ސަލާމްލެއްވި ޔަޢުޤޫބުގެފާނާއި ޔޫސުފްގެފާނު (1)

އައްޝައިޚް މުހައްމަދު ސިނާން

އިތުރަށް ވިދާޅުވުމަށް

ޔަޢުޤޫބުގެފާނުގެ ނަސަބު

ﷲ ސުބުޙާނަހޫ ވަތަޢާލާ އިބްރާހީމް عليه السّلام އަށްފަހު ނުބުއްވަތު ނުވަތަ ނަބީކަން ދެއްވާފައި ވަނީ އެކަލޭގެފާނުގެ ދަރިފަސްކޮޅުންނެވެ. މިގޮތުން އިބްރާހީމް عليه السّلام އަށް ދެއްވެވި ދެވަނަ ދަރިކަލުންނަކީ އިސްޙާޤު عليه السّلام އެވެ. ﷲ ސުބުޙާނަހު ވަތަޢާލާ އިސްޙާޤު عليه السّلام އަށް ޔަޢުޤޫބު عليه السّلام ދެއްވެވިއެވެ.

ބަނޫ އިސްރާއީލުގެ މީހުން ނިސްބަތްވާ ނަބީބޭކަލަކީ ޔަޢުޤޫބު عليه السّلام އެވެ. "އިސްރާއީލު"  އެއީ އެކަލޭގެފާނުގެ ލަޤަބުފުޅެއް ކަމުގައި އައިސްފަވެއެވެ. އެހެންކަމުން ޔަޢުޤޫބުގެފާނުގެ ދަރިފަސްކޮޅު ނިސްބަތްކުރެވެނީ ބަނޫ އިސްރާއީލްގެ ދަރިފަސްކޮޅުގެ ނަމުންނެވެ.

ކީރިތި ޤުރްއާނުގައި މާތް ﷲ ޔަޢުޤޫބު عليه السّلام ގެ ވާހަކަ ބަޔާންކޮށް ދެއްވާފައިވަނީ އެކަލޭގެފާނުގެ ދަރިކަލުން ޔޫސުފް عليه السّلام ގެ ވާހަކައާ އެކުގައެވެ. ޔޫސުފްގެފާނުގެ ވާހަކަ ކީރިތި ޤުރްއާނުގައި ވަރަށް ތަފްސީލުކޮށް ބަޔާން ކޮށްދެއްވާފައިވެއެވެ.

ޔޫސުފްގެފާނުގެ ނަސަބާއި އެކަލޭގެފާނުގެ ޚާއްޞަކަން

މީސްތަކުންކުރެ އެންމެ ޝަރަފުވެރި ޢާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ ބޭކަލަކީ ޔޫސުފްގެފާނެވެ.  މާތް ނަބިއްޔާ محمّد صَلَّى اللهُ عَلَيْهِ وَسَلَّمَ ބަޔާންކުރައްވާފައިވަނީ، މީސްތަކުންކުރެ އެންމެ ޝަރަފުވެރި ބޭކަލަކީ ޔޫސުފްގެފާނު ކަމުގައެވެ. އެއީ އެކަލޭގެފާނަކީ ނަބިއްޔެކެވެ. އެކަލޭގެފާނުގެ ބައްޕާފުޅު ޔަޢުޤޫބުގެފާނަކީ ﷲ ގެ ނަބިއްޔެކެވެ. އަދި އެކަލޭގެފާނުގެ ކާފާފުޅު އިސްޙާޤުގެފާނަކީ ނަބިއްޔެކެވެ. އަދި އެކަލޭގެފާނުގެ މުނިކާފާފުޅު އިބްރާހީމްގެފާނަކީ ނަބިއްޔެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ޔޫސުފްގެފާނަށް ވަނީ ރީތިކަން ދެއްވާފައެވެ.  އެކަލޭގެފާނަށް ރީތިކަމުގެ ދެބައިކުޅައެއްބައި ދެއްވިފައިވާކަމުގައި އައިސްފައިވެއެވެ. އިސްރާއާއި މިޢުރާޖު ކުރެވުނުރޭގެ ޙާދިސާގައި އައިސްފައިވެއެވެ. ޖިބްރީލުގެފާނު މާތް ނަބިއްޔާ محمّد صَلَّى اللهُ عَلَيْهِ وَسَلَّمَ އާއެކު ތިންވަނަ އުޑާހަމައަށް އަރައިވަޑައިގެންނެވުމުން އެ އުޑުގެ ދޮރު ހުޅުވައިދިނުމުގެ އިޒުނައަށް ޖިބްރީލްގެފާނު އެދިވަޑައިގެންނެވިއެވެ. އެހިނދު، އެ ދޮރުކޮޅު ބަލަހައްޓަވާ މަލާއިކަތާ ދެންނެވިއެވެ. "ކޮން ބޭކަލެއްތޯއެވެ؟" ޖިބްރީލްގެފާނު ވިދާޅުވިއެވެ. "ޖިބްރީލެވެ." އެބޭކަލަކު ދެންނެވިއެވެ. "ކަލޭގެފާނާއެކު އެހެން ބޭކަލަކު ވޭތޯއެވެ؟" ޖިބްރީލްގެފާނު ވިދާޅުވިއެވެ. "އާދޭހެވެ. ތިމަންކަލޭގެފާނާއެކު މުޙައްމަދު صَلَّى اللهُ عَلَيْهِ وَسَلَّمَ އެބަވެއެވެ." އެބޭކަލަކު ދެންނެވިއެވެ. "ކަލޭގެފާނު ފޮނުއްވުނީ އެކަލޭގެފާނުގެ އަރިހަށްތޯއެވެ؟" ޖިބްރީލްގެފާނު ވިދާޅުވިއެވެ. "އާދޭހެވެ." ދެން ދުނިޔޭގެ އުޑުގެ ދޮރު ހުޅުވި މައްޗަށް އަރައިވަޑައިގަތެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "فَإِذَا أَنَا بِيُوسُفَ صَلَّى اللهُ عَلَيْهِ وَسَلَّمَ، إِذَا هُوَ قَدِ اُعْطِيَ شَطْرَ الْحُسْنِ" (مسلم) މާނައީ: "ފަހެ، އެހިނދު ތިމަންކަލޭގެފާނު ހުންނެވީ ޔޫސުފްގެފާނާ އެކުގައެވެ. އެކަލޭގެފާނަށް ރީތިކަމުގެ ދެބައިކޮށްފަ އެއްބައި ދެއްވިފައިވެއެވެ." ދެން އެކަލޭގެފާނު ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް މަރުޙަބާ ވިދާޅުވެ، ހެޔޮ ދުޢާކުރެއްވިއެވެ.

އެންމެ ރިވެތި ވާހަކަ

ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރްއާނުގައި އެންމެ ތަފުޞީލުކޮށް، އެއްތަނެއްގައި ބަޔާންކޮށްދެއްވާފައިވާ ވާހަކައަކީ ޔޫސުފްގެފާނުގެ ވާހަކައެވެ. މި ވާހަކަ ބަޔާން ކުރައްވަމުން މާތް ﷲ  ވަޙީކުރައްވާފައިވަނީ ((نَحْنُ نَقُصُّ عَلَيْكَ أَحْسَنَ الْقَصَصِ)) މާނައީ: "ތިމަންރަސްކަލާނގެ ކަލޭގެފާނަށް އެންމެ ރިވެތިވެގެންވާ ވާހަކަ ކިޔައިދެއްވަމެވެ."  ﷲ ސުބުޙާނަހޫ ވަތަޢާލާ ޔޫސުފްގެފާނުގެ ވާހަކަ ބަޔާންކޮށްދެއްވާފައި ވަނީ އެންމެ ރިވެތި ވެގެންވާ، އަދި އެންމެ ޢިބްރަތުން ފުރިގެންވާ ވާހަކައިގެ ގޮތުގައެވެ.

ބަޔާންވެފައިވާ ގޮތުގައި، ﷲ ސުބުޙާނަހޫ ވަތަޢާލާ ޔޫސުފްގެފާނުގެ ވާހަކަ ހިމެނިގެންވާ ޔޫސުފް ސޫރަތުގެ އާޔަތްތައް މާތް ނަބިއްޔާ محمّد صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ މައްޗަށް ބާއްވައިލައްވާފައި ވަނީ، އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ކުރިމަތިވެވަޑައިގެންނެވި އެންމެ އުނދަގޫ، އަދި އެންމެ ދަތި ދުވަސްވަރުގައެވެ. އެއީ عَامُ الحُزنُ (އެބަހީ: ހިތާމައިގެ އަހަރު) ގެ ނަމުން ނަންދެވިފަވީ އަހަރެވެ. އެ އަހަރަކީ ހިތާމަވެރި އަހަރުގެ ގޮތުގައި ނަންދެވިފައި ވަނީ؛ އެ އަހަރަކީ އެކަލޭގެފާނު މައްކާގައި ދީނަށްގޮވާލައްވަން އުޅުއްވިއިރު، އެކަލޭގެފާނަށް ރައްކާތެރިކަމާއި ޙިމާޔަތްތެރިކަމެއްވެދެއްވި އެއް ބޭކަލެއްކަމުގައިވާ އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު އަބޫ ޠާލިބު އަވަހާރަވި އަހަރެވެ. އަދި އެކަލޭގެފާނަށް އެންމެބޮޑު އެހީތެރިކަމަކާއި ހިތްވަރުދެއްވާ، އަދި އެކަލޭގެފާނުގެ ހިތްޕުޅަށް އެންމެ ބޮޑު ތަސައްލީއެއް ގެނެސްދެއްވަމުން ގެންދެވި، އެކަލޭގެފާނުގެ އަނބިކަނބަލުން ޚަދީޖާ رضي الله عنها އަވަހާރަވި އަހަރުކަމުގައި ވެގެންދިއުމެވެ. އަދި އެ އަހަރަކީ ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ދީނަށް ގޮވާލެއްވުމަށްޓަކައި ޠާއިފަށް ވަޑައިގެން، އެ ރަށުގެ މީހުންނަށް ދީނަށް ގޮވައިލެއްވުމުން، އެ ރަށުގެމީހުން އެކަލޭގެފާނަށް އިހާނެތިކޮށް ހިތައި، އަނިޔާތައް ކުރިމަތިކޮށް، އެކަލޭގެފާނު އެ ރަށުން ބޭރުކޮށްލެވުނު އަހަރުވެސްމެއެވެ. އެހެންވެ، އެކަލޭގެފާނަށް ސާބިތުކަން ދެއްވައި، އެކަލޭގެފާނުގެ ހިތްޕުޅު ހަމަޖައްސަވައިދެއްވުމަށްޓަކައި، ﷲ ސުބުޙާނަހޫ ވަތަޢާލާ ޔޫސުފް ސޫރަތް ބާއްވައިލައްވައި، ޔޫސުފްގެފާނުގެ ވާހަކަ ބަޔާންކޮށްދެއްވެވިއެވެ. އެއީ މި ސޫރަތުގައިވާ ކެތްތެރިކަމުގެ ޙާދިސާތަކުން ޢިބްރަތްތައް ބަޔާންކޮށްދެއްވުމަށްޓަކައެވެ. މިގޮތުން ލިބިގެންދާ އެންމެ މަތިވެރި ޢިބްރަތަކީ ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން ޔޫސުފްގެފާނު ތަފާތު ގޮތްގޮތުން އިމްތިޙާނުކުރެވި، ކުރިމަތިވެ ވަޑައިގެންނެވި ހިތާމަތަކާއި މުޞީބާތްތަކަށް އެތައް އަހަރުތަކެއް ވަންދެން ކެތްތެރިވެވަޑައިގަންނަވަން ޖެހިވަޑައިގެންނެވުމެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ޔޫސުފްގެފާނު ވާހަކަ ބަޔާންކޮށް ދެއްވަވާފައިވަނީ އެކަލޭގެފާނަށް ފެނިވަޑައިގެންނެވި ހުވަފެންފުޅަކުން ފެށިގެންގޮސް އެހުވަފެންފުޅު ތެދު ޙަޤީޤަތަކަށް ވެއްޖެއުމަށްދާންދެންނެވެ. މި ވާހަކައަށް ވިސްނާލުމުން އެނގިގެން ދަނީ ބޮޑުވެގެންވާ ތިން އިމްތިޙާނަކުން ޔޫސުފްގެފާނު އިމްތިޙާނު ކުރެއްވެވި ކަމެވެ. މިގޮތުން، ފުރަތަމަ އިމްތިޙާނަކީ: އެކަލޭގެފާނުގެ އަޚުންގެ ޙަސަދަވެރިކަމާއި ނުބައި ރޭވުމުގެ ސަބަބުން އެކަލޭގެފާނަށް ކުރިމަތިވެވަޑައިގެންނެވި ކަންތައްތަކެވެ. ދެވަނަ އިމްތިޙާނަކީ: މިޞްރުގެ ޢަޒީޒުގެ އަނބިކަނބަލުންގެ ފަރާތުން އެކަލޭގެފާނަށް ކުރިމަތިވެވަޑައިގެންނެވި ކަންތައްތަކެވެ. ތިންވަނަ އިމްތިޙާނަކީ: އެކަލޭގެފާނު މިޞްރުގެ ޖަލުގައި ބަންދުވެގެން ގިނަދުވަސްތަކެއް ހޭދަކުރައްވަން ޖެހިވަޑައިގަތުމެވެ. މި ތިން އިމްތިޙާނުންވެސް ކުރިމަތިވެވަޑައިގެންނެވި އެންމެހައި މުޞީބާތްތަކަކަށް އެންމެ ރިވެތި ގޮތުގައި ކެތްތެރިވެވަޑައިގެން، ރިވެތި ނަމޫނާ ދެއްކެވިއެވެ.

އެ އިމްތިޙާނުތަކަށްފަހުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލޭގެފާނު ބާރުވެރި ކުރެއްވެވިއެވެ. އެ ތިން އިމްތިޙާނުގެ ބަދަލުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލޭގެފާނަށް ތިން ކަމެއްދެއްވެވިއެވެ. އެއީ އެކަލޭގެފާނުގެ ކުށެއް ނެތްކަން ސާބިތުވެ، އެންމެ ރިވެތި ގޮތުގައި ޖަލުން މިނިވަންވެވަޑައިގަތުމާއި، ބިންމަތީގައި އެކަލޭގެފާނު ބާރުވެރި ކުރެއްވެވުމާއި، އެކަލޭގެފާނާ އެކަލޭގެފާނުގެ މައިންބަފައިންނާއި އަޚުން އެއްތަންކޮށްދެއްވެވުމެވެ.

ޔޫސުފްގެފާނުގެ ހުވަފެންފުޅު

ﷲ ސުބުޙާނަހޫ ވަތަޢާލާ ޔަޢުޤޫބުގެފާނަށް ބާރަ ދަރިކަލުން ދެއްވެވިއެވެ. އޭގެތެރެއިން ދިހަ ދަރިކަލުންނަކީ އެއްބަނޑު ދިހަ ބެއިންނެވެ. އަދި ޔޫސުފްގެފާނާއި އެކަލޭގެފާނުގެ އަޚް ބުންޔާމީން އަކީ އެއްބަނޑު ދެ ބެއިންނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ޔަޢުޤޫބުގެފާނަށް ދެއްވެވި ބާރަ ދަރިކަލުންގެ ތެރެއިން އެންމެ މަތިވެރި ދަރިކަލަކީ ﷲގެ ނަބިއްޔާ ޔޫސުފް عليه السّلام އެވެ. އެނޫން ދަރިކަލަކަށް ނަބީކަން ދެއްވުނުކަމެއް އެނގޭކަށް ނެތެވެ.

ޔޫސުފްގެފާނުގެ ވާހަކާގައި އެންމެ ފުރަތަމަ ﷲ ސުބުޙާނަހޫ ވަތަޢާލާ ބަޔާންކޮށްދެއްވަވާފައިވަނީ  އެކަލޭގެފާނަށް ފެނިވަޑައިގެންނެވި ހުވަފެންފުޅެއްގެ ވާހަކައެވެ. އެކަލާނގެ ވަޙީކުރައްވާފައިވަނީ ((إِذْ قَالَ يُوسُفُ لِأَبِيهِ يَا أَبَتِ إِنِّي رَأَيْتُ أَحَدَ عَشَرَكَوْكَبًا وَالشَّمْسَ وَالْقَمَرَ رَأَيْتُهُمْ لِي سَاجِدِينَ)) މާނައީ:"ޔޫސުފްގެފާނު، އެކަލޭގެފާނުގެ ބައްޕާފުޅަށް ވިދާޅުވިހިނދު، ހަނދުމަކުރާށެވެ! އޭ ބައްޕާފުޅާއެވެ! ހަމަކަށަވަރުން އެގާރަ ތަރިއާއި، އިރާއި، ހަނދު، ތިމަންކަލޭގެފާނަށް ފެނިއްޖެއެވެ. ފެނުނީ، އެތަކެތި ތިމަންކަލޭގެފާނަށް ސަޖިދަކުރާތީއެވެ."

ޔޫސުފްގެފާނު، އެކަލޭގެފާނުގެ ބައްޕާފުޅު ޔަޢޫޤޫބުގެފާނަށް މި ހުވަފެންފުޅުގެ ވާހަކަ ކިޔައިދެއްވެވީމާ، ބައްޕާފުޅަށް އެ ހުވަފެންފުޅަކީ އާދަޔާޚިލާފު ހުވަފެންފުޅެއްކަން އެނގިވަޑައިގެން އިންޒާރުދެއްވިއެވެ. ((قَالَ يَا بُنَيَّ لَا تَقْصُصْ رُؤْيَاكَ عَلَىٰ إِخْوَتِكَ فَيَكِيدُوا لَكَ كَيْدًا ۖ إِنَّ الشَّيْطَانَ لِلْإِنسَانِ عَدُوٌّ مُّبِينٌ)) އެކަލޭގެފާނު (އެބަހީ؛ ޔަޢުޤޫބުގެފާނު) ވިދާޅުވިއެވެ. "އޭ ދަރިފުޅާއެވެ! ތިބާއަށް ފެނުނު ހުވަފެން ތިބާގެ ބޭބެމެންނަށް ކިޔައިނުދޭށެވެ! ފަހެ، އެބައިމީހުން ތިބާއަށް ނުބައި ރޭވުމެއް ރާވައިފާނެތެވެ. ހަމަކަށަވަރުން ޝައިޠާނާއަކީ، އިންސާނާއަށްހުރި، ފާޅުވެގެންވާ ޢަދާވާތްތެރިއެކެވެ."

އެ ހުވަފެންފުޅުގެ ޚަބަރު އެކަލޭގެފާނުގެ އަޚުންނަށް އިވިއްޖެއެވެ. އަދި ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ އެހެން ދަރިދަރިކަލުންނާ ޚިލާފަށް ޔޫސުފްގެފާނާ ދޭތެރޭގައި ޚާއްސަކަމެއް ގެންގުޅުއްވާކަމުގެ އިޙްސާސް އެ އަޚުންނަށް ކުރެވެންފެށިއެވެ. އެހިނދު އެ މީހުން ރޭވުމެއް ރާވަންފެށިއެވެ. މިއީ އެކަލޭގެފާނަށް ޖެހިވަޑައިގެންނެވި އެންމެ ފުރަތަމަ މުސީބާތެވެ.

ޔޫސުފްގެފާނުގެ އަޚުންގެ ނުބައި ރޭވުން

ޔޫސުފްގެފާނުގެ އަޚުންގެ ވާހަކަ ބަޔާންކޮށްދެއްވަމުން އެކަލާނގެ ވަޙީކުރައްވާފައި ވަނީ ((لَّقَدْ كَانَ فِي يُوسُفَ وَإِخْوَتِهِ آيَاتٌ لِّلسَّائِلِينَ)) "ޔޫސުފްގެފާނާއި، އެކަލޭގެފާނުގެ އަޚުންގެ ވާހަކައިގައި، ސުވާލުކުރާމީހުންނަށް، ހެކިތަކެއްވާކަން ކަށަވަރެވެ." ((إِذْ قَالُوا لَيُوسُفُ وَأَخُوهُ أَحَبُّ إِلَىٰ أَبِينَا مِنَّا وَنَحْنُ عُصْبَةٌ إِنَّ أَبَانَا لَفِي ضَلَالٍ مُّبِينٍ)) "އެ އަޚުންތައް، ބުނިހިނދު، ހަނދުމަކުރާށެވެ! ތިމަންމެންނީ، ގަދަފަދަ ޖަމާޢަތެއްކަމުގައި ވާހިނދުވެސް، ޔޫސުފްގެފާނާއި، އޭނާގެ އަޚުއާ ދެބެއިން ތިމަންމެންގެ ބައްޕަގެ އަރިހުގައި ލޮބުވެތިކަން މާބޮޑެވެ. ހަމަކަށަވަރުން، ތިމަންމެންގެ ބައްޕަވަނީ، ފާޅުވެގެންވާ މަގުއޮޅުމެއްގައެވެ." އެހެންކަމުން މިކަމާމެދު ކަން ކުރަންވީގޮތަކާމެދު އެބައިމީހުން ސައްލާކުރިއެވެ.

މި ސައްލާގައި، އެބައިމީހުންގެ ތެރެއިން އެއްބަޔަކު ބުންޏެވެ. "ޔޫސުފްގެފާނު ޤަތުލުކޮށްލާށެވެ! ނުވަތަ ދުރު ބިމަކަށް އެކަލޭގެފާނު އެއްލައިލާށެވެ! އޭރުން ބައްޕަގެ ހެޔޮކަން އަހަރެމެންނަށް އެކަނި ލިބޭނެއެވެ! އަދި އެއަށްފަހު ތައުބާވެ، ޞާލިޙު ރަނގަޅު ބައެއްކަމުގައި ވާނީއެވެ." ބައެއް ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ގޮތުގައި، މި ވިސްނުން އެބައިމީހުންނަށް ގެނެސްދިން ފަރާތަކީ ޝައިޠާނާއެވެ. މިއީ ޝައިޠާނާ ވަރަށް ގިނައިން މީހުން މަގުފުރައްދާ ގޮތެކެވެ. ފާފައެއް ކުރަންއުޅޭއިރުގައި ވަސްވާސްދޭނީ ފާފަކުރާނީއެވެ. ދެންއެއަށްފަހުގައި ތައުބާވެ، ޞާލިޙު ރަނގަޅު މީހަކަށް ވާނީއެވެ. ޝައިޠާނާ، ޔޫސުފްގެފާނުގެ އަޚުންނަށްވެސް ވަސްވާސްދިނީ އެކަންތައް ކޮށްފައި ފަހުން ތައުބާވެ، ރަނގަޅު ޞާލިޙު ބައެއްކަމުގައި ވާނީ ކަމުގައެވެ.

މި ސައްލާގެ ތެރެއިން، އެއިގެ ތެރެއިން އެކަކު ޚިޔާލުދިނެވެ. "ތިޔަބައިމީހުން އެކަލޭގެފާނު ޤަތުލު ނުކުރާށެވެ! ތިޔަބައިމީހުން ކަމެއްކުރަންޏާ އަނދިރި ވަޅެއްގެ އަޑިޔަށް އެކަލޭގެފާނު އެއްލައިލާށެވެ! އޭރުން، ދަތުރުކުރަމުންދާ ބަޔަކު، އެކަލޭގެފާނު ހޮވައިގެން ގެންގޮސްފާނެތެވެ." މި ޚިޔާލަކީ ރަނގަޅު ޚިޔާލެއްކަމުގައި ދެކި، ހުރިހާ އަޚުންވެސް މި ޚިޔާލަށް އެއްބަސްވިއެވެ. މި ސައްލާގައި ބައިވެރިވެފައި ވަނީ، އެކަލޭގެފާނުގެ އެއްބަނޑު އެއްބަފާކޮއްކޮ ބުންޔާމީން ފިޔަވައި ދެންތިބި ދިހަ ބެއިންނެވެ. ބުންޔާމީނަކީ އޭރު މާ ތުއްޕުޅު ބޭކަލަކަށް ވާތީއާއި ޔޫސުފްގެފާނަކީ ބުންޔާމީންގެ އެއްބަނޑު އެއްބަފާ ބޭބެ ކަމަށް ވާތީ ބައިވެރި ނުކުރީކަމަށްވެއެވެ.

ޔޫސުފްގެފާނުގެ އަޚުންތައް ބައްޕާފުޅުގެ އަރިހަށް ދިޔުން

ޔޫސުފްގެފާނު އެއްބަފާ އަޚުންތައް، އެކަލޭގެފާނު ދުރު ހިސާބެއްގައިވާ ވަޅަކަށް އެއްލާލުމަށް ރާވައި، ތަންފީޒު ކުރުމުގެ ޢަމަލީ މަސައްކަތް ފެށިއެވެ. ޔަޢުޤޫބުގެފާނު އަބަދުވެސް ޔޫސުފްގެފާނަށް ކުރިމަތިވެވަޑައިގެންފާނެ ނުރައްކަލަކާމެދު  ހުޝިޔާރުވެވަޑައިގަންނަވައެވެ. އެ ދަރަޖައަށް ޔޫސުފްގެފާނާމެދު އެބައިމީހުން ހުޝިޔާރުވާނެކަމާމެދު ޔަޢުޤޫބުގެފާނުގެ ހިތްޕުޅުގައި އަބަދުވެސް ޝައްކު އޮވެއެވެ. އެބައިމީހުންގެ ފުށުން ނުބައިކަމެއް ޔޫސުފްގެފާނަށް ކުރިމަތިވެދާނެކަމުގެ އިޙްސާސްތައް އެ ބައްޕާފުޅުގެ ހިތުގައި ދައުރުވެދައުރުވެ ހުރެއެވެ. މިގޮތުން، އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އެބައިމީހުންނަށް ފާހަގަކުރެވުނީ ބައްޕާފުޅުގެ ހިތްޕުޅުގައިވާ މި ޝައްކު ދުރުކޮށް، އެބައިމީހުންނާމެދު އިތުބާރެއް އުފެއްދުމެވެ. މިގޮތުން؛ އެބައިމީހުން ޔަޢުޤޫބުގެފާނަށް ދެންނެވިއެވެ. "އޭ އަހުރެމެންގެ ބައްޕާއެވެ! ޔޫސުފްގެފާނާ މެދު، ކަލޭގެފާނު، ތިމަންމެންނަށް އިތުބާރު ނުކުރައްވަނީ ކީއްވެތޯއެވެ؟ ހަމަކަށަވަރުން ތިމަންމެންނީ އެކަލޭގެފާނަށް ހެޔޮއެދޭ ބަޔަކީމުއެވެ." ޔަޢުޤޫބުގެފާނުގެ ހިތްޕުޅުގައި އެބައިމީހުންނާމެދު އިތުބާރެއް އުފެދެން ފެށިކަން އެނގުނުހިނދު އެބައިމީހުން ދެންނެވިއެވެ. "ކައިބޮއެ އުފާކޮށް، ކުޅެހެދުމަށްޓަކައި، ތިމަންމެންނާއިއެކުގައި، މާދަމާ އެކަލޭގެފާނު ފޮނުއްވާށެވެ! ހަމަކަށަވަރުން، ތިމަންމެން އެކަލޭގެފާނު ބަލަހައްޓައި ރައްކާތެރި ކުރާހުށީމެވެ."

ޔޫސުފްގެފާނުގެ އަޚުން ދެންނެވި ދެންނެވުމަކީ ބޮޑު ކަމެއް ކަމާއި، އެކަމަކީ ޔަޢުޤޫބުގެފާނުގެ ހިތްޕުޅަށް ދަތިއުނދަގޫފުޅު ވާނޭކަމެއްކަމުގައިވާތީ، އެބައިމީހުންގެ އެ ވިސްނުން ބަދަލުކުރޭތޯ ވިދާޅުވިއެވެ. "އޭނަގޮވައިގެން ތިޔަބައިމީހުން ދިއުމަކީ، ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް ހިތާމަ ލިބޭކަމެކެވެ. އަދި ތިޔަބައިމީހުން އޭނާގެމަތިން ޣާފިލުވެގެންތިއްބައި، މިނިކާކުއްތާއެއް އައިސް އޭނާ ކައިފާނެތީ ތިމަންކަލޭގެފާނު ބިރުފުޅު ގަނެތެވެ." ޖަވާބުގައި އެ ދަރިކަލުންތައް ދެންނެވިއެވެ. ‏ "ތިމަންމެންނީ ބާރުހުރި ބަޔަކުކަމުގައި ވާހިނދު، މިނިކާކުއްތާއެއް އައިސް އޭނާ ކައިފިނަމަ، ހަމަކަށަވަރުން، ތިމަންމެން ވާހުށީ ކަމެއްނުކުރެވޭ ފިނޑި ނިކަމެތި ބަޔަކުކަމުގައެވެ." ޔަޢުޤޫބުގެފާނުގެ ހިތްޕުޅުގައި އެ ދަރިކަލުންތަކާމެދު އިތުބާރެއް އުފެދި، ޔޫސުފްގެފާނު ރައްކާތެރިކަމާއެކު ބަލަހައްޓާނެކަމުގެ ޔަޤީންކަން ލިބިވަޑައިގެންނެވުމުން އެއްބަސްވެވަޑައިގެންނެވިއެވެ.

ޔޫސުފްގެފާނު ވަޅަށް އެއްލާލުން

ޖެހިގެން އައިދުވަހު، ޔޫސުފްގެފާނު އެކަލޭގެފާނުގެ އަޚުންނާއެކު ނުކުމެވަޑައިގެންނެވުމުގެ ކުރިން، އެކަލޭގެފާނުގެ ބައްޕާފުޅަށް އަލްވަދާޢު ވިދާޅުވެ، ގައިކޮޅުގައި ބައްދާލައްވައި ބޮސްދެއްވާ ހެއްދެވިއެވެ. އަދި އެކަލޭގެފާނުގެ އަޚުންވެސް ޔަޢުޤޫބުގެފާނަށް ފެނިވަޑައިގަންނަވާ ހިސާބުގައި ޔޫސުފްގެފާނަށް ވަރަށް ލޯބިން ހެޔޮކޮށް ހިއްތަވާކަމުގައި ދައްކަމުން ދިޔައެވެ.

ދަތުރު ފަށައިގެން ޔަޢުޤޫބުގެފާނަށް ފެނިވަޑައި ނުގަންނަވާ ހިސާބަށް ދަތުރުކުރެވުމާއެކު، އެކަލޭގެފާނުގެ އަޚުންގެ މުޢާމަލާތުކުރުން މުޅިން ބަދަލުވެގެން ދިޔައެވެ. ޔޫސުފްގެފާނަށް އެކިގޮތްގޮތުން އުނދަގޫކޮށް، ހިތްޕުޅުގައިޖެހޭފަދަ ނުބައިބަސްތައް ބުނަންފެށިއެވެ. އަދި އެކަލޭގެފާނުގެ ހަށިކޮޅަށް ކުދި އަނިޔާތައް ދޭން ފެށިއެވެ. ދަތުރުގެ ކަންކަން މިފަދަ ޙާލަތެއްގައި ވަނިކޮށް، އެބައިމީހުން ބޭނުންވާ ވަޅު ހުންނަހިސާބަށް ދެވުމުން ކަންތައް ހިނގައިދިޔަގޮތް ބަޔާންކުރައްވާ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ((فَلَمَّا ذَهَبُوا بِهِ وَأَجْمَعُوا أَن يَجْعَلُوهُ فِي غَيَابَتِ الْجُبِّ ۚ وَأَوْحَيْنَا إِلَيْهِ لَتُنَبِّئَنَّهُم بِأَمْرِهِمْ هَٰذَا وَهُمْ لَا يَشْعُرُونَ)) މާނައީ: "ފަހެ، އެބައިމީހުން އެކަލޭގެފާނު ގޮވައިގެން ދިޔަހިނދު، އަނދިރި ވަޅަކަށް އެކަލޭގެފާނު ލުމަށް އެންމެން އެއްބަސްވިއެވެ. ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ވަޙީކުރެއްވީމެވެ. އެބައިމީހުންގެ މިކަންތަކުގެ ވާހަކަ، އެބައިމީހުންނަށް ނޭނގިތިއްބައި، ހަމަކަށަވަރުން، ކަލޭގެފާނު އެބައިމީހުންނަށް (ފަހުން) ކިޔައިދެއްވާނެތެވެ." މާތް ﷲ މިވަނީ ޔޫސުފްގެފާނުގެ ހިތްޕުޅު ހަމަޖައްސަވައި ދެއްވުމަށްޓަކައި، މިކަންކަމުން އެކަލޭގެފާނު ސަލާމަތްވެވަޑައިގަންނަވާނެކަމުގެ ޚަބަރު ކުރިއާލައި އަންގަވާފައެވެ.

ޔޫސުފްގެފާނުގެ ގަމީސްކޮޅު ގަދަކަމުން ބޭލުމަށްފަހު، އެކަލޭގެފާނުގެ ގައިކޮޅުގައި ވާގަނޑެއް އެއްސުމަށްފަހު އެ ވަޅަށް ތިރިކުރިއެވެ. އަދި ވަކި ހިސާބަކަށް ތިރިވުމުން ވާގަނޑު ކަނޑާލައި ދޫކޮށްލުމުން އެކަލޭގެފާނު އެވަޅުގެ ފެންގަނޑުތެރެއަށް ވެއްޓުނެވެ. އެއީ ވަރަށް އަނދިރި ފުން ވަޅެކެވެ. ދެން އެކަލޭގެފާނު އެވަޅުގެ މެދުގައި އޮތް ބޮޑު ހިލަގަނޑެއްގެ މައްޗަށް އަރައިވަޑައިގެންނެވިއެވެ. ކުރެއްވޭނެ ކަމެއް ނެތް ޙާލުކޮޅުގައެވެ. ވަށައިގެން ވަނީ އަނދިރިކަމެވެ. ވަޅުން އެރޭނެ އެއްވެސް ގޮތެއް ނެތެވެ.

މިނުބައި އަނިޔާވެރި ޢަމަލަށްފަހު، ޔޫސުފްގެފާނުގެ އަޚުންތައް ބައްޕާފުޅަށް ދަންނަވާނެ ދޮގު ވާހަކައެއް އުފެއްދިއެވެ. އަދި ޔޫސުފްގެފާނުގެ ގަމީސްކޮޅު އެކި ތަންތަނުން ވީދައި، އޭގައި ޖަނަވާރެއްގެ ލޭ އުނގުޅިއެވެ. އިރުއޮއްސި އަނދިރިވާ އިރަށް ރަށަށް ފޯރާނެ ވަރަށް ދަތުރު ކުރަން ފެށިއެވެ.

ޔޫސުފްގެފާނުގެ އަޚުންތައް އެނބުރި ބައްޕާފުޅުގެ އަރިހަށް

ޔޫސުފްގެފާނުގެ އަޚުންތައް ބައްޕާފުޅު ޔަޢުޤޫބުގެފާނުގެ އަރިހަށް ދިޔައީ އިރުއޮއްސި އަނދިރިވުމުންނެވެ. އިރުއޮއްސި އަނދިރިވުމުން އެބައިމީހުން އައި ސަބަބެއްކަމަށް ވަނީ މި ނުބައި މަކަރުވެރި ޢަމަލު ވީހާވެސް ބޮޑަށް ފޮރުވުމަށްޓަކައެވެ. މިބައިމީހުން ޔަޢުޤޫބުގެފާނުގެ އަރިހަށް ރޮމުން އައިސް، ހިތާމަކުރާކަން ދައްކަމުން، ވާހަކައެއް ހަދާލާފައި ދެންނެވިއެވެ. "އޭ އަހުރެމެންގެ ބައްޕާއެވެ! ތިމަންމެންގެ ސާމާނުތައް ކައިރީގައި ޔޫސުފްގެފާނު ބަހައްޓާފައި، ތިމަންމެން ވާދަކުރުމަށް ދިޔައީމުއެވެ. ދެން މިނިކާކުއްތާއެއް އައިސް، އެކަލޭގެފާނު ކައިފިއެވެ." އަދި ޔަޢުޤޫބުގެފާނު އެވާހަކަ ތެދުކުރުވުމަށްޓަކައި ދެންނެވިއެވެ. "ތިމަންމެން ތެދުވެރިން ކަމުގައިވިޔަސް، ކަލޭގެފާނު، ތިމަންމެންގެ ބަސް ތެދެއް ނުކުރައްވާނެތެވެ."

މިބައިމީހުންގެ މި ދޮގު ވާހަކައަކީ ތެދު ޙަޤީޤަތްކަމަށް ޔަޤީންކޮށްދިނުމަށްޓަކައި ވީދައި، ލޭ އުނގުޅާފައިވާ ޔޫސުފްގެފާނުގެ ގަމީސްކޮޅު ދެއްކިއެވެ. އެހެންނަމަވެސް، ޔަޢުޤޫބުގެފާނަށް އެބައިމީހުން އެ ހަދަނީ ދޮގުކަން އެނގިވަޑައިގެންނެވިއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ.  ((وَجَاءُوا عَلَىٰ قَمِيصِهِ بِدَمٍ كَذِبٍ ۚ قَالَ بَلْ سَوَّلَتْ لَكُمْ أَنفُسُكُمْ أَمْرًا ۖ فَصَبْرٌ جَمِيلٌ ۖ وَاللَّهُ الْمُسْتَعَانُ عَلَىٰ مَا تَصِفُونَ)) މާނައީ: "އަދި އެބައިމީހުން އެކަލޭގެފާނުގެ ގަމީސްކޮޅުގައި ދޮގުލެޔެއް އުނގުޅައިގެން ގެނައެވެ. (ޔަޢުޤޫބުގެފާނު) ވިދާޅުވިއެވެ. އެހެންނަކުން ނޫނެވެ. ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް (ނުބައި) ކަމެއްކުރުމަށް، ތިޔަބައިމީހުންނަށް ތަންދިނީއެވެ. ފަހެ (ތިމަންކަލޭގެފާނަށް އޮތީ) ރިވެތިވެގެންވާ ކެތްކުރުމެކެވެ. އަދި ތިޔަބައިމީހުން ސިފަކޮށް ބުނާއެއްޗެއްގެ މައްޗަށް (ކެތްކުރުމުގައި) އެހީދެއްވާ ފަރާތަކީ ﷲ އެވެ." މި ކަމަކީ މާތް ﷲގެ ޙަޟްރަތުންވާ ބޮޑުވެގެންވާ އިމްތިޙާނެއްކަން ޔަޢުޤޫބުގެފާނަށް އިޙްސާސްކުރެވި، ކެތްތެރިކަމާއި ޙިލްމުވެރިކަން އިސްކުރެއްވީއެވެ. (ނުނިމޭ)

ޚިޔާލުތައް