އައްޝައިޚް މުހައްމަދު ސިނާން
މިގޮތުން، ﷲ ސުބްޙާނަހޫ ވަތަޢާލާ މި ވާހަކަ ބަޔާންކޮށް ދެއްވާފައިވެއެވެ. އެކަލޭގެފާނު އެވަޅުގައި ވަނިކޮށް އެހިސާބަށް އައީ ދަތުރުކުރަމުން ދިޔަ ޤާފިލާއެއްގެ ބައެކެވެ. އެބައިމީހުން ފެން ބޭނުންވެގެން، އެވަޅުކައިރިއަށް އައިސް، އެބައިމީހުން ފެން ނެގުމަށްޓަކައި، ދާނި ނުވަތަ ވާގަނޑު ތިރި ކުރިއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރަވާފައިވެއެވެ. ((وَجَاءَتْ سَيَّارَةٌ فَأَرْسَلُوا وَارِدَهُمْ)) އެހިސާބުން ދަތުރުކުރަމުން ދިޔަބަޔަކު އެވަޅު ކައިރިއަށް އައެވެ. އަދި އެއުރެންނަށް ފެންގެނެސްދޭމީހާ ފެންނެގުމަށްޓަކައި (ވަޅުކައިރިއަށް) ފޮނުވިއެވެ. ((فَأَدْلَى دَلْوَهُ)) ފަހެ، އޭނާ، ބާލިދީ ތިރިކުރިއެވެ. ތިރިކުރިތަނާ، ޔޫސުފް ޢަލައިޙިއްސަލާމް އޭގެ ވާފަށުގައި ހިއްޕެވިއެވެ. އެހިސާބުން އެމީހާ ވާގަނޑުގައި ހިފާ ދަމާ ނެގިއިރު ފެނުނީ ކުޑަ ކުއްޖެއް، ޔޫސުފް ޢަލައިޙިއްސަލާމް، އެވަލުގައި ހިފަހައްޓައިގެން ވަނިކޮށެވެ. އެހެންކަމުން، އޭނާ، އޭނާގެ މީހުނަށް ގޮވާލިއެވެ. ((قَالَ يَابُشْرَى هَذَا غُلَامٌ)) އޭނަގޮވައިލިއެވެ. ހުރި އުފަލެއްގެ ބޮޑުކަމާއެވެ. ((هَذَا غُلاَمٌ)) "މިހިރީ ކުޑަ ކުއްޖެކެވެ." غُلاَمٌ ޢަރަބި ބަހުގަ ބޭނުން ކުރަނީ، ބާލިޣުނުވާ ކުޑަ ކުދިންނަށެވެ. މިކަމުން އެނގިގެން ދަނީ އެއިރު ޔޫސުފް ޢަލައިޙިއްސަލާމް ބާލިޣުވުމުގެ އުމުރާ ހަމައަށް ފޯރާފައިނުވާކަމެވެ. ((وَأَسَرُّوهُ بِضَاعَةً)) ދެން އެހިސާބުން އެބައިމީހުން ޔޫސުފް ޢަލައިޙިއްސަލާމް މުދާތަކުގެ ތެރޭގައި ރައްކާކުރިއެވެ. ((وَالَّلهُ عَلِيمٌ بِمَا يَعْمَلُون)) ﷲ ސުބްޙާނަހޫ ވަތަޢާލާ އެބައިމީހުން ކަންތައްކުރާގޮތް މޮޅަށް ދެނެވޮޑިވެގެންވެއެވެ. މާނައީ، އެބައިމީހުން ޔޫސުފް ޢަލައިޙިއްސަލާމް ނެގުމަށްފަހުގައި އެކަލޭގެފާނު ވިއްކާލުމަށްޓަކައި މުދާތަކުގެ ތެރޭގައި ރައްކާކުރިއެވެ. މިބައިމީހުން ދަތުރުކޮށްފައި ދިޔައީ މިޞްރަށެވެ. އެބައިމީހުން މިޞްރަށް ގޮސްފައި ކަންތައް ކުރިގޮތަކީ ((وَشَرَوْهُ بِثَمَنٍ بَخْسٍ دَرَاهِمَ مَعْدُودَةٍ وَكَانُوا فِيهِ مِنَ الزَّاهِدِينَ)) ޔޫސުފް ޢަލައިޙިއްސަލާމް ކުޑަ އަގަކަށް ވިއްކާލީއެވެ. އެބައިމީހުންނަށް ޔޫސުފް ޢަލައިޙިއްސަލާމް ލިބިވަޑައިގަތީ އެހާ ބުރަ މަސައްކަތެއްކޮށްގެން ކަމުގައި ނުވުމުން، އެކަލޭގެފާނު ގުނާލެވޭ މަދު ޢަދަދެއްގެ ދިރުހަމް ކޮޅަކަށް ވިއްކާލީއެވެ. ((وَكَانُوا فِيهِ مِنَ الزَّاهِدِينَ)) އަދި އެކަލޭގެފާނާމެދު، އެބައިމީހުންވީ (މަދު އެތިކޮޅަކަށް ރުހޭ) ޒާހިދުންގެ ތެރެއިންނެވެ. އެބައިމީހުންނަކީ އެކަލޭގެފާނުގެ އަގެއްގެ ގޮތުގައި މާބޮޑު އަދަދެއް ނެގި ބައެއްކަމުގަ ނުވާކަމަށް، ﷲ ސުބްޙާނަހޫ ވަތަޢާލާ މިވަނީ ބަޔާންކުރައްވާފައެވެ. އެބައިމީހުންވީ، އެކަލޭގެފާނާ މެދުގައި ޒުހުދުވެރިވިބައެއްކަމުގައެވެ. އެބައިމީހުންވީ އެކަލޭގެފާނުގެ ކިބައިން ބޮޑު ފައިދާއެއް ނުވަތަ ބޮޑު މަންފާއެއް ޙާސިލުކުރުމުން ދުރުވެފައިވާ ބައެއްކަމުގައެވެ. މިގޮތުގެމަތިން އެކަލޭފާނު ވިއްކާލެވުނީ މިޞްރުގެ އެއިރުގެ އިއްޒަތްތެރި ބޭފުޅަކަށެވެ. އެހެންކަމުން ޔޫސުފް ޢަލައިޙިއްސަލާމަށް ހީފުޅުކުރެއްވުނީ، އެހިސާބުން އެކަލޭގެފާނުގެ ކަންތައް ހަމަޖެހި ނިމުނީކަމުގައެވެ.
ޔޫސުފްގެފާނު ޢަޒީޒުގެ ގެކޮޅުގައި
ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((وَقَالَ الَّذِي اشْتَرَاهُ مِن مِّصْرَ لِامْرَأَتِهِ أَكْرِمِي مَثْوَاهُ)) އެ ޢިއްޒަތްތެރި ބޭފުޅާ، (މިޞްރުގެ އަލްޢަޒީޒު) ޔޫސުފް ޢަލައިހިއްސަލާމް ބައްލަވާގަނެގެންގޮސް، އޭނަގެ އަނބިކަނބަލުންނަށް ވިދާޅުވީ ((أَكْرِمِى مَثْوَاهُ)) ކަނބުލޭގެ، އެކަލޭގެފާނުގެ ހުންނެވުން ރަނގަޅުގޮތަކަށް ހަމަޖައްސާށެވެ! މިކުއްޖާއަށް ހެޔޮކޮށް ކަންތައްކުރައްވާށެވެ. ((عَسَى أَن يَنفَعَنَا أَوْ نَتَّخِذَهُ وَلَدًا)) ފަހަރެއްގައި އެކުއްޖާގެ ކިބައިން ތިމަންމެންނަށް މަންފާއެއްވެސް ކޮށްފާނެ ނުވަތަ ތިމަންމެންގެ ދަރިއެއްގެ ގޮތުގައިވެސް ބެލެވިދާނެއެވެ. ދެން ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((وَكَذَٰلِكَ مَكَّنَّا لِيُوسُفَ فِى اْلأَرْضِ)) އަދި އެފަދައިން، ތިމަންރަސްކަލާނގެ ޔޫސުފްގެފާނު ބިންމަތީގައި ބާރުވެރިކުރެއްވީމެވެ. އެއީ އެކަލޭގެފާނު ބެލެހެއްޓެވުމުގެ ކަންތައް ޢިއްޒަތްތެރި އަޅާލާ ހެޔޮރަނގަޅު ބަޔަކާ ޙަވާލުވެވުމުންނެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ބަޔާން ކުރައްވާފައިވެއެވެ. ((وَاللَّهُ غَالِبٌ عَلَىٰ أَمْرِهِ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ)) اللَّه އީ، އެކަލާނގެ ކަންތައްތައް ހިންގެވުމުގައި، ބާރުވެރިވަންތަ ރަސްކަލާނގެއެވެ. ((وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ)) އެހެނެއްކަމަކު މީސްތަކުންގެ ތެރެއިން ގިނަ ބަޔަކަށް އެކަމެއް ނޭނގެއެވެ. މާނައަކީ، ﷲ ސުބްޙާނަހޫ ވަތަޢާލާގެ ހިކްމަތްޕުޅުން ހުރިހާ ކަމެއް މި މިންވަރުކުރެއްވެވީއެވެ. ވަކިކަމަކަށްޓަކައި ވަކި ކަންތައްތަކެއް ޙާޞިލުކުރެއްވުމަށްޓަކައެވެ.
އަލްޢަޒީޒުގެ އަނބިކަބަލުންގެ އަރިހުގައި އެކަލޭގެފާނު ބޮޑުފުޅުވެ ބާލިޣުވެ، އެކަލޭގެފާނުގެ ހަށިކޮޅަށް ބުއްދީގެ ގޮތުންނާއި ޖިސްމާނީގޮތުން ފުރާފުރިހަމަވެ ބާރުލިބިގެންނެވިއެވެ. އަދި އެފަދައިން، ﷲ ސުބްޙާނަހޫ ވަތަޢާލާ، އެކަލޭގެފާނަށް ((آتَيْنَاهُ حُكْمًا وَعِلْمًا)) "ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ޙިކްމަތްތެރިކަމާއި ޢިލްމުދެއްވީމެވެ." ((وَكَذَٰلِكَ نَجْزِي الْمُحْسِنِينَ)) އިޙުސާންތެރިންނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ، އެފަދައިންނެވެ. އެހެންކަމުން މިގޮތުގެ މަތިން އެގޭގައި އެކަލޭގެފާނު ބޮޑުފުޅުވިއެވެ.
ޔޫސުފްގެފާނަށް ކުރިމަތިވެވަޑައިގެންނެވި ދެވަނަ މުޞީބާތް
މިހިސާބުން އެކަލޭގެފާނަށް ދެވަނަ މުޞީބާތާ ކުރިމަތިވެ ވަޑައިގެންނެވިއެވެ. މި މުޞީބާތަކީ ކުރީގެ މުޞީބާތަށްވުރެ މާބޮޑު މުޞީބާތެކެވެ. ސަބަބަކީ، ކުރީގެ މުޞީބާތުގައި އެކަލޭގެފާނަށް ކެތްތެރިވުން ނޫން އެއްވެސް އިޚްތިޔާރެއް ނެތެވެ. އެހެންނަމަވެސް، ދެވަނަ މުޞީބާތަކީ، އެކަލޭގެފާނަށް އިޚްތިޔާރުކުރެއްވުމުގެ މަގުއޮތް ކަމެކެވެ. އެހެންކަމުން، މިކަމުގައި އެކަލޭގެފާނުގެ ކެތްތެރިވެވަޑައިގަތުމަކީ ފުރަތަމަ މުޞީބާތަށް ކެތްތެރިވެވަޑައިގަތުމަށްވުރެ މާބޮޑު ކެތްތެރިވެވަޑައިގަތުމެކެވެ. މިސާލަކަށް؛ މީހަކު ބަލިވެއްޖެކަމުގައި ވަނީނަމަ ކެތްތެރިވުން ނޫން އިތުރު ގޮތެއް ނޯވެއެވެ. އެހެންނަމަވެސް، ކެތްތެރި ވުމާއި ނުވުމުގެ އިޚްތިޔާރު އޮތް ކަމެއްގައި ރަނގަޅު ގޮތުގައި ކެތްތެރިވެއްޖެ ކަމުގައިވަނީނަމަ، އެކަމުގެ ސަވާބާއި ދަރުމަވެސް މަތިވެރިވެ، އެކަމަކީ މާ ހެޔޮރަނގަޅު ކަމެއްގެ ގޮތުގައި ވެގެންދެއެވެ. ކޮންމެކަސް، އެކަލޭގެފާނާ ބެހޭގޮތުން އައިސްފައިވަނީ، އެކަލޭގެފާނު ބެއްލެވުމާ ހަވާލުވެ ހުންނެވި އަލްޢަޒީޒުގެ އަނބިކަނބަލުންގެ ފަރާތުން ފެނިގެންދިޔަ ކަންތައްތަކެއްގެ ވާހަކައެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((وَرَاوَدَتْهُ الَّتِي هُوَ فِي بَيْتِهَا عَن نَّفْسِهِ)) ﷲ ސުބްޙާނަހޫ ވަތަޢާލާ ބަޔާންކުރައްވާފައި މިވަނީ އަލްޢަޒީޒުގެ އަނބިކަނބަލުން، ގޭގައި އެއްވެސް މީހަކު ނެތް އިރެއްގައި، އެކަލޭގެފާނުގެ ކިބައިން ނުބައިކަމަކަށް އެދުނުކަމެވެ. އަދި އެއާއެކީގައި ((وَغَلَّقَتِ اْلأَبْوَابَ)) މާނައަކީ އަލްޢަޒީޒުގެ އަނބިކަނބަލުން، ދޮރުތައްވެސް ތަޅުލިއެވެ. ތަޅުލުމަށްފަހު، ޔޫސުފް ޢަލައިހިއްސަލާމަށް ދެންނެވީ ((هَيْتَ لَكَ)) ކަލޭގެފާނު ތިމަންގެ ގާތަށް ވަޑައިގަންނަވާށެވެ. އެހިނދު، ޔޫސުފް ޢަލައިހިއްސަލާމް ވިދާޅުވީ ((مَعَاذَ اللَّهِ)) ﷲ ސުބްޙާނަހޫ ވަތަޢާލާ، ތިމަންކަލޭގެފާނު ތިކަމުން ރައްކާތެރިކުރަށްވާށިއެވެ. ((إِنَّهُ رَبِّى أَحْسَنَ مَثْوَايَ)) ހަމަކަށަވަރުން ކަމަނާ ތިޔަ ޚިޔާނާތްތެރިވާން ތިއެދޭ ކަމަނާގެ ފިރިކަލުންނަކީ، ތިމަންކަލޭގެފާނުގެ ސާހިބާއެވެ. އެއީ ތިމަންކަލޭގެފާނު އެންމެ ހެޔޮ ރަނގަޅުގޮތުގައި ބަލަހައްޓަވައި، އެންމެހާކަމެއް ފުރިހަމަކޮށްދެއްވެވި ފަރާތެވެ. ((إِنَّهُ لاَ يُفْلِحُ الظَّلِمُونَ)) ހަމަކަށަވަރުން އަނިޔާވެރިންނަށް ކާމިޔާބެއް ނުވާނެއެވެ. ކޮންމެޔަކަސް، ކުރިން ބަޔާންކުރެވުނުގޮތަށް؛ މިއީ އެކަލޭގެފާނާ ކުރިމަތިވި އެންމެ ބޮޑު މުޞީބާތެވެ. އެއީ، މިކަމުގައި އެކަލޭގެފާނަށް ދެކޮޅުވެސް އިޚްތިޔާރުކުރެވެން އޮތުމުންނެވެ. އެހެނީ، ނުބައި ފާހިޝްޢަމަލަށް އަރައިގަނެވެންވެސް އެބައޮތެވެ. އެތަނުގައި އެއްވެސް މީހަކުނެތި ދޮރުތައް ވަނީ ތަޅުލެވިފައެވެ. އަދި ހަމައެފަދައިން އެކަމުން އެކަލޭގެފާނަށް ދުރުވެވޭނެ އިޚްތިޔާރުވެސް އެބައޮތެވެ. އެކަލޭގެފާނު އިޚްތިޔާރުކުރެއްވީ އެކަމުން ދުރުވެވަޑައިގަތުމެވެ. އަދި އެކަލޭގެފާނުގެ ދުރުވެވަޑައިގަތުމުގެ ވާހަކަ ﷲ ސުބްޙާނަހޫ ވަތަޢާލާ ބަޔާން ކުރައްވާފައިވަނީ ((وَلَقَدْ هَمَّتْ بِهِ)) އަދި ހަމަކަށަވަރުން، އެކަނބުލޭގެ އެކަލޭގެފާނުގެ ފަރާތުން އެކަމަށް ވަރަށް ބޮޑަށް އެދިވަޑައިގަތެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((وَهَمَّ بِهَا لَوْلاَ أَن رَّءَا بُرْهَانَ رَبِّهِ)) އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން އެކަލޭގެފާނަށް ފާޅުވެ ބަޔާންވެގެންވާ ހެކިތައް ފެނިވަޑައި ނުގެންނެވިނަމަ އެކަލޭގެފާނުވެސް އެކަމަށް ލެނބިގެން އެކަލޭގެފާނަށް ފާފަކުރެއްވުނީހެވެ. މާނައީ، ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރަޙްމަތުން، އެކަލާނގެ، އެކަލޭގެފާނަށް ދެއްވެވި ޚާއްޞަ ބާރާއި ޢިނާޔަތުގެ ސަބަބުން އެކަލޭގެފާނު އެ ނުބައި ފާހިޝްޢަމަލުން ދުރުވެވަޑައިގަތީއެވެ. ((كَذَٰلِكَ لِنَصْرِفَ عَنْهُ السُّوءَ وَالْفَحْشَاءَ)) "އެފަދައިން އެދަލީލު ދެއްކެވީ ތިމަން ރަސްކަލާނގެ، އެކަލޭގެފާނުގެ ކިބައިން ނުބައިފާހިޝް ކަންތައްތަކާއި ހުތުރުކަންބޮޑު ފާފައިން ދުރުކުރެއްވުމަށްޓަކައެވެ." ((إِنَّهُ مِنْ عِبَادِنَا الْمُخْلَصِينَ)) "ހަމަކަށަވަރުން އެކަލޭގެފާނު ވެފައިވަނީ ތިމަން އިލާހުގެ އަޅުތަކުންކުރެ އިޚްލާޞްތެރި އަޅުންގެ ތެރެއިންނެވެ."
މި ޙާލަތުގައިވަނިކޮށް އެކަލޭގެފާނުގެ ވާހަކަ ބަޔާންކުރައްވައި، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވަނީ، އެކަލޭގެފާނު އެތަނުން ދުރުވެވަޑައިގަތުމަށްޓަކައި އެކަލޭގެފާނު ދޮރާދިމާލަށް ވަޑައިގެންނެވިކަމެވެ. އެހިނދުގައި އެކަލޭގެފާނުގެ ފަހަތްޕުޅުން އަލްޢަޒީޒުގެ އަނބިކަނބަލުންވެސް ވަޑައިގަތެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((وَاسْتَبَقَا الْبَابَ وَقَدَّتْ قَمِيصَهُ مِن دُبُرٍ)) މާނައަކީ، އެދެމީހުން ދޮރާއި ދިމާލަށް އަވަސްވިއެވެ. އަދި އެކަނބުލޭގެ އެކަލޭގެފާނުގެ ގަމީސްކޮޅުގެ ފުރަގަހުން (ހިފައި) ވީދާލިއެވެ. އެހިނދުން ހެދުންކޮޅު އިރައިގެންދިޔައެވެ. މާނައަކީ، އަލްޢަޒީޒްގެ އަނބިކަނބަލުން ޔޫސުފްގެފާނުގެ ހެދުންކޮޅުގައި ހިތްޕެވުމާއެކީގައި އެ ހެދުންކޮޅު ފަހަތުން ވީދިގެންދިޔައެވެ. ((وَأَلْفَيَا سَيِّدَهَا لَدَى الْبَابِ)) އެހިނދު ކުއްލިއަކަށް އަލްޢަޒީޒް ދޮރު ކައިރީގައި ހުއްޓާ އެދެމީހުނަށް ފެނުނެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވަނީ، އަލްޢަޒީޒުގެ އަނބިކަނބަލުން ހެއްދެވިގޮތަކީ، މި ހިނގާދިޔަ ކަންތަކުގައި ކުށްވެރިއަކީ ޔޫސުފްގެފާނުކަން ދެއްކުމަށްޓަކާ ވަގުތުން މި ޙާދިސާ އެއްކޮށް ބަދަލުކޮށްލިއެވެ. ބަދަލުކޮށްލުމަށް ފަހުގައި، އަލްޢަޒީޒައަށް ދަންނަވަނީ، ((قَالَتْ مَا جَزَاءُ مَنْ أَرَادَ بِأَهْلِكَ سُوءًا إِلَّا أَن يُسْجَنَ أَوْ عَذَابٌ أَلِيمٌ)) ކަލޭގެފާނުގެ އަހުލުންނާމެދުގައި ނުބައިކަމަކައިގެން އަތުވެއްޖެމީހަކަށް އެމީހާ ޖަލުގައި ހައްޔަރުކުރުން، ނުވަތަ ވޭންދެނިވި ޢަޒާބު ފިޔަވައި އޮތީ ކޮންޖަޒާއެއް ހެއްޔެވެ؟ މާނައަކީ: އޭނާގެ ޖަޒާއަކީ ޖަލަށްލުން ނުވަތަ ވަރުގަދަ ވޭންދެނެވި ޢަޒާބެއް ދެއްކުމެވެ. އެހިސާބުން އެއްކޮށް ޙަޤީޤަތް ބަދަލުކޮށް މިކަމުގައި ހުރިހާވެސް ކުށްވެރިޔަކީ ޔޫސުފްގެފާނު ކަމުގައި ދައްކައިދިނީއެވެ. ޔޫސުފްގެފާނު ޖަވާބަކަށް، އެކަލޭގެފާނުގެ ދިފާޢުގައި ވިދާޅުވިއެވެ. ((قَالَ هِيَ رَاوَدَتْنِي عَن نَّفْسِي)) "ޝަހުވަތަށް އެދި ތިމަންކަލޭގެފާނުގެ ކިބައިން އެދުނީ އެކަނބުލޭގެއެވެ." ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވަވާފައިވެއެވެ. ((وَشَهِدَ شَاهِدٌ مِّنْ أَهْلِهَا)) "އަދި އެ އަންހެންމީހާގެ އަހުލުންގެ ތެރެއިން ހެކިވެރިޔަކު ހެކިވިޔެވެ." މިކަމުން ދޭހަވަނީ، ﷲ ސުބްޙާނަހޫ ވަތަޢާލާ، އެކަލޭގެފާނު ސަލާމަތްކުރެއްވުމުގެ ސަބަބަކަށް އެ އަންހެންމީހާގެ ޢާއިލާގެ ތެރެއިން މީހަކު ހެކިވެރިއެއްގެ ގޮތުގައި ލެއްވިކަމެވެ. އާންމުގޮތެއްގައި ޢާއިލާއެއްގެ މީހެއް ކަމުގައިވާނަމަ ހެކިވާނީ އެމީހާގެ ގާތްތިމާގެ މީހާއަށެވެ. އެހެންނަމަވެސް، މި ހެކިވެރިޔާ ބުނިކަމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ބަޔާން ކުރައްވަނީ ((إِن كَانَ قَمِيصُهُ قُدَّ مِن قُبُلٍ فَصَدَقَتْ وَهُوَ مِنَ الْكَاذِبِينَ)) "ހެދުން އިރައިގެން ގޮސްފައިވަނީ ކުރިމަތިންކަމުގައި ވަނީނަމަ، އެކަނބުލޭގެ އެހަދަނީ ތެދެވެ. އަދި އެކަލޭގެފާނު ވަނީ ދޮގުވެރިންގެ ތެރެއިންނެވެ." މާނައަކީ، އެކަލޭގެފާނު ކުރިމަތިލައްވައިގެން ހުރިނަމަ، ހެދުމުގެ ކުރިމަތީފަރާތުން ހިފިފައި، ކުރިމަތިން ވީދައިގެން ގޮސްފައި އޮތިއްޔާ، އެކަނބުލޭގެ ހަދަނީ ތެދުކަމާއި، އެކަލޭގެފާނު ހައްދަވަނީ ދޮގުކަމެވެ. އެހެންކަމުން ކުށްވެރިޔަކަށް ވާނީ ޔޫސުފްގެފާނެވެ. ((وَإِن كَانَ قَمِيصُهُ قُدَّ مِن دُبُرٍ فَكَذَبَتْ وَهُوَ مِنَ الصَّادِقِينَ)) "އަދި ހެދުން އިރައިގެން ގޮސްފައިވަނީ ފަހަތުންކަމުގައި ވަނީނަމަ، އެކަނބުލޭގެ އެހަދަނީ ދޮގެވެ. އަދި އެކަލޭގެފާނުވަނީ ތެދުވެރިންގެ ތެރެއިންނެވެ." އެހިނދު މި މައްސަލަގައި ޔޫސުފްގެފާނުގެ ކުށެއްނެތްކަން އެކިގޮތްގޮތުން މިވަނީ ވަރަށް ސާފުވެފައެވެ.އަޞްލު ކުށްވަރިއަކީ ކާކުކަން ފާޅުވެގެން ދިޔައެވެ. ((فَلَمَّا رَأَىٰ قَمِيصَهُ قُدَّ مِن دُبُرٍ)) ބެލިބެލުމުން ފެނުނީ ޔޫސުފްގެފާނުގެ ހެދުންކޮޅުގެ ފަހަތުން ވީދިފައިވާ ތަނެވެ. ފަހަތުން ވީދިގެންގޮސްފައިވަނީ އެކަލޭގެފާނު އެކަމުން ދުރަށްދާން އުޅުއްވީމައި، އެ ހެދުންކޮޅުގައި ފަހަތުން އައިސް އެ އަންހެންމީހާ ހިފީމައެވެ. އެހިނދު އަލްޢަޒީޒް ވިދާޅުވަނީ، ((قَالَ إِنَّهُ مِن كَيْدِكُنَّ إِنَّ كَيْدَكُنَّ عَظِيمٌ)) "ހަމަކަށަވަރުން މިއީ ތިޔަ ކަނބަލުންގެ މަކަރުވެރިކަމުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. ހަމަކަށަވަރުން ތިޔަކަނބަލުންގެ މަކަރުވެރިކަމަކީ ބޮޑު ހަމައެފަދައިން އެކަމުގެ ގެއްލުން ބޮޑު ވެގެންވާ މަކަރުވެރިކަމެކެވެ." ދެން ޢަޒީޒު ވިދާޅުވިއެވެ. ((يُوسُفُ أَعْرِضْ عَنْ هَٰذَا)) "ޔޫސުފްގެފާނެވެ. މިކަމުން ކަލޭގެފާނު ދުރުވެވަޑައިގަންނަވާށެވެ." ((وَاسْتَغْفِرِي لِذَنبِكِ إِنَّكِ كُنتِ مِنَ الْخَاطِئِينَ)) އަދި އެފަދައިން އަލްއަޒީޒް އަނބިކަނބަލުންނަށް ވިދާޅުވަނީ، "ކަނބުލޭގެ ފާފަފުއްސެވުމަށް އެދި މާފަށްއެދޭށެވެ. ހަމަކަށަވަރުންވެސް މިކަމުގައި ކުށްވެރިއަކީ ތިކަނބުލޭގެއެވެ." އެހެންކަމުން، ހުރިހާގޮތަކުން ފާޅުވެ ބަޔާންވެފައިވަނީ، ޔޫސުފްގެފާނު މިކަމުގައި ކުށްވެރިނުވާކަމަށެވެ. އަދި އަލްޢަޒީޒު ވަނީ މިކަމަށް އެއްބަސްވެފައެވެ. މި ޙާދިސާ ސިއްރެއްގެގޮތުގައި މާގިނަ ދުވަސްތަކެއް ވަންދެން އޮތްކަމަކަށް ނުވިއެވެ. މުޅި ރަށުތެރޭގައި މިވާހަކަ މަޑުމަޑުން ފެތުރެމުން ދާންފެށިއެވެ. އެއީ، އެހާ ޢިއްޒަތްތެރި ބޭކަނބަލަކު އެފަދަކަމެއް ކުރެއްވީމައެވެ. މިވާހަކަތައް ފެތުރެމުންގޮސް އެރަށުގެ އަންހެންވެރިންނާ ހިސާބަށް ވާހަކަތައް ފޯރަންފެށިއެވެ. އެހިނދު އެއަންހެންވެރިން އެއްބަޔަކު އަނެއްބަޔަކަށް ބުނަނީ، ((وَقَالَ نِسْوَةٌ فِي الْمَدِينَةِ امْرَأَتُ الْعَزِيزِ تُرَاوِدُ فَتَاهَا عَن نَّفْسِهِ)) "އަލްޢަޒީޒުގެ އަނބިކަނބަލުން، އެކަނބުލޭގެ ގެންގުޅޭ ޒުވާން ކުއްޖާޔާ ދޭތެރޭ ނުބައި ޢަމަލެއްކުރުމަށް ވަރަށް ބޮޑަށް ބޭނުންވެގެން ނިޔަތްގަނެގެން އުޅެއެވެ." ((قَدْ شَغَفَهَا حُبًّا)) "ހަމަކަށަވަރުން، އެކަނބަލޭގެ ހިތުގައި އެކުއްޖާޔާ ދޭތެރޭ ވަރަށް ބޮޑު ލޯތްބެއް އުފެދިފައިވެއެވެ." ((إِنَّا لَنَرَاهَا فِي ضَلَالٍ مُّبِينٍ)) "ހަމަކަށަވަރުން، އެއަންހެންމީހާ ވާކަމުގައި އަހަރެމެން ދެކެނީ ބަޔާންވެގެންވާ ފުރެދުމެއްގައެވެ." މިގޮތަށް މިވާހަކަތައް މުޅިރަށުގައި ފެތުރެމުން ދިޔައެވެ. މި ވާހަކަތައް ފެތުރުމުގެ ސަބަބުން މިކަމަކީ އަލްޢަޒީޒުގެ އަނބިކަނބަލުން ބަދުނާމުވެ، ޢަބުރަށް އުނިކަން އައިސް، ހުތުރު އަންނަ ކަމެއްކަމުގައިވާތީ، އެހިސާބުން އަޒީޒުގެ އަނބިކަނބަލުން އެ އަންހެނުންތަކާ ދެކޮޅަށް ވަރުގަދަ ރޭވުމެއް ރޭވިއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((فَلَمَّا سَمِعَتْ بِمَكْرِهِنَّ أَرْسَلَتْ إِلَيْهِنَّ وَأَعْتَدَتْ لَهُنَّ مُتَّكَأً وَآتَتْ كُلَّ وَاحِدَةٍ مِّنْهُنَّ سِكِّينًا وَقَالَتِ اخْرُجْ عَلَيْهِنَّ ۖ فَلَمَّا رَأَيْنَهُ أَكْبَرْنَهُ وَقَطَّعْنَ أَيْدِيَهُنَّ)) އަލްއަޒީޒުގެ އަނބިކަނބަލުންނަށް އެވާހަކަތައް އިވުމުން އެކަނބަލުންތައް ބަލާ ފޮނުވިއެވެ. އަދި އެފަދައިން، ރަނގަޅަށް ލެގިލާނެ ގޮޑިތަކެއް ތައްޔާރުކުރެއްވިއެވެ. އަދި މޭވާތައް ގެނެސް، އެމޭވާތައް ކެއުމަށްޓަކައި ފެޅުމަށް ވަޅިތަކެއް ބެހެއްޓިއެވެ. އެވާހަކަތައް ދެއްކި އަންހެނުން ގެނެސް ގޮނޑިތަކުގައި ރަނގަޅަށް ބޭތިއްބުމަށްފަހުގައި، މޭވާތައް ފެޅުމަށް އެންގެވިއެވެ. މޭވާތައް ފެޅުމަށް ވަޅިނެގިހިނދުގައި އަލްޢަޒީޒުގެ އަނބިކަނބަލުން ޔޫސުފްގެފާނަށް ދަންނަވަނީ އެކަނބަލުންގެ ކުރިމައްޗަށް ނުކުމެވަޑައިގަތުމަށެވެ. ފަހެ، އެ އަންހެންތަކުންނަށް އެކަލޭގެފާނު ފެނުނު ހިނދު އެމީހުން މުޅިން ހައިރާންވެގެން ދިޔައެވެ. އަދި ހަމަ އެފަދައިން މުޅިން ޢަޖާއިބުވެ، ލިބުނު ޙައިރާންކަންމަތީތިބެ، އެ މޭވާތައް ފަޅަމުންގޮސް އެކަނބަލުންގެ އަތްތައް ކޮށުނުއިރުވެސް ނޭނގުނެވެ." އެ އަންހެނުން ބުނަނީ، ((وَقُلْنَ حَاشَ لِلَّهِ مَا هَٰذَا بَشَرً إِنْ هَٰذَا إِلَّا مَلَكٌ كَرِيمٌ)) "حَاشَ لِلَّهِ އެވެ. (ﷲގެ ހުސްޠާހިރުވަންތަކަމާއެވެ! ) މިއީ އިންސާނެއްނޫނެކެވެ. މިއީ، މަތިވެރިވެގެންވާ މަލާއިކަތެކެވެ." މިގޮތުގެ މަތީގައި އެކަލޭގެފާނުގެ ހާލަތު ވެގެން ދިޔައެވެ. ބަޔާންވެ އެނގިގެން ދިޔައީ މިކަމުގައި ހަޤީޤަތުގައި ކުށްވަރިޔަކީ އެކަލޭގެފާނު ނޫންކަމަށެވެ.
އާދެ! ކޮންމެއަކަސް އެއަންހެންތަކުންގެ ޙާލަތު މިހިސާބަށް ދިއުމުން އަލްޢަޒީޒުގެ އަނބިކަނބަލުން އެ އަންހެންތަކުންނަށް ވިދާޅުވީ، ((قَالَتْ فَذَٰلِكُنَّ الَّذِي لُمْتُنَّنِي فِيهِ)) "ތިޔަބައިމީހުން ތިމަންނާއަށް މަލާމާތްކޮށް ވާހަކަ ދެއްކީ މި ކުއްޖާޔާ މެދުގައެވެ." އެހެންކަމުން މިއަދު ތިޔަބައިމީހުންގެ ކަންތައް ގޮސްފައިވާހިސާބު ތިޔަފެންނަނީއެވެ. މާނައަކީ، ކޮންމެ މީހަކުވެސް ޢަޖާއިބުވެ އަންތަރީސް ވާފަދަ ރީތިކަމެއް އެކަލޭގެފާނަށް ލިބިވަޑައިގެންފައިވެއެވެ. ((وَلَقَدْ رَاوَدتُّهُ عَن نَّفْسِهِ فَاسْتَعْصَمَ)) "ފަހެ، ހަމަކަށަވަރުން ތިމަންނަ އެކުއްޖާގެ ކިބައިން އެކަމަށް އެދުނީމެވެ. އެހެން ނަމަވެސް އެކުއްޖާ އެކަމުން ދުރުވިއެވެ." އެންމެފަހުން، އަލްޢަޒީޒުގެ އަނބިކަނބަލުންވެސް އަމިއްލަޔަށް އަޞްލު އެކަމަށް ހުށަހެޅި ފަރާތަކީ އެކަމަނާކަމުގައި އެއްބަސްވެވަޑައިގަތެވެ. ދެން މައްސަލަ މިގޮތަށް ގޯސްވެ ބޮޑު ފިތުނައަކަށް ވީމާ އެހިސާބުން ވިދާޅުވަނީ، ((وَلَئِن لَّمْ يَفْعَلْ مَا آمُرُهُ لَيُسْجَنَنَّ وَلَيَكُونًا مِّنَ الصَّاغِرِينَ)) "ތިމަންކަމަނާ މި އަމުރުކުރާ ކަންތައް އެކަލޭގެފާނު ނުކުރައްވާކަމުގައި ވަނީނަމަ، ހަމަކަށަވަރުން، ތިމަންނަ އެކަލޭގެފާނު ޖަލަށްލާހުށީމެވެ. އަދި އެކަލޭގެފާނުވާހުށީ ދެރަވެ ނިކަމެތިވެގެންވާ މީހުންގެ ތެރެއިންނެވެ." މާނައަކީ، އެކަލޭގެފާނު ޖަލަށްލެވުނީމަ މިހާރު އެކަލޭގެފާނުގެ ހުންނެވި ޢިއްޒަތުގައި އަދި ދިރިއުޅުއްވަމުން ގެންދެވި ފަސޭހަ ދިރިއުޅުއްވުމުގައި އުޅުއްވޭނެ ބޭކަލެއް ކަމުގައި އެކަލޭގެފާނު ނުވާނެއެވެ. ޖަލަށްލެވުނީމައި ވާނީ ނިކަމެތި ބޭކަލެއްގެ ގޮތުގައެވެ. އެހިނދު ޔޫސުފް ޢަލައިހިއްސަލާމް، ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ކުއްތަންވެވަޑައިގެން ދުޢާކުރެއްވެވިއެވެ. ((قَالَ رَبِّ السِّجْنُ أَحَبُّ إِلَيَّ مِمَّا يَدْعُونَنِي إِلَيْهِ ۖ وَإِلَّا تَصْرِفْ عَنِّي كَيْدَهُنَّ أَصْبُ إِلَيْهِنَّ وَأَكُن مِّنَ الْجَاهِلِينَ)) "އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ ވެރިރަސްކަލާކޮ! އެކަނބަލުން އެއެދޭ ކަންތައްތަކަށްވުރެ ތިމަން އަޅާއަށް ޖަލުގައި ހައްޔަރުވުންވެސް މާ ލޮބުވެތިކަން ބޮޑުވެގެންވެއެވެ. އަދި އިބަރަސްކަލާނގެ، އެކަނބަލުންގެ މަކަރުވެރިކަން ތިމަންކަލޭގެފާނު ކިބައިން ދުރުނުކުރެއްވެވިނަމަ، ތިމަންކަލޭގެފާނު އެކަނބަލުންނަށް ލެނބިގެންހިނގައިދާނެތެވެ. އެހިނދު ތިމަންކަލޭގެފާނުވާނީ ޖާހިލުންގެތެރެއިންނެވެ." ދެން، ﷲ ސުބްޙާނަހޫ ވަތަޢާލާ، އެކަލޭގެފާނުގެ ދުޢާ އިޖާބަކުރެއްވި ވާހަކަ ބަޔާންކުރައްވާ ވަޙީ ކުރައްވާފައިވެއެވެ. ((فَاسْتَجَابَ لَهُ رَبُّهُ فَصَرَفَ عَنْهُ كَيْدَهُنَّ ۚ إِنَّهُ هُوَ السَّمِيعُ الْعَلِيمُ)) "ފަހެ އެކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލޭގެފާނުގެ ދުޢާ އިޖާބަކުރެއްވިއެވެ. އަދި މިފަދައިން، އެ އަންހެންކަނބަލުންގެ ނުބައި މަކަރުވެރިކަން އެކަލޭގެފާނުގެ ކިބައިން ދުރުކޮށްދެއްވިއެވެ. ހަމަކަށަވަރުން ﷲ އީ މޮޅަށް އައްސަވާވޮޑިގެންވާ އަދި އެންމެހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ." މިއީ އެކަލޭގެފާނާ ކުރިމަތިވެވަޑައިގެންނެވި ދެވަނަ މުޞީބާތެވެ. މި މުޞީބާތުންވެސް އެކަލޭގެފާނު ފާސްވެވަޑައިގެންނެވިއެވެ. މިކަމުގައިވެސް އެކަލޭގެފާނު ކެތްތެރިވެވަޑައިގެންނެވިއެވެ. އެއަށްފަހު، އެކަލޭގެފާނާ ތިންވަނަ މުޞީބާތް ކުރިމަތިވެވަޑައިގެންނެވިއެވެ.
ތިންވަނަ މުޞީބާތް
ތިންވަނަ މުޞީބާތެއްގެ ގޮތުގައި ކުރިމަތިވި މުޞީބާތަކީ، އެތަކެއް އަހަރެއްވަންދެން އެކަލޭގެފާނު ޖަލަށް ވަދެވަޑައިގަންނަވަން ޖެހިވަޑައިގަތުމެވެ. އެއްވެސް ކުށަކާނުލައި އަނިޔާވެރިގޮތުގައި އެކަލޭގެފާނު ޖަލަށް ވަދެވަޑައިގަންނަވަން ޖެހިވަޑައިގަތެވެ. އެކަލޭގެފާނު ޖަލުގައި ހުންނެވި މުއްދަތުގެ ތެރޭގައި، އެކަލޭގެފާނާ ދެ ޒުވާނުންނާ ބައްދަލުވަޑައިގެންނެވިއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ މިވާހަކަ ބަޔާން ކުރައްވާ ވަޙީކުރެއްވިއެވެ. ((وَدَخَلَ مَعَهُ السِّجْنَ فَتَيَانِ)) "އަދި އެކަލޭގެފާނާ އެކީގައި ދެ ޒުވާނަކު ޖަލަށް ލެވުނެވެ." އެކަލޭގެފާނު އެ ދެ ޒުވާނުންނާ އެކުވެރިވެ، އެކީގައި މުޢާމަލާތުތައް ކުރައްވައި އުޅުއްވަނިކޮށް، އެއްދަވުހަކު އެ ދެ ޒުވާނުން އެކަލޭގެފާނަށް ދެންނެވިއެވެ." ((قَالَ أَحَدُهُمَا إِنِّي أَرَانِي أَعْصِرُ خَمْرًا ۖ وَقَالَ الْآخَرُ إِنِّي أَرَانِي أَحْمِلُ فَوْقَ نَبِّئْنَا بِتَأْوِيلِهِ ۖ إِنَّا نَرَاكَ مِنَ الْمُحْسِنِينَ)) "އެއިގެ ތެރެއިން އެކަކު ދެންނެވިއެވެ. ހަމަކަށަވަރުން، ރާހެދުމަށް، މޭބިސްކަދުރުން ދިޔަފެލާތީ ތިމަންނާއަށް ހުވަފެނުން ފެނުނެވެ. އަދި އަނެއް ޒުވާނާ ދެންނެވިއެވެ. ހަމަކަށަވަރުން، ތިމަންނަގެ ބޯމަތީގައި ޕާންފަދަ އެއްޗެއް ބަހައްޓައިގެން ދަނިކޮށް، ދޫނި އެއިން ކާތީ ތިމަންނާއަށް ހުވަފެނުން ފެނުނެވެ. ތިމަންމެނަށް މި ދެ ހުވަފެން ތަޢުބީރުކޮށްދެއްވާށެވެ. ހަމަކަށަވަރުން، ތިމަންމެން ކަލޭގެފާނު ދެކެނީ އިޙްސާންތެރިންގެ ތެރެއިންވާ ބޭކަލަކު ކަމުގައެވެ." ﷲ ސުބްޙާނަހޫ ވަތަޢާލާ، ޔޫސުފްގެފާނަށް ވަނީ ހުވަފެން ތަޢުބީރު ކުރެއްވުމުގެ ޢިލްމު ދެއްވާފައެވެ. ތެދުވެރި ރަނގަޅު ހެޔޮ ހުވަފެނަކީ، ނަބީކަމުގެ ސާޅިސް ހަބައިކޮށްފަ އެއްބައިކަމުގައި، މާތް ނަބިއްޔާ ޞަލައްﷲ ޢަލައިހި ވަސައްލަމް ބަޔާންކުރައްވާފައިވެއެވެ. އެހެންކަމުން، ހުވަފެނަކީ، އެކަމަށް ތަޢުބީރު ހިމެނިގެންވާ ކަމެކެވެ. ނަމަވެސް، ހުވަފެން ތަޢުބީރު ކުރަންވާނީ އެކަމުގެ ޢިލްމު ލިބިފައިވާ ބައެކެވެ. ޔޫސުފް ޢަލައިހިއްސަލާމްއަކީ، ﷲ ސުބްޙާނަހޫ ވަތަޢާލާ، ތަޢްބީރު ކުރުމުގެ ޢިލްމުދެއްވި ބޭކަލެކެވެ. ކޮންމެޔަކަސް، މި ދެ ޒުވާނުން މިކަން ހުށަހެޅީމާ، އެކަލޭގެފާނު އެންމެ ފުރަތަމަ އެހުވަފެންތަކުގެ ޖަވާބު ނުދެއްވައެވެ. އޭގެބަދަލުގަ އެކަލޭގެފާނު ވިދާޅުވީ ((قَالَ لَا يَأْتِيكُمَا طَعَامٌ تُرْزَقَانِهِ إِلَّا نَبَّأْتُكُمَا بِتَأْوِيلِهِ قَبْلَ أَن يَأْتِيَكُمَا ۚ ذَٰلِكُمَا مِمَّا عَلَّمَنِي رَبِّي)) "ތިޔަ ދެމީހުންގެ ކެއުން، ތިޔަ ދެމީހުންނާ ހިސާބަށް އައުމުގެ ކުރިން، ތިމަންކަލޭގެފާނު، ތިޔަ ދެމީހުންނަށް އެ ދެ ހުވަފެނުގެ ތަޢުބީރު އަންގައި ދެއްވާހުށީމެވެ. އެކަމަކީ އެއީ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ، ތިމަންކަލޭގެފާނަށް އުނގަންނައިދެއްވި ކަންތަކުގެ ތެރެއިން ކަމެކެވެ. ދެން އޭގެފަހުން، އެކަލޭގެފާނު އެ ދެ ޒުވާނުންނަށް ﷲ ސުބަޙާނަހޫ ވަތަޢާލާއަށް އީމާންވުމާއި، އެކަލާނގެ އެއްކައުވަންތަކުރުމުގެ މައްޗަށް ވާހަކަދައްކަވައި ދީން ހުށަހަޅައި ދެއްވިއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ބަޔާންކޮށްދެއްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ((إِنِّي تَرَكْتُ مِلَّةَ قَوْمٍ لَّا يُؤْمِنُونَ بِاللَّهِ وَهُم بِالْآخِرَةِ هُمْ كَافِرُونَ)) "ހަމަކަށަވަރުން، ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އީމާންނުވާ ބައެއްގެ ދީން ހަމަކަށަވަރުން ތިމަން ކަލޭގެފާނު ދޫކޮށްލައިފީމެވެ. އަދި އެބައިމީހުންނީ އާޚިރަތްދުވަހަށް ކާފިރުވެގެންވާ ބައެކެވެ." މާނައަކީ، ﷲއަށް އީމަންނުވާ އަދި އާޚިރަތަށް އީމާންނުވާ މީހުންގެ ކިބައިން އެކަލޭގެފާނުވަނީ ބަރީއަވެގެންނެވެ. ދެންވިދާޅުވިއެވެ. ((وَاتَّبَعْتُ مِلَّةَ آبَائِي إِبْرَاهِيمَ وَإِسْحَاقَ وَيَعْقُوب)) "އަދި ތިމަންކަލޭގެފާނުގެ ކާބަފައިކަލުންކަމުގައިވި އިބްރާހީމުގެފާނާއި، އިސްޙާޤުގެފާނާއި، ޔަޢްޤޫބުގެފާނުގެ މިއްލަތަށް ތިމަންކަލޭގެފާނު ތަބަޢަވެ ވަޑައިގެންފީމެވެ." ދެން އެއާއެކުގައި، އެބައިމީހުން އަޅުކަން ކުރާ ބުދުތަކުގެ ނުބައިކަމުގެ ވާހަކަ އަދި އެ ބުދުތަކަށް އަޅުކަން ނުކުރުމަށް އެކަލޭގެފާނު އެ ދެ ޒުވާނުންނަށް ނަޞޭޙަތްތެރިވެ، އެކަމުގެ ނުބައިކަން ބަޔާންކޮށްދެއްވިއެވެ. އަދި ހަމަ އެފަދައިން ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ކިޔަމަންތެރިވެ، ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަޅުކަން ކުރާ ބައެއްގެ ގޮތުގައިވުމަށް އެކަލޭގެފާނު ގޮވާލެއްވިއެވެ. މީގެފަހުގައި، އެކަލޭގެފާނު އެ ދެ ހުވަފެނުގެ ތަޢުބީރު ބަޔާންކޮށްދެއްވިއެވެ. އެކަލޭގެފާނު ވިދާޅުވަނީ ((يَا صَاحِبَيِ السِّجْنِ أَمَّا أَحَدُكُمَا فَيَسْقِي رَبَّهُ خَمْرًا ۖ وَأَمَّا الْآخَرُ فَيُصْلَبُ فَتَأْكُلُ الطَّيْرُ مِن رَّأْسِهِ ۚ قُضِيَ الْأَمْرُ الَّذِي فِيهِ تَسْتَفْتِيَانِ)) "އޭޖަލުގެ ދެ އެކުވެރިންނެވެ. ތިޔައިގެ ތެރެއިން އެކަކު ދަންނާށެވެ! އޭނާގެ ސާހިބުމީހާއަށް ރާ އުފުލާދޭ މީހަކަށް އޭނަ ވާނެއެވެ. އަދި އަނެކަކު ދަންނާށެވެ! ފަހެ އޭނާ ޞަލީބަށް އެރުވޭނެއެވެ. ދެން އޭނާގެ ބޮލުގައި ދޫނިތައް ކޮށާ ހަދާނެއެވެ. ތިޔަ ދެމީހުން އޮޅުންފިލުވަން އުޅޭ ކަންތައްތައް ވަނީ (އެގޮތަށް) ނިޔާކުރައްވާފައެވެ." މާނައަކީ، އެތަނުން އެއްޒުވާނަކު ޖަލުން ނުކުމެފައި އޭނާގެ ސާހިބުމީހާއަށް ރާ އުފުލާދޭނެ މީހެއްގެ ގޮތުގައި ވާނެއެވެ. އަދި އަނެއް ޒުވާނާ ޞަލީބަށް އެރުވި މަރުވެފައިވާ ހަށިގަނޑުގައި ދޫނިތައްކޮށާ ހަދާނެއެވެ. މިގޮތުގެ މައްޗަށް ހުރިހާކަމެއް ހިނގައިގެންދާނެއެވެ. މިކަންތައް ވަނީ މިގޮތަށް ކަޑައެޅި ނިމިފައެވެ. އެ ދެ ޒުވާނުންގެ ތެރެއިން ކާކުކަމެއް ސަލާމަތްވާނީ، އަދި ކާކުކަމެއް ޞަލީބަށް އެރުވޭނީ، ޔޫސުފް ޢަލައިހިއްސަލާމް ވިދާޅުނުވެއެވެ. އޭގެ ބަދަލުގައި އެކަލޭގެފާނު ބަޔާން ކުރެއްވީ، ތިޔައިގެ ތެރެއިން އެކަކުވާނޭ އޭނާގެ ސާހިބު މީހާއަށް ރާ އުފުލާ މީހެއްގެ ގޮތުގައިވެ، އަނެކަކު ޞަލީބަށް އެރުވޭނެއެވެ. އެހެންނަމަވެސް، އޭގެ ތެރެއިން ސަލާމަތްވަނީ ކާކުކަމެއް ޔޫސުފްގެފާނަށް އެނގިވަޑައި ނުގަންނަވައެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((وَقَالَ لِلَّذِي ظَنَّ أَنَّهُ نَاجٍ مِّنْهُمَا اذْكُرْنِي عِندَ رَبِّكَ فَأَنسَاهُ الشَّيْطَانُ ذِكْرَ رَبِّهِ فَلَبِثَ فِي السِّجْنِ بِضْعَ سِنِينَ)) "އޭގެ ތެރެއިން ސަލާމަތްވާނެކަމަށް އެކަލޭގެފާނަށް ބޮޑަށް ބުރަވެވަޑައިގެންނެވޭ ޒުވާނާ ކައިރީގައި އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ ވާހަކަ ތިބާގެ ސާހިބުމީހާގެ ކައިރީގައި ހަދާންކޮށްދޭށެވެ. ފަހެ އޭނާގެ ސާހިބުމީހާގެ ގާތުގައި އެވާހަކަ ދައްކަން ޝައިޠާނާ އޭނާ ހަނދާން ނެއްތިއެވެ. ފަހެ (އެކަމުގެސަބަބުން) އެކަލޭގެފާނު ޖަލުގައި (އިތުރު) އެތައް އަހަރަކު ހުންނެވިއެވެ." ކަންތައްތައް ނިމިގެންގޮސް، އޭގެތެރެއިން އެއްޒުވާނާގެ ކުށެއްނެތްކަން ސާބިތުވެ މިނިވަންވިއެވެ. އަދި އަނެކަކު ކުށްވެރިވެގެން ޞަލީބަށް އެރުވުނެވެ. ސަލާމަތްވިމީހާ ޔޫސުފްގެފާނުގެ ވާހަކަ އޭނާގެ ސާހިބުމީހާގެ ކައިރީގައި ބުނާކަށް ހަދާންނެއްނުވިއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ބަޔާން ކުރައްވާފައިވެއެވެ. ((فَأَنسَاهُ الشَّيْطَانُ)) "ފަހެ، ޝައިޠާނާ ހަދާންނެތިކުރުވިއެވެ." މިކަމުން އެނގިގެން ދަނީ ކަންކަން ހަނދާންނެތުމުގައި ޝައިޠާނާ ވަރަށްބޮޑު ރޯލެއް އަދާކުރާކަމެވެ. ޝާއިޠާނާއަކީ ކަންކަން ހަނދުމަނެތި ކުރުވާ ފަރާތެއްކަމެވެ. މޫސާގެފާނާއި ޚަޟިރުގެފާނުގެ ވާހަކައިންވެސް އަޅުގަނޑުމެންނަށް މިކަން އެނގިގެން ދެއެވެ. ޚަޟިރުގެފާނާ ބައްދަލުކުރެއްވުމަށްޓަކައި އެކަލޭގެފާނުގެ އެކުވެރިޔާ ޔޫޝަޢުގެފާނާއެކު ކުރެއްވިދަތުރުފުޅުގައި ކެއުމަށްޓަކައި ގެންދެވިމަސް ދިރިގެން ދިޔަހިސާބު މޫސާގެފާނަށް ދަންނަވަންވެސް ހަނދުމަނެތިކުރުވީ ޝައިޠާނާއެވެ.
ސަލާމަތްވި ޖަލުގެ އެކުވެރިޔާ އޭނަގެ ސާހިބުމީހާއަށް ޔޫސުފުގެފާނުގެ ވާހަކަ ދަންނަވަން ހަނދާންނެތުމުގެ ސަބަބުން ތިން އަހަރާއި ދިހަ އަހަރާ ދެމެދުގެ މުއްދަތަކަށް އެކަލޭގެފާނު ޖަލުގައި ހުންނަވަން ޖެހިވަޑައިގަތެވެ. އޭގެފަހުގައި، އެކަލޭގެފާނު ޖަލުން ސަލާމަތްވުމުގެ ޙާދިސާ ކުރިމަތިވިއެވެ.