އައްޝައިޚް މުހައްމަދު ސިނާން
لوط عليه السلام ރަސޫލުކަމާގެން ފޮނުއްވުން
ސަލާމްލެއްވި ލޫޠުގެފާނަކީ އިބްރާހީމް ޢަލައިހިއްސަލާމުގެ ޒަމާނުގައި އުޅުއްވި ބޭކަލެކެވެ. އިބްރާހީމުގެފާނަށް ބޮޑުބޭބެ ވިދާޅުވާ ބޭކަލެކެވެ. އެހެނީ، ގިނަ ތަފުސީރު ޢިލްމުވެރިން ވިދާޅުވާގޮތުގައި ލޫޠުގެފާނަކީ، އިބްރާހީމުގެފާނުގެ އަޚެއްގެ ދަރިއެކެވެ. އެހެންވެ، الحافظ ابن كثير ވިދާޅުވެފައިވަނީ، لوط ގެފާނަކީ لُوْطُ بْن حَارَان بْن تَارِحُ (يَعْنِي: آزَرُ) އެވެ. لوط ގެފާނު إبراهيم ގެފާނަށް އީމާންވެވަޑައިގަތެވެ. މާތް ﷲ ވަޙީކުރައްވާފައިވަނީ ((فَآمَنَ لَهُ لُوطٌ)) (العنكبوت: 26) މާނައީ: "ފަހެ، ލޫޠުގެފާނު، އެކަލޭގެފާނަށް (އެބަހީ: އިބްރާހީމްގެފާނަށް) އީމާންވެވަޑައިގަތެވެ." އެބަހީ: އިބްރާހީމުގެފާނުގެ ބަސްފުޅު ތެދުކުރެއްވިއެވެ.
ލޫޠުގެފާނު، ރަސޫލުކަމާގެން ފޮނުއްވުނުކަން މާތްﷲ ކީރިތި ޤުރްއާނުގައި ވަރަށް ޞަރީޙަކޮށް ބަޔާންކުރައްވާފައިވެއެވެ. އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. ((وَإِنَّ لُوطًا لَّمِنَ الْمُرْسَلِينَ)) (الصافات: 133) މާނައީ: "ހަމަކަށަވަރުން، ލޫޠުގެފާނުވަނީ ރަސޫލުންގެ ތެރެއިންކަން ކަށަވަރެވެ." ލޫޠުގެފާނާއި އެކަލޭގެފާނުގެ ޤައުމުގެމީހުންނާ ދެމެދު ކަންތައް ހިނގައިދިޔަގޮތް، ﷲ ސުބްޙާނަހޫ ވަތަޢާލާ، ކީރިތި ޤުރްއާނުގެ ވަރަށް ގިނަ ތަންތާގައި ގެންނަވާފައި ވެއެވެ. ލޫޠުގެފާނު، އިބްރާހީމްގެފާނުގެ އަރިހުގައި ހިޖުރަކުރެއްވިއެވެ. ވަކިހިސާބަކަށް ވަޑައިގަތުމަށްފަހު، މާތްﷲ ގެ އަމުރުފުޅަށް، ބޮޑުބޭބޭފުޅު ސަލާމްލެއްވި އިބްރާހީމުގެފާނުގެ އިޒުނަފުޅާއެކު، ސަދޫމް ސަރަޙައްދަށް ވަޑައިގެންނެވިއެވެ. އެސަހަރާގައިވާ ރަށްތަކަށް އެކަލޭގެފާނު ފޮނުއްވުނެވެ. އެ ސަހަރާގައި ސަދޫމާ ގުޅިފައިވާ ގިނަ ރަށްތަކެއް ވެއެވެ. ސަދޫމަކީ ވެރިރަށެވެ. އެރަށުގެ އަހުލުވެރިންނަކީ، ނުބައި ނުލަފާ ފާޙިޝް ޢަމަލްތަކެއް ކުރަމުން ދިޔަ ބައެކެވެ.
ﷲ ސުބްހާނަހޫ ވަތަޢާލާ ގިނަރަސޫލުންނާއި ނަބިއްޔުން ފޮނުއްވީ އެބޭކަލެއްގެ އަޞްލު ޤައުމަށް ނުވަތަ އެބޭކަލެއްގެ އަޞްލު ރަށުގެމީހުންގެ ގާތަށެވެ. މިއާޚިލާފަށް ލޫޠުގެފާނު ފޮނުއްވުނީ އެކަލޭގެފާނުންގެ ޤައުމުގެމީހުންގެ ގާތަކަށްނޫނެވެ. މުޅިން އެހެން ޤައުމެއްގެ އެހެންބައެއްގެ ގާތަށެވެ. ލޫޠުގެފާނަކީ، ސަލާމްލެއްވި އިބްރާހީމްގެފާނާ އެއްނަސަބެއްގެ، އެއްޤައުމެއްގެ އެއްރަށެއްގެ ބޭކަލެކެވެ. އެކަލޭގެފާނު ފޮނުއްވުނީ، ނަސަބުގެގޮތުން އެކަލޭގެފާނާ ގުޅުމެއްނެތް، މުޅީން އެހެން ޤައުމެއްގެ ބައެއްގެ ގާތަށެވެ. لوط عليه السلام އަކީ ސަދޫމަށް ހިޖުރަ ކުރެއްވި ބޭކަލެކެވެ. ﷲ ތަޢާލާ ލޫޠުގެފާނާ ބެހޭގޮތުން ބާވައިލައްވާފައިވާ އާޔަތެއްގައި ވެއެވެ. ((وَلُوطًا إِذْ قَالَ لِقَوْمِهِ)) (الأعراف: ٨٠) މާނައީ: " އަދި ލޫޠުގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ވިދާޅުވިހިނދު ހަނދުމަކުރާށެވެ." މިތާނގައި އެކަލޭގެފާނުގެ ޤައުމުގެމީހުންނޭ ވަޙީކުރައްވާފައި ވަނީ، އެއީ އެމީހުންނަކީ އެކަލޭގެފާނުގެ، އަޞްލު ޤައުމުގެމީހުންނަށް ވާތީއެއްނޫނެވެ. އެއީ އެކަލޭގެފާނު ރަސޫލުކަމާގެން ފޮނުއްވުނު ޤައުމުގެ މީހުންނަށް ވާތީއެވެ. އެކަލޭގެފާނަކީ، އެހިސާބަށް ހިޖުރަކުރެއްވި ބޭކަލެކެވެ. ލޫޠުގެފާނު ސަދޫމަށް ވަޑައިގެން އެރަށުގެ އަންހެނަކާ ކައިވެނި ބައްލަވައިގެންނެވިއެވެ. އަދި އެރަށުގައި ދިރިއުޅުއްވަން ފެއްޓެވިއެވެ.
ލޫޠުގެފާނު ސަދޫމްގެމީހުންނަށް ނަޞޭޙަތް ދެއްވުން
ސަދޫމުގެމީހުންނަކީ، އެންމެފާޖިރު، އެންމެފާޙިޝް ނުބައި ޢަމަލުތައް ކޮށްއުޅުނު މީހުންކަމުގައިވިއެވެ. ގިނަ މުންކަރާތްތަކަކަށް އަރައިގަންނަމުންދިޔަ ބައެކެވެ. އެބައިމީހުންނަކީ ﷲ ނޫންފަރާތްތަކަށް އަޅުކަން ކޮށްއުޅުނުބައެކެވެ. ނަމަވެސް އެބައިމީހުން އަޅުކަންކުރީ ކޮންކޮން ފަރާތްތަކަކަށް ކަމެއް މާތް ﷲ އަންގަވާފައެއް ނުވެއެވެ. އަންގަވާފައި ވަނީ، އެބައިމީހުން ﷲ ނޫންފަރާތްތަކަށް އަޅުކަންކުރި ކަމުގައެވެ. އެބައިމީހުންނަކީ، އެބައިމީހުންގެކުރިން، އާދަމުގެދަރިންކުރެ އެއްވެސްބަޔަކު ކޮށްފައިނުވާ، ނުބައި ފާޙިޝްޢަމަލެއް ކުރަމުން ދިޔަ ބަޔެކެވެ. އެބައިމީހުންނަކީ، ފިރިހެނުން ފިރިހެނުންނާއެކު އެއްޖިންސުން ގުޅުން ހިންގުމުގެ ނުބައި އާދަ ފެތުރިފައިވާ ބަޔެކެވެ. އެމީހުންގެ ނާދީތަކުގައި މުންކަރާތްތަކަށް އަރައިގަނެއެވެ. މުންކަރާތްތައް ނަހީކުރާ ބައެއްކަމުގައި އެބައިމީހުން ނުވެއެވެ. މަގުފޭރުން ވަނީ ހައްދުފަހަނައަޅާފައެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ ސަދޫމުގެ ރަށްތަކުގެ މީހުންގެގާތަށް ލޫޠުގެފާނު ރަސޫލުކަމާގެން ފޮނުއްވިއެވެ. ލޫޠުގެފާނު، އެބައިމީހުންގެގާތަށް ވަޑައިގެން މާތް ﷲއަށް އަޅުކަންކުރުމަށާއި، އެކަލާނގެއަށް ޝަރީކު ނުކުރުމަށް ގޮވައިލެއްވިއެވެ. އަދި އެބައިމީހުން ކުރަމުންގެންދިޔަ، ހަޑިހުތުރު ފާޙިޝްޢަމަލުތަކާއި ދުރުވުމަށް ނަޞޭޙަތް ދެއްވިއެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ((إِذْ قَالَ لَهُمْ أَخُوهُمْ لُوطٌ أَلَا تَتَّقُونَ * إِنِّي لَكُمْ رَسُولٌ أَمِينٌ * فَاتَّقُوا اللَّهَ وَأَطِيعُونِ)) (الشعراء: 161-163) މާނައީ: "(އެއީ) އެބައިމީހުންގެ އަޚު، ލޫޠުގެފާނު އެބައިމީހުންނަށް ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (ﷲއަށް) ތަޤްވާވެރި ނުވަނީ ހެއްޔެވެ؟ ހަމަކަށަވަރުން، އަހުރެންނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ އަމާނަތްތެރި ރަސޫލަކީމެވެ. ފަހެ، ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ!"
އެކަލޭގެފާނު އެބައިމީހުންނަށް ދީނަށްގޮވައިލެއްވުމުން، ކުރީގެ އުއްމަތްތަކުގެމީހުންވެސް ތުހުމަތުކުރިފަދައިން، އެކަލޭގެފާނަކީ ވެރިކަމާއި، ފައިސާއާއި، އާރާއިބާރު ނުވަތަ މީހުންގެތެރޭގައި މަޝްހޫރުވުންފަދަ ކޮންމެވެސްކަމަކަށް އެދިވަޑައިގެން އުޅުއްވާ ބޭކަލަކު ކަމުގައި ތުހުމަތުކުރަން ފެށިއެވެ. އެބައިމީހުންގެ ތުހުމަތަށް ރައްދުދެއްވައި އެކަލޭގެފާނު ވިދާޅުވިކަމުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ((وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِيَ إِلَّا عَلَىٰ رَبِّ الْعَالَمِينَ)) (الشعراء: 164) މާނައީ: "އަދި އަހުރެން އެ ރަސޫލު ކަން، އިއްވުމަކަށް ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟްރަތުން މެނުވީ އަހުރެންނަށް އަޖުރުދެއްވުމެއް ނުވެތެވެ."
ލޫޠުގެފާނު އެ ޤައުމުގެމީހުންނަށް ގޮވާލެއްވި ގޮވާލެއްވުމަކީ އެބައިމީހުންގެ ތެރޭގައި އަށަގެންފައިވާ އެއްޖިންސުގެ ގުޅުން ހިންގުމުގެ ނުބައި ފާޙިޝްޢަމަލު ހުއްޓާލުމަށް ގޮވާލެއްވުމެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ((وَلُوطًا إِذْ قَالَ لِقَوْمِهِ أَتَأْتُونَ الْفَاحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍ مِّنَ الْعَالَمِينَ)) (الأعراف: 80) މާނައީ: "އަދި ލޫޠުގެފާނު، އެކަލޭގެފާނުގެ ޤައުމުގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުންގެ ކުރިން، ޢާލަމްތަކުގެ ތެރެއިން އެކަކުވެސް ކޮށްފައިނުވާ ފާޙިޝް ޢަމަލު ތިޔަބައިމީހުން ކުރަނީހެއްޔެވެ؟" އަދިވެސް އެކަލޭގެފާނު ވިދާޅުވިކަމުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ((أَتَأْتُونَ الذُّكْرَانَ مِنَ الْعَالَمِينَ * وَتَذَرُونَ مَا خَلَقَ لَكُمْ رَبُّكُم مِّنْ أَزْوَاجِكُم ۚ بَلْ أَنتُمْ قَوْمٌ عَادُونَ)) (الشعراء: 165، 166) މާނައީ: "ޚަލްޤުތަކުންގެ ތެރެއިން ފިރިހެނުންނާ ތިޔަބައިމީހުން ގާތްވަނީ ހެއްޔެވެ؟ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި ހައްދަވައި (ޙަލާލު ކުރައްވައި) ފައިވާ އަނބިން ދޫކުރަނީ ހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންނީ (ނުބައިކަންތަކުގައި) ހައްދުފަހަނަޅައިދާ ބަޔަކީމުއެވެ." މިފަދަ އެތައް މޭރުމަކުން ލޫޠުގެފާނު، އެބައިމީހުންނަށް ވިސްނޭތޯ ނަޞޭހަތް ދެއްވަމުން ގެންދެވިއެވެ.
އެބައިމީހުންގެ ތެރޭގައި ފިރިހެނުން ފިރިހެނުންނާއެކު އެއްޖިންސުން ގުޅުންހިންގުން ޢާންމުވެފައިވާ މިންވަރަކީ، އެބައިމީހުން ދިޔައީ އެބައިމީހުންގެ އެއްވުންތަކުގައި މި ނުބައި ފާޙިޝްޢަމަލު ހިންގަމުންނެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ((أَئِنَّكُمْ لَتَأْتُونَ الرِّجَالَ وَتَقْطَعُونَ السَّبِيلَ وَتَأْتُونَ فِي نَادِيكُمُ الْمُنكَرَ)) (العنكبوت: 29) މާނައީ: "ހަމަކަށަވަރުން، ތިޔަބައިމީހުން ފިރިހެނުން ގާތަށް (ޝަހްވާނީ އެދުން ފުއްދުމަށް) ދަނީ ހެއްޔެވެ؟ އަދި ތިޔަބައިމީހުން މަގުފޭރި، ތިޔަބައިމީހުންގެ ނާދީތަކުގައި އެ ނުބައިކަންތައް ކުރަމުން ގެންދަނީ ހެއްޔެވެ؟" މި އާޔަތުން އެނގޭގޮތުގައި؛ ސަދޫމުގެމީހުންނަކީ އެހިސާބުން ދަތުރުކުރާ ދަތުރުވެރިންގެ މުދާތައް ފޭރިގަންނަ އަނިޔާވެރި ބައެކެވެ.
ސަދޫމްގެމީހުން ލޫޠުގެފާނު ދޮގުކުރުން
ލޫޠުގެފާނު ވަޑައިގެން ﷲ ސުބްޙާނަހޫ ވަތަޢާލާގެ ތެދުމަގު ބަޔާންކޮށްދެއްވައި، އެބައިމީހުންގެ ކިބައިގައި އަށަގެންފައިވާ ނުބައި ޢަމަލުތައް ނަހީކޮށް ނަޞޭހަތް ދެއްވުމުން އެބައިމީހުން ދިނީ ބީރުކަންފަތެކެވެ. އެބައިމީހުން އެކަލޭގެފާނުގެ ދަޢުވަތު ދޮގުކުރިއެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ((كَذَّبَتْ قَوْمُ لُوطٍ الْمُرْسَلِينَ)) (الشعراء: 160) މާނައީ: "ލޫޠުގެފާނުގެ ޤައުމުގެމީހުން ރަސޫލުން ދޮގުކުރިއެވެ." މި އާޔަތުގައި ރަސޫލުންނޭ ބަޔާންކުރައްވާފައި އެވަނީ ލޫޠުގެފާނުގެ ކުރިން ފޮނުއްވި ރަސޫލުބޭކަލުންވެސް ހިމެނޭގޮތަށް، އެބައިމީހުންނަކީ، ކުރީގެ އެއްވެސް ރަސޫލުބޭކަލަކަށްވެސް އީމާންވެފައިވާ ބަޔަކަށް ނުވާތީއެވެ.
ލޫޠުގެފާނުގެ ގޮވާލެއްވުން ކުރިއަށް ގެންދަވާތީ، މިބައިމީހުންނަށް ބޮޑުކަމަކަށް ވިއެވެ. އެކަލޭގެފާނުގެ ގޮވާލެއްވުން ހުއްޓާލުމަށް އިންޒާރުތައް ދޭންފެށިއެވެ. ރަށުން ބޭރުކޮށްލާނެކަމުގެ ބިރުދައްކަން ފެށިއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ((قَالُوا لَئِن لَّمْ تَنتَهِ يَا لُوطُ لَتَكُونَنَّ مِنَ الْمُخْرَجِينَ)) (الشعراء: 167) މާނައީ: "އެބައިމީހުން ދެންނެވިއެވެ. އޭ ލޫޠުގެފާނެވެ! ކަލޭގެފާނު (ތިމަންމެންނާ ދެކޮޅު ހެއްދެވުން) ހުއްޓަވައިނުލައްވާނަމަ (ރަށުން) ނެރެލެވޭ މީހުންގެ ތެރެއިން ކަލޭގެފާނު ވާހުށިކަން ކަށަވަރެވެ." އަދި އެކަލޭގެފާނަށް ޖެއްސުންކޮށް ފުރައްސާރައިގެ ބަސްތައް ނިސްބަތްކުރަން ފެށިއެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ((فَمَا كَانَ جَوَابَ قَوْمِهِ إِلَّا أَن قَالُوا أَخْرِجُوا آلَ لُوطٍ مِّن قَرْيَتِكُمْ ۖ إِنَّهُمْ أُنَاسٌ يَتَطَهَّرُونَ)) (النمل: 56) މާނައީ: "ފަހެ، އެކަލޭގެފާނުގެ ޤައުމުގެމީހުންގެ ޖަވާބުކަމުގައި އެބައިމީހުންގެ މިބުނުން ނޫނީ ނުވެއެވެ. ތިޔަބައިމީހުން ލޫޠުގެފާނާއި، އެކަލޭގެފާނަށް ތަބަޢަ ވެގެން ތިބިމީހުން ތިޔަބައިމީހުންގެ ރަށުން ބޭރުކޮށްލާށެވެ! ހަމަކަށަވަރުން، އެބައިމީހުންނީ ޠާހިރުވެ ތިބޭބަޔެކެވެ." އެމީހުން، "އެބައިމީހުންނީ ޠާހިރުވެ ތިބޭބައެކެވެ." މިހެންބުނެފައި އެވަނީ އެމީހުން ޠާހިރުކަމަށް ލޯބިކުރާތީއެއް ނޫނެވެ. ލޫޠުގެފާނު ޠާހިރުކަމަށް ލޯބިކުރައްވާތީ، އެކަލޭގެފާނަށް ޖެއްސުންކޮށް ފުރައްސާރަކުރުމުގެ ގޮތުންނެވެ.
ލޫޠުގެފާނުގެ ޤައުމުގެމީހުން އެކަލޭގެފާނާ ދެކޮޅުވަމުންގޮސް އެންމެފަހުން، ނޫޙުގެފާނާއި، ހޫދުގެފާނާއި، އަދި ޞާލިޙުގެފާނުގެ ޤައުމުގެމީހުންނެކޭ އެއްފަދައިން އަމިއްލައަށް ޢަޛާބަށް އެދެންފެށިއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ((فَمَا كَانَ جَوَابَ قَوْمِهِ إِلَّا أَن قَالُوا ائْتِنَا بِعَذَابِ اللَّهِ إِن كُنتَ مِنَ الصَّادِقِينَ)) (العنكبوت: 29) މާނައީ: "ފަހެ، އެކަލޭގެފާނުގެ (އެބަހީ: ލޫޠުގެފާނުގެ) ޤައުމުގެމީހުންގެ ޖަވާބުކަމުގައި އެބައިމީހުންގެ މި ބުނުން ނޫނީ ނުވެތެވެ. ކަލޭގެފާނު ތެދުވެރިންގެ ތެރެއިންވަނީނަމަ، ތިމަންމެންނަށް (ތިޔަ ވިދާޅުވާ) ﷲގެ ޢަޛާބު ނިކަންގެނެސްދެއްވައި ބައްލަވާށެވެ!" މިބައިމީހުންގެ ނުބައި ރޭވުންތަކާއި، ނުބައިކަންކަމުގައި ހައްދުފަހަނައަޅައި ދިޔުމުން އެންމެފަހުން ލޫޠުގެފާނު އެކަލޭގެފާނުގެ ޤައުމުގެމީހުންނާ ދެކޮޅަށް ދުޢާފުޅުކުރެއްވިއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ((قَالَ رَبِّ انصُرْنِي عَلَى الْقَوْمِ الْمُفْسِدِينَ)) (العنكبوت: 30) މާނައީ: "އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ފަސާދަކުރާމީހުންގެ މައްޗަށް މިއަޅާއަށް ނަޞްރުދެއްވާނދޭވެ!" ފަސާދަކުރުމަކީ، ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އުރެދުމާއި، ފާފަތަކަށް އަރައިގަތުމާއި، ނުބައި ޢަމަލުތައް ފެތުރުމެވެ. މި ނުބައި މަގުފުރެދުންމަތީ ތިއްބައި، ﷲ ގެ ޙަޟްރަތުން ކޯފާއާއި ޢަޛާބު އެމީހުންގެ މައްޗަށް ފޮނުއްވިއެވެ. ބުއްދިކުރާބަޔަކަށް ޢިބްރަތެއްގެގޮތުގައެވެ.
ޢަޛާބުގެ މަލާއިކަތުން އިބްރާހީމްގެފާނުގެ އަރިހަށް ވަޑައިގަތުން
ލޫޠުގެފާނުގެ ޤައުމުގެ މީހުންނަށް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޢަޛާބުގެ ވަގުތު އައިސްޖެހުނުހިނދު، މާތް ﷲ ލޫޠުގެފާނުގެ އަރިހަށް މަލާއިކަތް ބޭކަލުން ފޮނުއްވެވިއެވެ. އެއީ ތިން މަލާއިކަތް ބޭކަލުންނެވެ. އެބޭކަލުން ވަޑައިގަތީ ބުރުސޫރަ ރީތި ޒުވާން ފިރިހެނުންގެ ސިފައިގައެވެ. އިންސާނުންގެ ސޫރާގައި އެ މަލާއިކަތްބޭކަލުން ފުރަތަމަ ވަޑައިގެންނެވީ އިބްރާހީމުގެފާނުގެ އަރިހަށެވެ. އެއީ، އެކަލޭގެފާނަށް ދަރިކަލަކު ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވުމަށެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ((وَلَقَدْ جَاءَتْ رُسُلُنَا إِبْرَاهِيمَ بِالْبُشْرَىٰ قَالُوا سَلَامًا ۖ قَالَ سَلَامٌ ۖ فَمَا لَبِثَ أَن جَاءَ بِعِجْلٍ حَنِيذٍ)) (هود: 69) މާނައީ: "އަދި ހަމަކަށަވަރުން، އުފާވެރިކަމުގެ ޚަބަރާއިގެން، ތިމަންރަސްކަލާނގެ ފޮނުއްވި ރަސޫލުން (އެބަހީ: މަލާއިކަތުން) އިބްރާހީމުގެފާނުގެ އަރިހަށް ވަޑައިގަތެވެ. އެބޭކަލުން ދެންނެވިއެވެ. ސަލާމެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ސަލާމެވެ! ދެން ފިހެފައިވާ، ޅަ ގެރިއެއް ގެންނެވުމުގައި، އެކަލޭގެފާނު ލަސްވެވަޑައެއް ނުގަންނަވަތެވެ." އިބްރާހީމުގެފާނަށް އެބޭކަލުންގެ ޙަޤީޤަތް އެނގިވަޑައިނުގަންނަވާތީ އެކަލޭގެފާނު ހީފުޅުކުރެއްވީ، އެއީ މެހުމާނުންތަކެއް ކަމުގައެވެ. އެހެންވެ، މެހުމާންދާރީ އަދާކުރެއްވުމުގެ ގޮތުން ފިހެފައިވާ ޅަ ގެރިއެއް އަވަހަށް ގެންނެވީއެވެ. ނަމަވެސް އެބޭކަލުން ފަރީ ނުކުޅުއްވާކަން އެނގިވަޑައިގަތުމުން އިބްރާހީމުގެފާނު ބިރުފުޅުގެން ވަޑައިގަތެވެ. އެވަގުތު މަލާއިކަތްބޭކަލުން ވިދާޅުވިއެވެ. "ތިމަންބޭކަލުންނީ ﷲތަޢާލާގެ މަލާއިކަތުން ނީމުއެވެ. އަދި ތިމަންބޭކަލުން ފޮނުއްވުނީ ލޫޠުގެފާނުގެ ޤައުމުގެ މީހުން ހަލާކު ކުރެއްވުމަށާއި، އަދި ކަލޭގެފާނަށް އިސްޙާޤުގެފާނު ދެއްވާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވުމަށެވެ." މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ((وَلَمَّا جَاءَتْ رُسُلُنَا إِبْرَاهِيمَ بِالْبُشْرَىٰ قَالُوا إِنَّا مُهْلِكُو أَهْلِ هَٰذِهِ الْقَرْيَةِ ۖ إِنَّ أَهْلَهَا كَانُوا ظَالِمِينَ)) (العنكبوت: 31) މާނައީ: "އުފާވެރިކަމުގެ ޚަބަރާއިގެން ތިމަންރަސްކަލާނގެ ފޮނުއްވި މަލާއިކަތުން އިބްރާހީމުގެފާނުގެ އަރިހަށް ވަޑައިގަތްހިނދު، އެބޭކަލުން ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންމެން ފޮނުއްވެވީ މިރަށުގެ (އެބަހީ: ލޫޠުގެފާނުގެ ރަށުގެ) އަހުލުވެރިން ހަލާކު ކުރުމަށެވެ. ހަމަކަށަވަރުން، އެ ރަށުގެ އަހުލުވެރިންވީ އަނިޔާވެރިން ކަމުގައެވެ." އެވަގުތު، ރަށެއްގެ ބަޔަކު ހަލާކުވެގެންދާތީ އިބްރާހީމުގެފާނު ކަންބޮޑުވެ ވަޑައިގެންނެވިއެވެ. އެ ޤައުމުގެ މީހުންނަށް ހިދާޔަތު ލިބުމަށް އެދިވަޑައިގެންނެވިއެވެ. އަދި ހަމަ އެފަދައިން ލޫޠުގެފާނާމެދު އެކަލޭގެފާނު ކަންބޮޑުވެ ވަޑައިގެންނެވިއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ((قَالَ إِنَّ فِيهَا لُوطًا ۚ قَالُوا نَحْنُ أَعْلَمُ بِمَن فِيهَا ۖ لَنُنَجِّيَنَّهُ وَأَهْلَهُ إِلَّا امْرَأَتَهُ كَانَتْ مِنَ الْغَابِرِينَ)) (العنكبوت: 32) މާނައީ: "އެކަލޭގެފާނު (އެބަހީ: އިބްރާހީމުގެފާނު) ވިދާޅުވިއެވެ. ހަމަކަށަވަރުން، އެރަށުގައި ލޫޠުގެފާނު އެބަހުންނެވިއެވެ. އެބޭކަލުން ވިދާޅުވިއެވެ. އެރަށުގައިވާ ބަޔަކު، ތިމަންމެންނަށް މާރަނގަޅަށް އެނގެއެވެ. ހަމަކަށަވަރުން، ތިމަންމެން އެކަލޭގެފާނުގެ އަނބިކަނބަލުން މެނުވީ އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަހުލުވެރިން ސަލާމަތްކުރާ ހުށީމެވެ. އެކަނބުލޭގެވީ ހަލާކުވެގެންދިޔަ މީހުންގެތެރެއިންނެވެ."
ﷲ ސުބްޙާނަހޫ ވަތަޢާލާ ހޫދުސޫރަތުގައިވެސް މިވާހަކަ ބަޔާންކުރައްވާފައި ވެއެވެ. އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. ((فَلَمَّا ذَهَبَ عَنْ إِبْرَاهِيمَ الرَّوْعُ وَجَاءَتْهُ الْبُشْرَىٰ يُجَادِلُنَا فِي قَوْمِ لُوطٍ * إِنَّ إِبْرَاهِيمَ لَحَلِيمٌ أَوَّاهٌ مُّنِيبٌ * يَا إِبْرَاهِيمُ أَعْرِضْ عَنْ هَٰذَا ۖ إِنَّهُ قَدْ جَاءَ أَمْرُ رَبِّكَ ۖ وَإِنَّهُمْ آتِيهِمْ عَذَابٌ غَيْرُ مَرْدُودٍ)) (هود: 74-76) މާނައީ: "ފަހެ، އިބްރާހީމުގެފާނުންގެ ކިބަފުޅުން ބިރުފިލައިގޮސް، އެކަލޭގެފާނަށް އުފާވެރި ޚަބަރު އައިހިނދު، ލޫޠުގެފާނުގެ ޤައުމުގެމީހުންނާމެދު، އެކަލޭގެފާނު ތިމަންރަސްކަލާނގެ ޙަޟްރަތަށް ސުއާލު ދަންނަވަން ފެށްޓެވިއެވެ. ހަމަކަށަވަރުން، އިބްރާހީމުގެފާނީ، ކޯފާ މަޑު، ދުޢާ ކުރެއްވުންގިނަ، ﷲގެ ޙަޟްރަތަށް ރުޖޫޢަވެ، ތައުބާ ވެވަޑައިގަންނަވާ ބޭކަލެކެވެ. އޭ އިބްރާހީމުގެފާނެވެ! ތިޔަކަންތައް (އެބަހީ: ލޫޠުގެފާނުގެ ޤައުމުގެމީހުންނާމެދު ދެންނެވުން) ދޫކޮށްލައްވާށެވެ! އެހެނީ، ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އަމުރުފުޅު އަތުވެއްޖެއެވެ. އަދި ހަމަކަށަވަރުން، އަނބުރާ ރައްދުނުކުރައްވާނޭ ޢަޛާބެއް، އެބައިމީހުންގެ ގާތަށް އަންނާނެތެވެ."
ޢަޛާބުގެ މަލާއިކަތުން ސަދޫމަށް ވަޑައިގަތުން
އިބްރާހީމުގެފާނުގެ އަރިހުން ނިކުމެވަޑައިގެން ދެން އެބޭކަލުންވަޑައިގަތީ ލޫޠުގެފާނުގެ ޤައުމު، ސަދޫމަށެވެ. ތަފްސީރު ޢިލްމުވެރިން ބަޔާން ކުރައްވާގޮތުގައި؛ އިބްރާހީމުގެފާނުގެ އަރިހަށް ވަޑައިގެންނެވި މަލާއިކަތް ބޭކަލުންނަކީ ޖިބްރީލުގެފާނާއި، މީކާއީލުގެފާނާއި، އިސްރާފީލުގެފާނެވެ. ރީތި ޒުވާން ފިރިހެނުންގެ ސިފައިގައެވެ. އެއީ އެ ޤައުމުގެމީހުން އިމްތިޙާން ކުރެއްވުމަށްޓަކައެވެ. އެބޭކަލުން ވަޑައިގެންނެވީ އިރުއޮއްސެން ކައިރިވެފައި ވަނިކޮށެވެ. އެބޭކަލުން ފެނިވަޑައިގަތުމާއެކު، ލޫޠުގެފާނު ހީފުޅުކުރެއްވީ އެއީ އިންސާނުންގެ ތެރެއިންވާ ބީރައްޓެހިބައެއް ކަމުގައެވެ. މިއާއެކު އެކަލޭގެފާނުގެ ހިތްޕުޅަށް ނުތަނަވަސްކަމާއި ބިރުވެރިކަން ވެރިވެގެން ދިޔައެވެ. އެއީ؛ އެރަށުގެ އެހެންބަޔަކާ ބައްދަލުވެއްޖެނަމަ މިބޭކަލުންނަށް ދެރަގޮތެއް ހަދާފާނެތީއެވެ. އެކަލޭގެފާނު އަވަސްވެވަޑައިގެން، އެކަލޭގެފާނުގެ ގެކޮޅަށް އެބޭކަލުން ގެންނަވައި، މެހުމާންދާރީ ފުރިހަމަ ކުރެއްވިއެވެ. މިހާވަރުންވެސް، އެކަލޭގެފާނުގެ ހިތްޕުޅުގައިވާ ބިރުވެރިކަމާއި ކަންބޮޑުވެ ވަޑައިގަތުން ފިލައިގެން ނުދިޔައެވެ. އެރަށް ނޫން އެހެންރަށަކަށް ވަޑައިގެންނެވުމަށް އެކަލޭގެފާނު އެބޭކަލުންނަށް އިރުޝާދު ދެއްވިއެވެ. އެއީ؛ އެރަށުގެމީހުންނަށް ޚަބަރު ލިބިއްޖެނަމަ، ދީފާނެ ގެއްލުމަކަށްޓަކައެވެ.
އިރުއޮއްސި، ދުވަސްނިމެން ކައިރިވެފައިވަނިކޮށް، ލޫޠުގެފާނަށް ކުރިމަތިވެވަޑައިގެންނެވި މި ޙާލަތުގެ ސަބަބުން މުޅި އެދުވަސް އެކަލޭގެފާނަށް އުނދަގޫ ދުވަހަކަށް ވެގެންދިޔައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ((وَلَمَّا جَاءَتْ رُسُلُنَا لُوطًا سِيءَ بِهِمْ وَضَاقَ بِهِمْ ذَرْعًا وَقَالَ هَٰذَا يَوْمٌ عَصِيبٌ)) (هود: 77) މާނައީ: "އަދި ތިމަންރަސްކަލާނގެ ރަސޫލުން (އެބަހީ: މަލާއިކަތުން) ލޫޠުގެފާނުގެ އަރިހަށް ވަޑައިގަތްހިނދު (ޤައުމުގެމީހުންގެ ފާސިދުކަމުގެ ސަބަބުން، އެބޭކަލުންނަށް ދެރަގޮތެއް ވެދާނެތީ) އެބޭކަލުންނާމެދު ދެރަފުޅުވެ ހިތާމަކުރެއްވިއެވެ. އަދި އެބޭކަލުންނާމެދު ހިތްޕުޅު ދަތިވިއެވެ. އަދި ވިދާޅުވިއެވެ. މިއީ ވަރަށް ހިތާމަވެރި ދުވަހެކެވެ."
މާގިނައިރުތަކެއް ނުވެއެވެ. ރީތި ޒުވާން ފިރިހެނުންތަކެއް ލޫޠުގެފާނުގެ އަރިހުގައި ތިއްބެވި ޚަބަރު އެ ޤައުމުގެމީހުންނަށް ލިބިއްޖެއެވެ. ހަލުވިކަމާއެކު މުޅި ރަށުތެރޭގައި އެ ޚަބަރު ފެތުރިގެން ދިޔައެވެ. ބައެއް ޢިލްމުވެރިން ވިދާޅުވެފައިވާގޮތުގައި، މި ޚަބަރު އެމީހުންނަށް ދިނީ ލޫޠުގެފާނުގެ ޚިޔާނާތްތެރި އަނބިކަނބަލުންނެވެ. އޭނާއަކީ ލޫޠުގެފާނަށް ނުކިޔަމަންތެރި، އަދި އެކަލޭގެފާނަށް ޚިޔާނާތްތެރިއެއްކަން، މާތްﷲ ވަނީ އަންގަވާފައެވެ. ދިމަދިމާލުން އެ ޤައުމުގެމީހުން އަވަސްއަވަހަށް އެ ގެކޮޅުގެ ކައިރިއަށް ޖަމާވިއެވެ. ބައެއްގެ ހުރި ނުބައިކަން ނިކަންދެކޭށެވެ! މާތް ﷲ ވަޙީކުރެއްވިއެވެ. ((وَجَاءَهُ قَوْمُهُ يُهْرَعُونَ إِلَيْهِ وَمِن قَبْلُ كَانُوا يَعْمَلُونَ السَّيِّئَاتِ ۚ قَالَ يَا قَوْمِ هَٰؤُلَاءِ بَنَاتِي هُنَّ أَطْهَرُ لَكُمْ ۖ فَاتَّقُوا اللَّهَ وَلَا تُخْزُونِ فِي ضَيْفِي ۖ أَلَيْسَ مِنكُمْ رَجُلٌ رَّشِيدٌ)) (هود: 78) މާނައީ: "އަދި އެކަލޭގެފާނުގެ ޤައުމުގެމީހުން އެކަލޭގެފާނުގެ އަރިހަށް އަވަސް އަވަހަށް އައެވެ. ކުރިން އެބައިމީހުންނަކީ، ނުބައި (ފާޙިޝް) ކަންތައްތައް ކޮށްއުޅުނު މީހުންނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ! މިތިބީ އަހުރެންގެ (އެބަހީ: ޤައުމުގެ) އަންހެން ދަރިންނެވެ. (ތިޔަބައިމީހުން ޝަރުޢީ ގޮތުން އެކަނބަލުންނާ ކާވެނިކުރާނަމަ) އެކަނބަލުން ތިޔަބައިމީހުންނަށްޓަކައި ސާފުކަން ބޮޑެވެ. ފަހެ، ތިޔަބައިމީހުން، ﷲއަށް ތަޤްވާވެރިވާށެވެ! އަދި ތިމަންކަލޭގެފާނުގެ މެހުމާނުންގެ ކުރިމަތީގައި، ތިމަންކަލޭގެފާނު ލަދުވެތި ނުކުރާށެވެ! ތިޔަބައިމީހުންގެ ތެރޭގައި ހޭޖެހޭ ފިރިހެނަކު ނުވަނީހެއްޔެވެ؟" މިފަދައިން ލޫޠުގެފާނު ޤައުމުގެމީހުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދެއްކެވުމުން އެބައިމީހުންގެ ޖަވާބަކީ ކޮބައިތޯއެވެ؟ މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ((قَالُوا لَقَدْ عَلِمْتَ مَا لَنَا فِي بَنَاتِكَ مِنْ حَقٍّ وَإِنَّكَ لَتَعْلَمُ مَا نُرِيدُ)) (هود: 79) މާނައީ: "އެބައިމީހުން ދެންނެވިއެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ އަންހެން ދަރިންނާމެދު (އެބަހީ: ޤައުމުގެ އަންހެނުންނާމެދު) އެއްވެސް ޙައްޤެއް (އެބަހީ: އެއްވެސް ބޭނުމެއް) ތިމަންމެންނަށް ނުވާކަން ކަލޭގެފާނަށް އެނގިވަޑައިގަންނަވާނެތެވެ. އަދި ހަމަކަށަވަރުން، ތިމަންމެން އެދޭ ކަންތައް ކަލޭގެފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެތެވެ." ވަގުތަކީ ރޭގަނޑުގެ ވަގުތުކަމުގައި ވާތީ، ފަތިސްވުމުން އަންނާނެކަމަށް އިންޒާރު ދީ، ބިރުދެއްކުމަށްފަހު، އެބައިމީހުން ހިނގައްޖެއެވެ.
އެބައިމީހުންގެ އެ ނުބައި ޢަމަލުތައް ހުއްޓުވުމުގެ ބާރެއް، ނުވަތަ އެކަމުގައި ލޫޠުގެފާނަށް އެހީތެރިވެދޭނެ އެހީތެރިއެއް ލިބިވަޑައިގެންފައި ނުވާތީ ހިތާމަފުޅު ކުރެއްވިއެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ((قَالَ لَوْ أَنَّ لِي بِكُمْ قُوَّةً أَوْ آوِي إِلَىٰ رُكْنٍ شَدِيدٍ)) (هود: 80) މާނައީ: "އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނާމެދު، ތިމަންކަލޭގެފާނަށް ބާރެއް ލިބިވަޑައިގެންފައިވާނަމައެވެ! ނުވަތަ ބާރުގަދަ ފަރާތަކަށް ދެވޭނެނަމައެވެ!" ލޫޠުގެފާނު ދެރަކުރެވި، ނިކަމެތިކުރެވިގެންވާ ތަން ދެކެވަޑައިގެން، އިންސާނުންގެ ޞޫރާގައި އެ ވަޑައިގަތް މަލާއިކަތުން، އެބޭކަލުންގެ ޙަޤީޤަތް އެކަލޭގެފާނަށް ހާމަކޮށްދެއްވިއެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ((قَالُوا يَا لُوطُ إِنَّا رُسُلُ رَبِّكَ لَن يَصِلُوا إِلَيْكَ ۖ فَأَسْرِ بِأَهْلِكَ بِقِطْعٍ مِّنَ اللَّيْلِ وَلَا يَلْتَفِتْ مِنكُمْ أَحَدٌ إِلَّا امْرَأَتَكَ ۖ إِنَّهُ مُصِيبُهَا مَا أَصَابَهُمْ ۚ إِنَّ مَوْعِدَهُمُ الصُّبْحُ ۚ أَلَيْسَ الصُّبْحُ بِقَرِيبٍ)) (هود: 81) މާނައީ: "އެބޭކަލުން ދެންނެވިއެވެ. އޭ ލޫޠުގެފާނެވެ! ހަމަކަށަވަރުން، ތިމަންމެންނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފޮނުއްވި ބޭކަލުންނީމުއެވެ. ކަލޭގެފާނާ ހަމަޔަށް އެބައިމީހުންނަކަށް ވާޞިލެއް ނުވެވޭނެތެވެ. ފަހެ، ރޭގަނޑުން ބައެއްގައި ކަލޭގެފާނުގެ އަހުލުވެރިންނާއެކު، ނުކުމެވަޑައިގެން ހިންގަވާށެވެ! އަދި ތިޔައިގެ ތެރެއިން އެކަކުވެސް، ކަލޭގެފާނުގެ އަނބިކަނބަލުން ފިޔަވައި އެނބުރި ފަސްނުބަލާށެވެ! ހަމަކަށަވަރުން، އެބައިމީހުންނަށް (އެބަހީ: އެ ކާފިރުންނަށް) ޖެހޭކަމެއް އެކަނބުލޭގެއަށްވެސް ޖެހޭނެތެވެ. ހަމަކަށަވަރުން، އެބައިމީހުންނަށް ކަނޑައެޅިގެންވާ ވަގުތަކީ ހެނދުނު ފަތިހެވެ. ފަތިސް ވަގުތު، ގާތުގައި ނުވޭހެއްޔެވެ؟"
ލޫޠުގެފާނުގެ ޤައުމުން އެކަލޭގެފާނަށް އީމާންވީ ކިތައްމީހުންތޯއެވެ؟ ކިތައްގޭގެ އަހުލުވެރިންތޯއެވެ؟ އެއްގޭގެމީހުންތޯ، ނުވަތަ ދެ ގޭގެމީހުންތޯއެވެ؟ ﷲ ސުބްޙާނަހޫ ވަތަޢާލާ سُوْرَةُ الذَّارِيَات ގައި ވަޙީކުރައްވާފައި ވެއެވެ. ((فَأَخْرَجْنَا مَن كَانَ فِيهَا مِنَ الْمُؤْمِنِينَ * فَمَا وَجَدْنَا فِيهَا غَيْرَ بَيْتٍ مِّنَ الْمُسْلِمِينَ)) (الذاريات: 35، 36) މާނައީ: "ފަހެ، މުއުމިނުންގެ ތެރެއިން އެރަށުގައިވާހާ ބަޔަކު، ތިމަންރަސްކަލާނގެ ނެރުއްވީމެވެ. ފަހެ، އެރަށުގައި މުސްލިމުންގެ އެންމެ ގެއެއްގެ އަހުލުވެރިން މެނުވީ ތިމަންރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވަމެވެ." ޢިލްމުވެރިން ބަޔާންކުރައްވާގޮތުގައި، އެޤައުމުން އީމާންވީ ލޫޠުގެފާނުގެ އިތުރުން އެކަލޭގެފާނުގެ ދެ އަންހެން ދަރިކަނބަލުންނެވެ. އަދި އިތުރަށް އެކަލޭގެފާނުގެ އަޅަކުވެސް އީމާންވިކަމަށް ބައެއް މުފައްސިރުން ވިދާޅުވެފައިވެއެވެ. އެކަލޭގެފާނުގެ އަނބިކަނބަލުން ދަންނައެވެ. އެކަނބުލޭގެ ވީ އެކަލޭގެފާނަށް ނުކިޔަމަންތެރިވިމީހުންގެ ތެރެއިންނެވެ. ކާފަރުވީ ނުބައި އަންހެނުންގެ މިސާލެއްގެ ގޮތުގައި އެކަނބުލޭގެ ލެއްވިއެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ((ضَرَبَ اللَّهُ مَثَلًا لِّلَّذِينَ كَفَرُوا امْرَأَتَ نُوحٍ وَامْرَأَتَ لُوطٍ ۖ كَانَتَا تَحْتَ عَبْدَيْنِ مِنْ عِبَادِنَا صَالِحَيْنِ فَخَانَتَاهُمَا فَلَمْ يُغْنِيَا عَنْهُمَا مِنَ اللَّهِ شَيْئًا وَقِيلَ ادْخُلَا النَّارَ مَعَ الدَّاخِلِينَ)) (التحريم: 10) މާނައީ: "ނޫޙުގެފާނުގެ އަނބިކަނބަލުންނާއި، ލޫޠުގެފާނުގެ އަނބިކަނބަލުންގެ ވާހަކައިން، ކާފިރު ވިމީހުންނަށް ﷲ، މިސާލެއް ޖެއްސެވިއެވެ. އެ ދެބޭކަނބަލުން ތިއްބެވީ ތިމަންރަސްކަލާނގެ ޞާލިޙު އަޅުންގެ ތެރެއިން ދެ އަޅެއްގެ އަމުރުގެ ދަށުގައެވެ. ފަހެ، އެ ދެބޭކަނބަލުން، އެ ދެބޭކަލުންނަށް ޚިޔާނަތްތެރިވިއެވެ. ފަހެ، ﷲގެ ޙަޟްރަތުން އެއްވެސްކަމެއް އެ ދެބޭކަނބަލުންނަށްޓަކައި، އެ ދެބޭކަލުންނަކަށް ފުއްދައެއް ނުދެއްވުނެވެ. އަދި އެ ދެބޭކަނބަލުންނަށް އަންގަވާނެތެވެ. (ނަރަކައަށް) ވަންނަމީހުނާއެކު، ތިޔަ ދެމީހުންވެސް ނަރަކަޔަށް ވަންނާށެވެ!"
ސަދޫމަށް ޢަޛާބު ފޮނުއްވުން
ލޫޠުފާނުގެ ޤައުމުގެމީހުންނަށް ﷲ ގެ ކޯފާއާއި ޢުޤޫބާތުގެ ވަގުތު އައިސް ޖެހުނުހިނދު، މަލާއިކަތް ބޭކަލުންގެ އެންގެވުމާއިއެކު، އެކަލޭގެފާނުގެ އަހުލުންނާއެކު ރޭގަނޑުގެ ވަގުތުގައި އެރަށުން ނުކުމެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނާއެކުގައި އެކަލޭގެފާނުގެ، އީމާންނުވާ އަނބިކަނބަލުންވެސް ނުކުތްކަމަށް ވެއެވެ. ފަހުން ޤައުމުގެމީހުންގެ ގާތަށް އެނބުރި އައީއެވެ.
އެ ޤައުމުގެމީހުންގެ މައްޗަށް ކޯފާގެ އަމުރުފުޅު އައިހިނދު މަލާއިކަތުން ވަޑައިގެން، ސަދޫމު ސަރަޙައްދުގައި ގުޅިފައިވާ ރަށްތައް ބިމުގެ އަޑިން އެއްކޮށް ނެންގެވިއެވެ. އެއީ ހަތް ރަށްކަމުގައި ބުނެވެއެވެ. އެ ރަށްތަކުގައިވާ މީހުންނާއި، ޖަނަވާރުތަކާއި، އަދި އެހެންހުރިހާ އެއްޗަކާއެކު، ޖިބުރީލުގެފާނު އެ ރަށްތައް މައްޗަށް އުފުއްލަވައި ލެއްވިކަމުގައި ވެއެވެ. އުފުއްލަވައި ލެއްވުމަށްފަހު، އެރަށްތައް ބަންޑުން ޖައްސަވައިލެއްވިއެވެ. އެއާއެކު، ﷲ ސުބްޙާނަހޫވަތަޢާލާ އަލިފާނުން ދޮންކުރައްވާފައިވާ ހިލައިގެވާރޭ އެބައިމީހުންގެ މައްޗަށް ވެއްސެވިއެވެ. ﷲ ސުބްޙާނަހޫވަތަޢާލާ އެ ޤައުމު ހަލާކު ކުރެއްވިގޮތް ބަޔާން ކުރައްވައި ވަޙީކުރެއްވިއެވެ. ((فَلَمَّا جَاءَ أَمْرُنَا جَعَلْنَا عَالِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهَا حِجَارَةً مِّن سِجِّيلٍ مَّنضُودٍ * مُّسَوَّمَةً عِندَ رَبِّكَ ۖ وَمَا هِيَ مِنَ الظَّالِمِينَ بِبَعِيدٍ)) (هود: 82، 83) މާނައީ: "ދެން ފަހެ، ތިމަންރަސްކަލާނގެ (ޢަޛާބުގެ) އަމުރުފުޅު އައިހިނދު، އެ ރަށުގެ މައްޗަށް އޮތްފުށް ދަށަށް ޖެއްސެވީމެވެ. އަދި އަލިފާނުން ދޮންކުރައްވާފައިވާ، މަށީގެ ހިލައިން ތިމަންރަސްކަލާނގެ އެ ރަށަށް ވާރޭ ވެއްސެވީމެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ފާހަގަކުރައްވާފައިވާ ގޮތުގައެވެ. އަދި އަނިޔާވެރިންނާ ދުރުގައިވާ ކަމެއް ކަމުގައި އެކަންތައް ނުވެތެވެ." ﷲ ތަޢާލާ އެ ޤައުމު ހަލާކުކުރެއްވިއެވެ. ލޫޠުގެފާނާއި އެކަލޭގެފާނަށް އީމާންވި މީހުން ﷲ ތަޢާލާގެ ރަޙްމަތުން ސަލާމަތް ކުރެއްވިއެވެ.
ސަދޫމަކީ ޢިބްރަތެއް އަދި އިންޒާރެއް
ﷲ ސުބްޙާނަހޫވަތަޢާލާ، ލޫޠުގެފާނުގެ ޤައުމުގެމީހުންނަށް ކޯފާ ފޮނުއްވައި، އެބައިމީހުންނާއެކު އެބައިމީހުން އުޅެމުންއައި ސަމޫދު ސަހަރު އެއްކޮށް ބަންޑުން ޖައްސަވައި، މުޅިން ނައްތާލެއްވީ އެބައިމީހުން ކުރަމުން އައި ޢަމަލުތަކުގެ ނުބައިކަމުންނެވެ. އޭގެފަހުން އެ ސަހަރު ހިމެނޭ ސަރަހައްދުގައި ވަނީ ބޮޑު ކަނޑެއް އުފެދިފައެވެ. ވިސްނަވާލައްވާ! އެބައިމީހުން ކުޅަ ފާޙިޝްޢަމަލުތަކުގެ ނުބައިކަމުން، އެމީހުން އުޅުނު ރަށްތައްވެސް ދުނިޔެއިން އެއްކޮށް ނައްތާލެއްވީއެވެ. މުޅި އިންސާނިއްޔަތަށްވާ ޢިބްރަތެއްގެ ގޮތުގައެވެ.
މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބަލާލާއިރު، އެކިކަންކޮޅުތަކުން، އެއްޖިންސުން ގުޅުން ހިންގުމާއި، އެއްޖިންސުން ކައިވެނި ކުރުމަކީ، އެއީ ޙައްޤުތަކެއްކަމުގައި ވަކާލާތުކޮށް، އަޑު އުފުލަމުންދާތަން ފެނެއެވެ. އަދި އެކަންކަން، އެ ޤައުމުތަކުގެ ޤާނޫނުތަކުންވެސް ހުއްދަ ކުރަމުންދެއެވެ. މިބަލިމަޑުކަން، ހުޅަނގުގެ ޤައުމުތަކުން މި ނުބައި ބަލިމަޑުކަން މަޑުމަޑުން ފެތުރެމުން އައިސް އިސްލާމީ ޤައުމުތަކާ ހިސާބަށް މިވަނީ ފޯރާފައެވެ. މާތް ނަބިއްޔާ ﷺ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. "إِنَّ أَخْوَفَ مَا أَخَافُ عَلَى أُمَّتِي عَمَلُ قَوْمِ لُوطٍ" (الترمذي، وأحمد، وصحّحه الألباني في صحيح الجامع) މާނައީ: "ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުންނާމެދު ތިމަންކަލޭގެފާނު އެންމެ ބިރުވެތިވެ ވަޑައިގަންނަވަނީ ލޫޠުގެފާނުގެ ޤައުމުގެ މީހުންގެ ޢަމަލާމެދުއެވެ." އެބަހީ؛ އެ ޢަމަލު ފެތުރިދާނެތީއެވެ. އެއްޖިންސުން ގުޅުން ހިންގުމުގެ ނުބައި ޢަމަލަކީ މުޖުތަމަޢު ފަސާދަވެގެންދާ ކަމެކެވެ. އެ ނުބައި ޢަމަލުގެސަބަބުން އެތަނެއްގައި އުޅޭ އަންހެނުންނާއި، ފިރިހެނުން ފަސާދަވެ، ދަރިފަސްކޮޅަށްވެސް އެކަމުގެ ނޭދެވޭ އަސަރުކުރެއެވެ. (ނިމުނީ)