އިބްރާހީމް ޢަލައިހިއްސަލާމް (ދެވަނަބައި)

އައްޝައިޚް މުހައްމަދު ސިނާން

އިތުރަށް ވިދާޅުވުމަށް

إبراهيم عليه السلام  އާއި ނަމްރޫދު ރަސްގެފާނު

ﷲ ސުބްހާނަހޫ ވަތަޢާލާ އިބްރާހީމުގެފާނާ ބެހޭގޮތުން ކީރިތި ޤުރްއާނުގައި ބަޔާންކޮށް ދެއްވާފައިވާ އަނެއް ޙާދިސާއަކީ، އިބްރާހީމުގެފާނާ އެދުވަސްވަރު އެހިސާބުގަނޑުގައި އުޅުނު ވަރުގަދަ ރަސްކަލަކާދެމެދު ހިނގައިދިޔަ ޙާދިސާއެއްގެ ވާހަކައެވެ. އެރަސްގެފާނަކީ، އެންމެ ވަރުގަދަ ރަސްކަލުންގެ ތެރޭގައި ހިމެނޭ ރަސްކަލެކެވެ. ތާރީޚު ޢިލްމުވެރިން ވިދާޅުވާގޮތުގައި، އެ ރަސްގެފާނަކީ ﷲ ތަޢާލާ މިދުނިޔެމަތީގައި ގަދަފަދަކަމާއި އާރާއިބާރު ދެއްވި ރަސްރަސްކަލުންގެ ތެރެއިން ރަސްކަލެކެވެ. އެއީ ޢިރާޤުގެ ބާބިލުގައި ރަސްކަންކުރި "ނަމްރޫދު" އޭ ކިޔުނު ރަސްކަލެކެވެ. އޭނާގެ ވެރިކަމުގެ ބާރުގަދަކަމުން ދުނިޔޭގެ ވަރަށް ގިނަ ހިސާބުތަކަށް އޭނާގެ ބާރު ފޯރަމުން ދިޔައެވެ. އޭނަޔަށް ﷲ ތަޢާލާ ދެއްވި ވެރިކަމާއި އާރާއި ބާރުގެ ސަބަބުން އޭނަވަނީ ބޮޑާކަމާއި ކުފުރުގައި ޙައްދު ފަހަނައަޅައި ގޮސްފައެވެ. އޭގެ ސަބަބުން ކާއިނާތުގެ ވެރި ރަސްކަލާނގެ ކަމަށް އޭނަ ދަޢުވާ ކުރެއެވެ. ހަމައެފަދައިން، ކާއިނާތުގައި ހިނގާ އެންމެހައި ކަންކަމަކީ އޭނަގެ ބާރުން ހިނގާކަންކަން ކަމުގައި އޭނާ ދަޢުވާކުރެއެވެ. މިއީ، އިންސާނަކު ކުރާނެ އެންމެ ނުބައިކަން ބޮޑުވެގެންވާ ދަޢުވާއެވެ. އަދި އެންމެ މޮޔަ ދަޢުވާއެވެ. އެހެނީ، ކާއިނާތުގައި ހިނގާހައި ކަންތަކަކީ އޭނަގެ ބާރުގެ ދަށުން ހިނގާ ކަންތައްތައްކަމަށް އެއްވެސް މީހަކު ޤަބޫލު ނުކުރާނެއެވެ. މުޅި އިންސާނީ ނަސްލުގައިވެސް މިފަދަ ނުބައި ދަޢުވާއެއްކުރިކަމުގައި ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވާފައިވަނީ ހަމައެކަނި ދެމީހެއްގެ ވާހަކައެވެ. އެއިން އެކަކީ މި ނަމްރޫދެވެ. ދެވަނަމީހަކީ މޫސާގެފާނުގެ ޒަމާނުގައި އުޅުނު ފިރުޢައުނެވެ. ފިރުޢައުނު ބަނީ އިސްރާއީލުންނަށް ބުންޏެވެ. ((أَنَا رَبُّكُمُ الْأَعْلَىٰ)) (النازعات: ٢٤) މާނައީ: "ތިމަންނާއީ، ތިޔަބައިމީހުންގެ އެންމެ މަތިވެރިވެގެންވާ ކަލާނގެއެވެ." ނަމްރޫދުވެސް ދަޢުވާކުރަނީ އޭނައަކީ ރައްބެއްގެ ބާރުތައް ލިބިގެންވާ މީހެއްކަމުގައެވެ.

އިބްރާހީމުގެފާނު މި ރަސްގެފާނަށް ތެދުމަގަށް ދަޢުވަތު ދެއްވިއެވެ. މާތް ﷲ ގެ އެއްކައުވަންތަކަމަށް ގޮވައިލެއްވިއެވެ. އިބްރާހީމްގެފާނާއި މި ރަސްގެފާނާ ދެމެދު ހިނގާދިޔަ ޙާދިސާ ބަޔާންކޮށްދެއްވައި ވަޙީކުރައްވާފައި ވެއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((أَلَمْ تَرَ إِلَى الَّذِي حَاجَّ إِبْرَاهِيمَ فِي رَبِّهِ أَنْ آتَاهُ اللَّهُ الْمُلْكَ إِذْ قَالَ إِبْرَاهِيمُ رَبِّيَ الَّذِي يُحْيِي وَيُمِيتُ قَالَ أَنَا أُحْيِي وَأُمِيتُ ۖ قَالَ إِبْرَاهِيمُ فَإِنَّ اللَّهَ يَأْتِي بِالشَّمْسِ مِنَ الْمَشْرِقِ فَأْتِ بِهَا مِنَ الْمَغْرِبِ فَبُهِتَ الَّذِي كَفَرَ ۗ وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ)) (البقرة: 258) މާނައީ: "ﷲ، އޭނާއަށް ރަސްކަންދެއްވާފައިވާތީ، އިބްރާހީމުގެފާނުގެ ވެރިރަސްކަލާނގެއާމެދު އެކަލޭގެފާނާ ޖަދަލުކުޅަ މީހާޔަށް ކަލޭގެފާނު ވިސްނައި ފިކުރު ނުކުރައްވަމުތޯއެވެ؟ (އެއީ) އިބްރާހީމުގެފާނު ވިދާޅުވިހިނދެވެ. ދިރުއްވައި މަރުގަންނަވަނީ ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއެވެ. އޭނާ ދެންނެވިއެވެ. އަހަރެންވެސް ދިރުވައި އަދި މަރަމެވެ. އިބްރާހީމުގެފާނު ވިދާޅުވިއެވެ. ފަހެ، ހަމަކަށަވަރުން، ﷲ، އިރުމަތީފަރާތުން އިރު ގެންނަވައެވެ. ފަހެ، ކަލޭ، އެ އިރު ހުޅަނގުފަރާތުން ނިކަން ގެނެސް ބަލާށެވެ! ދެން، އެ ކާފިރުވި ކަލޭގެ ޙައިރާންވެ ބަސްހުއްޓިއްޖެއެވެ. އަނިޔާވެރިވެގެންވާ ޤައުމަކަށް ﷲ ތެދުމަގެއް ނުދައްކަވައެވެ." ޢިލްމުވެރިން ބަޔާންކުރައްވާގޮތުގައި، އެ ރަސްގެފާނު، ތިމަންނަވެސް މީހުންމަރައި ދިރުވަމޭ ބުނެފައި، ދެ މީހަކު ޙާޟިރުކޮށް އެކަކު މަރާފައި، އަނެއްމީހާ ދޫކޮށްލިއެވެ. އަދި މެރުމާއި ދިރުވުމުގެ ބާރު ތިމަންނަޔަށްވެސް ލިބިގެންވާކަމަށް ބުންޏެވެ. އެހިނދު އިބްރާހީމުގެފާނު އޭނަޔަށް ނުކުރެވޭނެ ކަމަކުން ޙުއްޖަތް ދެއްކެވިއެވެ. އެއީ؛ އިރު ހުޅަނގު ފަރާތުން ގެނައުމަށެވެ. އާޔަތުގައި ވާފަދައިން، އެހިސާބުން ބުނާނެ އެއްޗެއް ނޭނގި އޭނަގެ ބަސް ހުއްޓުނެވެ.

އިބްރާހީމްގެފާނު ބައިތުލްމަޤްދިސަށް ހިޖުރައަށް ނުކުންނެވުން

ނަމްރޫދު ރަސްގެފާނާދެމެދު ހިނގާދިޔަ ކަންތަކަށްފަހު، އިބްރާހީމު ޢަލައިހިއްސަލާމް، މާތް ﷲ ގެ އަމުރުފުޅަށް އެކަލޭގެފާނު އުޅުއްވި ސަރަހައްދުކަމުގައިވާ ޢިރާޤު ސަރަޙައްދު ދޫކުރައްވައި، ޝާމުކަރައިގެ ބައިތުލް މަޤްދިސަށް ދަތުރުފުޅު ފެއްޓެވިއެވެ. ލޫޠުގެފާނު އިބްރާހީމުގެފާނުގެ ބަސްފުޅު ތެދުކުރައްވައި، އެ މަތިވެރި ހިޖުރާގައި ބައިވެރިވަޑައިގެންނެވިއެވެ. މާތްﷲ ވަޙީކުރައްވާފައި ވެއެވެ. ((فَآمَنَ لَهُ لُوطٌ ۘ وَقَالَ إِنِّي مُهَاجِرٌ إِلَىٰ رَبِّي ۖ إِنَّهُ هُوَ الْعَزِيزُ الْحَكِيمُ)) (العنكبوت: 26) މާނައީ: "ފަހެ، ލޫޠުގެފާނު، އެކަލޭގެފާނުގެ (އެބަހީ: އިބްރާހީމުގެފާނުގެ) ބަސްފުޅު ތެދުކުރެއްވިއެވެ. އަދި އެކަލޭގެފާނު (އެބަހީ: އިބްރާހީމުގެފާނު) ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ އެންގެވިފަރާތަށް ތިމަން، ހިޖުރައަށް މިދަނީއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ޢަޒީޒުވަންތަ، ޙަކީމްވަންތަ ރަސްކަލާނގެއެވެ."

ކޮންމެއަކަށްސް އިބްރާހީމުގެފާނު، އެކަލޭގެފާނު އުޅުއްވި ޤައުމު ދޫކުރައްވައި، އެކަލޭގެފާނު ރަސޫލުކަމާއި ނަބީކަމައިގެން ފޮނުއްވުނު އެންމެ މުހިއްމު އެއް މަސައްކަތްޕުޅާ ދިމާލަށް އެކަލޭގެފާނު ދަތުރުފުޅު ފެއްޓެވިއެވެ. އެއީ ބައިތުލްމަޤްދިސް އާބާދުކުރެއްވުމާއި، ހަމައެފަދައިން މައްކާގެ ބިން އާބާދުކުރެއްވުމެވެ. މާތްﷲ އެކަލޭގެފާނަށް އެންގެވި އެންގެވުން ފުރިހަމަ ކުރެއްވުމަށްޓަކައެވެ. އެހެންކަމުން އެކަލޭގެފާނު ޢިރާޤުގެ "ބާބިލް" އޭ ކިޔުނު ހިސާބުން ޝާމުކަރައަށް ދަތުރު ކުރެއްވިއެވެ. މިހާރުގެ ގޮތުންނަމަ ފަލަސްޠީން ނުވަތަ ބައިތުލްމަޤްދިސް ހިސާބަށެވެ. މާތްﷲ ވަޙީކުރައްވާފައި ވެއެވެ. ((وَنَجَّيْنَاهُ وَلُوطًا إِلَى الْأَرْضِ الَّتِي بَارَكْنَا فِيهَا لِلْعَالَمِينَ)) (الأنبياء: 71) މާނައީ: "އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނާއި (އެބަހީ؛ އިބްރާހީމްގެފާނާއި)، ލޫޠުގެފާނު ސަލާމަތްކުރައްވައި، ޢާލަމްތަކަށްޓަކައި، ތިމަންރަސްކަލާނގެ ބަރަކާތްލެއްވި ބިމަށް (އެބަހީ؛ ބައިތުލްމަޤްދިސްގެ ބިމަށް) ފޮނުއްވީމެވެ." މި ދަތުރުފުޅަށްފަހު، އިބްރާހީމުގެފާނު މުޅިން ކަހަލަގޮތަކަށް އުޅުއްވީ ދަތުރުފުޅު ކުރެއްވުމުގައެވެ. އެއީ، ވަކި ޚާއްޞަ ބިންތަކެއް ޢިމާރާތްކޮށް، އާބާދުކުރުމަކީ އެކަލޭގެފާނުގެ މަސައްކަތްފުޅުގެ ތެރޭގައި ހިމެނިގެންވާ ކަމަކަށްވާތީއެވެ. އެތަންތަން އާބާދުކުރުމަކީ އެކަލޭގެފާނުގެ ނަބީކަމާއި ރަސޫލުކަމުގެ ބައެކެވެ.

އިބްރާހީމްގެފާނާއި މިޞްރުގެ ރަސްގެފާނު

އިބްރާހީމުގެފާނު ދަތުރު ކުރައްވަމުން ގެންދެވީ މިޞްރު ހިމެނޭ ސަރަހައްދުން، އޭރުގެ މިޞްރުގައި ވެރިއަކަށް ހުރި ރަސްގެފާނުގެ ބާރު ހިނގާ ހިސާބަކުންނެވެ. މި ދަތުރުފުޅުގައި އިބްރާހީމްގެފާނާއެކު އެކަލޭގެފާނުގެ އަނބިކަނބަލުން ސާރާގެފާނުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އޭރުހުރި މިޞްރުގެ ރަސްގެފާނަކީ؛ ރީތި އަންހެނެއްގެ ޚަބަރު ލިބިއްޖެނަމަ، އެ އަންހެނަކު އޭނާގެ ބާރުގެ ދަށަށްގެނެސް، ނުބައި ޢަމަލުތައް ހިންގާ ރަސްކަލެކެވެ. އިބްރާހީމުގެފާނުގެ ޤާފިލާ އެ ހިސާބުން ދަތުރު ކުރައްވަމުން ވަޑައިގަންނަވަނިކޮށް، އެ ރަސްގެފާނުގެ އަޢުވާނުންގެ ބަޔަކަށްފެނުނެވެ. އަދި ޤާފިލާގެ ޚަބަރުތައް އޮޅުންފިލުވުމަށްފަހު، އެ ޤާފިލާގައި ބުރުސޫރަ ރީތި އަންހެންކަނބަލަކު އެބަހުރިކަމުގެ ޚަބަރު ރަސްގެފާނަށް ދިނެވެ. ރަސްގެފާނަށް މި ޚަބަރު ލިބުމާއެކު، އަޢުވާނުންގެ ބަޔަކު ފޮނުވައިގެން ޤާފިލާގައި ތިބި ބޭފުޅުން ގެންނަވައި، އިބްރާހީމުގެފާނު އަރިހު، މިއީ ކޮން އަންހެނެއްތޯ ރަސްގެފާނު ސުވާލު ދެންނެވިއެވެ. އިބްރާހީމުގެފާނު، އެއީ އެކަލޭގެފާނުގެ އުޚްތެއްކަމަށް ވިދާޅުވިއެވެ. އެކަލޭގެފާނު އެގޮތަށް ވިދާޅުވީ އޭނަގެ އަނިޔާވެރިކަމާއި، އެ ރަސްގެފާނުގެ މަޤްޞަދު އެނގިވަޑައިގެން، އޭނަގެ ނުބައިކަމުން ސަލާމަތްވެވަޑައިގެންނެވުމަށެވެ. މިއީ، ކުރިން ބަޔާންވެދިޔަ ރަސޫލުﷲ ﷺ ގެ ޙަދީޘްފުޅުގައި ބަޔާންވެގެންވި، އިބްރާހީމުގެފާނު ހެއްދެވި ތިންވަނަ އިތުރުފުޅެވެ. ޙަޤީޤަތުގައި އެއީ އިތުރުފުޅެއް ނޫނެވެ. އެއީ، ދީނީގޮތުން ބަލާއިރު އުޚްތަކަށް ވާތީއާއި، އެއީ އެ ރަސްގެފާނުގެ ނުބައިކަމުން ސަލާމަތްވެވަޑައިގަތުމުގެ ގޮތުން ވިދާޅުވި ބަސްފުޅެއްކަމުގައި ވާތީއެވެ. އޭރު އިބްރާހީމުގެފާނަށް، އީމާންވެގެން ތިބީ ހަމައެކަނި އަނބިކަނބަލުން ސާރާގެފާނާއި، ޢާއިލާގެ ބޭފުޅެއްކަމުގައިވާ ލޫޠުގެފާނެވެ. އެހެންވެ، އެކަލޭގެފާނު އެގޮތަށް ވިދާޅުވީއެވެ.

މިޞްރުގެ މި ރަސްގެފާނާމެދު ކަންތައް ހިނގާދިޔަގޮތް ޞަޙީހުލްބުޚާރީގައި އައިސްފައިވާ ޙަދީޘެއްގައި ވެއެވެ. އިބްރާހީމުގެފާނު ސާރާގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. "އޭ ސާރާއެވެ! މި ބިންމަތީގައި، ތިމަންކަލޭގެފާނާއި ކަމަނާ ފިޔަވައި އީމާންވެގެން ތިބިބަޔަކު ނުވެއެވެ.  މި ރަސްގެފާނު ތިމަންކަލޭގެފާނާއި ބެހޭގޮތުން ކަމަނާއާ ސުވާލުކޮށްފިނަމަ، އެއީ ތިމަންކަމަނާގެ އަޚެކޭ ބުނާށެވެ!" އެކަލޭގެފާނު މިގޮތަށް އެކަންތައް ރޭއްވެވީ އެކަލޭގެފާނުގެ ޙިކުމަތްފުޅުން، އެ ރަސްގެފާނުގެ ނުބައި، އަނިޔާވެރިކަމުން ސަލާމަތްވެ ވަޑައިގަތުމަށްޓަކައެވެ.  ރަސްގެފާނުގެ އަރިޔަހަށް އެކަމަނާ ގެންނަވައި، އިބްރާހީމުގެފާނާ ބެހޭގޮތުން ސުވާލު ކުރުމުން، އެކަލޭގެފާނު ވިދާޅުވިގޮތަށް އެކަމަނާ ޖަވާބުދެއްވިއެވެ. ނަމަވެސް ސާރާ ގެންނެވުމަށްފަހު، ނުބައިކަމާގެން އެކަމަނާގެ އަރިޔަހަށް އެރަސްގެފާނު ވަނެވެ. ބައެއް ރިވާޔަތްތަކުން އައިސްފައިވާގޮތުގައި، އެވަގުތު އޭނާގެ ނުބައިކަމުން ސަލާމަތް ކޮށްދެއްވުން އެދިވަޑައިގެން އެކަމަނާ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށް ދުޢާ ދެންނެވިއެވެ. އެހިނދު، އެރަސްގެފާނުގެ އަތްފައި ބަންދުވެ، ގުޑުވައިވެސް ނުލެވޭގޮތް ވެއްޖެއެވެ. އޭނައަކަށް ހިރިވެސް ނުލެވުނެވެ. އެވަގުތު އޭނާ އެކަމަނާއަށް އާދޭސްކޮށް ސަލާމަތަށް އެދުނެވެ. އަދި އެކަމަނާޔާ ނުބެހޭނެކަމަށް ވަޢުދުވިއެވެ. އެކަމަނާ ދުޢާކުރެއްވުމުން އޭނާ އެޅިފައިވާ ކަސްތޮޅު ފިލައިފިއެވެ. އަނެއްކާ ދެވަނަފަހަރަށްވެސް އޭނާ އެކަމަނާޔާ ކުރިމަތިލިއެވެ. ﷲ ތަޢާލާ އޭނަގެ އަތްފައި ގުޑުވައި ނުލެވޭގޮތަށް ލެއްވިއެވެ. ދެވަނަފަހަރުވެސް އޭނަ އާދޭސްކުރުމުން، އެކަމަނާ ދުޢާކުރެއްވުމުން ސަލާމަތް ވިއެވެ. ކޮންމެއަކަސް ރަސްގެފާނުގެ މި ޢަމަލު ތިން ފަހަރު ތަކުރާރުކުރުމުންވެސް ވީހަމަ އެއްގޮތެކެވެ. އަތްފައިގައި ކަސްތޮޅު އެޅި، ހިރި ނުލެވޭގޮތް ވަނީއެވެ. ތިންވަނަފަހަރު، މިހެންވުމުން އޭނާ ދެރަވެ މާޔޫސްވެގެންވާޙާލު، ސަލާމަތް ކޮށްދެއްވުމަށް އެދި އެކަމަނާއަށް އާދޭސްކުރިއެވެ. އަދި، އޭނަގެފަރާތުން، ޙިޔާނާތްތެރި ނުވާނެކަމުގެ ޢަހުދު ކަށަވަރު ހިއްޕެވުމަށްފަހު، އެކަމަނާ ﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވުމުން އޭނާ ސަލާމަތްވިއެވެ. ސަލާމަތްވުމުން ރަސްގެފާނު އޭނާގެ ޢައުވާނުންގެ ގާތަށްގޮސް  ބުންޏެވެ. "ތިޔަބައިމީހުން ތިޔަ ގެނައީ އިންސާނެއް ނޫނެވެ. ތިޔަބައިމީހުން ތިޔަ ގެނައީ ޝައިޠާނެކެވެ." މި ހާދިސާއަށްފަހު، އެ ރަސްގެފާނު ސާރާޔާ ހެޔޮކޮށް މުޢާމަލާތުކުރިއެވެ. އަދި ވަރަށް މާތްކޮށް ހިއްތަވާފައި، ރަސްގެފާނު ސަލާމަތް ކޮށްދެއްވިކަމުގެ ބަދަލެއްގެގޮތުން "ހާޖަރު" ކިޔާ އަންހެން ބޭކަނބަލަކު އެކަމަނާގެ ޚިދުމަތަށް މިލްކުކޮށް ދެއްވިއެވެ. އަދި އިބްރާހީމްގެފާނާއެކު ވަޑައިގެންނެވި އެންމެން ދޫކޮށްލިއެވެ.

އިސްމާޢީލްގެފާނު ދެއްވުން

ﷲ ސުބްޙާނަހޫ ވަތަޢާލާ އިބްރާހީމުގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުން، އެ ރަސްގެފާނުގެ ނުބައިކަމުން ސަލާމަތް ކުރެއްވިއެވެ. އެއަށްފަހު، ބައިތުލްމަޤްދިސާ ދިމާއަށް ކުރައްވަމުން ގެންދެވި ދަތުރުފުޅު ފެއްޓެވިއެވެ. ދަތުރުފުޅު ފެއްޓެވުމުގެކުރިން، އިބްރާހީމުގެފާނުގެ ގޮވައިލެއްވުމަށް ހާޖަރު އީމާންވެ ވަޑައިގެންނެވިއެވެ. އިބްރާހީމުގެފާނުގެ ދެކަނބަލުން ހާޖަރާއެކު ބައިތުލްމަޤްދިސަށް ވަޑައިގެން، އެތަނުގައި ވަޒަންވެރިވެ ވަޑައިގެންނެވިއެވެ. އެއަށްފަހު، ލޫޠުގެފާނަށް ނަބީކަން ދެއްވައި، އުރުދުންގެ" އަލްޣައުރު" ކިޔުނު ހިސާބުގައިވާ  ސަދޫމް ސަރަޙައްދަށް  ހިޖުރަކުރެއްވުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އެންގެވިއެވެ. ބޮޑުބޭބޭފުޅު، އިބްރާހީމުގެފާނުގެ އިޒުނަފުޅާއެކު ލޫޠުގެފާނު އެ ސަރަޙައްދަށް ހިޖުރަ ކުރެއްވިއެވެ.

އިބްރާހީމް ޢަލައިހިއްސަލާމް ބައިތުލްމަޤްދިސަށް ވަޑައިގެން އެތާނގައި ދިރިއުޅުއްވަން ފެށްޓެވިތާ ގިނަ ދުވަސްތަކެއް ނުވަނީސް ﷲ ތަޢާލާ އެކަލޭގެފާނަށް އިސްމާޢީލުގެފާނު ދެއްވެވިއެވެ. ބައެއް އަހުލުކިތާބީންގެ ފޮތްތަކުގައި ބަޔާންވެފައިވާ ގޮތުގައި، އިބްރާހީމުގެފާނާއި ސާރާ ކައިވެނި ބައްލަވައިގެން ވަރަށް ގިނަ ދުވަސްވީއިރުވެސް ދަރިކަލަކުވެސް އަދި ދަރިކަނބަލަކުވެސް ލިބިވަޑައިގެންފައެއް ނުވެއެވެ. އެހެންކަމުން، ހާޖަރު އާ ކައިވެނި ބައްލަވައިގަތުމަށް އިބްރާހީމުގެފާނަށް ސާރާ ހުށަހެޅުއްވިއެވެ. ފަހަރެއްގައި ﷲ ތަޢާލާ އެ ކަމަނާގެ ފަރާތްޕުޅުން އެކަލޭގެފާނަށް ދަރިކަލަކު ދެއްވައިފާނެކަމަށްޓަކައެވެ. ސާރާގެ ލަފާފުޅުގެމަތިން، އިބްރާހީމުގެފާނު ހާޖަރުއާ ކައިވެނި ބެއްލެވިއެވެ. މާ ގިނަދުވަސްތަކެއް ފާއިތުނުވަނީސް، ހާޖަރުގެ ފަރާތްޕުޅުން އިސްމާޢީލުގެފާނު ލިބިވަޑައިގެންނެވިއެވެ.

އިބްރާހީމްގެފާނު މައްކާގެ ބިމަށް ދަތުރުކުރެއްވުން

އިސްމާޢީލުގެފާނު ވަރަށް ތުއްޕުޅުއިރު، ނުވަތަ އިސްމާޢީލުގެފާނު ލިބިވަޑައިގަތުމާއެކު، އެ ދެމައިކަނބަލުންނާއެކު ބައިތުލްމަޤްދިސް ދޫކުރައްވައި މައްކާއަށް ދަތުރު ކުރެއްވުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އިބްރާހީމުގެފާނަށް އެންގެވިއެވެ. ބައެއްފޮތްތަކުގައި ބަޔާންވެފައިވާގޮތުގައި، އިބްރާހީމުގެފާނު ހާޖަރާއި އިސްމާޢިލުގެފާނާއެކު މައްކާއަށް ވަޑައިގެންނެވީ، ހާޖަރު އާއި ސާރާއާ ދެމެދު އުފެދުނު ހަމަނުޖެހުމެއްގެ ސަބަބުންނެވެ. ނަމަވެސް އެކަމަށް އެއްވެސް ދަލީލެއް ފެންނާކަށްނެތެވެ. ޤުރުއާނުންވެސް، އަދި މާތް ރަސޫލާ ﷺ ގެ ސުއްނަތުންވެސް އެކަމުގެ ދަލީލެއް އައިސްފައި ނުވެއެވެ. ޞައްޙަ ޙަދީޘުން ސާބިތުވާގޮތުގައި، އެކަލޭގެފާނު ބައިތުލްމަޤްދިސް ދޫކުރައްވައި މައްކާއަށް ވަޑައިގެންނެވީ ﷲ ތަޢާލާގެ އަމުރުފުޅަށެވެ. އަދި އެފަދަ މައްސަލައެއް ޖެހިވަޑައިގެންނެވިނަމަ، އެކަމުގެ ސަބަބުން އެހާދުރު ހިސާބަކަށް ދަތުރުކުރެއްވުމަކީ ބުއްދި ޤަބޫލުކުރާކަމެއް ނޫނެވެ. އެހެނީ، ބައިތުލްމަޤްދިސާއި މައްކާއާ ދެމެދުގެ ދުރުމިނަކީ ވަރަށް ދުރެވެ.

އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން އިމާމު ބުޚާރީ ރިވާކުރައްވާފައި ވެއެވެ. އިބްރާހީމު ޢަލައިހިއްސަލާމް، އެކަލޭގެފާނުގެ ތުއްޕުޅުދަރިކަލުންގެ، ދެމައިކަނބަލުންނާގެން މައްކާގެބިމަށް ދަތުރުކުރެއްވިއެވެ. އޭރު މައްކާގެ ބިމަކީ، އެއްވެސްކަހަލަ ގަހެއް، އެއްވެސް ދިރުމެއް ހުރި ތަނެއްނޫނެވެ. ހަނަފަސް ސަހަރާއެއްގެ ގޮތުގައި އޮތްތަނެކެވެ. އިބްރާހީމުގެފާނު ހާޖަރާއި، ތުއްޕުޅު ދަރިފުޅު ގޮވައިގެން ވަޑައިގެން ޒަމްޒަމް ވަޅުކޮޅު ހުރިހިސާބުގައި، އޭގެ ދެމައިކަނބަލުން ބެއިތިއްބެވިއެވެ. އަދި އެތަނުގައި ކަދުރުކޮޅަކާއި ފެން އެއްޗެއް ބެހެއްޓެވުމަށްފަހު އެކަލޭގެފާނު އެނބުރި ވަޑައިގެން ދަތުރުފުޅު ފެއްޓެވިއެވެ. އެހިނދު، ހާޖަރު އެކަލޭގެފާނުގެ ފަހަތްޕުޅުން ވަޑައިގެން ދެންނެވިއެވެ. "އެއްވެސް ބަޔަކުނުއުޅޭ އަދި އެއްވެސް ގަހެއް ދިރުމެއްނުވާ ތަނަކަށް ތިމަންމެން އެކަނި ދޫކުރައްވާފައި ކަލޭގެފާނު ވަޑައިގަންނަވަނީތޯއެވެ؟" އެކަލޭގެފާނު އެއްވެސް އެއްޗެއް ވިދާޅުނުވެ ކުރިޔަށް ވަޑައިގަތެވެ. އެކަމަނާ ތަކުރާރުކޮށް ދެންނެވުމުންވެސް އެކަލޭގެފާނު ޖަވާބެއް ނުދެއްވުމުން އެކަމަނާ އެއްސެވިއެވެ. "ކަލޭގެފާނު ތިމަންމެން އެކަނި މިފަޅުތަނަށް ދޫކުރައްވާފައި ތިޔަވަޑައިގަންނަވަނީ މާތް ﷲގެ އަމުރުފުޅަށްތޯއެވެ؟" އެހިނދު އެކަލޭގެފާނު އާދޭހޭ، ވިދާޅުވުމުން އެކަމަނާ ދެންނެވިއެވެ. "ކަލޭގެފާނު ތިމަންމެން ދޫކުރައްވާފައި ތިޔަވަޑައިގަންނަވަނީ މާތް ﷲގެ އަމުރުފުޅަށް ކަމުގައި ވަނީނަމަ، އެކަލާނގެ ތިމަންމެން ގެއްލެނި ނުކުރައްވާނެއެވެ."

އިބްރާހީމްގެފާނު، އެކަލޭގެފާނުގެ އަނބިކަނބަލުންނާއި ތުއްޕުޅު ދަރިކަލުންނާ ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާތީ، އިންސާނީ ހައިސިއްޔަތުން ދެރަފުޅުވިއެވެ. އެއީ، މުސްކުޅިފުޅު ޢުމުރާ ހަމައަށް ފޯރުމުން ލިބިވަޑައިގެންނެވި ދަރިކަލުންނެވެ. އެހެންނަމަވެސް، ޙަޤީޤީ މުއުމިނުންނަކީ އެބައިމީހުންގެ އަމިއްލަ ބޭނުންތަކާއި ހިތްރުހޭގޮތްތަކުގެ މައްޗަށް މާތް ﷲގެ އަމުރުފުޅުތައް އިސްކުރާ ބައެކެވެ. މާތް ﷲއަށް ކިޔަމަންވެ، ބޯލަނބާ ބައެކެވެ. މިކަމުގައި ރިވެތި ނަމޫނާއަކަށް އިބްރާހީމްގެފާނު ވެވަޑައިގެންނެވިއެވެ.

އިބްރާހީމުގެފާނު މައްކާގެ ރަށްބޭރަށް ނުކުމެވަޑައިގެން، ﷲ ސުބްޙާނަހޫ ވަތަޢާލާޔަށް ދުޢާ ކުރެއްވިއެވެ. އެކަލޭގެފާނުގެ ދުޢާ ބަޔާންކުރައްވައި މާތް ﷲ ވަޙީކުރެއްވިއެވެ. ((رَّبَّنَا إِنِّي أَسْكَنتُ مِن ذُرِّيَّتِي بِوَادٍ غَيْرِ ذِي زَرْعٍ عِندَ بَيْتِكَ الْمُحَرَّمِ رَبَّنَا لِيُقِيمُوا الصَّلَاةَ فَاجْعَلْ أَفْئِدَةً مِّنَ النَّاسِ تَهْوِي إِلَيْهِمْ وَارْزُقْهُم مِّنَ الثَّمَرَاتِ لَعَلَّهُمْ يَشْكُرُونَ)) (إبراهيم: 37) މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ދަރިންކުރެ ބަޔަކު، ގަހެއް ރުކެއް ނެތް ވާދީއެއްގައި، ޙުރުމަތްތެރި ކުރައްވާފައިވާ އިބަރަސްކަލާނގެ ގެފުޅު އަރިހުގައި، ވަޒަންވެރިކޮށްފީމެވެ. އަޅުގެ ވެރިރަސްކަލާކޮ! އެބައިމީހުން ނަމާދު ޤާއިމުކޮށް އުޅުމަށްޓަކައެވެ. ފަހެ، މީސްތަކުންކުރެ ބަޔެއްގެ ހިތްތައް އެބައިމީހުންގެ ފަރާތަށް ލަންބަވާނދޭވެ! އަދި މޭވާތަކުން އެބައިމީހުންނަށް ރިޒްޤު ދެއްވާނދޭވެ! (އެއީ) އެބައިމީހުން ޝުކުރުވެރި ވުމަށްޓަކައެވެ."

އެބޭފުޅުން އެތަނަށް ދޫކުރައްވާފައި އިބްރާހީމުގެފާނު ވަޑައިގެންނެވިފަހުން، އެހިސާބުގަނޑުން ދަތުރުކުރަމުންދިޔަ ޖުރުހަމްވަންހައިގެ ޤާފިލާއެއްގެ ބަޔަކު، ޤާފިލާއިން ފެންހުސްވެގެން މިހިސާބުގަނޑުން ފެންލިބޭނެ ގޮތަކާމެދު ހޯދައި ބަލަނިކޮށް، ދޫނިތައް ތިރިކޮށް ހަދާތަން ފެނުނެވެ. އެދުވަސްވަރުގެ މީހުންނަށް ތަޖުރިބާކުރެވިފައިވާގޮތުން، ފެން ނެތްތަނެއްގައި  އެގޮތަށް ދޫނިތައް ނޫޅޭނެއެވެ. އެމީހުންނަށް ވިސްނުނީ ދޫނިތައް އެގޮތަށް އެއުޅެނީ ފެންހުރީމާ ކަމަށެވެ. ދެން އެބައިމީހުން، ދޫނިތައް މައްޗަށް އަރައި ފައިބާ ހަދާތީ ފެނުނު ދިމާލަށް ދިޔައިރު، އެމީހުންނަށް ފެނުނީ ތުއްޕުޅު ކުއްޖަކާއެކު އަންހެން ބޭކަނބަލަކު ހުއްޓައެވެ. އެބައިމީހުންނާ ހާޖަރާވެވުނު އެއްބަސްވުމެއްގެ މަތިން، އެބައިމީހުން އެތަނަށް ފައިބާ އެތަނުގައި ވަޒަންވެރިވިއެވެ. އެހެންކަމުން، އިސްމާޢީލުގެފާނު ބޮޑުފުޅުވީ އެބައިމީހުންގެ ތެރޭގައެވެ. އެއީ ޖުރުހަމްވަންހައިގެ ޤަބީލާއެއްގެ ބައެކެވެ. މިއީ؛ އަސްލު ޢަރަބި ދަރިފަސްކޮޅުގެ ބައެކެވެ. މައްކާގައި މިބައިމީހުންގެ ދަރިފަސްކޮޅު ފެތުރި އާބާދުވެގެން ދިޔައެވެ.

އިބްރާހީމްގެފާނު އަލުން މައްކާއަށް ވަޑައިގަތުމާއި ގެފުޅު ބިނާކުރެއްވުން

ދުވަސްތަކެއްފަހުން އިބްރާހީމުގެފާނު އެކަލޭގެފާނުގެ އަހުލުންނަށް ޒިޔާރަތް ކުރެއްވުމަށްޓަކައި މައްކާއަށް ވަޑައިގެންނެވިއެވެ. މައްކާއަށް ވަޑައިގެން އިސްމާޢީލުގެފާނާ ބައްދަލުކުރެއްވިއެވެ. އިބްރާހީމުގެފާނު، އިސްމާޢީލުގެފާނު ފެނިވަޑައިގަތުމާއެކު ބައްޕަޔަކު ދަރިއަކާމެދު ކަންތައް ކުރާނެ އެންމެ ރިވެތި ގޮތަށް، އެކަލޭގެފާނު ކައިރިކުރައްވައި، ބައްދަވާލައްވައި، ބޮސްދެއްވައި ހެއްދެވިއެވެ. އެއިރު އިސްމާޢީލުގެފާނު ވަނީ ބޮޑުފުޅުވެފައެވެ. އިބްރާހީމުގެފާނު ވިދާޅުވިއެވެ. "ދަރިފުޅާ އިސްމާޢީލެވެ! ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ ތިމަންކަލޭގެފާނަށް އަމުރުފުޅެއް ކުރައްވައިފިއެވެ." އެހިނދު އިސްމާޢީލުގެފާނު ދެންނެވިއެވެ. "ބައްޕަޔަށް އަމުރުވެވިގެންވާކަމެއް ވިއްޔާ ކުރައްވާށެވެ! އެހިނދު ދަރިފުޅު އެހީތެރިވެދޭނަންތޯ އިބްރާހީމުގެފާނު އެއްސެވިއެވެ. އިސްމާޢީލުގެފާނު އެހީތެރިވެދޭނެކަމަށް ދެންނެވިއެވެ. އިބްރާހީމުގެފާނު ވިދާޅުވިއެވެ. "ﷲ ސުބްޙާނަހޫ ވަތަޢާލާ އެންގެވީ މި ބިމުގައި އެކަލާނގެއަށް ގެކޮޅެއް ބިނާ ކުރެއްވުމަށެވެ."

އިބްރާހީމުގެފާނާއި އިސްމާޢީލުގެފާނާ ދެބަފައިކަލުން ގެފުޅު ބިނާކުރެއްވުމުގެ މަތިވެރި މަސައްކަތްޕުޅު ފެށްޓެވިއެވެ. އިސްމާޢީލުގެފާނު ހިލަތައް އުފުއްލަވައި ގާތްކޮށް ދެއްވެވިއެވެ. އިބްރާހީމުގެފާނު ގާތައް ބަހައްޓަވަމުން ގެންދެވިއެވެ. އެއްގާމަތީ އަނެއްގާ ބަހައްޓަވަމުން ގެންދެވިއެވެ. މި މަސައްކަތް ކުރައްވަމުން ގެންދެވިއިރު، އެ ދެބަފައިކަލުން ﷲ ތަޢާލާއަށް ކުރެއްވި ދުޢާކުރެއްވިއެވެ. މިކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރެއްވިއެވެ. ((وَإِذْ يَرْفَعُ إِبْرَاهِيمُ الْقَوَاعِدَ مِنَ الْبَيْتِ وَإِسْمَاعِيلُ رَبَّنَا تَقَبَّلْ مِنَّا ۖ إِنَّكَ أَنتَ السَّمِيعُ الْعَلِيمُ)) (البقرة: 127) މާނައީ: "އަދި އިބްރާހީމުގެފާނާއި އިސްލާޢީލުގެފާނާ ދެބަފައިކަލުން ގެފުޅުގެ ބިންގާ އުފުއްލަވައި ބިނާކުރައްވަމުން ގެންދެވިހިނދު، ހަނދުމަކުރާށެވެ! (އެހިނދު ދުޢާ ކުރެއްވިއެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން (މިކަން) ޤަބޫލު ކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." މި ދުޢާއިން ދޭހަވެގެންދާ ވަރަށް މުހިންމު ނުކުތާއެއް އެބައޮތެވެ. އެ ދެބަފައިކަލުން ދުޢާކޮށް މި ދަންނަވަނީ އެ ދެބަފައިކަލުންގެ މި މަސައްކަތް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވާތޯއެވެ! އަޅުގަނޑުމެން މިކަމުން ލިބިގަންނަންޖެހޭ ފިލާވަޅަކީ: އަޅުގަނޑުމެންވެސް ހެޔޮކަންތައްތައް ކުރުމަށްފަހު، އެކަން ﷲ ތަޢާލާ ޤަބޫލުފުޅުކޮށް ދެއްވާތޯ ﷲ އަށް ދަންނަވަން ޖެހޭކަމެވެ. ޙަޤީޤަތުގައި މިއީ ވަރަށް މުހިންމު ނުކުތާއެކެވެ. ހެޔޮޢަމަލުތައް ކުރުމާއެކު، އެ ޢަމަލުތައް އެކަލާނގެ ޤަބޫލުފުޅު ކުރައްވާތޯ ދުޢާކޮށް ދަންނަވަން ޖެހެއެވެ. އިބްރާހީމުގެފާނާއި އިސްމާޢީލުގެފާނު މިކުރެއްވި މަސައްކަތްޕުޅަކީ، ވަރަށް ހެޔޮކަންބޮޑު މަސައްކަތްޕުޅެކެވެ. ރަސޫލުﷲ ﷺ ގެ ޙަދީޘްފުޅުގައި އައިސްފައިވަނީ ﷲ އަށްޓަކައި މިސްކިތެއް ބިނާކޮށްދީފިކަމުގައި ވަނީނަމަ، އެމީހަކަށްޓަކައި ސުވަރުގޭގައި ﷲ ތަޢާލާ ގަނޑުވަރެއް ބިނާކޮށް ދެއްވާނެކަމުގައެވެ. މިއީ އާދައިގެ މިސްކިތެއްގެ ވާހަކައެވެ. އެހެންކަމުގައި ވަނީނަމަ ﷲ ސުބްހާނަހޫވަތަޢާލާގެ ގެކޮޅު، ކަޢުބަތުﷲ ގެފުޅު ބިނާކުރުމުގެ މަތިވެރިކަން ކިހައި ބޮޑުވާނެތޯއެވެ؟ ކިހައިބޮޑު ހެޔޮކަމަކަށްވާނެތޯއެވެ؟ އަދި އެއީ ﷲ ތަޢާލާގެ އަމުރުފުޅަށް ކުރެއްވިކަމެކެވެ. މިހުރިހާކަމަކާއެކުވެސް، އިބްރާހީމުގެފާނާއި އިސްމާޢީލުގެފާނު ދުޢާފުޅުކުރެއްވީ، އެބޭފުޅުންގެ އެ ޢަމަލު ﷲ ޤަބޫލުފުޅު ކުރައްވާތޯއެވެ!

އިބްރާހީމުގެފާނު ކަޢުބަތުﷲ ގެފުޅު ބިނާކުރެއްވުމަށްފަހު ޝާމުކަރަޔަށް، ބައިތުލްމަޤްދިސަށް ވަޑައިގެންނެވީއެވެ. މިއީ އަޅުގަނޑުމެން މިކުރާކަހަލަ އާދައިގެ ދަތުރެއްނޫނެވެ. ރަސޫލުﷲ  ﷺ ގެ ޒަމާނުގައިވެސް މައްކާއިން ބައިތުލްމަޤްދިސަށް ދެވެނީ ސާޅީހަކަށް ދުވަހުންނެވެ.

މަތިވެރިވެގެންވާ ޛަބަޙަ

އިބްރާހީމްގެފާނު ދުވަސްކޮޅަކު ބައިތުލްމަޤްދިސްގައި ހުންނެވުމަށްފަހު، އަނެއްކާވެސް ﷲ ސުބްޙާނަހޫވަތަޢާލާގެ އަމުރުފުޅަށް މައްކާއަށް ވަޑައިގެންނެވިއެވެ. ﷲ ކުރެއްވި އަމުރުފުޅެއް ތަންފީޒު ކުރެއްވުމަށްޓަކައެވެ. މައްކާއަށް ވަޑައިގެން ދަރިކަލުން އިސްމާޢީލުގެފާނާއި ބައްދަލުކުރެއްވިއެވެ. އަދި މާތް ﷲގެ އަމުރުފުޅުގެ ވާހަކަ ބަޔާންކޮށްދެއްވިއެވެ. މި ޙާދިސާ ބަޔާންކޮށްދެއްވައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ((فَلَمَّا بَلَغَ مَعَهُ السَّعْيَ قَالَ يَا بُنَيَّ إِنِّي أَرَىٰ فِي الْمَنَامِ أَنِّي أَذْبَحُكَ فَانظُرْ مَاذَا تَرَىٰ ۚ قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ ۖ سَتَجِدُنِي إِن شَاءَ اللَّهُ مِنَ الصَّابِرِينَ)) (الصافات: 102) މާނައީ: "ފަހެ، އެކަލޭގެފާނުގެ އަރިހުގައި އެ ދަރިކަލުން މަސައްކަތް ކުރައްވައި އުޅުއްވާ ފުރާވަރަށް އެރިހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ލޯބިވާ ދަރިފުޅާއެވެ! ހަމަކަށަވަރުން، ދަރިފުޅު ޤުރުބާން ކުރާތީ، ހުވަފެނުގައި ބައްޕާފުޅަށް ފެނެތެވެ. ފަހެ، ދަރިފުޅަށް (އެކަމާމެދު) ފެންނަގޮތެއް ވިސްނައި ބަލާށެވެ! އެ ދަރިކަލުން ދެންނެވިއެވެ. އޭ ބައްޕާއެވެ! ކަލޭގެފާނަށް އަމުރު ކުރައްވާ ކަންތައް ކަލޭގެފާނު ކުރައްވާށެވެ! ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަނީ، ކެތްތެރިންގެ ތެރެއިންކަން، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ."

ވިސްނަވާލައްވާށެވެ! މި ހުށަހެޅުނީ އާދައިގެ ކަމެއްގެ ވާހަކައެއް ނޫނެވެ. އެކަލޭގެފާނު ޤުރްބާން ކުރެއްވުމުގެ ވާހަކައެވެ. ﷲ އަށް ކިޔަމަންތެރިކަން އަދާކުރެއްވުމުގެ ގޮތުން ލިބިވަޑައިގެންފައިވާ ހަމައެކަނި ދަރިފުޅު ޤުރުބާން ކުރައްވަން ޖެހިވަޑައިގަތް ވާހަކައެވެ. އަމިއްލަ އަތުން އަމިއްލަ ދަރި ކަތިލަން ޖެހުމުން ހިތަށް އަސަރު ނުކުރާނީ ކާކުތޯ؟ އެކަލޭގެފާނުގެ ހިތްޕުޅަށް ކުރައްވާނެ ފުން އަސަރު ވިސްނަވާލައްވާ! މިއީ އަޅުގަނޑުމެން ލިބިގަންނަންޖެހޭ ވަރަށް ފުރިހަމަ ނަމޫނާއެކެވެ. މިކަމުގައި އިސްމާޢީލުގެފާނު ދެއްކެވި ކިޔަމަންތެރިކަމަކީވެސް ނަމޫނާ ކިޔަމަންތެރިކަމެކެވެ. މާތް ﷲ ކަމަކަށް އަމުރުފުޅު ކުރައްވައިފިނަމަ ބަލަންޖެހެނީ އެއީ ކުރާހިތްވާކަމެއްތޯ ނުވަތަ ނޫންތޯއެއް ނޫނެވެ. އަޅުތަކުންނަށް އޮތީ އެކަލާނގެއަށް ފުރިހަމައަށް ކިޔަމަންގަތުމެވެ.

މި އަމުރުފުޅު ތަންފީޒުކުރެއްވުމަށްޓަކައި އިބްރާހީމްގެފާނު އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލްގެފާނާއެކު މައްކާގެ ރަށްބޭރަށް ނުކުމެ ވަޑައިގެންނެވިއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ((فَلَمَّا أَسْلَمَا وَتَلَّهُ لِلْجَبِينِ * وَنَادَيْنَاهُ أَن يَا إِبْرَاهِيمُ * قَدْ صَدَّقْتَ الرُّؤْيَا ۚ إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ* إِنَّ هَٰذَا لَهُوَ الْبَلَاءُ الْمُبِينُ* وَفَدَيْنَاهُ بِذِبْحٍ عَظِيمٍ)) (الصافات: 103-107) މާނައީ: "ފަހެ، އެ ދެބަފައިކަލުން (ﷲއަށް) ބޯލަނބައި ކިޔަމަންވެ، އެ ދަރިކަލުން ނިތްކުރިވަތަށް ބޭއްވެވިހިނދު، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ނިދާއިއްވެވީމެވެ. އޭ އިބްރާހީމުގެފާނެވެ! ހަމަކަށަވަރުން، ކަލޭގެފާނުގެ ހުވަފެންފުޅު ތެދުކުރައްވައިފީމުއެވެ. އިޙްސާންތެރިންނަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. ހަމަކަށަވަރުން، މިއީ ފާޅުވެ ބަޔާންވެގެންވާ އިމްތިޙާނު ކަން ކަށަވަރެވެ. އަދި ޤަދަރު ބޮޑުވެގެންވާ (ކަންބަޅި ބަކަރިއެއް) ކަތިލައްވައިގެން ތިމަންރަސްކަލާނގެ، އެކަލޭގެފާނު ސަލާމަތް ކުރެއްވީމެވެ." އިސްމާޢިލުގެފާނުގެ ޛަބަޙައިގެ ބަދަލުގައި މާތްﷲ އުޑުން ކަންބަޅިއެއް ބާވައިލައްވައި، އެކަންބަޅި ޤުރްބާން ކުރެއްވުމަށް އިބްރާހީމުގެފާނަށް އެންގެވިއެވެ. އަޟްޙާ ޢީދުދުވަހުގައި ޤުރްބާންކުރެވޭ ޤުރްބާންތަކަކީ މި މަތިވެރި ޒިކުރާއެވެ.

އިސްޙާޤުގެފާނު ދެއްވެވުން

މި ޙާދިޘާއަށްފަހު ޤުރްއާނުގައި ބަޔާންވެގެންވާ، އިބްރާހީމުގެފާނުގެ އަނެއް ޙާދިޘާއަކީ، އެކަލޭގެފާނަށް އިސްޙާޤުގެފާނު ލިބިވަޑައިގަތުމުގެ ޙާދިޘާއެވެ. އިބްރާހީމުގެފާނަށް، އިސްޙާޤުގެފާނު ލިބިވަޑައިގަންނަވަން އުޅުއްވާކަމުގެ ޚަބަރު އެކަލޭގެފާނަށް ދެއްވީ، ލޫޠުގެފާނުގެ ޤައުމުގެމީހުން ހަލާކު ކުރެއްވުމަށް ﷲ ސުބްޙާނަހޫވަތަޢާލާ ފޮނުއްވި މަލާއިކަތްބޭކަލުންނެވެ. އެބޭކަލުން ލޫޠުގެފާނުގެ ޤައުމަށްވަޑައިގަތުމުގެ ކުރިން، އިބްރާހީމުގެފާނުގެ އަރިއަހަށް ވަޑައިގެންނެވިއެވެ. އިސްޙާޤުގެފާނު ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު އެބޭކަލުން ދެއްވިއެވެ. ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވަނީ މިފަދައިންނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ((وَلَقَدْ جَاءَتْ رُسُلُنَا إِبْرَاهِيمَ بِالْبُشْرَىٰ قَالُوا سَلَامًا ۖ قَالَ سَلَامٌ ۖ فَمَا لَبِثَ أَن جَاءَ بِعِجْلٍ حَنِيذٍ * فَلَمَّا رَأَىٰ أَيْدِيَهُمْ لَا تَصِلُ إِلَيْهِ نَكِرَهُمْ وَأَوْجَسَ مِنْهُمْ خِيفَةً ۚ قَالُوا لَا تَخَفْ إِنَّا أُرْسِلْنَا إِلَىٰ قَوْمِ لُوطٍ * وَامْرَأَتُهُ قَائِمَةٌ فَضَحِكَتْ فَبَشَّرْنَاهَا بِإِسْحَاقَ وَمِن وَرَاءِ إِسْحَاقَ يَعْقُوبَ * قَالَتْ يَا وَيْلَتَىٰ أَأَلِدُ وَأَنَا عَجُوزٌ وَهَٰذَا بَعْلِي شَيْخًا ۖ إِنَّ هَٰذَا لَشَيْءٌ عَجِيبٌ * قَالُوا أَتَعْجَبِينَ مِنْ أَمْرِ اللَّهِ ۖ رَحْمَتُ اللَّهِ وَبَرَكَاتُهُ عَلَيْكُمْ أَهْلَ الْبَيْتِ ۚ إِنَّهُ حَمِيدٌ مَّجِيدٌ)) (هود: 69-73) މާނައީ: "އަދި ހަމަކަށަވަރުން، އުފާވެރިކަމުގެ ޚަބަރާއިގެން، ތިމަންރަސްކަލާނގެ ފޮނުއްވި ރަސޫލުން (އެބަހީ: މަލާއިކަތުން) އިބްރާހީމުގެފާނުގެ އަރިހަށް ވަޑައިގަތެވެ. އެބޭކަލުން ދެންނެވިއެވެ. ސަލާމެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ސަލާމެވެ! ދެން ފިހެފައިވާ، ޅަ ގެރިއެއް ގެންނެވުމުގައި، އެކަލޭގެފާނު ލަސްވެވަޑައެއް ނުގަންނަވަތެވެ. ފަހެ، އެބޭކަލުންގެ އަތްޕުޅުތައް، އެ ފަރީއްކޮޅާ ހަމަޔަށް ނުދާތީ ދެކެވަޑައިގެން، އެބޭކަލުންނާމެދު އިންކާރު ކުރެއްވިއެވެ. އަދި އެބޭކަލުންނާމެދު ހިތްޕުޅުގައި ބިރުވެރި ކަމެއް އުފެދުނެވެ. އެބޭކަލުން ދެންނެވިއެވެ. ކަލޭގެފާނު ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން، ތިމަންމެން ފޮނުއްވީ، ލޫޠުގެފާނުގެ ޤައުމަށެވެ. އަދި އެކަލޭގެފާނުގެ އަނބިކަނބަލުން (އެ ހިނދު އެތާނގައި) ހުންނެވިއެވެ. ދެން (އެބޭކަލުން އެހެން ވިދާޅުވުމުން، އެކަމާ އުފާފުޅުވެގެން) އެކަމަނާ ހިނިފުޅުވެޑުވިއެވެ. ފަހެ، އެކަމަނާއަށް އިސްޙާޤުގެފާނު ލިބިވަޑައިގަންނަވާނެކަމާއި، އިސްޙާޤުގެފާނުގެ ފަހަތްޕުޅުން ޔަޢުޤޫބުގެފާނު ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު، ތިމަންރަސްކަލާނގެ އެކަމަނާއަށް ދެއްވީމެވެ. އެކަމަނާ ވިދާޅުވިއެވެ. އޭހުރި ޢަޖާއިބެއްގެ ބޮޑުކަމާއެވެ! ތިމަންނާ މުސްކުޅިޔަކު ކަމުގައިވާއިރުވެސް، ތިމަން ވިހާނޭ ހެއްޔެވެ؟ އަދި ތިމަންގެ ފިރިކަލުން މިހުންނެވީ މުސްކުޅިވެފައެވެ. ހަމަކަށަވަރުން، މިއީ ޢަޖާއިބު ވެގެންވާ ކަމެކެވެ. އެބޭކަލުން ދެންނެވިއެވެ. ﷲގެ އަމުރުފުޅާމެދު، ކަމަނާ ޢަޖާއިބުވެ ވަޑައިގަންނަވަނީތޯއެވެ؟ ގޭގެ އަހުލުވެރިންނޭވެ! ތިޔަބޭކަލުންގެ މައްޗަށް ﷲގެ ރަޙްމަތާއި، އެކަލާނގެ ބަރަކާތް ހުށްޓެވެ. ހަމަކަށަވަރުން، އެކަލާނގެއީ ޙަމްދު ލިބިވޮޑިގެންވާ، މާތް، ދީލަތިވަންތަ ރަސްކަލާނގެއެވެ." މާތް ﷲ ގެ އަމުރުފުޅާއެކު އިބްރާހީމުގެފާނަށް އިސްޙާޤުގެފާނު ލިބިވަޑައިގެންނެވިއެވެ. (ނިމުނީ)

ޚިޔާލުތައް