އައްޝައިޚް މުހައްމަދު ސިނާން
ތަފާތު އެކި ޤައުމުތަކަށް، ތަފާތު އެކި ހިސާބުތަކަށް ޒަލްޒަލާތައް އަންނަވާހަކައަކީ އަހަރެމެން އަޑުއަހާވާހަކައެކެވެ. މަޑުމައިތިރިކޮށް އޮތް ބިންގަނޑު ގަދަހެލުމަކުން ހެލިގެންދެއެވެ. ކުޑަވަގުތުކޮށްޅެއްގެ ތެރޭގައި އެ ސަރަހައްދެއް އެ ފުށްމިފުށަށް ޖެހިގެންދެއެވެ. ވަރުގަދަކޮށް ހަދާފައި ހުރި ބިނާތައް ވެއްޓި ފުނޑުފުނޑުވެދެއެވެ. ވަރުގަދައަށް ހެދިފައިވާ ގަސްތައް ބިމުން ލުހިގެންދެއެވެ. ޕާކުތަކާއި މަގުތަކާއި ދަނޑުފަނގުތައް ސުންނާފަތިވެގެންދެއެވެ. ދިރިތިބި އެތައް ބަޔަކު މަރުވެގެންދެއެވެ. ކުޑަވަގުތުކޮޅެއްކުރިން އުފާވެރިކަމުގައި ތިބި މޫނުތަކަށް ހިތާމަވެރިކަމާއި ބިރުވެރިކަން ގެނުވައެވެ. ލޯތައް ކަރުނައިން ފުރުވާލައެވެ. ހިތްތައް ކުދިކުދި ކޮށްލައެވެ.
ބިމަށް ޒަލްޒަލާތައް އަންނަނީ ބިމުގެ އަޑީގައިވާ 'ޓެކްޓޮނިކް ޕްލޭޓް'ތައް އެކަތި އަނެއްކައްޗާ މުޑިއެރުމުގެ ސަބަބުންކަމުގައި ވީނަމަވެސް، ބިން ޚަލްޤުކުރެއްވި ރަސްކަލާނގެ މިކަން މިގޮތަށް ލައްވާފައިވަނީ އެހާ އާދައިގެ ކަމެއްގެ ގޮތުގައެއް ނޫނެވެ. މަތިވެރި ޙިކުމަތްތަކަކަށްޓަކައެވެ. މުއުމިނުންނަށް މެނުވީ މި ޙިކުމަތްތައް ނުވިސްނޭނެއެވެ.
ޒަލްޒަލާތަކަކީ ﷲ سُبْحَانَهُ وَتَعَالَى ގެ ޙިކުމަތްވަންތަކަމާއި ކުޅަދުންވަންތަކަމާއި ބާރުގަދަވަންތަކަން ދޭހަކޮށްދޭ ވަރުގަދަ ހެއްކެކެވެ. މި ވަރުގަދަ ޢުޤޫބާތުން އެކަލާނގެ ވަނީ ނުބައިކަމުގައި ހައްދުފަހަނައެޅި އަނިޔާވެރިވި ޤައުމުތަކެއް ހަލާކުކުރައްވާފައެވެ. އޭގެތެރޭގައި ޞާލިޙު عَلَيْهِ السَّلَامُ ގެ ޤައުމުކަމުގައިވާ ޘަމޫދާއި ޝުޢައިބު عَلَيْهِ السَّلَامُ ގެ ޤައުމުކަމުގައިވާ މަދްޔަން ހިމެނެއެވެ. މި ދެ ޤައުމުގެ މީހުންނަށް އައި ވަރުގަދަ ބިންހެލުން ނިމުނު އިރު، ކުޑައިރުކޮޅެއްކުރިން ބޮޑާވެ ގަދަކަންދެއްކި މީހުންތައް ތިބީ ގެތަކުގައި ކަކޫމައްޗަށް ތިރިވެ، މަރުވެފައެވެ. ދިރިތިބީންނަށްވާ ޢިބްރަތެއްގެ ގޮތުގައެވެ.
ހަމައެހެންމެ، ޒަލްޒަލާތަކަކީ ހެކިތަކަކަށްވާއިރު، އެކަލާނގެ ހެކިތައް ފޮނުއްވަނީ މީސްތަކުންނަށް ބިރުދެއްކެވުމަށެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ((وَمَا نُرْسِلُ بِالْآيَاتِ إِلَّا تَخْوِيفًا)) (الإسراء: 59) މާނައީ: "އަދި ބިރުދެއްކެވުމުގެ އިންޒާރެއްގެ ގޮތުގައި މެނުވީ ތިމަންރަސްކަލާނގެ ހެކިތައް ނުފޮނުއްވަމެވެ." ޒަލްޒަލާތައް އައުމުގެ ސަބަބަކީ މީސްތަކުން ކުރާ ފާފަތަކެވެ. މީސްތަކުން ތަފާތު ވައްތަރުގެ ފާފަތަކަށް އަރައިގަނެ، އެ ފާފަތައް ފަތުރާހެދުމުގެ ނަތީޖާއަކަށް ވަނީ މާތް ﷲގެ ކޯފާއަށް ދޮރުހުޅުވިގެން ދިޔުމެވެ. އެބައިމީހުން އިޞްލާޙުވެ ރުޖޫޢަވުމަށްޓަކައި ފޮނުއްވާ ބިރުވެރިކަމުގެ އިންޒާރެއްކަމުގައި މެނުވީ ޒަލްޒަލާތައް ނުވެއެވެ. މީސްތަކުންގެ ތެރެއިން ބައެއްމީހުންނަކީ އެބައިމީހުންގެ ނުބައިކަމުގައި ހައްދުފަހަނައަޅައިގޮސް ދޭ ނަޞޭޙަތަކުން، އަދި ދޭ ބިރުވެރި ޚަބަރަކުން މަންފާ ނުކުރާބައެކެވެ. އެހާވެސް ހިތްހަރުވެފައިވާ ބައެކެވެ. އެ ހަރު ހިތްތައް މަޑުވޭތޯ ދެއްކެވޭ ބިރެކެވެ. މާތް ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم ގެ ޒަމާނުގައި މުސްލިމުންގެ ތެރެއަށް ޒަލްޒަލާއެއް އައިސްފައެއް ނުވެއެވެ. އެންމެ ފުރަތަމަ ޒަލްޒަލާއައިހިނދު، އޭރުގެ ޚަލީފާ ޢުމަރު رَضِيَ اللهُ عَنْهُ މީސްތަކުންނަށް ވިދާޅުވިކަމުގައި އައިސްފައިވެއެވެ. "ތިޔަބައިމީހުން އާ ކަންކަން ގެންނަން ފަށައިފިއެވެ. ﷲ ގަންދީފައި ބުނަމެވެ. ދެވަނަ ފަހަރަށް އެ ހެލިގަތުން ހެލިގެންފިނަމަ، ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން ތިމަންކަލޭގެފާނު ނުކުމެވަޑައިގަންނަވާ ހުށީމެވެ." އަދި ކޫފާއަށް ޒަލްޒަލާއެއް އައިހިނދު އިބްނު މަސްޢޫދު رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ. "އޭ އެންމެހާ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެދިވޮޑިގަންނަވަނީ ފާފަތަކުން ތައުބާވެ އެކަލާނގެ ރުއްސަވާވޮޑިގެންވާ މަގަށް ރުޖޫޢަވުމަށެވެ. ފަހެ، ތިޔަބައިމީހުން އެކަންކަން ކުރާށެވެ!"
މުސްލިމުންނަށް ކުރިމަތިވާ ޒަލްޒަލާތަކަކީ އެބައިމީހުންގެ ޢަމަލުތައް ހެޔޮކުރުމަށް ދެވޭ އިންޒާރެއްގެ އިތުރުން، އެބައިމީހުންގެ ފާފަތަކުގެ ސަބަބުން ދެވޭ ދުނިޔަވީ ޢުޤޫބާތެކެވެ. މި ޢުޤޫބާތުގެ ސަބަބުން އެބައިމީހުންގެ ފާފަތައް ފޮހެވި، އާޚިރަތުގައި އެއީ އެބައިމީހުންނަށްވާ ރަޙްމަތެއްކަމުގައި ވާނެއެވެ. މާތް ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم ޙަދީޘްކުރައްވާފައިވެއެވެ. ((أُمَّتِي هَذِهِ أُمَّةٌ مَرْحُوْمَةٌ، لَيْسَ عَلَيْهَا عَذَابٌ فِي الآخِرَةِ، عَذَابُهَا فِي الدُّنْيَا، الفِتَنُ، والزَلَازِلُ، وَالْقَتْلُ(( (رواه أبو داوود وأحمد) މާނައީ: "ތިމަންކަލޭގެފާނުގެ މި އުއްމަތަކީ ރަޙްމަތް ލެއްވިގެންވާ އުއްމަތެކެވެ. މި އުއްމަތަށް އާޚިރަތުގައި ޢަޒާބެއް ނުދެއްވެއެވެ. މި އުއްމަތުގެ މީހުންނަށް ޢަޒާބުދެއްވެނީ ދުނިޔެ މަތީގައެވެ. އެއީ؛ ފިތުނަތަކާއި، ޒަލްޒަލާތަކާއި، ޤަތުލުކުރުމެވެ." މީގެ އިތުރުން؛ ޒަލްޒަލާތަކުގައި މަރުވާ މުސްލިމުންނަކީ ޝަހީދުންކަމުގައި އައިސްފައިވެއެވެ. ((الشُّهَدَاءُ خَمْسَةٌ: الْمَطْعُونُ وَالْمَبْطُونُ وَالْغَرِقُ وَصَاحِبُ الْهَدْمِ وَالشَّهِيدُ فِي سَبِيلِ اللَّهِ عَزَّ وَجَلَّ (( (متفق عليه) މާނައީ: "ޝަހީދުން ފަހެކެވެ. އެއީ؛ ޠާޢޫން ބަލީގައި މަރުވާމީހުންނާއި، ބަނޑުގެ ވޭނެއްގައި މަރުވާމީހުންނާއި، ގެނބިގެން މަރުވާމީހުންނާއި، އެއްޗެހި ދަށުވެގެން މަރުވާމީހުންނާއި، ﷲ عَزَّ وَجَلَّ ގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވާމީހުންނެވެ."
ޒަލްޒަލާތަކަކީ އެންމެ ނުރައްކާތެރި، އެންމެ ބޮޑުވެގެންވާ އާޚިރަތްދުވަސް މަތިން ހަނދުމަކޮށްދޭ ކަމެކެވެ. އެ ދުވަސް ގާތްވިގާތްވިހެން ޒަލްޒަލާތައް ގިނަވާނެއެވެ. އަދި އެ ދުވަސް އައުމަށް އެ އަންނަ ޒަލްޒަލާތަކަކީ ޒަލްޒަލާތަކުގެ ތެރެއިން އެންމެ ވަރުގަދަ ޒަލްޒަލާތަކެވެ. އެއިގެ ކުރިން ދުވަހަކުވެސް މި ބިމަށް ނާންވަރުގެ ޒަލްޒަލާތަކެކެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހަރެމެންނަށް މި ލިބިފައިވާ މަތިވެރި ނިޢުމަތާމެދު ވިސްނާލައްވާށެވެ! އަހަރެމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެ މި ވަނީ މިފަދަ ނުރައްކާތެރި ޙާދިސާތަކުން ވަރަށް ބޮޑަށް ޙިމާޔަތް ކުރައްވާފައެވެ. މިކަމަށްޓަކައި ކޮޅު ނެތްކޮޅަށް މާތް ﷲ އަށް ޙަމްދުކޮށް ޝުކުރުވެރިވާންޖެހެއެވެ. މާތް ﷲއަށް އުރެދުމުން ދުރުވާންޖެހެއެވެ. މާތް ﷲއަށް ބިރުވެތިވެ މުޖުތަމަޢު ތެރޭގައި ނުބައިކަންކަން ޢާއްމުކުރުމުން ދުރުހެލިވާންޖެހެއެވެ. ނުބައިކަންކަން ފަތުރަން މަސައްކަތްކުރާ މީހުން ހުއްޓުވުމަށް ގަދައަޅައި މަސައްކަތް ކުރަންޖެހެއެވެ. އެއީ އެންމެންގެ ސަލާމަތަށްޓަކައެވެ. އެހެންނޫނީ، މި ލިބިފައިވާ ޙިމާޔަތްތެރިކަން ފުނޑުފުނޑުވެ، ޢުޤޫބާތަށް ހުށަހެޅިދާނެއެވެ. މާތް ﷲ އަޅަމެންނަށް ރައްކާތެރިކަން ދެއްވާށި! އާމީން