އައްޝައިޚް މުހައްމަދު ސިނާން
ޔަހޫދީންނަށް ތެދުމަގު ދެއްކެވުމަށް މާތް ﷲ ވަނީ އެކި ޒަމާންތަކުގައި ރަސޫލުބޭކަލުންނާއި ނަބީބޭކަލުން ފޮނުއްވާފައެވެ. އެބައިމީހުންގެ ކިބައިގައިވާ ނުކިޔަމަންތެރިކަމާއި ގޮތްދޫނުކުރުމާއި ބޮޑާކަމުގެ ސަބަބުން، އެބައިމީހުން ވަނީ އެއިގެ ތެރެއިން ބައެއް ބޭކަލުން ދޮގުކޮށްފައެވެ. އެބޭކަލުންނަށް ތަފާތު އެކި އުނދަގޫތައް ކޮށްފައެވެ. އަދި ނުވިތާކަށް އެއިގެ ތެރެއިން ބައެއް ބޭކަލުން ޤަތުލުކޮށްލުމަށް ރާވާފައެވެ. އަދި އެއިގެ ތެރެއިން ބައެއް ބޭކަލުން ވަނީ ޤަތުލުވެސް ކޮށްލާފައެވެ.
ޚައިބަރަކީ މަދީނާގެ އުތުރުން 153 ކިލޯމީޓަރު ދުރުގައިވާ ބިންގަނޑު ރަނގަޅު، ފެން ތިޔާގި ރަށެކެވެ. ކިއްލާތަކާއި ކާބޯތަކެތި ތަނަވަސް ރަށެކެވެ. ގިނަ ޢަދަދަކަށް އެ ރަށުގައި ޔަހޫދީން ވަޒަންވެރިވެފައިވާ ރަށެކެވެ. ހިޖުރައިން 7 ވަނަ އަހަރު މުސްލިމުންނާއި ޚަބައިރުގައި ތިބި ޔަހޫދީންނާއި ބަނޫ ޣަޠުފާނު ވަންހައިގެ މީހުންނާ ދެމެދު ޚައިބަރު ހަނގުރާމަ ހިނގާދިޔައެވެ. މި ހަނގުރާމައިގައި މުސްލިމުން ޚަބައިރުގެ އެކި ކިއްލާތައް ފަތަޙަކުރަމުން އައިސް، އެންމެފަހުން ޔަހޫދީން އަމާންދިނުމާއެކު މުސްލިމުންނަށް ޚައިބަރު ފަތަޙަވިއެވެ. ޚައިބަރު ފަތަޙަވުމުން، އެ ރަށުގެ ކަންކަން ހަމަޔަކަށް އެޅުއްވުމަށްޓަކައި ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އެ ރަށުގައި މަޑުކޮށްލެއްވިއެވެ.
އެ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ޔަހޫދީ އަންހެނެއްކަމުގައިވާ ޒައިނަބު ބުނުލް ޙާރިޘްއޭ ކިޔާ އަންހެނަކު ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ހަދިޔާއެއް ދިނުމަށް ނިންމިއެވެ. މި އަންހެންމީހާ ހަދިޔާއެއް ދޭން ނިންމީ އެކަލޭގެފާނަކީ ޞަދަޤާތް ޤަބޫލުކުރައްވާ ބޭކަލަކަށް ނުވާތީއެވެ. މި އަންހެންމީހާ އަކީ ޔަހޫދީއެއްކަމުގައިވާ ސަލާމް ބުން މިޝްކަމްއޭ ކިޔުނުމީހެއްގެ އަންހެނުންނެވެ. މިއީ ހެޔޮއެދިގެން ދިނުމަށް ނިންމި ހަދިޔާއެއް ނޫނެވެ. ޔަހޫދީންގެ އާދައިގެ މަތިން މަކަރާއި އޮޅުވާލުމާއި ހީލަތުން ފުރިގެންވި ހަދިޔާއެކެވެ. ހަދިޔާއެއްގެ ގޮތުގައި ދިނުމަށް ނިންމީ މީރުކޮށް ފިހެފައިވާ ކަންބަޅިއެކެވެ. ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ކަންބަޅީގެ މަސް ފަރިއްކުޅުވާއިރު، އެއިގެ ތެރެއިން އެކަލޭގެފާނު އެންމެ ހިތްޕުޅާވާ ބަޔަކީ އޭގެ މުލައްދަނޑިއާއި ކޮނޑު ހިމެނޭ ހިސާބެވެ. މި އަންހެންމީހާ ޖާސޫސްކޮށްގެން މި މަޢުލޫމާތު ހޯދިއެވެ. ހަދިޔާއަށްޓަކައި ކަންބަޅިއެއް ކަތިލައި، އެކަލޭގެފާނު އެންމެ ހިތްޕުޅާވާ ހިސާބުގައި ވިހަ ވަރަށް ގަދަޔަށް އުނގުޅިއެވެ. އަދި މުޅި ކަންބަޅީގައިވެސް ވިހަ އުނގުޅައި ރަނގަޅަށް ފިހެލިއެވެ. ކުރިން ޢީސާ عَلَيهِ السَّلام ޞަލީބަށް އަރުވައި އަވަހާރަކޮށްލަން މަސައްކަތް ކުރީވެސް ހަމަ ޔަހޫދީންނެވެ.
ކޮންމެއަކަސް، ފިހެފައިވާ ކަންބަޅި ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް އެރުވިއެވެ. އެކަލޭގެފާނުގެ އަރިހަށް އެ ކަންބަޅި ގެނެވުމުން، އެކަލޭގެފާނާއެކު ތިއްބެވި ޞަޙާބީބޭކަލުން އެކަލޭގެފާނާއެކު އެއަށް އިންސާފުކުރެއްވުމަށްޓަކައި އިށީނދެވަޑައިގަތެވެ. ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނުގެ އާދަފުޅުގެ މަތިން އޭގެ މުލައްދަނޑިން ބައެއް ނަންގަވައި، އެކަލޭގެފާނުގެ އަނގަފުޅަށް ލެއްވިއެވެ. އެހިނދު، އެކަލޭގެފާނަށް ދެއްވުނު މުޢުޖިޒާތުގެ ތެރެއިން މުޢުޖިޒާތެއް ހިނގާދިޔައެވެ. އެކަލޭގެފާނުގެ އަނގަފުޅުން އެ ދުރުކުރައްވައި، ޞަޙާބީ ބޭކަލުންނަށް ޙަދީޘްކުރެއްވިއެވެ. "ތިޔަ ބޭކަލުންގެ އަތްތައް (މި ކަންބަޅިއާ) ދުރަށް ލާށެވެ! ހަމަކަށަވަރުން، މިއަށް ވިހަ ލާފައިވާކަމުގެ ޚަބަރު މީތި ތިމަންކަލޭގެފާނަށް ޚަބަރު ދީފިއެވެ." އެއިރު، އެއިގެ ތެރެއިން ބައެއް ޞަޙާބީބޭކަލުން އޭގެން ބައެއް ވަނީ ފަރިއްކުޅުއްވާފައެވެ.
ކަންތައް މިހިސާބަށް ދިޔުމުން، އެހިސާބުގެ ޔަހޫދީން އެއްކުރުމަށް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އެންގެވުމުން އެބައިމީހުން އެއްކުރެވުނެވެ. އެކަލޭގެފާނު އެބައިމީހުންނަށް ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުންގެ ބައްޕައަކީ ކާކު ހެއްޔެވެ؟" އެބައިމީހުން ދެންނެވިއެވެ. "ތިމަންމެންގެ ބައްޕައަކީ މިވެނި މީހެކެވެ." އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ތިޔައީ ދޮގެކެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންގެ ބައްޕައަކީ މިވެނި މީހެކެވެ." އެމީހުން ދެންނެވިއެވެ. "ތިޔަ ހެއްދެވީ ތެދުފުޅެކެވެ. އަދި ރަނގަޅު ވާހަކަފުޅެކެވެ." އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ސުވާލެއް ކުރައްވައިފިނަމަ ތެދަށް ބުނާނަން ހެއްޔެވެ؟" އެބައިމީހުން ދެންނެވިއެވެ. "އޭ އަބުލް ޤާސިމެވެ! އާދޭހެވެ! ތިމަންމެން ދޮގެއް ހަދައިފިނަމަ، ތިމަންމެންގެ ބައްޕައާމެދު ދޮގުހެދުމުން ކަލޭގެފާނަށް އެކަން އެނގިވަޑައިގެންނެވިގޮތަށް އެނގިވަޑައިގަންނަވާނެ ނޫންތޯއެވެ؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ނަރަކައިގެ އަހުލުވެރިންނަކީ ކޮބައި ހެއްޔެވެ؟" އެބައިމީހުން ދެންނެވިއެވެ. "ތިމަންމެން އެތަނުގައި ތިބޭނީ މަދު ވަގުތުކޮޅަކަށެވެ. ދެން އޭގެފަހުގައި، ތިމަންމެންގެ ފަހުން ތިޔަބައިމީހުން އެތަނުގައި ވާނެއެވެ." އެހިނދު، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުން ނިކަމެތިކަމާއެކު ހިމޭންވެ އެތާތިބޭށެވެ! ﷲ ގަންދީފައި ބުނަމެވެ. ދުވަހަކުވެސް ތިޔަބައިމީހުންނަށް އެތަނަކުން ނުނިކުމެވޭނެއެވެ." ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ސުވާލެއް ކުރައްވައިފިނަމަ ތެދަށް ބުނާނަން ހެއްޔެވެ؟" އެބައިމީހުން ދެންނެވިއެވެ. "އާދޭހެވެ!" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުން މި ކަންބަޅިއަށް ވިހަލިން ހެއްޔެވެ؟" އެމީހުން އާދޭހޭ ދެންނެވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އެއީ ކޮންކަމަކާ ލައިގެން ހެއްޔެވެ؟" އެބައިމީހުން ދެންނެވިއެވެ. "ތިމަންމެން ބޭނުންވީ ކަލޭގެފާނަކީ އިތުރުފުޅު ހައްދަވާ ބޭކަލެއްކަމުގައިވާނަމަ، ކަލޭގެފާނުގެ ކިބައިން ތިމަންމެން މިންޖުވާށެވެ. ކަލޭގެފާނަކީ ނަބިއްޔެއްކަމުގައިވާނަމަ އެކަމުން ކަލޭގެފާނަށް ގެއްލުމެއް ލިބިވަޑައެއްނުގަންނަވާނެއެވެ." އެބަހީ، އެކަމުން ސަލާމަތްވެވަޑައިގަންނަވާނެއެވެ. އަދި އެ އަންހެންމީހާ ގެންނެވުމަށްފަހުވެސް ސުވާލުކުރެއްވުމުން، ޔަހޫދީންގެ ބައެއްގެ ރޭއްވުމެއްގެ މަތިން އެ އަންހެންމީހާ ވިހަލީކަމަށް އެއްބަސްވިއެވެ. އެހިނދު، ޞަޙާބީން އެ އަންހެންމީހާ ޤަތުލުކޮށްލުމުގެ އިޒުނައަށް އެދިވަޑައިގެންނެވުމުން، އެކަލޭގެފާނަށާއި އެކަލޭގެފާނުގެ ޞަޙާބީންނަށް ވިހައިގެ އަސަރުކޮށްފައިވާ މިންވަރެއް އެނގިވަޑައިނުގަންނަވާތީ، އެކަލޭގެފާނަކީ އެފަދަ ކަންކަމުގައި ބަދަލުހިއްޕަވާ ބޭކަލެއްކަމުގައި ނުވާތީ އެކަން މަނާކުރެއްވިއެވެ. އަދި އެކަލޭގެފާނު ޙިޖާމާ ޖައްސަވައި، އޭގެން ފަރިއްކުޅުއްވި ޞަޙާބީބޭކަލުންވެސް ޙިޖާމާޖެހުމަށް އެންގެވިއެވެ.
މި ވިހައިގެ އަސަރު މިހާ ހިސާބުން ނިމިގެން ދިޔައީއެއް ނޫނެވެ. މަދުދުވަސްކޮޅެއްގެ ތެރޭގައި؛ އެ ކަންބަޅިން ފަރިއްކުޅުއްވި އަންޞާރިއްޔަ ބޭކަލެއްކަމުގައިވާ ބިޝްރު ބުނުލް ބަރާ رَضِيَ اللهُ عَنْهُ އެ ވިހައިގެ ސަބަބުން އަވަހާރަވިއެވެ. މިކަމުގެ ސަބަބުން އެ އަންހެންމީހާގެ ކިބައިން ޤިޞާޞްހިފުމުގެ ގޮތުން ޤަތުލުކުރެވުނުކަމުގައި ބައެއް ރިވާޔަތްތަކުގައި އައިސްފައިވެއެވެ.
މި ޙާދިސާ ހިނގިތާ ތިންވަރަކަށް އަހަރުފަހުން، މި އުއްމަތުގެ މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ މި ދުނިޔޭގެ ދަންފަޅި ހަމަކުރައްވައި، މި ފަނާވަނިވި ދުނިޔެއާ އެކަލޭގެފާނު އަލްވަދާޢު ކިޔުއްވަން ޖެހިވަޑައިގެންނެވި ސަބަބުތަކުގެ ތެރޭގައި މި ވިހައިގެ އަސަރުތައް ވެއެވެ. އެކަލޭގެފާނު އަވަހާރަވުމުގެ އާލާސްކަންފުޅު ބޮޑުވެގެންދިޔަހިނދު ޙަދީޘްކުރެއްވިއެވެ. ((يَا عَائِشَةُ، مَا أَزَالُ أَجِدُ أَلَمَ الطَّعَامِ الَّذِي أَكَلْتُ بِخَيْبَرَ، فَهَذَا أَوَانُ وَجَدْتُ انْقِطَاعَ أَبْهَرِي مِنْ ذَلِكَ السُّمِّ)) (البخاري وأبو داود) މާނައީ: "އޭ ޢާއިޝާއެވެ! ޚައިބަރުން ތިމަންކަލޭގެފާނު ފަރިއްކުޅުއްވި އެތީގެ ވޭން އަދިވެސް ތިމަންކަލޭގެފާނުގެ ހަށިކޮޅުން ނުފިލައެވެ. ފަހެ، މި ހިނދަކީ އެ ވިހައިގެ ސަބަބުން ތިމަންކަލޭގެފާނުގެ ހިތްޕުޅުގެ ނާރުކޮޅުތައް ބުރިވާން ކައިރިވެފައިވާ ވަގުތެވެ." މިކަމުގެ މައްޗަށް ބިނާކޮށް ޢިލްމުވެރިން ބަޔާންކުރައްވާގޮތުގައި އެކަލޭގެފާނު މި ދުނިޔެ ދޫކުރައްވަފައިވަނީ ޝަހީދެއްގެ ގޮތުގައެވެ. މާތް ﷲ މި އުއްމަތުގެ މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލައްވާންދޭވެ!