ސީރަތު

އަނބިއަނބިކަނބަލުންނާއެކު ކީރިތި ރަސޫލާ

ޒިކުރާ މީޑިއާ ޓީމް
އިތުރަށް ވިދާޅުވުމަށް
މަދީނާގެ މަތީން ނަގާފައިވާ ފޮޓޯއެއް: ޢާއިލީ ދިރިއުޅުމުގެ ރިވެތި އުސޫލުތަކެއް މަދީނާގައި ކީރިތި ރަސޫލާ ބަޔާންކޮށްދެއްވި
2 years ago

ކީރިތި ރަސޫލާ صلى الله عليه وسلم އަކީ އެންމެ މަތިވެރި ރިސާލަތާ އެންމެ ހެޔޮ ނަމޫނާތަކާއެކު ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވުނު ނަބިއްޔާއެވެ. ފިރިކަލެއްގެ ޙައިޘިއްޔަތުން، އަނބިއަނބިކަނބަލުންނާ މުޢާމަލާތުކުރެއްވުމުގައިވެސް އެކަލޭގެފާނުގެ ސީރަތުން ފެންނާންހުރީ ރީތި މިސާލުތަކެވެ. ޢާއިލީ މަޞްލަޙަތު ގެއްލި، ޢާއިލާތައް ރޫޅެމުން ދިއުމުގެ ބަލިމަޑުކަމަށް ދޭންޖެހޭ ހުރިހާ ފަރުވާއެއްގެ އިރުޝާދު އެކަލޭގެފާނުގެ ޢަމަލުފުޅުތަކުންނާ ބަސްފުޅުތަކުން މުޅި އިންސާނިއްޔަތަށް ވަނީ ފޯރުކޮށްދެއްވައިފައެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ގެ 63 އަހަރުގެ ޙަޔާތްޕުޅުން 38 އަހަރު ފިރިކަލެއްގެ ގޮތުގައި ހޭދަކުރެއްވިއެވެ. އެ މުއްދަތުގެ ގާތްގަނޑަކަށް ތިންބައިކުޅަދެބައި، 25 އަހަރު، ހޭދަކުރެއްވީ ޚަދީޖަތުގެފާނާ ކައިވެނިބައްލަވައިގެން ހުންނަވައެެވެ. ކީރިތި ރަސޫލާ صلى الله عليه وسلم އާ ޚަދީޖަތުގެފާނުގެ ޠާހިރު ޒަވާޖީ ޙަޔާތްޕުޅުން މުޅީންވެސް ފެންނާން އޮތީ ވަފާތެރިކަމެވެ. ދެކަނބަލުންގެ އެއްބާރުލެއްވުމާ ހިންމަތާއެކު ދިރިއުޅުމެއް ބިނާކުރެއްވުމެވެ. ދަރީން ހެޔޮގޮތުގައި ތަރުބިއްޔަތުކުރެއްވުމެވެ. ދިމާވާ އުނދަގޫ ކޮންމެ ޙާލަތެއްގައިމެ ދެކަނބަލުންގެ މެދުގައި އޮތް އެހީތެރިކަމާ އޯގާތެރިކަމުގެ ވަރުގަދަ ގުޅުމެވެ.

ޚަދީޖަތުގެފާނު އަވަހާރަވުމަށްފަހުގައިވެސް ކީރިތި ރަސޫލާ صلى الله عليه وسلم ގެ ފަރާތްޕުޅުން ފެނުނީ ޚަދީޖަތުގެފާނާއިމެދު އެކަލޭގެފާނުގެ ހިތްޕުޅުގައިވާ އިންތިހާ ދަރަޖައިގެ ލޯތްބާ އިޙްސާންތެރިކަމެވެ. އަބަދުމެ ޚަދީޖަތުގެފާނުގެ ވާހަކަފުޅު ދެއްކެވުމާ، އެކަމަނާއަށް ހެޔޮދުޢާ ކޮށްދެއްވުމެވެ. ޚަދީޖަތުގެފާނުގެ ކޮންމެ ތިމާގެމީހަކާ އެކުވެރިއަކަށްމެ ކަމޭހިއްތެވުމެވެ. ހަދިޔާދެއްވުމާ ޞަދަޤާތްކުރެއްވުމުގައިވެސް ޚަދީޖަތުގެފާނުގެ ރަށްޓެހީންނަށް ދެއްވި އިސްކަމެވެ.

ޚަދީޖަތުގެފާނަށްފަހު ކީރިތި ރަސޫލާ صلى الله عليه وسلم ކައިވެނި ބައްލަވައިގަތް ކޮންމެ އަނބިކަނބަލަކާމެދުވެސް ޢަމަލުކުރެއްވީ ހަމަ މި ބީދައިންނެވެ. ކޮންމެ އަނބިކަނބަލެއްގެ ގާތްތިމާގެ މީހުންނާ ރަޙްމަތްތެރީންނާވެސް ހެޔޮކޮށް، އިޙްސާންތެރިކޮށް މުޢާމަލާތުކުރެއްވިއެވެ.

އެކަލޭގެފާނު އެންމެ އިސްކަންދެއްވި އެއްކަމަކީ އަނބިއަނބިކަނބަލުންނަށް ވަގުތު ދެއްވުމެވެ. ކޮންމެ ފަތިސް ނަމާދަކަށްފަހު، އިރު އަރަންދެން ޛިކުރުކުރެއްވުމުގައި ޞަޙާބީންނާއެކު ހޭދަކުރެއްވުމަށްފަހު ހުރިހާ އަނބިއަނބިކަނބަލުންގެ ގޭގެޔަށް ޒިޔާރަތްކުރައްވާ ސަލާމްކުރައްވާ ހެޔޮދުޢާ ކުރައްވައެވެ. އިސްލާމީ ރިސާލަތުގެ ދަޢުވަތު މީސްތަކުންނަށް ދެއްވުމުގެ ބުރަ މަސްއޫލިއްޔަތުގައި އުޅުއްވަމުންވެސް އެ ކަނބަލުންގެ އަރިހުގައި ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވެދެއްވައެވެ. ރޭގަނޑުގެ ޢިޝާ ނަމާދުން އަވަދިވެވަޑައިގަތުމަށްފަހު އަނބިއަނބިކަނބަލުންނާއެކު ވާހަކަދައްކަވައި މަޝްވަރާކުރެއްވުމުގައި ވަގުތު ހޭދަކުރައްވައެވެ. އެ ކަނބަލުންނާއެކު ރޭކުރެއްވުމާ ވަގުތު ހޭދަކުރެއްވުމުގައި އިންސާފާ ޢަދުލުވެރިކަން ހިފަހައްޓަވައެވެ.

މާތް ނަބިއްޔާ صلى الله عليه وسلم ގެ ބަސްފުޅުތަކާ ޢަމަލުފުޅުތަކުން އެންމެ ބޮޑަށް ހާމަކޮށްދެއްވީ ކޮންމެ އަނބިކަނބަލަކު ދެކެވެސް އިންތިހާއަށް ލޯބިފުޅުވާކަމެވެ. އެ ކަނބަލުންގެ ރިވެތި ސިފަފުޅުތަކަށް ތާރީފުކުރައްވައި، އެތައްްއެތައް ޙަދީޘެއްކުރެއްވިއެވެ. ރީތި އަދި ލޯބި ނަންފުޅުތަކުން ކޮންމެ އަނބިކަނބަލަކާ މުޚާޠަބުކުރެއްވިއެވެ. ހިނިތުންވެ ވަޑައިގަތުމާ، އޯގާތެރިކަމާއެކު ނޫނީ އެއްވެސް އަނބިކަނބަލަކާ ބަސްފުޅު ވިދާޅުވެއެއް ނޫޅުއްވައެވެ.

އަނބިކަނބަލުން ގެންގުޅުއްވާ މިސްވާކުން ދަތްޕުޅު އުނގުޅުއްވެވުން، އަނބިކަނބަލުން ފެންފޮދު ހިއްޕަވަން ތުންފަތްޕުޅު ބީއްސަވާތަނުގައި ތުންފަތްޕުޅު ބީއްސަވައި އެކަލޭގެފާނުވެސް ފެންފޮދު ހިއްޕެވުން، އަނބިކަނބަލުންނާ އެކު އެއް ކަންވާރަކުން ނާނޭފުޅު ފިއްލެވުމުގައި ބައިވެރިވެވަޑައިގަތުން، މިއީ ދެމަފިރިއެއްގެ މެދުގައި އޮންނަންވީ ގާތްކަމާ ލޯތްބާ ބަދަހިކަމުގައި ކީރިތި ރަސޫލާގެ މާތް ޙަޔާތްޕުޅުން ފެންނާން ހުރި މިސާލުތަކެވެ.

ޢާއިލީ ނުތަނަވަސްކަމާ ޝަކުވާއާ ކަންބޮޑުވުމުގެ ވަގުތުތަކުގައި އެކަލޭގެފާނު ކެތްތެރިކަން އިސްކުރެއްވިއެވެ. ދުވަހަކުވެސް އަޑުފުޅުހަރުކޮށް އަނބިކަނބަލަކަށް ބަސްފުޅެއް ވިދާޅެއް ނުވެއެވެ. އަނބިކަނބަލެއްގެ ގައިކޮޅުގައި ޖައްސަވައި ހާނީއްކަކޮށެއް ނުހައްދަވައެވެ. ދަތުރެއްގައި އަނބިކަނބަލަކު ބައިވެރިކުރައްވައިފިނަމަ ސަވާރީއަށް އެރުމުގައި އެހީތެރިކަން ދެއްވުމާ ހަމައިން މުޅި ދަތުރުގެ ހުރިހާ ވަގުތަކާ ބުރަ އުފުލުމެއްގައިވެސް ހޭހަންކޮށް ދެއްވައެވެ. މައްސަރުކަންތަކުގެ އުނދަގޫ ތަޙައްމަލުކުރާ ވަގުތުއާ، ބައްޔެއްވާ ހިނދު ކޮންމެ އަނބިކަނބަލަކާއެކުވެސް ވަގުތު ހޭދަކުރައްވާ، ހެޔޮދުޢާކޮށްދެއްވައެވެ. އަނބިކަނބަލެއްގެ އަރިހުގައި އުޅުއްވުމަށްފަހު ބޭރަށް ނުކުމެވަޑައިގަންނަވާ ކޮންމެ ވަގުތަކުމެ ބޮސްދެއްވާ ލޯބިކޮށްލައްވައެވެ. އަނބިކަނބަލެއްގެ އަރިހަށް ވަޑައިގެންފިނަމަ، އެންމެ އިސްކަންދެއްވަނީ ދަތްޕުޅު އުނގުޅުއްވެވުމަށެވެ. އަބަދުމެ މީރުވަސް ހަށިކޮޅުން ދުވުމަށް އެކަލޭގެފާނު ލޯބިފުޅުކުރެއްވިއެވެ. ލޮނުމެދާ ފިޔާ ފަދަ ވަސްގަދަ ބައެއް ބާވަތްތައް ފަރީއްކުޅުއްވުމުން ދުރުހެލިވެ ވަޑައިގަތެވެ.

ކޮންމެ އަނބިކަނބަލަކަށްމެ ކީރިތި ރަސޫލާ صلى الله عليه وسلم އަޅައިލައްވަނީ އިންތިހާ ދަރަޖައަށެވެ. އެއިން ކަނބަލަކު ކިރިޔާ ނުތަނަވަސްކަމެއްގައި ވިޔަސް އެކަން ފާހަގަކުރައްވާ އިސްވެ ސުވާލުކުރައްވައެވެ. ދަތުރެއްގެ މަތީގައި ގެންގުޅުއްވި ޖަމަލެއް ބަލިވުމުގެ ސަބަބުން އެކަމާ ދެރަފުޅުވެ، މާތް ނަބިއްޔާ صلى الله عليه وسلم ގެ އަނބިކަނބަލުން ޞަފިއްޔާ ކީރިތިކުރެއްވިތަން ދެކެވަޑައިގެން އެކަމަނާގެ ލޯފުޅުން އޮހޮރެމުންދިޔަ ކަރުނަފޮދު އެކަލޭގެފާނުގެ އަތްޕުޅުން ލޯތްބާއެކު ފުއްސަވައިދެއްވައި ހިތްވަރުދެއްވިއެވެ.

ޢާއިލީ އުފަލުގެ ވަގުތުތަކުގައިވެސް އެކަލޭގެފާނު ހަމައެފަދައެވެ. ޢީދާއި ކައިވެނިތަކުގައި ކުޅިވަރު ކުޅޭތަން އަނބިއަނބިކަނބަލުންނާއެކު ބައްލަވައިހެއްދެވިއެވެ. ޢާއިޝަތުގެފާނާއެކު ދުވެވަޑައިގެން ވާދަޖައްސަވައި ހެއްދެވިއެވެ. ހަނގުރާމައަކުން ނިމިވަޑައިގެން މާތް ނަބިއްޔާ ވަޑައިގަތް ވަގުތު ޢާއިޝަތުގެފާނުގެ އަރިހުގައި ކުޑަކުދީންކޮޅެއް ކުޅިވަރުކުޅެމުންދަނީއެވެ. އެކުދީން ކުޅެން ހަދައިގެން އުޅޭ އަހުގައި ދެފިޔަގަނޑުވެސް ލާފައި ހުއްޓެވެ. އެކަމާ އިތުރު އެކަލޭގެފާނު ހިނިވަރުނަކުރެއްވިއެވެ. ގޭތެރޭގައި ކުޅިވަރުގެ ވަގުތު ޢާއިލާއާއެކު ބައިވެރިވެވަޑައިގަތުމަކީ އެކަލޭގެފާނު ހިފެހެއްޓެވި އާދަފުޅެކެވެ.

އެއާއެކު، ނަމާދާ ރޭ އަޅުކަމަށް އެކަނބަލުންނަށް ހިތްވަރުދެއްވިއެވެ. ދުޢާއާ ޛިކުރުކުރުމުގައި އެންމެ ލުއި އެންމެ ދަރުމަ އިތުރު ގޮތްގޮތުގައި ހިފެހެއްޓުމަށް ނަސޭޙަތް ދެއްވިއެވެ. ސުވަރުގެ ވަޑައިގަތުމަށްފަހު އެންމެ އަވަހަށް ތިމަންކަލޭގެފާނާ ބައްދަލުވާނީ އެންމެ ގިނައިން ޞަދަޤާތްކުރެއްވި އަނބިކަނބަލެއްކަމަށް ޙަދީޘްކުރައްވައި، އިޙްސާންތެރިވުމަށް އެކަނބަލުންނަށް ބާރުއެޅުއްވިއެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ގެ އެންމެ ފަހު ވަޞިއްޔަތްޕުޅުތަކުގެ ތެރޭގައި، އަނބީންނާމެދު އޯގާތެރިވުމަށް ދެއްވި އިރުޝާދު ހިމެނެއެވެ. އެކަލޭގެފާނު "ޤަވާރީރް" ގެ ނަމުން އަންހެނުންނަށް މުޚާޠަބުކުރައްވައެވެ. އޭގެ މާނައަކީ ބިއްލޫރިއެވެ. ޙަދީޘްކުރައްވަނީ ބިއްލޫރިއާމެދު އޯގާތެރިވުމަށެވެ. ކިތަންމެ ކުޑަ ނަމަވެސް ކޫރުމެއް ނޭޅޭނެ ފަދައިން ލޯބިން އަނބީންނާމެދު މުޢާމަލާތްކުރުމަކީ މާތް ނަބިއްޔާ އުންމަތަށް ދެއްވި އަގުހުރި ނަސޭހަތެކެވެ. އެކަލޭގެފާނަކީ ލޯތްބާ އޯގާތެރިކަމާއެކު އަނބީންނަށް ކަމޭ ހިއްތެވުމުގައި އިންސާނިއްޔަތު ދުށް އެންމެ ރިވެތި ނަމޫނާއެވެ.

ޚިޔާލުތައް

0 ޚިޔާލު
an'bi an'bi kan'balunnaa eku keerithi rasoolaa