ކުށުސަޖިދަ

އައްޝައިޚް މުހައްމަދު ސިނާން

އިތުރަށް ވިދާޅުވުމަށް

ނަމާދަކީ އަޅާ އޭނާގެ ވެރިރަސްކަލާނގެއާ ބައްދަލުކުރެވޭ އެންމެ މަތިވެރި މަޤާމެވެ. އެހެންވެ، މި މަތިވެރި މަޤާމު ފަސާދަކޮށްލުމަށްޓަކައި ޝައިޠާނާ އަވަސްވެގަނެއެވެ. އެއީ؛ ދުނިޔަވީކަމެއްގެ ފިކުރުތައްގެނެސްދީގެން، ނުވަތަ ކަމެއް އިތުރުކުރުވައިގެން، ނުވަތަ ކަމެއް އުނިކުރުވައިގެން، ނުވަތަ ޝައްކުކުރުވައިގެން، ނުވަތަ ވަސްވާސްދީގެންފަދަ ގޮތަކުންނެވެ. ފަހެ، ﷲ ތަޢާލާ ވަނީ އެކަލާނގެ އަޅުތަކުންނަށް ނަމާދުގައި ކުރިމަތިވާ މިފަދަ އުނިކަންތައްތައް ފޫބެއްދުމުގެގޮތުން ކުށުސަޖިދަ ޝަރުޢުކުރައްވާފައެވެ.

ކުށުސަޖިދައަކީ ކޮބާ؟

ކުށުސަޖިދައަކީ: ނަމާދުކުރާމީހާއަށް ނަމާދުގައި ކުރެވޭ އުނިކަމެއް ފޫބެއްދުމަށްޓަކައި، ވަކިޚާއްޞަކަމެއްގައި އަދި ވަކިޚާއްޞަ ޙާލަތްތަކެއްގައި، ސަލާމްދިނުމުގެ ކުރިން ނުވަތަ ސަލާމްދިނުމަށްފަހު ޖަހާ ދެ ސަޖިދައެކެވެ.

ކުށުސަޖިދަ ޖަހާނީ ކޮންއިރަކު؟

ކުށުސަޖިދަ ޖެހުން މޮޅުއިތުރުވެގެންވަނީ ސަލާމްދިނުމުގެ ކުރިންތޯ ނުވަތަ ސަލާމްދިނުމަށްފަހުގައިތޯއާމެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފުވެފައިވެއެވެ. ނަމާދަށް ކަމެއް އިތުރުވެގެން، ނުވަތަ ކަމެއް އުނިވެގެން، ނުވަތަ ޝައްކުވެގެން، ސަލާމްދިނުމުގެ ކުރިން ކުށުސަޖިދަޖެހިނަމަވެސް ނުވަތަ ސަލާމްދިނުމަށްފަހު ކުށުސަޖިދަޖެހިނަމަވެސް ޞައްޙަވެގެންވެއެވެ. އެންމެ އައުލާވެގެންވާ، އަދި އެންމެ ރައްކާތެރި ގޮތަކީ: ސަލާމްދިނުމުގެ ކުރިންނާއި ސަލާމްދިނުމަށްފަހު ކުށުސަޖިދަޖެހުމަށް ސުންނަތުގައި ވާރިދުވެގެންވާ ގޮތަށް ތަބާވުމެވެ. މި ގޮތުން ސަލާމްދިނުމުގެ ކުރިން ކުށުސަޖިދަޖެހުމުގެ ދެ ޙާލަތެއްވެއެވެ. އެއީ؛ ނަމާދުންކަމެއް އުނިވެއްޖެނަމަ، ނުވަތަ ދެގޮތުންކުރެ ގޮތަކަށް ބުރަނުވެވޭ ޝައްކުގެ ޙާލަތުގައެވެ. އަދި ސަލާމްދިނުމަށްފަހު ކުށުސަޖިދަޖެހުމުގެ ދެ ޙާލަތެއްވެއެވެ. އެއީ؛ ނަމާދަށް ކަމެއް އިތުރުވެއްޖެނަމަ، ނުވަތަ ދެގޮތުންކުރެ ގޮތަކަށް ބުރަވެވޭ ޝައްކުގެ ޙާލަތުގައެވެ.

ކުށުސަޖިދަ ޖަހާނީ ކިހިނެއްވެގެން؟

ކުށުސަޖިދަޖެހުން އައިސްފައިވަނީ ތިން ސަބަބެއް މެދުވެރިވުމުންނެވެ. އެއީ؛ ނަމާދަށް ކަމެއް އިތުރުވުން، ނުވަތަ ނަމާދުން ކަމެއް އުނިވުން، ނުވަތަ ނަމާދަށް ކަމެއް އިތުރުވިތޯ ނުވަތަ އުނިވިތޯއާމެދު ޝައްކުވުމެވެ.

ނަމާދަށް ކަމެއް އިތުރުވެއްޖެނަމަ ކަންތައް ކުރާނެގޮތް:

ނަމާދަށް ގަސްތުގައި ޤިޔާމެއް، ނުވަތަ އިށީނުމެއް، ނުވަތަ ރުކޫޢެއް، ނުވަތަ ސަޖިދައެއް އިތުރުކޮށްފިނަމަ، ނަމާދު ބާޠިލުވާނެއެވެ. ހަނދާންނެތިގެން ނަމާދަށް ކަމެއް އިތުރުކުރެވިއްޖެމީހާ ކަންތައް ކުރާނީ އަންނަނިވި ގޮތަށެވެ.

* ނަމާދު ނިމެން ކައިރިވެފައިވަނިކޮށް ނަމާދަށް އިތުރުކުރެވުނުކަން ހަނދާންވުން: (މި ޙާލަތުގައި) އެމީހެއްގެ މައްޗަށް އޮތީ ހަމައެކަނި ކުށުސަޖިދަޖެހުމެވެ. އަދި އެމީހާގެ ނަމާދު ޞައްޙަވާނެއެވެ. މީގެ މިސާލަކީ؛ މެންދުރު ނަމާދުގައި ފަސްވަނަ ރަކުޢަތެއް ކުރެވިފައި، ރަކުޢަތް އިތުރުކުރެވުނުކަން އައްތަޙިއްޔާތުގައި އިންދައި ހަނދާވެއްޖެމީހާއެވެ. ފަހެ، މިފަދަ މީހަކު އައްތަޙިއްޔާތު ފުރިހަމަކުރުމަށްފަހު، ސަލާމްދީފައި ކުށުސަޖިދަޖަހާފައި ސަލާމްދޭނީއެވެ.

* އިތުރުކުރެވޭ ކަމުގެ މެދުތެރެއިން ހަނދާންވުން: (މި ޙާލަތުގައި) އެކަމަކުން އަވަހަށް ރުޖޫޢަވުން ވާޖިބުވާނެއެވެ. އަދި ކުށުސަޖިދަޖެހުން ވާޖިބުވާނެއެވެ. އަދި އެމީހާގެ ނަމާދު ޞައްޙަވާނެއެވެ. މީގެ މިސާލަކީ؛ ފަސްވަނަ ރަކުޢަތަށް ތެދުވެ، އެ ރަކުޢަތުގެ ތެރެއިން އެއީ ފަސްވަނަ ރަކުޢަތްކަން ހަނދާންވުމެވެ. މި ޙާލަތުގައި ޖެހޭނީ ރަކުޢަތް އިތުރަށް ކުރިއަށް ނުގެންގޮސް އަވަހަށް އެ ރަކުޢަތުން ރުޖޫޢަވެ، އައްތަޙިއްޔާތަށް އިށީންނާށެވެ. ދެން އައްތަޙިއްޔާތަށްފަހު ސަލާމްދޭނީއެވެ. ދެން ސަލާމްދިނުމަށްފަހު ކުށުސަޖިދަޖަހާފައި ސަލާމްދޭނީއެވެ.

* ނަމާދުކޮށް ނިމުނުފަހުން، ނަމާދަށް ކަމެއް އިތުރުކުރެވުނުކަން ހަނދާންވުން: މި ޙާލަތުގައި ނަމާދުކޮށް ނިމުނުތާ މާގިނައިރުތަކެއް ނުވަނީސް ހަނދާންވެއްޖެނަމަ ކުށުސަޖިދަޖަހާނީއެވެ. އަދި ނަމާދުކޮށް ނިމުނުތާ ގިނައިރުތަކެއް ފާއިތުވިފަހުން ހަނދާންވެއްޖެނަމަ، ނަމާދު އަލުން ކުރާކަށްވެސް، އަދި ކުށުސަޖިދަޖަހާކަށްވެސް ނުޖެހޭނެއެވެ. އަދި އެމީހާގެ ނަމާދު ޞައްޙަވާނެއެވެ. މީގެ މިސާލަކީ؛ މެންދުރު ނަމާދުގައި ފަސް ރަކުޢަތްކުރެވުމަށްފަހު، ނަމާދުކޮށް ނިމުނުފަހުން އެކަން ހަނދާންވުމެވެ.

ހަނދާންނެތިގެން ސަލާމް ދެވިއްޖެނަމަ ކަންތައް ކުރާނެގޮތް:

ނަމާދު ފުރިހަމަވުމުގެ ކުރިން، ގަސްތުގައި ސަލާމްދީފިމީހާގެ ނަމާދު ބާޠިލުވާނެއެވެ. ހަނދާންނެތިގެން ސަލާމްދެވިއްޖެމީހާ، އެމީހާއަށް އެކަން ހަނދާންވީ ގިނައިރުތަކެއް ފާއިތުވީފަހުންކަމުގައިވާނަމަ، އެމީހާ ޖެހޭނީ އަލުން ނަމާދުކުރާށެވެ. އަދި ހަނދާންނެތިގެން ސަލާމްދެވުނުކަން ހަނދާންވީ ނަމާދުކޮށްނިމުނުތާ މާގިނައިރުތަކެއް ނުވަނީސްކަމުގައިވާނަމަ (މިސާލަކަށް؛ ފަސް މިނިޓްވަރު ފަހުންކަމުގައިވާނަމަ)، ފަހެ އެމީހަކު ޖެހޭނީ ނަމާދު ފުރިހަމަކުރުމަށްފަހު ސަލާމްދޭށެވެ. ދެން އޭގެފަހުގައި ކުށުސަޖިދަޖެހުމަށްފަހު ސަލާމްދޭނީއެވެ.

ނަމާދުގެ ރުކުނެއް އުނިވެއްޖެނަމަ ކަންތައް ކުރާނެގޮތް:

ނަމާދުކުރާމީހާއަށް ނަމާދުގެ ރުކުންތަކުގެ ތެރެއިން ރުކުނެއް އުނިކުރެވިއްޖެ ޙާލަތުގައި: އެ އުނިވި ރުކުނަކީ ހަރަމްބަން ތަކްބީރުކަމުގައިވާނަމަ ޖެހޭނީ އަލުން ނަމާދުކުރާށެވެ. އެ ތަކްބީރު ދޫކުރީ ގަސްތުގައިކަމުގައިވިޔަސް ނުވަތަ ހަނދާންނެތިގެން ދޫވިކަމުގައިވީނަމަވެސް ތަފާތެއްނެތެވެ.

ހަރަމްބަން ތަކްބީރު ފިޔަވައި އެހެން ރުކުނެއް އުނިވެއްޖެ ޙާލަތުގައި: އެ ރުކުނެއް ދޫކޮށްލީ ގަސްތުގައިކަމަށްވާނަމަ، އެމީހާގެ ނަމާދު ބާޠިލުވާނެއެވެ. ހަނދާންނެތިގެން ރުކުނެއް އުނިކުރެވިއްޖެނަމަ: އެ ގެއްލުނު ރުކުނަކާހަމައަށް ދެވަނަ ރަކުޢަތުގައި އާދެވިއްޖެނަމަ، ފުރަތަމަ ކުރި ރަކުޢަތަކީ ރަކުޢަތެއްކަމުގައެއް ނުބެލެވޭނެއެވެ. އަދި ދެވަނައަށް ކުރަމުން އަންނަ ރަކުޢަތް ބެލެވޭނީ ފުރަތަމަ ރަކުޢަތުގެ ގޮތުގައެވެ. އަދި އެ ގެއްލުނު ރުކުނަކާހަމައަށް ދެވަނަ ރަކުޢަތުގައި ނާދެވޭނަމަ، އެމީހެއްގެ މައްޗަށް ވާޖިބުވެގެންވަނީ އެ ގެއްލުނު ރުކުނެއް އަދާކޮށްގެން ނަމާދުކުރިއަށް ގެންދިޔުމެވެ. މީގެ މިސާލަކީ؛ ފުރަތަމަ ރަކުޢަތުގައި ދެވަނަ ސަޖިދަޖަހަން ހަނދާންނެތުނު މީހެކެވެ. ފަހެ، އެމީހަކަށް އެ ސަޖިދަ ނުކުރެވޭކަން ހަނދާންވީ، ދެވަނަ ރަކުޢަތުގެ ދެސަޖިދަ ދެމެދުގައި އިންދައެވެ. މި ޙާލަތުގައި ފުރަތަމަ ކުރި ރަކުޢަތަކީ ރަކުޢަތެއްކަމުގައި ނުބެލެވޭނެއެވެ. އަދި ދެވަނަ ރަކުޢަތް ވާނީ ފުރަތަމަ ރަކުޢަތުގެ މަޤާމުގައެވެ. އަދި އެމީހާގެ ދެވަނަ ރަކުޢަތް ބެލެވޭނީ ފުރަތަމަ ރަކުޢަތުގެ ގޮތުގައެވެ. ދެން އެމީހަކު، އޭނާގެ ނަމާދު ފުރިހަމަކުރުމަށްފަހު ސަލާމްދޭނީއެވެ. ދެން ކުށުސަޖިދަޖެހުމަށްފަހު ސަލާމްދޭނީއެވެ.

ނަމާދުކުރިމީހާއަށް، އޭނާގެ ނަމާދުގައި ރުކުނެއް ގެއްލުނުކަން ހަނދާންވީ ސަލާމްދިނުމަށްފަހު ކުޑައިރުކޮޅެއްގެ ތެރޭގައިކަމުގައިވާނަމަ: ފަހެ، އެ ގެއްލުނު ރުކުނަކީ ފަހު ރަކުޢަތުގެ ރުކޫޢުފަދަ ފަހު ރަކުޢަތުގެ ރުކުނެއްކަމުގައިވާނަމަ؛ އެ ރުކުނެއް އަދާކޮށްފައި، އެ ރުކުނަކަށްފަހު ކުރަންޖެހޭ އެހެން ކަންކަން ފުރިހަމަކުރާނީއެވެ. ދެން ސަލާމްދިނުމަށްފަހު، ކުށުސަޖިދަޖަހާފައި ސަލާމްދޭނީއެވެ.

އެ ގެއްލުނު ރުކުނަކީ ފަހު ރަކުޢަތުގެ ރުކުނަކަށް ނުވާނަމަ (މިސާލަކަށް؛ މެންދުރުނަމާދުގެ ތިންވަނަ ރަކުޢަތުގެ ސަޖިދައެއްކަމުގައިވާނަމަ)، އަލުން އާ ރަކުޢަތެއް ކުރުމަށްފަހު، ސަލާމްދިނުމަށްފަހު ކުށުސަޖިދަޖަހާފައި ސަލާމްދޭނީއެވެ.

ނަމާދުކުރިމީހާއަށް، އޭނާގެ ނަމާދުގައި ރުކުނެއް ގެއްލުނުކަން ހަނދާންވީ ސަލާމްދިނުމަށްފަހު ގިނަ ވަގުތުތަކެއް ފާއިތުވިފަހުންކަމުގައިވާނަމަ؛ ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި އެމީހަކު ޖެހޭނީ އަލުން ނަމާދުކުރާށެވެ.

ނަމާދުގެ ވާޖިބެއް އުނިވެއްޖެނަމަ ކަންތައް ކުރާނެގޮތް:

މެދު އައްތަޙިއްޔާތުފަދަ ނަމާދުގެ ވާޖިބުތަކުންކުރެ ވާޖިބެއް ގަސްތުގައި ދޫކޮށްލައިފިނަމަ ނަމާދު ބާޠިލުވާނެއެވެ. ހަނދާންނެތިގެން ވާޖިބެއް ދޫކޮށްލެވިއްޖެނަމަ:

* އެ ވާޖިބެއް އަދާކުރަންޖެހޭ ވަގުތު ފަހަނައަޅައިނުދަނީސް ހަނދާންވެއްޖެނަމަ، އެ ވާޖިބެއް އަދާކުރާނީއެވެ. އަދި މިފަދަ މީހަކު އިތުރު އެއްވެސްކަމެއް ކުރާކަށްނުޖެހޭނޭއެވެ. (އެބަހީ؛ އެ ރަކުޢަތް ކުރުމާއި، ކުށުސަޖިދަޖެހުންފަދަ ކަމެއް ކުރާކަށް ނުޖެހޭނެއެވެ.)

* އެ ވާޖިބެއް އަދާކުރަންޖެހޭ ވަގުތު ފަހަނައަޅައިދިޔަނަމަވެސް، ޖެހިގެން އޮތް ރުކުނަށް ވާޞިލުނުވެއުޅެނިކޮށް ހަނދާންވެއްޖެނަމަ، އެ ވާޖިބެއް އަދާކުރުމަށް ރުޖޫޢަވާނީއެވެ. ދެން ނަމާދު ފުރިހަމަކުރުމަށްފަހު، ސަލާމްދޭނީއެވެ. ދެން ކުށުސަޖިދަޖެހުމަށްފަހު ސަލާމްދޭނީއެވެ. މީގެ މިސާލަކީ؛ ރުކޫޢުގައި "سُبْحَانَ رَبِّيَ العَظِيمِ" (ނުވަތަ މިނޫންވެސް ރުކޫޢުގައި ކިޔަން ވާރިދުވެފައިވާ ޛިކުރެއް) ކިޔަން ހަނދާންނެތި، އިޢުތިދާލަށް ނުތެދުވެވި އުޅެނިކޮށް ހަނދާންވެއްޖެނަމަ، އަލުން ރުކޫޢަށް ރުޖޫޢަވެ ޛިކުރުކިޔުން ލާޒިމުވާނެއެވެ.

* އެ ވާޖިބެއް އަދާކުރަންޖެހޭ ވަގުތު ފަހަނައަޅައި، ޖެހިގެން އޮތް ރުކުނަށް ވާޞިލުވިފަހުން ހަނދާންވެއްޖެނަމަ، އެހިސާބުން ވާޖިބު ގެއްލުނީއެވެ. އަލުން އެވާޖިބު އަދާކުރަން ރުޖޫޢަވާކަށް ނުޖެހޭނެއެވެ. ފަހެ، މިފަދަ މީހަކު ޖެހޭނީ އެމީހާގެ ނަމާދު ކުރިއަށް ގެންދާށެވެ. އޭގެފަހުގައި ސަލާމްދިނުމުގެ ކުރިން ކުށުސަޖިދަޖަހާފައި ސަލާމްދޭނީއެވެ. މީގެ މިސާލަކީ؛ ރުކޫޢުގައި "سُبْحَانَ رَبِّيَ العَظِيمِ" (ނުވަތަ މިނޫންވެސް ރުކޫޢުގައި ކިޔަން ވާރިދުވެފައިވާ ޛިކުރެއް) ކިޔަން ހަނދާންނެތި، އިޢުތިދާލަށް ތެދުވެއްޖެނަމަ އަލުން ރުކޫޢަށް ރުޖޫޢަވާކަށް ނުޖެހޭނެއެވެ.

ނަމާދުގައި ޝައްކުވެއްޖެނަމަ ކަންތައް ކުރާނެގޮތް:

(ނަމާދުގައި) ޝައްކުވުމަކީ: ދެކަމެއްގެ ތެރެއިން ކުރެވުނީ ކޮންކަމެއްކަން ނޭނގި، އެ ދެކަމުގެ ދެމެދުގައި ދެއަތަށް ކިރިކިރި ހުރުމެވެ. މިސާލަކަށް؛ ކުރެވުނީ ތިން ރަކުޢަތްތޯ ނުވަތަ ހަތަރު ރަކުޢަތްތޯއާމެދު ޝައްކުވުމެވެ. ތިން ޙާލަތެއްގައި ޝައްކާމެދުގައި އަޅާލާކަށްނުޖެހޭނެއެވެ.

* ވަސްވާސްފަދަ ޙަޤީޤަތެއްނުވާ ޝައްކުގެ ޙާލަތުގައި،

* އަޅުކަންކަން ޝައްކަކާނުލައި ނުކުރެވޭ ދަރަޖައަށް މީހަކަށް ޝައްކުގެ އުނދަގޫވާނަމަ،

* އަޅުކަން ނިންމިފަހުން ޝައްކުވާ ޙާލަތުގައެވެ. މިފަދަ މީހަކު، އެ ޝައްކު ޔަޤީންނުވާހާހިނދަކު އަޅާލާކަށްނުޖެހޭނެއެވެ. ފަހެ، އެމީހަކު ޢަމަލުކުރަންޖެހޭނީ އެމީހެއްގެ ޔަޤީނުގެ މައްޗަށެވެ. ޝައްކުކުގެ މައްޗަކަށް ނޫނެވެ.

ނަމާދުގައި ޝައްކުވުން އަންނާނީ ދެ ޙާލަތަކަށެވެ.

ފުރަތަމަ ޙާލަތަކީ: ޝައްކުވާ ދެގޮތުންކުރެ ގޮތަކަށް ބޮޑަށް ބުރަވެވުމެވެ. މި ޙާލަތުގައި؛ ބޮޑަށް ބުރަވެވެނީ ކަމެއް އުނިވިކަމަށް، ނުވަތަ ގިނަވެއްޖެކަމަށްވާނަމަވެސް، ބޮޑަށް ބުރެވެވޭގޮތެއްގެ މައްޗަށް (ކުރިން ބަޔާންވެދިޔަ ގޮތްތަކުގެ މަތިން) ޢަމަލުކޮށް، ނަމާދު ފުރިހަމަކުރުމަށްފަހު ސަލާމްދޭނީއެވެ. ދެން ކުށުސަޖިދަޖެހުމަށްފަހު ސަލާމްދޭނީއެވެ. މީގެ މިސާލަކީ؛ މެންދުރުނަމާދުގެ ރަކުޢަތްތަކުގެ ތެރެއިން ރަކުޢަތަކާމެދު ޝައްކުވި މީހެކެވެ. ދެވަނަ ރަކުޢަތްތޯ ނުވަތަ ތިންވަނަ ރަކުޢަތްތޯއާމެދު އެމީހާއަށް ޝައްކުވުމެވެ. މި ޙާލަތުގައި އެމީހާއަށް ބޮޑަށް ބުރެވެވެނީ ތިންވަނަ ރަކުޢަތްތަކަމުގައިވާނަމަ، އެއީ ތިންވަނަ ރަކުޢަތްކަމުގައި ބަލައި، އޭގެފަހުގައި އެއް ރަކުޢަތް (އެބަހީ؛ ހަތަރުވަނަ ރަކުޢަތް) ކޮށް ނަމާދު ފުރިހަމަކުރާނީއެވެ. ދެން އޭގެފަހުގައި، ސަލާމްދިނުމަށްފަހު ކުށުސަޖިދަޖަހާނީއެވެ. އަދި މި ޙާލަތުގައި އެމީހާއަށް ބޮޑަށް ބުރެވެވެނީ ދެވަނަ ރަކުޢަތްތަކަމުގައިވާނަމަ، އެއީ ދެވަނަ ރަކުޢަތްކަމުގައި ބަލައި، ނަމާދު ފުރިހަމަކުރާނީއެވެ. ދެން ސަލާމްދިނުމަށްފަހު ކުށުސަޖިދަޖަހާނީއެވެ.

އެއީ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ޙަދީޘްގައިވާ ގޮތުގެ މަތިންނެވެ. ((وَإِذَا شَكَّ أَحَدُكُمْ فِي صَلاَتِهِ، فَلْيَتَحَرَّ الصَّوَابَ فَلْيُتِمَّ عَلَيْهِ، ثُمَّ لِيُسَلِّمْ، ثُمَّ يَسْجُدُ سَجْدَتَيْنِ)) (البخاري ومسلم) މާނައީ: "ތިޔައިގެތެރެއިން މީހަކު ނަމާދުގައި ޝައްކުވެއްޖެނަމަ، ފަހެ، އެންމެ ބޮޑަށް ޔަޤީންވާގޮތެއް ހޯދުމަށް މަސައްކަތްކޮށް، އެގޮތުގެ މައްޗަށް ބުރަވެ ނަމާދު ފުރިހަމަކުރާހުށިކަމެވެ. ދެން އެމީހަކު ސަލާމްދޭހުށިކަމެވެ. ދެން (ކުށުސަޖިދައިގެ ގޮތުގައި) ދެ ސަޖިދަކުރާނީއެވެ."

ދެވަނަ ޙާލަތަކީ: ޝައްކުވާ ދެގޮތުންކުރެ ގޮތަކަށް ބުރަ ނުވެވުމެވެ. މި ޙާލަތުގައި ޔަޤީންވާ ގޮތުގެ މައްޗަށް ޢަމަލުކުރާނީއެވެ. ޔަޤީންވާނީ އެންމެ މަދު ޢަދަދެކެވެ. މިގޮތުގެ މައްޗަށް ބުރަވެ ނަމާދު ފުރިހަމަކުރާނީއެވެ. އަދި ސަލާމްދިނުމުގެ ކުރިން ކުށުސަޖިދަޖަހާނީއެވެ. ދެން ސަލާމްދޭނީއެވެ. މީގެ މިސާލަކީ؛ މެންދުރުނަމާދުގެ ރަކުޢަތްތަކުގެ ތެރެއިން ރަކުޢަތަކާމެދު ޝައްކުވި މީހެކެވެ. ދެވަނަ ރަކުޢަތްތޯ ނުވަތަ ތިންވަނަ ރަކުޢަތްތޯއާމެދު އެމީހާއަށް ޝައްކުވުމެވެ. މި ޙާލަތުގައި އެމީހާއަށް ބޮޑަށް ބުރެވެވޭ ގޮތެއް ނެތިއްޖެނަމަ، ދެވަނަ ރަކުޢަތްކަމުގައި ބަލާނީއެވެ. މިގޮތުގެ މައްޗަށް ބުރަވެ ނަމާދު ފުރިހަމަކުރާނީއެވެ. ދެން ސަލާމްދިނުމުގެކުރިން ކުށުސަޖިދަޖަހާނީއެވެ. އެއީ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ޙަދީޘްގައިވާ ގޮތުގެ މަތިންނެވެ. ((إِذَا شَكَّ أَحَدُكُمْ فِي صَلَاتِهِ، فَلَمْ يَدْرِ كَمْ صَلَّى ثَلَاثًا أَمْ أَرْبَعًا، فَلْيَطْرَحِ الشَّكَّ وَلْيَبْنِ عَلَى مَا اسْتَيْقَنَ، ثُمَّ يَسْجُدُ سَجْدَتَيْنِ قَبْلَ أَنْ يُسَلِّمَ، فَإِنْ كَانَ صَلَّى خَمْسًا شَفَعْنَ لَهُ صَلَاتَهُ، وَإِنْ كَانَ صَلَّى إِتْمَامًا لِأَرْبَعٍ كَانَتَا تَرْغِيمًا لِلشَّيْطَانِ)) (مسلم) މާނައީ: "ތިޔަބައިމީހުންކުރެ މީހަކަށް އޭނާގެ ނަމާދުގައި ޝައްކުވެ، ކުރެވުނީ ތިން ރަކުޢަތްކަން ނުވަތަ ހަތަރު ރަކުޢަތްކަން ނޭނގިއްޖެނަމަ، ފަހެ ޝައްކު ފިލުވައިލާހުށިކަމެވެ. އަދި ޔަޤީންވާ ޢަދަދެއްގެ މައްޗަށް ބިނާކުރާހުށިކަމެވެ. ދެން ސަލާމްދިނުމުގެ ކުރިން ދެ ސަޖިދަކުރާހުށިކަމެވެ. ފަހެ، އޭނާއަށް ފަސް ރަކުޢަތްކުރެވުނު ކަމުގައިވާނަމަ، އޭނާގެ އެ ދެ ސަޖިދަ ރަކުޢަތެއް ފަދައިންވެ، އޭނާއަށް އިތުރަށް އެކުރެވުނު ރަކުޢަތާއެކު، ދެ ރަކުޢަތް ނަމާދަކަށް ހަދައިދޭނެއެވެ. އަދި އޭނާ ހަތަރު ރަކުޢަތް ފުރިހަމައަށް ކުރިކަމުގައިވާނަމަ، އެ ދެ ސަޖިދަވާނީ ޝައިޠާނާ ނިކަމެތިކޮށްލާ އެއްޗަކަށެވެ."

ޖަމާޢަތުގައި ނަމާދުކުރާއިރު ކަންތައް ކުރަންޖެހޭނެގޮތް:

ޖަމާޢަތުގައި ނަމާދުކުރާ އިމާމާއަށްވެސް ނަމާދުގައި އޮޅުމަކީ އިންސާނެއްގެ ހައިސިއްޔަތުން ކުރިމަތިވެދާނެކަމެކެވެ. އިމާމާއަށް ނަމާދުގައި ކުށެއް ކުރެވުމަކީ އިމާމާއަށް އެއްޖެހިގޮވައި، މިސްކިތުގެ ތެރޭގައި އަޑުގަދަކުރަންޖެހޭފަދަ ކަމެއް ނޫނެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައަށްވެސް ނަމާދުގެ ތެރޭގައި އޮޅިވަޑައިގެންފައިވެއެވެ.

ނަމާދު ފުރިހަމަވުމުގެ ކުރިން އިމާމާއަށް ސަލާމްދެވިއްޖެނަމަ، ނަމާދުން ބައެއް ގެއްލިފައިވާ މައުމޫމުންޖެހޭނީ ސަލާމްނުދީ އެބައިމީހުންނަށް ގެއްލުނުބައި ފުރިހަމަކުރުމަށް ތެދުވާށެވެ. އަދި އިމާމާއަށް ކުށެއްކުރެވުނުކަން سُبْحَانَ اللهِ ކިޔައިގެން ހަނދާންކޮށްދޭށެވެ. އަދި އިމާމާވެސް ނަމާދުފުރިހަމަކުރުމަށްޓަކައި ތެދުވާނީއެވެ.

އިމާމާއަށް ހަނދާންނެތިއްޖެނަމަ؛ ކުށުސަޖިދަޖެހުމުގައި މައުމޫމުން އިމާމާއަށް ތަބާވުން ވާޖިބުވާނެއެވެ. އެއީ؛ އިމާމާއެކު މައުމޫމުންނަށް ހަނދާންނެތުނުނަމަވެސް ނުވަތަ ހަމައެކަނި ހަނދާންނެތުނީ އިމާމާއަށްކަމުގައި ވީނަމަވެސްމެއެވެ. އަދި އިމާމާ ކުށުސަޖިދަޖެހީ ސަލާމްދިނުމުގެ ކުރިންކަމުގައިވިޔަސް ނުވަތަ ސަލާމްދިނުމުގެ ފަހުންކަމުގައިވިޔަސްމެއެވެ. މީގެ ތެރެއިން އިސްތިސްނާވާނީ؛ ޖަމާޢަތުން ބައެއް ގެއްލޭފަހުން ޖަމާޢަތުގައި ބައިވެރިވެފައިވާ މީހާއެވެ. އިމާމާ ކުށުސަޖިދަޖެހީ ސަލާމްދިނުމަށްފަހުގައި ކަމަށްވާނަމަ މިފަދަ މީހަކު އިމާމާއަށް ތަބާވާކަށްނުޖެހޭނެއެވެ. މިފަދަ މީހަކު ޖެހޭނީ އެމީހަކަށް ޖަމާޢަތުން ގެއްލުނުބައި ފުރިހަމަކުރުމަށްފަހު ސަލާމްދޭނީއެވެ. އަދި ނަމާދުގެ ފަހުން ކުށުސަޖިދަޖެހުމަށްފަހު ސަލާމްދޭނީއެވެ.

އިމާމާއަށް ނަމާދުގައި ހަނދާންނެތި ކުށުސަޖިދަ ނުޖަހައިފިނަމަ، މައުމޫމުން އިމާމާއަށް އަންގާލުމުގެ ގޮތުން ބާރަށް ތަސްބީޙަ ކިޔާނީއެވެ. ފަހެ، އެހާވަރުންވެސް އިމާމާ ކުށުސަޖިދަ ނުޖަހައިފިނަމަ، އަދި އިމާމާ ކުށުސަޖިދަ ނުޖަހާނެހެން ހީވެއްޖެނަމަ، ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި، މައުމޫމުންގެ ސަލާމްދިނުމަށްފަހު ކުށުސަޖިދަޖެހުން ވާޖިބުވާނެއެވެ.

އިމާމާ ފިޔަވައި ހަމައެކަނި އެންމެ މައުމޫމަކަށް ހަނދާންނެތިއްޖެނަމަ:

* ނަމާދުގެ ޖަމާޢަތުން އެއްވެސް ބައެއް ނުގެއްލޭނަމަ ހަމައެކަނި އެ މައުމޫމާ ކުށުސަޖިދަޖެހުމެއް ނުވެއެވެ. އެއީ؛ އެމީހާގެ އިމާމާއާ ޚިލާފުނުވުމަށެވެ. އެހެންނަމަވެސް، ރުކޫޢެއް ނުވަތަ ސަޖިދައެއް ހަނދާންނެތުންފަދަ ނަމާދުގެ ރަކުޢަތެއް ބާޠިލުވާފަދަ ކަމެއް މައުމޫމަކަށް ހަނދާންނެތިއްޖެނަމަ، އިމާމާ ސަލާމްދިނުމުން އެ މައުމޫމަކު ވަކިން އެ ބާޠިލުވި ރަކުޢަތުގެ ބަދަލުގައި ރަކުޢަތެއް ކުރާނީއެވެ. ދެން ސަލާމްދޭނީއެވެ. އަދި ސަލާމްދިނުމަށްފަހު ކުށުސަޖިދަޖަހާނީއެވެ. އެހެނީ، އެމީހަކަށް އެވަނީ ނަމާދަށް އިތުރުކުރެވިފައެވެ.

* ނަމާދުގެ ޖަމާޢަތުން ބައެއް ގެއްލުނު މައުމޫމަކުނަމަ، އެމީހަކަށް ހަނދާންނެތުނީ އިމާމާއާއެކު އަދާކުރި ބައިގައިކަމުގައިވާނަމަ، ނުވަތަ އިމާމާ ސަލާމްދިނުމަށްފަހު އަދާކުރި ބައިގައިކަމުގައިވާނަމަ، ފަހެ، އެމީހަކު ކުށުސަޖިދަޖަހަންޖެހޭނެއެވެ.

ނަމާދުގައި ގިނަ ކުށްތަކެއް ކުރެވިއްޖެނަމަ ކަންތައް ކުރަންޖެހޭ ގޮތް:

އެއް ނަމާދެއްގައި ކުށްތައް ތަކުރާރުވެއްޖެމީހާގެ މައްޗަށް ވަނީ ކުށުސަޖިދައިގެ ގޮތުގައި ހަމައެކަނި ދެ ސަޖިދަޖެހުމެވެ. ނަމާދުގައި ކުށްކުރެވޭވަރަކަށް ކުށުސަޖިދަ އިތުރުކުރާކަށް ނުޖެހޭނެއެވެ.

ނަމާދުކުރާމީހަކަށް، ނަމާދުކުރާއިރު ދެ ކަމެއް ހަނދާންނެތިއްޖެނަމަ، އެއިގެ ތެރެއިން އެއް ކަމަކީ ސަލާމްދިނުމުގެ ކުރިން ކުށުސަޖިދަޖަހަންޖެހޭ ކަމަކަށްވެފައި، އަނެއްކަމަކީ ސަލާމްދިނުމަށްފަހު ކުށުސަޖިދަޖަހަންޖެހޭ ކަމަކަށްވެއްޖެނަމަ، ސަލާމްދިނުމުގެ ކުރިން ކުށުސަޖިދަޖެހުން އިސްކުރާނީއެވެ. ފަހެ، މިފަދަ މީހަކު ސަލާމްދިނުމުގެ ކުރިން ކުށުސަޖިދަޖަހާފައި ސަލާމްދޭނީއެވެ.

ކުށުސަޖިދަ ޖަހަން ހަނދާންނެތިއްޖެނަމަ ކަންތައް ކުރާނެގޮތް:

ސަލާމްދިނުމުގެ ކުރިން ޖަހަންޖެހިފައިވާ ކުށުސަޖިދައެއް ގަސްތުގައި ދޫކޮށްލައިފިނަމަ، މިފަދަ މީހެއްގެ ނަމާދު ބާޠިލުވާނެއެވެ. އެހެނީ، އެމީހާ އެވަނީ ނަމާދުގެ ވާޖިބެއް ގަސްތުގައި ދޫކޮށްލާފައެވެ. ސަލާމްދިނުމުގެ ފަހުން ޖަހަންޖެހިފައިވާ ކުށުސަޖިދައެއް ގަސްތުގައި ދޫކޮށްލައިފިނަމަ، ނަމާދު ބާޠިލެއްނުވާނެއެވެ. އެހެންނަމަވެސް، (ކުށުސަޖިދައަކީ ވާޖިބަކަށްވާތީ) ކުށުސަޖިދަ ދޫކޮލުމުގެ ސަބަބުން ފާފަވެރިވާނެއެވެ.

ހަނދާންނެތިގެން ކުށުސަޖިދަ ނުޖެހިއްޖެނަމަ: ނަމާދުކޮށް ނިމުނުތާ މާގިނައިރުތަކެއްނުވަނީސް ހަނދާންވެއްޖެނަމަ؛ ކުށުސަޖިދަޖަހާނީއެވެ. އެ ކުށުސަޖިދަޖަހަންޖެހެނީ ސަލާމްދިނުމުގެ ކުރިންކަމުގައިވިޔަސް، ނުވަތަ ސަލާމްދިނުމުގެ ފަހުންކަމުގައިވިޔަސް މެއެވެ. މި ޙާލަތުގައި ވާޖިބުވެގެންވަނީ ކުށުސަޖިދަޖެހުމެވެ. އެއީ؛ އެ ސަޖިދަޖެހުމަށް ޝަރުޢުވެގެންވާ ވަގުތުކަމުގައި ނުވިނަމަވެސް މެއެވެ.

ކުށުސަޖިދަ ނުޖަހާކަން ހަނދާންވީ ގިނައިރުތަކެއްފަހުންކަމުގައިވާނަމަ، މިފަދަ މީހެއްގެ ކިބައިން އެކަން ކެނޑޭނެއެވެ. އެބަހީ؛ ކުށުސަޖިދަޖަހާކަށް ނުޖެހޭނެއެވެ. އަދި ނަމާދުވެސް ޞައްޙަވާނެއެވެ.

ސުންނަތްނަމާދުތަކުގައި ކުށުސަޖިދަޖެހުން

ކުށުސަޖިދަޖަހަންޖެހޭފަދަ ސަބަބެއް މެދުވެރިވެއްޖެނަމަ، ފަރުޟުނަމާދުތަކެކޭ އެއްފަދައިން ސުންނަތްނަމާދުތަކުގައިވެސް ކުށުސަޖިދަޖެހުން ޝަރުޢުވެގެންވެއެވެ. މިއީ ޢާއްމުކޮށް އިހާއި ފަހުގެ އެންމެހާ ޢިލްމުވެރިންގެ ބަސްފުޅެވެ.

ކުށުސަޖިދަ ޖަހަންނުޖެހޭ ޙާލަތްތައް

ޖަނާޒާ ނަމާދުގައި ކުށުސަޖިދަޖެހުން ޝަރުޢުވެގެންނުވެއެވެ. އަދި ތިލާވަތުގެ ސަޖިދައާއި ކުށުސަޖިދާގައި ކުރެވޭ ކުށްތަކަށް ކުށުސަޖިދަޖެހުން ޝަރުޢުވެގެންނުވެއެވެ. ފަހެ، ކުށުސަޖިދާގައި ޛިކުރުކުރުމަށް ހަނދާންނެތުންފަދަ ކުށުސަޖިދާގައި ކަމެއް ހަނދާންނެތިއްޖެމީހެއްނަމަ، އިތުރަށް އަލުން ކުށުސަޖިދަޖެހުންފަދަ ކަމެއް ކުރާކަށް ނުޖެހޭނެއެވެ.

ބާރަށް ކިޔަވާނަމާދެއްގައިނަމަ ބާރަށް ކިޔެވުމާއި، އިސްތިފްތާޙުގެ ދުޢާފަދަ ނަމާދުގެ ސުންނަތްތަކުގެ ތެރެއިން ސުންނަތެއް ދޫވިކަމުގައިވީނަމަވެސް ކުށުސަޖިދަޖެހުން ވާޖިބެއް ނުވާނެއެވެ. އެހެންނަމަވެސް، މި ޙާލަތުގައި ކުށުސަޖިދަޖެހުމަކީ ބައެއް ޢިލްމުވެރިންގެ އަރިހުގައި ސުންނަތެކެވެ.

ރުކޫޢާއި ސަޖިދާގައި ކިޔަންޖެހޭ ޛިކުރުގެ އިތުރަށް ޤުރްއާން ކިޔެވުން، ނުވަތަ ރުކޫޢުގައި "سُبْحَانَ رَبِّيَ العَظِيمِ" އަށްފަހު "سُبْحَانَ رَبِّيَ الأَعْلَى" ކިޔުންފަދަ ކަމެއް، ނުވަތަ ފާތިޙާ ސޫރަތް ނުވަތަ ފަހު އައްތަޙިއްޔާތުގެ ޛިކުރުތައްފަދަ ރުކުންތަކުގެ ތެރޭގައި ހިމެނޭ ޛިކުރެއް އެއްފަހަރަށްވުރެ ގިނަފަހަރު ކިޔެވުންފަދަ ނަމާދުގައި ކިޔުން ޝަރުޢުވެގެންވާ ޛިކުރެއް، އެ ޛިކުރު ކިޔަންޖެހޭ ޙާލަތުގައި ފިޔަވައި އެހެން ޙާލަތެއްގައި ކިޔެވިއްޖެނަމަ، ކުށުސަޖިދަޖެހުން ވާޖިބެއް ނުވާނެއެވެ.

ކުށުސަޖިދަ ޖަހާނެގޮތް:

ކުށުސަޖިދަކުރަންޖެހޭ ގޮތަކީ ނަމާދުގައި ސަޖިދަކުރާ ގޮތަށެވެ. އެ ދެ ސަޖިދައަށް ތަކްބީރުކިޔަން ޖެހޭނެއެވެ. އަދި ސަޖިދަޖަހަންޖެހޭނީ ނަމާދުގައި ސަޖިދަޖަހާ ގޮތަށެވެ. އަދި އެ ދެ ސަޖިދާގައި ކިޔާނީ ނަމާދުގެ ސަޖިދާގައި ކިޔާ ޛިކުރު "سُبْحَانَ رَبِّيَ الأَعْلَى" އާއި ދުޢާއެވެ. ކުށުސަޖިދާގައި ކިޔުމަށް ވަކިޚާއްޞަ ޛިކުރެއް ވާރިދުވެފައެއް ނުވެއެވެ. ދެން ތަކްބީރު ކިޔާފައި ތެދުވެ، ދެ ސަޖިދަ ދެމެދުގައި އިންނައިރު ކިޔާ ދުޢާ "رَبِّ اغْفِرْ لِي" ނުވަތަ މިނޫންވެސް ދެސަޖިދަދެމެދުގައި ކިޔުމަށް ވާރިދުވެފައިވާ ޛިކުރެއް ކިޔާނީއެވެ. ދެން ދެވަނަ ސަޖިދައަށް ދާނީއެވެ. އަދި ދެވަނަ ކުށުސަޖިދައަށްފަހު، އައްތަޙިއްޔާތު ކިޔާކަށް ނުޖެހޭނެއެވެ. ސަލާމްދިނީމަ ނިމުނީއެވެ.

ﷲ ތަޢާލާއަށް އަޅަމެން އެދި ދަންނަވަނީ؛ އެކަލާނގެ ލޯބިވެވޮޑިގެންވާ އަދި އެކަލާނގެ ރުއްސަވާވޮޑިގެންވާ ކަންކަމަށް އަޅަމެންނަށް ތައުފީޤު ދެއްވުމެވެ! އަދި އެކަލާނގެއަށް ޛިކުރުކުރުމުގައްޔާއި، ޝުކުރުކުރުމުގައްޔާއި، އެކަލާނގެއަށް ހެޔޮގޮތުގައި އަޅުކަންކުރުމުގައި އަޅަމެންނަށް އެކަލާނގެ ވާގިވެރިވެވޮޑިގަތުމެވެ! آمين!

ޚިޔާލުތައް