމުއެވެ. އަދި ހުވަފެންތައް މާނަކުރަން ދަސްކޮށްދެއްވީމުއެވެ. އިސްވެދިޔަ މިސާލަކާނުލައި، އުޑުތަކާއި، ބިން ހެއްދެވި ރަސްކަލާކޮ! ދުނިޔެއާއި، އާޚިރަތުގައި މި އަޅާގެ އެހީތެރިއަކީ، އިބަރަސްކަލާނގެއެވެ. މުސްލިމެއްގެ ގޮތުގައި މި އަޅާ މަރުގަންނަވާނދޭވެ! އަދި ޞާލިޙުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!"
ބަނޫ އިސްރާއީލްގެ ދަރިކޮޅުގެމީހުން މިޞްރަށް އައިގޮތަކީ މިއެވެ. ޢިލްމުވެރިން ބަޔާންކުރައްވާފައިވާގޮތުގައި، އޭގެ ފަހުން ސަތާރަ އަހަރު ވަންދެން ޔަޢްޤޫބުގެފާނު ޔޫސުފްގެފާނު އަރިހުގައި ހުންނެވުމަށްފަހު، ޔަޢްޤޫބުގެފާނު މި ދުނިޔެ ދޫކުރެއްވިއެވެ. ޔަޢްޤޫބުގެފާނު އަވަހާރަވުމުން އެކަލޭގެފާނު އެކަލޭގެފާނުގެ ބަފައިންކަމުގައިވާ އިބްރާހީމްގެފާނާއި އިސްޙާޤްގެފާނާ އެކުގައި އެކަލޭގެފާނު ފަސްދާނުލެއްވެވުމަށް ޔޫސުފްގެފާނަށް ވަޞިއްޔަތް ކުރެއްވެވިއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ނަބިއްޔާ ޔޫސުފްޢަލައިޙިއްސަލާމް އެކަލޭގެފާނުގެ ބައްޕާފުޅު ޔަޢްޤޫބުގެފާނު އެކަލޭގެފާނުގެ ކާބަފައިންނާ އެއްތަނެއްގައި ފަސްދާނުލެއްވެވިއެވެ. އޭގެފަހުގައި ޔޫސުފްގެފާނުވެސް މިދުނިޔެ ދޫކުރެއްވެވިއެވެ. އަދި ބަނޫއިސްރާއީލުން މިޞްރުން ނުކުންނައިރެއްގައި އެކަލޭގެފާނުގެ ހަށިކޮޅު މިޞްރުންނެރެ އެކަލޭގެފާނުގެ ކާބަފައިންނާ އެއްތަނެއްގައި ފަސްދާނުލެއްވުމަށް ވަޞިއްޔަތް ކުރެއްވެވިއެވެ. (ނިމުނީ)