ހުރިހާކަމެއް ރައްކާކުރެވިފައިވާ ލައުޙުލްމަޙްފޫޡް

އައްޝައިޚް މުހައްމަދު ސިނާން

އިތުރަށް ވިދާޅުވުމަށް

ﷲ تَبَارَكَ وَتَعَالَى އެންމެ ފުރަތަމަ އުފެއްދެވި މަޚްލޫޤާތްތަކުގެ ތެރޭގައި ހިމެނިގެންވާ އެއް މަޚްލޫޤަކީ اللَّوْحُ الـمَحْفُوظُ އެވެ. ((اللَّوْحُ)) އަކީ ތަކެތި ލިޔެވިގެންވާ ފިލައެވެ. އަދި ((الـمَحْفُوظُ)) އަކީ ރައްކާތެރި ކުރެވިގެންވާ އެއްޗެވެ. އާދެ، އެއީ އެ ފިލާތަކުގައި ލިޔެވިގެންވާ ތަކެއްޗަށް އުނިއިތުރުކަމެއް އައުމުންނާއި، ބަދަލެއް އައުމުން ރައްކާތެރިކުރެވިފައިވާ ފިލާތަކެކެވެ. اللَّوْحُ الـمَحْفُوظُ އަކީ: އުޑުތަކާއި ބިންތައް ޚަލްޤުކުރެއްވުމުގެ 50 ހާސް އަހަރުކުރިން، މި ކައުނުގައި ހިނގާނެ އެންމެހާ ކަމެއް އެ ފިލައެއްގައި ލިޔުއްވާފައިވާ ފިލައެވެ. އެއީ أُمُّ الكِتَاب އެވެ. އެބަހީ؛ ލިޔެވިފައިވާ އެންމެހާ އެއްޗެއްގެ ތެރެއިން އެންމެ މާތްވެގެންވާ، އަދި އެންމެ ފުރިހަމަވެގެންވާ ލިޔުއްވުމެވެ. މި ފިލައަކީ: މާތް ﷲގެ ޙަޟްރަތުގައިވާ، އެންމެހާ އުނިއިތުރުކަމަކުން ރައްކާތެރިކުރެވިގެންވާ، އެންމެހާ ޚަބަރުތަކެއް ސާފުކޮށް ބަޔާންވެގެންވާ، އެންމެހާ މަޚްލޫޤާތްތަކަށް ސިއްރުވެގެންވާ، މަތިވެރިވެގެންވާ، ދަރަޖަ ލިބިގެންވާ، ޠާހިރު ފިލައެކެވެ. ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. ((إِنَّ أَوَّلَ مَا خَلَقَ اللَّهُ الْقَلَمَ، فَقَالَ لَهُ: اكْتُبْ قَالَ: رَبِّ وَمَاذَا أَكْتُبُ؟ قَالَ: اكْتُبْ مَقَادِيرَ كُلِّ شَيْءٍ حَتَّى تَقُومَ السَّاعَةُ)) (أبو داود، و صححه الألباني. انظر "صحيح سنن أبي داود" (3/148)، و"صحيح سنن الترمذي" (2/450)) މާނައީ: "ހަމަކަށަވަރުން ﷲ އެންމެ ފުރަތަމަ ޚަލްޤުކުރެއްވީ الْقَلَمُ އެވެ. ފަހެ، އެއަށް ވަޙީކުރެއްވިއެވެ. "ލިޔާށެވެ!" އެ ޤަލަމް ދެންނެވިއެވެ. "އޭ ތިމަންގެ ވެރި ރައްބެވެ! ތިމަންނަ ލިޔަންވީ ކޮން އެއްޗެއްތޯއެވެ؟" އެކަލާނގެ ވަޙީކުރެއްވިއެވެ. "ޤިޔާމާތްވެއްޖައުމަށް ދާންދެން ހިނގާނެ އެންމެހާ ކަމެއް ލިޔާށެވެ!" އަދިވެސް ޙަދީޘްކުރެއްވިއެވެ. ((كَتَبَ اللهُ مَقَادِيرَ الْخَلَائِقِ قَبْلَ أَنْ يَخْلُقَ السَّمَاوَاتِ وَالْأَرْضَ بِخَمْسِينَ أَلْفَ سَنَةٍ)) (مسلم) މާނައީ: "އުޑުތަކާއި ބިން ޚަލްޤުކުރެއްވުމުގެ 50 ހާސް އަހަރުކުރިން ﷲ ވަނީ ޚަލްޤުތަކުންގެ ކަންކަން ލިޔުއްވާފައެވެ." اللَّوْحُ الـمَحْفُوظُ އަކީ މާތް ﷲގެ ޢިލްމުފުޅުގެ ތަނަވަސްކަމާއި ފުރިހަމަކަމަށް ދަލީލުކުރާ ދަލީލެކެވެ. އެކަލާނގެ އެންމެހާ ކަމެއް މޮޅަށް ދެނެވޮޑިގެންވެއެވެ.

اللَّوْحُ الـمَحْفُوظُ ގައި ލިޔެވިގެންވާ ތަކެތީގެ ތެރޭގައި ކީރިތި ޤުރްއާން ހިމެނެއެވެ. މި އުޑުތަކާއި ބިންތައް ޚަލްޤުކުރެއްވުމުގެ އެތައް ހާސް އަހަރުތަކެއް ކުރިން މާތް ﷲ ވަނީ އެފޮތް އެ ފިލާގައި ލިޔުއްވާފައެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ((بَلْ هُوَ قُرْآنٌ مَّجِيدٌ ‎*‏ فِي لَوْحٍ مَّحْفُوظٍ)) (البروج: 21 -22) މާނައީ: "އަދި ކިއެއްތަ! އެއީ ރައްކާތެރި ކުރައްވާފައިވާ ފިލަޔެއްގައިވާ (އެބަހީ: اللَّوْحُ الـمَحْفُوظُ ގައިވާ) މާތް ޤުރްއާނެވެ." އެފޮތް ވަނީ اللَّوْحُ الـمَحْفُوظُ ން ބައިތުލް ޢިއްޒާއަށް އެއްފަހަރާ ބާވާލައްވާފައެވެ. އެހެންނަމަވެސް، ޖިބްރީލް عَلَيهِ السَّلَام ޤުރްއާން އައްސަވާފައި ވަނީ ސީދާ މާތް ﷲގެ ޙަޟްރަތުންނެވެ. އެކަލާނގެ އެކަލޭގެފާނަށް ވަޙީކުރެއްވުމުން އެ ވަޙީކުރެއްވި އާޔަތްތަކެއް އަމާނާތްތެރިކަމާއެކު ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ފޯރުކޮށްދެއްވަނީއެވެ.

اللَّوْحُ الـمَحْفُوظُ ގައި ލިޔެވިގެންވާ ތަކެތީގެ ތެރޭގައި މި ކާއިނާތުގައި ހިނގާނެ އެންމެހާ ކަމެއް ހިމެނެއެވެ. މީސްތަކުން ޚަލްޤުކުރެއްވުމުގެ މާކުރިންވެސް އެބައިމީހުންގެ ކަންކަން ކުރާނެގޮތާއި، އެބައިމީހުންގެ ޙާލަތު އެކަލާނގެ ދެނެވޮޑިގެންވެއެވެ. މިކާއިނާތުގައި ހިނގާނެ ބޮޑެތި ކަންކަމުން ފެށިގެން އެންމެ ކުދިކުދި ކަންކަމަށް ދާންދެން އެކަލާނގެ ވަނީ އެ ފިލާގައި ލިޔުއްވާފައެވެ. ގުނާ ޢަދަދު ނުކުރެވޭ މަޚްލޫޤާތުތައް ވާއިރު، އެތަކެތީގެ އެންމެހާ ކަމެއް އެފިލާގައި ލިޔުއްވާފައިވެއެވެ. ދިރުންހުރި ތަކެއްޗާއި ދިރުންނެތް ތަކެތީގެ ކަންކަމަށް ދާންދެނެވެ. ބިމުގެ އަޑިއާއި، އެއްގަމާއި، ކަނޑާއި، ޖައްވުގައި ހިނގާނެ އެންމެހާ ކަމެކެވެ. ލިޔެވިފައިވާ ގޮތުގެ މަތިން މެނުވީ ގަހަކުން ފަތެއްވެސް ނުވެއްޓޭނެއެވެ. سُبْحَانَ الله! ﷲ ގެ ޢިލްމުފުޅުގެ ތަނަވަސްކަމާއެވެ.

اللَّوْحُ الـمَحْفُوظُ ގައިވާ ތަކެތީގެ ތެރެއިން މާތް ﷲ މަޚްލޫޤަކަށް އުނގަންނަވައި ދެއްވި އެއްޗެއް ނޫނީ އެނގިގެންނުވެއެވެ. އެއީ މަތިވެރި މާތް މަލާއިކަތުންނާއި ނަބިއްޔުންކަމުގައި ވީނަމަވެސްމެއެވެ. އެ ފިލާގައިވާ ލިޔުއްވުންތައް އަދި ވަކިން ލިޔުއްވެވެއެވެ. މީގެ ތެރޭގައި؛ ލައިލަތުލްޤަދްރި ވިލޭރޭގައި ކުރިއަށް އޮތް އަހަރުގެ ކަންކަން ވަކިން މިންވަރުކުރެވެއެވެ. އަދި އެއިގެ ތެރެއިންވެސް ކޮންމެ ދުވަހަކު ހިނގާނެކަންކަން ވަކިން މިންވަރުކުރެވެއެވެ. އަދި ކޮންމެ އާދަމުގެ ދަރިއަކަށްވެސް ފުރާނައެޅުމުގެ ވަގުތު އައިސްޖެހުމުން މަލާއިކަތަކު ވަޑައިގެން، ފުރާނަ އެޅުއްވުމަށްފަހު، އެމީހާގެ ރިޒްޤާއި، އެމީހާއަކީ ބާއްޖަވެރިއެއްތޯ ނުނީ އަބާއްޖަވެރިއެއްތޯ ލިޔުއްވައެވެ. މިއީ اللَّوْحُ الـمَحْفُوظُ ގައިވާ ކަންކަމުގެ ތެރެއިން ޚާއްޞަ ލިޔުއްވުންތަކެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މާތް ﷲ اللَّوْحُ الـمَحْفُوظُ ގައި އެ އެންމެހާ ކަމެއް ލިޔުއްވާފައިވާތީ؛ އަހަރެމެން ވަކި ގޮތަކަށް ކަންކަން ކުރުމަށް އެކަލާނގެ މަޖްބޫރުކުރައްވާފައި ވާކަމަށް ބައެއްމީހުން ދެކެއެވެ. އަދި ހެޔޮކަންކަން ކުރުމާއި، ކަންކަން ޙާޞިލުކުރުމަށްޓަކައި ސަބަބުތަކުގައި ހިފައި، މަސައްކަތް ކުރުމުގެ ބޭނުމެއް ނެތްކަމުގައި ބައެއްމީހުން ދަޢުވާކުރެއެވެ. އަދި ބައެއްމީހުން އަމިއްލައަށް ކުރާ ނުވަތަ ކުރެވޭ ކަންކަމުން ކުރިމަތިވާ އުނދަގޫތަކާއި މުޞީބާތްތައް ކުރިމަތިވުމުން، އަމިއްލަ ކުށް ޤަބޫލުކުރުމުގެ ބަދަލުގައި، ﷲއަށާއި ޤަޟާޤަދަރަށް އެކަމުގެ މަލާމާތާއި ފުރައްސާރަ ނިސްބަތްކުރެއެވެ. މިއީ ނުބައިވެގެންވާ ކަމެކެވެ. މާތް ﷲ اللَّوْحُ الـمَحْفُوظُ ގައި ކަންކަން ލިޔުއްވާފައި ވަނީ އަހަރެމެން އެއާ އެއްގޮތަށް އުޅުމަކަށް ނޫނެވެ. އެހެނެއްކަމަކު، އެކަލާނގެ ޢިލްމުފުޅުގެ ތަނަވަސްކަމާއި ފުރިހަމަކަމުން އަހަރެމެންގެ ޙާލަތު އެކަލާނގެ މޮޅަށް ދެނެވޮޑިގެން ވާތީ ލިޔުއްވާފައި ވަނީއެވެ.

މާތް ﷲ ވަނީ އިންސާނާއަށް އޭނާގެ ޢަމަލުތަކުގައި އިޚްތިޔާރުތަކެއް ދެއްވާފައެވެ. ހެޔޮކަންކަން ކުރުމާއި ނުކުރުމުގެ އިޚްތިޔާރެވެ. ކަންކަން ޙާޞިލުކުރުމަށްޓަކައި މަސައްކަތްކުރުމާއި ނުކުރުމުގެ އިޚްތިޔާރެވެ. އެއިގެ ތެރެއިން އެ އިންސާނަކު އިޚްތިޔާރުކުރާނެ ގޮތާއި މިންވަރު އެކަލާނގެ މޮޅަށް ދެނެވޮޑިގެންވެއެވެ.

މާތް ﷲއަށް އީމާންވާ މީހުންގެ ގޮތަކީ؛ އެކަލާނގެ މިންވަރުކުރައްވާފައިވާ ކަމެއް މެނުވީ މި ކާއިނާތުގައި ނުހިނގާނެކަމަށް ތެދުހިތުން ޤަބޫލުކުރުމެވެ. މާތް ﷲގެ ޢިލްމުފުޅުގެ ތަނަވަސްކަމާއި ފުރިހަމަކަމާމެދު އިޤުރާރުވުމެވެ. އަދި ކަންކަމުގައިވާ ހެޔޮ ރަނގަޅު ސަބަބުތަކުގައި ހިފައި އެކަލާނގެއަށް ވަކީލުކުރުމެވެ. ދިމާވާ އުނދަގޫތަކާއި މުޞީބާތްތަކުގައި ކެތްތެރިވެ، އެކަންކަން ރަނގަޅުކުރުމުގެ ސަބަބުތަކުގައި ހިފުމެވެ. މާތް މަތިވެރި ރަސޫލުބޭކަލުންނާއި ނަބީބޭކަލުން މީސްތަކުންނަށް ދައްކަވާ ދެއްވީ މި ރިވެތި ނަމޫނާއެވެ.

ޚިޔާލުތައް